ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރް އަލްބަލަޙް އިން ފޭބުމަށް އިސްރާއީލުން ނެރުނު އަމުރުގެ ސަބަބުން ޣައްޒާގައި އެހީގެ އޮޕަރޭޝަންތައް ހުއްޓާލަން އދ. އިން ނިންމައިފިއެވެ.

ހޯމަ ދުވަހު ނިއުޔޯކުގައި ހުންނަ އދ. މައި މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ އޮފިޝަލުން ބުނީ އިސްރާއީލުން މެއި މަހު ޣައްޒާގެ ދެކުނުގެ ރަފާޙް ހުސްކުރުމަށް އިސްރާއީލުން އަމުރުކުރުމުން ޣައްޒާގެ މައި ކޮމާންޑް އޮޕަރޭޝަންތަކާއި އދ. އެހީގެ އޮޕަރޭޝަންތަކަށް ހުރަސް އެޅިފައިވުމުން އެ އޮޕަރޭޝަންތައް ހުއްޓާލާފައިވާ ކަމަށެވެ.

ޣައްޒާގެ ރައްޔިތުން ނެތިކޮށްލުމަށް ނިރުބަވެރި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުވަމުންދާއިރު އިސްރާއީލުން ދަނީ ޣައްޒާގެ އަވަށަކަށް ފަހު އަވަށެއް ހުސްކުރުމަށް އަމުރު ނެރެމުންނެވެ.

އދ. އިން ބުނީ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ބޭނުން ކަމަށާއި ނަމަވެސް އިސްރާއީލުން އެ ފުރުސަތު މިހާރު ނުދޭ ކަމަށެވެ. އެގޮތުން އދ އެހީދޭ މީހުން އެއް އަވަށުން އަނެއް އަވަށަށް ކުއްލިއަކަށް ބަދަލުވާން ޖެހުމުގެ ސަބަބުން އެހީދިނުމުގައި ބޭނުންކުރާ ބައެއް އާލާތްތައްވެސް ދޫކޮށްލަން ޖެހުނު ކަމަށެވެ. އދ އިން މިހާރު ވިސްނަނީ ޖަމިއްޔާގެ ދަރުމަވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި އެފަރާތްތަކަށް އެއްވެސް އާމާންކަމެއް މިހާރު ނެތް ކަމަށެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހު ފެށި މި ހަނގުރާމައިގައި ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ފަލަސްތީނުގެ ގިނަ ސަރަހައްދުތަކަށް ގަދަކަމުން އަރައިގެންފައެވެ. މީގެ ސަބަބުން ގާތްގަނޑަކަށް 2.3 މިލިއަން ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ގެއްލިފައިވާއިރު، އެގައުމުގެ ރައްޔިތުން ދަނީ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ސަބަބުން ގޮތް ހުސްވެ މަރުވަމުންނެވެ. އިސްރާއީލުގެ ސީދާ ހަމަލާތަކުގައި އެކަނިވެސް 40،000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން