ނިރުބަވެރި އިސްރާއީރުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ވަގުތުކޮޅަކަށް މަޑުޖައްސާލަން އިސްރާއިލުން އެއްބަސްވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުން މިގޮތަށް ނިންމާފައި ވަނީ ޣައްޒާގައި ހަލުވިކަމާއެކު ޕޯލިއޯ ފެތުރެމުންދާތީ އެ ބަލި ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިންގާ އޮޕަރޭޝަން ކުރިޔަށް ގެންދިއުމަށް ހަނގުރާމަ މަޑުޖައްސާލަން އެދުމުންނެވެ.

ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލް ރިކް ޕީޕަރކޯން ވިދާޅުވީ މި ކެމްޕެއިންގެ އަމާޒަކީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ތިބި 640،000 އެއްހާ ކުދިންނަށް ވެކްސިން ދިނުން ކަމަށެވެ. އޭނާ ބުނީ އަންނަ އާދީއްތަ ދުވަހު ފެށިގެން ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ހަނގުރާމަ މެދުކަނޑާލަން ފަށާނެ ކަމަށާއި، ވެކްސިން ކެމްޕޭނެއް ފެށުމަށް ލޮޖިސްޓިކްސް ހަމަޖެހިފައިވާކަން ކަށަވަރު ކުރުމަށް ޓީމުތަކަށް ކުރިއަށް އޮތް 48 ގަޑިއިރު ބޭނުންވާނެ ކަމަށެވެ.

ޣައްޒާގައި ޕޯލިއޯގެ ނުރައްކާ އިންތިހާއަށް އޮތްއިރު، ފަލަސްތީނުގެ ތުއްތު ކުއްޖަކު ޓައިޕް 2 ޕޯލިއޯ ވައިރަހުގެ ސަބަބުން ވަނީ ޕެރަލައިޒްވެފަ އެވެ. މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި ޣައްޒާއިން ފެނުނު މިފަދަ ފުރަތަމަ ވޭދަނަކަން ފާހަގަ ކުރެވެއެވެ.

ޣައްޒާގައި ހަލުވިކަމާއެކު ޕޯލިއޯ ފެތުރެމުންދާތީ އެ ބަލި ފެތުރުން ހުއްޓުވުމަށް ތިން މަރުހަލާއަކަށް ބަހާލައިގެން، މެދު، ދެކުނު އަދި އުތުރުގެ އެކި ހިސާބުތަކުގައި ވެކްސިން ޕްރޮގްރާމް ގެންދިއުމަށް ޑަބްލިއުއެޗްއޯ އިން ވަނީ ނިންމާފައެވެ. އަދި ކޮންމެ މަރުހަލާއެއްގައި ވެސް ޖެހިޖެހިގެން ތިން ދުވަހު ފަލަސްތީނުގެ ގަޑިން 06:00 އިން 15:00 އާ ދެމެދު ހަނގުރާމަ މެދުކަނޑާލާނެ ކަމަށް އިސްރާއީލުން ވަނީ އެއްބަސްވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން