މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
2024 ގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެކަމަށް އަންދާޒާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭ އިން މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް ”ފިޗް“ އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ ”ސީސީސީ“ އިން ”ސީސީ“ ގްރޭޑިންގ އަށް ބަދަލު ކުރުމާ ގުޅިގެންނެވެ. ފިޗުން ބުނެފައިވަނީ މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް، މިއަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްއެމްއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގްތިސާދު ދާނީ ކުރިއަށް ކަމަށެވެ.

އެގޮތުން 27 އޮގަސްޓްގެ ނިޔަލަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 11 އިންސައްތަ އިތުރުވެފައި ކަމަށާއި ޖުލައި މަހުގެ ނިޔަލަށް ބެޑް ނައިޓްސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7 އިންސައްތަ އިތުރުވެފައި ކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ.

އެމްއެމްއޭ އިން ބުނީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވާނެތީ މިއަހަރުގެ ގައުމީ އުފެއްދުންތެރިކަން 4.9 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5 އިންސައްތައިގައި ކަމަށާއި 2024 ވަނަ އަހަރު ބެލެންސް އޮފް ޕޭމަންޓް ކަރަންޓް އެކައުންޓް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ 19.9 އިންސައްތައިގައި ކަމަށެވެ.

“ރާއްޖޭގެ ރަސްމީ ރިޒާވަށް ބަލާއިރު، މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމުލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރެވެ. މި އަދަދުގެ ތެރޭގައި 2019 ވަނަ އަހަރު ޑިސެންބަރުން ފެށިގެން ސަރުކާރުން ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ޑޮލަރު މާރުކުރުމަށްފަހު ރިޒާވަށް ބޭނުންކުރުމަށް ދީފައިވާ ފައިސާ ހިމެނޭކަން ފާހަގަކުރަމެވެ.” އެމްއެމްއޭގެ ބަޔާނުގައިވެއެވެ.

އެމްއެމްއޭއިން ބުނީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުނުއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރީ 5 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މިހާރު އެ އެކައުންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދާތީ މި އަދަދު މިހާރު ވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފައިކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

“އަދި، ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން، ޖުލައި 2024ގެ ނިޔަލަށް ޖުމުލަ 105 މިލިއަން ޑޮލަރު ހުރިކަމުގައި ފާހަގަކުރަމެވެ. މީގެ އިތުރުން މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވެއެވެ.” އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި އެ އޮތޯރިޓީ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެއިތުރުން، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން