ރެމިޓެންސްގެ ގޮތުގައި ދިވެހި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު 40 އިންސައްތަ އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭގެ ޕޭމަންޓް ބުލެޓިން ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއިން ރެމިޓެންސްގެ ގޮތުގައި 72 މިލިޔަން ޑޮލަރު ޤައުމުން ބޭރަށް ފޮނުވާފައިވާކަމަށާއި މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ފޮނުވާފައިވާ ފައިސާގެ އަދަދު އިތުރުވެފައިވާއިރު މީގެ ތެރެއިން 84 އިންސައްތަ އަކީ ބިދޭސީން ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދެވެ. އަގުގެ ގޮތުން ބަލާނަމަ އެއީ 59 މިލިޔަން ޑޮލަރެވެ. އަދި ދިވެހިން ރެމިޓެންސްގެ ގޮތުގައި ފޮނުވާފައިވާ ފައިސާގެ އަދަދަކީ 11 މިލިޔަން ޑޮލަރެވެ. އެއީ 16 އިންސައްތަ އެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާފައިވާ ބިދޭސީންގެ ތެރެއިން އެންމެ ގިނައިން ފައިސާ ފޮނުވަނީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. އެއީ 54.2 އިންސައްތަ އެވެ. ދެ ވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ނޭޕާލެވެ. އެއީ 10.6 އިންސައްތަ އެވެ. ތިން ވަނައިގައި އުޅެނީ މިޞްރެވެ. އެއީ 7.9 އިންސައްތަ އެވެ. ޕިލިޕީންސް މަސައްކަތްތެރިން 7.1 އިންސައްތަ ހިއްސާކުރާއިރު އަވައްޓެރި އިންޑިއާގެ މަސައްކަތްތެރިން ފޮނުވީ 4 އިންސައްތަ ކަމަށް އެމްއެމްއޭގެ ރިޕޯޓުން ހާމަވެއެވެ.

ރާއްޖޭގައި ރެމިޓެންސްގެ ޚިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭއިން ވަނީ ތިން ކުންފުންޏަކަށް ދޫކޮށްފައެވެ.

ރެމިޓެންސްގެ ގޮތުގައި ދިވެހިން އެންމެ ބޮޑު އަދަދެއް ފޮނުވާފައިވަނީ އިންޑިއާއަށެވެ. އެއީ 14 އިންސައްތަ ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

ރެމިޓެންސްގެ ގޮތުގައި ރެކޯޑު ކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އިތުރުން ނަގުދު ފައިސާގެ ވޮތުގައި ވެސް ބިދޭސީން ބޭރުފައިސާ ގިނަ އަދަދަކަށް ރާއްޖެއިން ބޭރުކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ހުސްވި މަހު އެއާޕޯޓުން ފުރަންދިޔަ ބިދޭސީއަކު ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރުފައިސާ ކަސްޓަމުން ހިފަހައްޓާފައި ވެސް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން