ޓެކްސީތަކަށް ޚާއްސަކޮށް މާލެއާއި ހުޅުމާލޭގައި ޕާކިން ޒޯންތަކެއް ކަނޑައަޅަން ނިންމާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ޓެކްސީތަކަށް ޚާއްޞަކޮށްގެން ވަކި ޕާކިންގ ޒޯނެއް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ޓެކްސީތަކަށް ހާއްސަކޮށްގެން މާލެ އާއި ހުޅުމާލޭގައި ތަރައްޤީކުރާ ޕާކިން ޒޯންތައް ކަނޑައެޅުމުގެ މަސައްކަތް ފަށާނެ ކަމަށާއި ޕާކިން ޒޯނެއް ތަރައްޤީކުރުމަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލެއިންވެސް ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިއީ ޕާކިން މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޓެކްސީތަކަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގައި ޕާކުކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ޓެކްސީ ބޯޑު ލިބިފައިވާ އުޅަނދުފަހަރަށް ކަމަށެވެ. އަދި މި ސަރަޙައްދު ބޭނުންކުރުމާ ގުޅޭ ގޮތުން ވަކި ގަވާއިދެއް އެކުލަވާލައި، އާންމުކޮށް އިޢުލާނުކުރެވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ތޮއްޖެހިފައިވާ މާލޭގައި ދުއްވާތަކެތި ޕާކުކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާތާ އަހަރުތަކެއް ވެފައިވާއިރު ފާއިތުވި އެއްވެސް ސަރުކާރަކުން އެކަމަށް އަދި ދާއިމީ ހައްލެއް ހޯދައިދެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން