ޝާން މުހައްމަދު   14 އޯގަސްޓު 2024 - 9:40
ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މުޅި ދުނިޔެ އެކަމާ ދެކޮޅު ހަދާ އަޑުއުފުލިއަސް އިސްރާއީލުން އެކަމަކަށް އަޅާނުލާ ކަމަށް އދ އިން ބުނެފިއެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި އދ އިން ފަލަސްތީނަށް ކަނޑައަޅާފައިވާ މަންދޫބު ރިޔާދް މަންސޫރު ވަނީ އިސްރާއީލުން ދުނިޔޭގެ އަޑަށް އިޖާބަނުދޭ ކަމަށް ވިދާޅުވެފައެވެ. އެކަމުގެ އެއް ހެއްކަކީ ދާދިފަހުން ޣައްޒާ ސިޓީގެ ސްކޫލަކަށް ދިން ހަމަލާގައި 100 އެއްހާ ކުދިން ޝަހީދުވި ހާދިސާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން އަދި އދ އިންވެސް ވަނީ އެތައް ފަހަރެއްގެ މަތިން މި ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމަށްވެސް ގޮވާލާފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މި ހަނގުރާމަ ހުއްޓިފައިނުވާއިރު ހަނގުރާމަ ހުއްޓާލުމުގެ ވިސްނުން ވެސް ނުގެންގުޅޭ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު އަމުރުކުރަމުންދަނީ ފަލަސްތީނުގެ ޚާން ޔޫނިސްގެ ސަރަހައްދު ދޫކޮށް ދިއުމަށެވެ. މި ސަރަހައްދަށް ބޮން އަޅާ ދިރިނޫޅެވޭ ވަރު ކޮށްލާފައިވާކަން ފާހަގަ ކުރެވެއެވެ.

ޣައްޒާއާ ދެކޮޅަށް ނިރުބަވެރި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އެތައް ހާސް އާންމުން ޝަހީދުވެފައިވާއިރު އިސްރާއީލަށް ވާގިވެރިވާ އެމެރިކާއިން ވަނީ އިސްރާއީލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ފާސްކޮށްފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާނަށް 39،929 މީހުން ޝަހީދުވެ 92،240 މީހުން ވަނީ ޒަޚަމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން