އެޕަލް ކުންފުނިން މި އަހަރު ނެރޭ އެ ކުންފުނީގެ އެންމެ ފަހުގެ ފޯނާއި އިތުރު އުފެއްދުންތައް ލޯންޗު ކުރާނެ ތާރީޚު އިއުލާން ކޮށްފިއެވެ.

ގިނަ ބައެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އެޕަލް ކުންފުނިން ބުނީ އެ ކުންފުނީގެ ކެލިފޯނިއާގެ މައި އޮފީހުގައި ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު “އިޓްސް ގްލޯޓައިމް” ގެ ނަމުގައި ޚާއްޞަ އިވެންޓެއް ބާއްވާނެ ކަމަށެވެ. މި އިވެންޓުގައި މި އަހަރު އެ ކުންފުނިން ނެރޭ އާ އުފެއްދުންތައް ލޯންޗު ކުރާނެއެވެ.

މިހާރު ދައުރުވަމުންދާ ފޮޓޯތަކާއި ޚަބަރުތަކަށް ބަލާއިރު މިފަހަރުގެ އެޕަލް އިވެންޓުގައި އެ ކުންފުނީގެ އުފެއްދުންތަކަށް އެޕަލް އިންޓެލިޖެންސް (އޭއައި) ފީޗަރގެ ބޮޑު ކުރިއެރުމެއް އައިސްފައިވާތަން ފެންނާނެއެވެ.

މިފަހަރުގެ އެޕަލް އިވެންޓުގައި އާ އައިފޯންގެ އިތުރުން އެޕަލް ވޮޗްގެ އާ ސީރީސްއަކާއި އެއަރ ޕޮޑްސްވެސް ނެރޭނެ ކަމަށް ޓެކް ދާއިރާގެ ޚަބަރުތައް ބުނެއެވެ. އަދި އައިފޯން 16 ގެ ހަތަރު އޮޕްޝަން މިފަހަރު ނެރޭނެ ކަމަށްވެސް ދަނީ އަޑުފެތުރެމުންނެވެ. މިފަހަރު ނެރޭ އައިފޯން ސީރީސްގައި ހިމެނޭ ހަތަރު އޮޕްޝަން އަކީ ޕްރޯ، ނަން ޕްރޯ އާއި މި ދެ ވައްތަރުގެ ބޮޑު ދެ ސައިޒު ކަމަށް ބެލެވެއެވެ.

މިހާރު އެޕަލް އިންޓެލިޖެންސް ލިބެނީ ހަމައެކަނި އައިފޯން 15 އާއި ޕްރޯ މެކްސް އަށް ކަމަށް ވިއަސް މިފަހަރު ނެރޭ އާ ފޯނުތަކަށްވެސް އޭއައި ފީޗަރ ލިބޭނެ ކަމަށް ބެލެވެއެވެ.

ދިވެހިންގެ މެދުގައިވެސް އެޕަލްގެ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް އޮންނަކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން