ޣައްޒާގައި ހަލުވިކަމާއެކު ޕޯލިއޯ ފެތުރެމުންދާތީ އެ ބައްޔަށް ވެކްސިން ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާއްސަ ކެމްޕެއިނެއް ފަށާފައި ވަނިކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެ ކެމްޕެއިނަށް ފަސް މިލިއަން ޑޮލަރުގެ އެހީ ދީފިއެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ޣައްޒާގައި ޕޯލިއޯ ފެތުރުން ކޮންޓްރޯލް ކުރުމަށް 640،000 ކުދިންނަށް ވެކްސިން ދިނުމަށް ގްލޯބަލް ޕޯލިއޯ އެރެޑިކޭޝަން އިނިޝިއޭޓިވް އިން ހިންގާ ޕްރޮގްރާމަށް ޔޫއޭއީ އާއި ޝެއިޚް މުހައްމަދު ބިން ޒައިދު [އަލް ނަހްޔާން] ފަސް މިލިއަން ޑޮލަރު ދެއްވާފައިވާ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޣައްޒާގައި ޕޯލިއޯގެ ނުރައްކާ އިންތިހާއަށް އޮތްއިރު، ފަލަސްތީނުގެ ތުއްތު ކުއްޖަކު ޓައިޕް 2 ޕޯލިއޯ ވައިރަހަށް ފައްސިވެ ދާދިފަހުން ވަނީ ޕެރަލައިޒްވެފަ އެވެ. މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި ޣައްޒާއިން ފެނުނު މިފަދަ ފުރަތަމަ ވޭދަނަކަން ފާހަގަ ކުރެވެއެވެ.

ޕޯލިއޯ ފެތުރުން ހުއްޓުވަމަށް ތިން މަރުހަލާއަކަށް ބަހާލައިގެން، މެދު، ދެކުނު އަދި އުތުރުގެ އެކި ހިސާބުތަކުގައި ވެކްސިން ޕްރޮގްރާމެއް ގެންދިއުމަށް ޑަބްލިއުއެޗްއޯ އިން ވަނީ ނިންމާފައެވެ. އަދި ކޮންމެ މަރުހަލާއެއްގައި ވެސް ޖެހިޖެހިގެން ތިން ދުވަހު ފަލަސްތީނުގެ ގަޑިން 06:00 އިން 15:00 އާ ދެމެދު ހަނގުރާމަ މެދުކަނޑާލަން އެގައުމުގައި ހަނގުރާމަކުރަމުންދާ އިސްރާއީލުން ވަނީ އެއްބަސްވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން