މުޙައްމަދު ނާޖިޙު   9 ސެޕްޓެމްބަރު 2024 - 7:28
އަކްބަރު މަހާރަދުންނަކީ އެ ރަދުންގެ ވަޒީރު ބޭކަލުންނާ، ޖަވާބުދެއްވަން އުނދަގޫ ސުވާލުތަކެއް ކުރެއްވުމުގެ އާދަފުޅެއް ގެންގުޅުއްވި ރަސްކަލެކެވެ. އެފަދަ ސުވާލުތަކަށް ޖަވާބުދެއްވޭނީ ނުހަނު ހިކުމަތްތެރިކަމާ އެކުގައެވެ.

މިގޮތުން އެއްދުވަހަކު މަހާރަދުން އެފަދަ ސުވާލެއް ކުރެއްވިއެވެ. އެ ވަގުތު ދަރުބާރުގައި ހާޒިރުވެ ތިއްބެވި ވަޒީރު ބޭކަލުންނަކަށް އެ ސުވާލުފުޅަށް ދެއްވާނޭ ޖަވާބެއް އެނގިއެއްނުލެއްވިއެވެ. އެ ކަމާ މޮޅިން އެ ބޭކަލުން އިސްޖައްސަވައިގެން ތިއްބަވަނިކޮށް ބީރުބޮލު ވަޒީރު ދަރުބާރަށް ދުރުވިއެވެ.

ބީރުބޮލު ވަޒީރު މަހާރަދުންނަށް އަދަބުތައުޒީމު އަދާކުރެއްވުމަށްފަހު، ވެގެން އުޅޭ ގޮތެއް އޮޅުންފިލުއްވައި، ސުވާލަކީ ކޮބައިތޯ މަހާރަދުންގެ އަރިހުން އެއްސެވިއެވެ. މަހާރަދުން ވިދާޅުވިއެވެ. "މި ސަހަރުގައި އުޅެނީ ކިތައް ކާޅު؟"

ހިނދުކޮޅަކަށް ވެސް މަޑުކުރެއްވުމަކާ ނުލައި ބީރުބޮލު ޖަވާބުދެއްވިއެވެ. "މި ސަހަރުގައި އުޅެނީ ފަންސާސްހާސް ފަސްސަތޭކަ އައްޑިނުވަ ކާޅު."

"ޔަގީން ކަށަވަރުތަ؟" މަހާރަދުން އެއްސެވިއެވެ.

ބީރުބޮލު ބުނުއްވިއެވެ. "މަސާހިބާ! ސިފައިން ފޮނުއްވައިގެން ގުނުއްވާ! އަޅުގަނޑު މިދެންނެވި އަދަދަށް ވުރެ އިތުރުވެއްޖެ ނަމަ، އެ ވާނީ، މި ސަހަރުގައި އުޅޭ ކާޅުތަކާ ބައްދަލުކުރަން، އެހެން ސަހަރުތަކުން، އެސޮރުމެންގެ އައުލާދުގެ ކާޅުތައް އައިސްއުޅެނީ ކަމަށް! އެ އަދަދަށް ވުރެ މަދުވެއްޖެނަމަ، އެ ވާނީ، އެހެން ސަހަރުތަކުގައި އުޅޭ އެސޮރުމެންގެ އައުލާދުގެ ކާޅުތަކާ ބައްދަލުކުރަން، އެ ސަހަރުތަކަށް ބައެއް ކާޅުތައް ގޮސް އުޅެނީ ކަމަށް!"

ބީރުބޮލު ވަޒީރުގެ މި ހިކުމަތްތެރި ޖަވާބާމެދު އަކްބަރު މަހާރަދުން ވަރަށް ބޮޑަށް ހިތްޕުޅާވެ އުފާފުޅުކުރެއްވިއެވެ.

ނޯޓު: މިއީ މުޣަލުންގެ މަޝްހޫރު ޝެހެންޝާހް އަކްބަރާއި ވަޒީރު ބީރްބަލްގެ ވާހަކަތަކުގެ ތެރެއިިން ވާހަކައެއްގެ ދިވެހި ތަރުޖަމާއެކެވެ. ދިވެހީން ބީރްބަލްއަށް ކިޔަނީ 'ބީރުބޮލު' އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން