ބިލިއަނަރުންގެ ލިސްޓަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި ސެލީނާ ގޯމޭޒްގެ ނަން އިތުރުވެއްޖެއެވެ.

ބްލޫމްބާގްގެ ރިޕޯޓުން ހާމަވާގޮތުގައި ސެލީނާގެ މިލްކިއްޔާތު މިހާރު ވަނީ 1.3 ބިލިއަން ޑޮލަރަށް އަރާފަ އެެވެ. އުމުރުން 32 އަހަރުގެ ސެލީނާގެ މިލްކިއްޔާތު އިތުރުވި މައިގަނޑު ސަބަބަކީ 2020 ގައި އޭނާ ލޯންޗްކުރި ކޮސްމެޓިކް ބްރޭންޑް، "ރެއާ ބިއުޓީ" ގެ މަގޫބުލުކަން ބޮޑުވުން ކަމަށް ފަންނާނުގެ މީޑިއާތަކުން ބުނެ އެވެ.

ރެއާ ބިއުޓީގެ ރައުސްމާލު މިހާރު 1.1 ބިލިއަން ޑޮލަރަށް އަރާއިރު މިއީ މަދު އަހަރުތަކެއްގައި މިފަދަ ކުންފުންޏަކަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރެވެއެވެ.

އެމެރިކާގެ ޓެކްސަސް އަށް އުފަން ސެލީނާ އަކީ ވަރަށް ކުޑައިރު، ކެރިއަރު ބިނާކޮށް، އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފަންނާނެކެވެ. މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައި ނުވާ ސެލީނާ ވަނީ މިހާތަނަށް ތިން ސޯލޯ އަލްބަމް ނެރެފައިވެ އެވެ. އެއީ 2013 ގެ "ސްޓާސް ޑާންސް" އާއި 2015 ގެ "ރިވައިވަލް" ގެ އިތުރުން 2020 ގެ "ރެއާ" އެވެ.

ސެލީނާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ލޯބީގެ ގުޅުމުގެ ވާހަކަ އަކީ މަޝްހޫރު ވާހަކައެކެވެ. ނަމަވެސް ސީރިއަސްކޮށް އުޅެވެސް ފަހުން ދެމީހުންގެ ގުޅުން ހީނަރުވެ ވަކިވިއެވެ. ސެލީނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބެނީ ބްލާންކޯއާ އެވެ. ވާޖިނިއާ އުފަން ބެނީ، 36، އަކީ ރެކޯޑް ޕްރޮޑިއުސަރެކެވެ.

އެންމެ ފަހުން ސެލީނާ ފެނިގެން ގޮސްފައިވާ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި މިއުޒިކަލް ކްރައިމް ކޮމެޑީ "އެމިލިއާ ޕެރޭޒް" އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން