ބޮލީވުޑުގެ އެހެން ސެލެބްރިޓީންނަކީ މޮޔައިން ކަމަށް ކަންގަނާ ރަނައުޓް ބުނެފިއެވެ.

ބޮލީވުޑުގައި ނަން ހިނގާ އަދި މިހާރު ސިޔާސީ މައިދާނުން ފެނިގެންދާ ކަންގަނާ ރަނައުޓް މިހެން ބުނެފައިވަނީ ރާޖް ޝަމާނީގެ ޕޮޑް ކާސްޓުގައި ދިން އިންޓަވިއުއެއްގައެވެ.

މި ޕޮޑް ކާސްޓުގައި ވާހަކަ ދައްކަމުން ކަންގަނާ ބުނީ ބޮލީވުޑް އިންޑަސްޓްރީގެ އެއްވެސް ބަޔަކާ މާ ގާތް ގުޅުމެއް ބާއްވަން ބޭނުން ނުވާ ކަމަށެވެ. އަދި ކަންގަނާ ވަނީ ބޮލީވުޑުގެ ސެލެބްރިޓީންނަށް ފާޑުކިޔަމުން، އެމީހުންނަކީ މޮޔައިން ކަމަށްވެސް ސިފަކޮށްފައެވެ.

ކަންގަނާ ބުނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރި ހުރިހާ އަހަރެއްގެ ތެރޭގައި ވެސް ފާހަގަވި އެއްކަމަކީ ހަމަ ބުއްދި ހުރި އެކަކުވެސް ބޮލީވުޑްގައި ނުވާ ކަންކަމަށެވެ. އަދި އޭނާ އަކީ ބޮލީވުޑްގެ ސެލެބްރީން ކަހަލަ މީހެއް ނޫން ކަމުން، ބޮލީވުޑްގެ އެއްވެސް ބަޔަކާ މާ ގާތް ގުޅުމެއް، ނުވަތަ ރައްޓެހި ރަހުމަތްތެރިކަމެއް އޭނާއަކަށް ނުބޭއްވޭނެ ކަމަށް ކަންގަނާ ބުނެފައިވެއެވެ.

"އެއީ ތިމާއަށް ތިމާ ފެނިފަ ތިބޭ މީހުން. އެއީ ސްޓުޕިޑް އަދި ޑަމްބް ބައެއް."

ކަންގަނާ ބުނީ ޝޫޓިން އެއް ނެތްނަމަ ބޮލީވުޑުގެ ތަރިންގެ ރޫޓިން އަކީ ހޭލައިގެން ކޮންމެވެސް ފިޒިކަލް ޓްރެއިނިން ހެދުމަށްފަހު، މެންދުރު ނިދާފައި އަނެއްކާވެސް ހޭލައިގެން ކޮންމެވެސް ޓީވީއެއް ބަލާފައި ދެން އަނެއްކާވެސް ނިދުންކަމަށެވެ. އަދި ދުނިޔެވީ ކަންކަމާ ބެހޭ ގޮތުން އެމީހުންގެ އެއްވެސް ހިޔާލެއް ފިކުރެއް ނުހުންނަކަމަށާއި، އެފަދަ ބަޔަކާ ރަހުމަތްތެރިކަމުގެ ގުޅުމެއް ބާއްވާނީ ކިހިނެއްތޯވެސް ކަންގަނާ ބުނިއެވެ.

ކަންގަނާ މިފަދައިން ބޮލީވުޑްގެ ފަރާތްތަކަށް އަމާޒުކޮށް ފާޑުކިޔުމަކީ އާކަމެއް ނޫނެވެ. އިއްޔެ ރިލީޒްކޮށްފައިވާ ރާޖް ޝަމާނީގެ ޕޮޑް ކާސްޓުގައި ބޮލީވުޑްގެ ފަރާތްތަކަށް އަމާޒުކޮށް ކަންގަނާ ފާޑުކިޔާފައިވާއިރު، މިހާރު ކަންގަނާ ދަނީ އޭނާގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމު، 'އެމަރޖެންސީ' ގެ ޕްރިމިއާގެ މަސައްކަތްވެސް ކުރަމުންނެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން