ދުނިޔޭގެ ބޮޑު އެއާލައިންއެއް ކަމަށްވާ އެއާ ފްރާންސް އިން ނިރުބަވެރި އިސްރާއީލަށް ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ.

އެއާ ފްރާންސުން އިސްރާއީލަށް ކުރާ ދަތުރުތައް ހުއްޓާލާފައިވާކަން އެ އެއާލައިނުން ރަސްމީކޮށް ވަނީ އިއުލާން ކޮށްފައެވެ، އެގޮތުން އެ އެއާލައިނުން ބުނީ މިއަދާއި ހޯމަ ދުވަހު އިސްރާއީލުގެ ޓެލް އަވީވްއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާކަމާއި، ސަލާމަތީ ހާލަތު ކުރިއަށްދާ ގޮތަށް ބަލައި ސަސްޕެންޝަން އިތުރު ކުރެވިދާނެ ކަމަށެވެ.

މި އެއާލައިނުން ވަނީ މެދުއިރުމަތީގެ މަސްރަހު ހޫނުވުމާ ގުޅިގެން ބެއިރޫތަށް ކުރަމުން އައި ދަތުރުތައްވެސް މެދުކަނޑާލާފައެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި، އިސްރާއީލާއި ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އާ ދެމެދުގައި ކޮންމެ ވަގުތެއްގައި ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު އެބައޮތެވެ.

ދާދިފަހުން ނިރުބަވެރި އިސްރާއީލުން ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒްބުﷲ ގެ ކޮމާންޑަރު ފުއާދު ޝުކުރް ޝަހީދުކޮށްލި މައްސަލައިގައި އިރާނާއި އިރާނަށް ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން އިސްރާއީލަށް ހަމަލާ ދީ ބަދަލު ހިފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

މެދުއިރުމަތީގެ ހާލަތު މިހާރު ގޯސްވެފައިވާ އެއް ސަބަބަކީ ހަނިއްޔާ ޝަހީދުކޮށްލުމުގެ ހާދިސާ އާ ގުޅިގެންނެވެ. އަދި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވެސް ދަނީ ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނަމުންނެވެ.

ހަނގުރާމަވެރި ވަރުގަދަ ޖަމާއަތްތަކުގެ އިންޒާރުތަކާ ގުޅިގެން އިސްރާއީލަށް ދަތުރު ކުރަން ހަމަޖެހިފައި އޮތް ވަރަށް ގިނަ އެއާލައިންތަކުގެ ޝެޑިއުލް ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން