އޭއެފްޕީ/ގެޓީ އިމެޖެސް
އޭއެފްޕީ/ގެޓީ އިމެޖެސް
މިސްރުގެ ވެރިރަށް ޤާހިރާގައި މިހާރު ކުރިއަށްދާ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގައި އިސްރާއީލުން ހުށަހަޅާފައިވާ އައު ޝަރުތުތައް ޤަބޫލުނުކުރާނެކަމަށް ހަމާސްއިން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ.

މި ކަމާ ގުޅިގެން، 10 މަސްދުވަސް ވެފައިވާ މި ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ އެހީތެރިކަމާއެކު ކުރިއަށްދާ މަޝްވަރާތައް ކާމިޔާބުވެދާނެ ކަމާމެދު ސުވާލު އުފެދިފައިވެއެވެ.

ގިނަ މަސްތަކެއް ވަންދެން ތަފާތު ބުރުތަކެއްގެ މަތިން ކުރެވުނު މަޝްވަރާތަކުން، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަސްކަރީ ޢުދުވާނީ ހަމަލާތައް ހުއްޓުވުމަށާއި، 2023 އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި ހިފެހެއްޓި ރަހީނުންގެ ތެރެއިން ބާކީ ތިބި މީހުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް އަދިވެސް ވާސިލުވެފައެއް ނުވެއެވެ.

އެމެރިކާ، މިސްރު އަދި ޤަޠަރު މެދުވެރިވެގެން ކުރިއަށްދާ މަޝްވަރާތަކުގައި ހުރި މައިގަނޑު ހުރަސްތަކުގެ ތެރޭގައި ހިމެނެނީ ފިލަޑެލްފީ ކޮރިޑޯ ކަމަށް ކިޔާ ސަރަހައްދުގައި އިސްރާއީލުގެ ސިފައިން ޤާއިމުވެ ތިބުމާމެދު އުފެދިފައިވާ ޚިލާފެވެ. ފިލަޑެލްފީ ކޮރިޑޯއަކީ ޣައްޒާގެ ދެކުނު އިމާއި މިސްރާ ދެމެދުގައިވާ 14.5 ކިލޯމީޓަރު (9 މޭލު) ދިގު ހަނި ސަރަހައްދެކެވެ.



ހަމާސްއިން ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ވަނީ ކޮރިޑޯއިން ސިފައިން އަނބުރާ ގެންދިއުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފުވެ، އިތުރު އައު ޝަރުތުތަކެއް ހުށަހަޅާފައެވެ. މި ޝަރުތުތަކުގެ ތެރޭގައި، ހަނގުރާމަ ނިމުމަށްފަހު ޣައްޒާގެ އުތުރުގެ އާބާދީ ބޮޑު ސަރަހައްދުތަކަށް އެނބުރި ދާ ފަލަސްތީނުގެ ގެދޮރު ގެއްލި މަގުމަތިވެފައިވާ ރައްޔިތުން އިސްރާއީލުން ބަލައި ފާސްކުރުމުގެ ޝަރުތު ހިމެނެއެވެ.

ހަމާސްގެ އޮފިޝަލެއް ކަމުގައިވާ އުސާމާ ހަމްދާން، އާދިއްތަ ދުވަހު އެ ޖަމާޢަތުގެ އަލްއަޤްޞާ ޓީވީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، "ޖުލައި 2 ގައި އަޅުގަނޑުމެން އެއްބަސްވެފައިވާ ކަންކަމާ ޚިލާފު އެއްވެސް ކަމަކާ ބެހޭ ގޮތުން ނުވަތަ އައު ޝަރުތުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އަޅުގަނޑުމެން އެއްބަހެއް ނުވާނަން."

ހަމްދާން އިތުރަށް ހާމަކުރެއްވި ގޮތުގައި، އިސްރާއީލުގެ އެންމެ ފަހުގެ ހުށަހެޅުމަށް ހަމާސްއިން ދީފައިވާ ޖަވާބު ވަނީ މެދުވެރިންގެ ދައުރު އަދާކުރަމުންދާ ފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި އެއްބަސްވުމަކާ ކައިރިވެފައިވާ ކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަޝްވަރާތައް ނިމުމާ ގުޅިގެން ހަމާސްގެ ވަފުދު ވަނީ އާދިއްތަ ދުވަހު ޤާހިރާއިން ފުރައިގެން ގޮސްފައެވެ. ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޢިއްޒަތު އައްރިޝްޤް ވިދާޅުވެފައިވަނީ، އެ ޖަމާޢަތުން ބަލައިގަންނާނީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށާއި މުޅި ޣައްޒާއިން އިސްރާއީލުގެ ސިފައިން އެއްކޮށް ފައިބައިގެން ދިއުމަށް އެއްބަސްވާ އެއްބަސްވުމަކަށް އެކަނި ކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން