ރަތް ކަނޑުން ދަތުރުކުރަމުން ދިޔަ ސަޢުދީ ޢަރަބިއްޔާގެ ތެޔޮ ބޯޓަކަށް ޙޫޘީންގެ ހަމަލާތަކެއް އަމާޒުވެއްޖެއެވެ.

ރަތް ކަނޑުން ދަތުރުކުރަމުން ދިޔަ ސަޢުދީ ޢަރަބިއްޔާގެ ތެޔޮ ބޯޓަކަށް ޔަމަނުގެ ޙޫޘީންގެ ހަމަލާތަކެއް އަމާޒުވެއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ތެޔޮ ބޯޓަކީ ސަޢުދީ ޢަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނިން އޮޕަރޭޓްކުރާ އަމްޖަދުގެ ނަން ދީފައިވާ އުޅަނދެކެވެ.

ސަޢުދީގެ ތެޔޮ ބޯޓުގެ އިތުރަށް ޕެނަމާގެ ދިދަ ޖަހައިގެން ދަތުރު ކުރަމުން ދިޔަ ތެޔޮ ބޯޓަކަށް ވެސް ޙޫޘީން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ދެ ބޯޓަށްވެސް ހަމަލާދީފައި ވަނީ ޔަމަނުގެ އައްސޭރިފަށުން ދަތުރު ކުރަމުން ދަނިކޮށެވެ. އެ ހަމަލާތަކުގެ ފަހަތުގައި އޮތީ ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތް, ޙޫޘީން ކަމަށް ބައެއް މީޑިޔާ ތަކުން ރިޕޯޓް ކުރެއެވެ.

މި ހާދިސާ އާއި ގުޅޭގޮތުން ސަޢުދީ ޢަރަބިއްޔާގެ ދައުލަތުގެ ޝިޕިންގ ކުންފުނި, ބަޙްރީ އިން ވަކި އެއްޗެއް ހާމަ ކޮށްފައި ނުވާއިރު ސަޢުދީގެ މި ތެޔޮ ބޯޓަކީ ދެ މިލިޔަން ފީފާގެ ތެޔޮ ބަރުކުރެވޭ ބޮޑު އުޅަނދެއްކަން ފާހަގަ ކުރެވެއެވެ. އަދި ޕެނަމާގެ ދިދަ ޖަހައިގެން ދަތުރު ކުރަމުން ދިޔަ ބްލޫ ލެގޫން އެކަކީ އެއް މިލިޔަން ފީފާގެ ތެޔޮ ބަރުކުރެވޭ އުޅަނދެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޮޑެތި ބޯޓުތައް ރަތް ކަނޑު ހުރަސްކުރާއިރު ބައެއް ބޯޓުތަކަށް ޙޫޘީންގެ ހަމަލާތައް އަމާޒުވަނީ އިސްރާއީލަށް ވާގިވެރިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަތް ކަނޑުގައި ޙޫޘީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން މޮނީޓަރ ކުރަމުންދާ ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރ (ޖޭއެމްއައިސީ) އިން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެ ސެންޓަރުން ބުނީ ބްލޫ ލެގޫން އެކަކަށް ހަމަލާދިނީ އެ އުޅަނދު އޮޕަރޭޓު ކުރާ ކުންފުނީގެ އެހެން އުޅަނދުތަކުން އިސްރާއީލަށް މުދާ ގެންދާތީ ކަމަށް ބެލެވޭތީ ކަމަށެވެ. އަދި ސަޢުދީގެ ބޯޓަށް އަމާޒުކޮށް ހަމަލާދިނީ ސަޢުދީން ފަލަސްތީނުގައި ހިނގާ ހަމަނުޖެހުންތަކަށް ބީރު ކަންފަތެއް ދޭތީ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން