މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު މިމަހު ދައުލަތުގެ ރިޒަރވްގެ ހާލަތު ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ.

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދެމުން އެމްއެމްއޭ އިން ބުނީ ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާއި ގުޅިގެން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާއެކު 2019 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރެވޭ ޑޮލަރު އެމްއެމްއޭ އަށް މާރުކުރުމަށްފަހު ބޭނުންކުރެވޭ ރިޒަރވްގައި ހިމަނާފައިވާކަމަށެވެ.

2023 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެސްޑީއެފްއަށް ޖަމާވާ ބޭރު ފައިސާ އެމްއެމްއޭއަށް މާރުކުރުމުގެ ބަދަލުގައި ޑޮލަރުން ބެހެއްޓުމަށް ނިންމުނުކަމަށާއި އެގޮތުން މިހާރު އެސްޑީއެފްގައި ބޭނުންކުރެވޭ ގޮތަށް 65 މިލިއަން ޑޮލަރު ހުރިކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން ބުނީ މިއަހަރުގެ ޖުލައިމަހު ބޭނުންކުރެވޭ ރިޒަރވް ހުރި އަދަދަކީ 45 މިލިއަން ޑޮލަރުކަމަށާއި މިއަދަދު ހިސާބު ކުރުމުގައި އެސްޑީއެފްގައި ހުރި 65 މިލިއަން ޑޮލަރު ނުހިމެނޭކަމަށެވެ.

އެސްޑީއެފަށް ޖަމާކުރެވޭ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ އަދަދު ކުރިން ލަފާކުރި އަދަދަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ގަވަރުނަރުގެ މަގާމާ އަހުމަދު މުނައްވަރު ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުގެ ވުޒާރާތަކާއި އަދި ވަކިން ޚާއްޞަކޮށް މާލީ ވުޒާރާއާއެކު ވަރަށް ގާތުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މި މަހު ދައުލަތުގެ ރިޒަރވްގެ ހާލަތު ރަނގަޅުވާނެކަމަށް ގަބޫލުކުރެވޭކަމަށް އެމްއެމްއޭއިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން