ނިރުބަވެރި އިސްރާއީލަށް ދިފާއުވުމުގެ ގާބިލްކަން ދޭނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އަނެއްކާ ވެސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން ހެރިސް ވިދާޅުވީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ’ލާއިންސާނީ‘ ހަނގުރާމައިގައި އިސްރާއީލަށް، އެގައުމު ދިފާއުވުމުގެ ގާބިލްކަން ދޭނެ ކަމަށެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، މީގެ ކުރިންވެސް ވަނީ މިފަދައިން ވިދާޅުވެ އިސްރާއީލާ އޮތް ގާތްކަން ހާމަކުރައްވާފައެވެ. އެމެރިކާ އިސްވެ އޮވެ އިސްރާއީލް-ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު އަބަދުވެސް އިސްރާއީލަށް އެގައުމު ދިފާއު ކުރުމުގެ ގާބިލްކަން ދޭނަން، ޚާއްޞަކޮށް އީރާނާ ގުޅޭ ގޮތުންނާއި އީރާނާއި އެގައުމުގެ ’ޕްރޮކްސީން‘ އިސްރާއީލަށް ކުރާ ކޮންމެ ނުރައްކަލަކާ ގުޅޭ ގޮތުން.” ހެރިސް ވިދާޅުވިއެވެ.

ނާއިބު ރައީސް ހެރިސްގެ ސަރުކާރުން އިސްރާއީލަށް އެކި ގޮތްގޮތުން އެހީތައް ދެމުންދާއިރު އިސްރާއީލުން ދަނީ އެމެރިކާ ހަތިޔާތު ބޭނުން ކޮށްގެން ޣައްޒާގެ ނިކަމެތި ރައްޔިތުން މަރައި ހުސްކުރަމުންނެވެ.

އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 41،020 މީހުން މަރުވެ 94،925 މީހުން ވަނީ ޒަޚަމްވެފައެވެ. އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްވެ އިސްރާއީލަށް ދިން ހަމަލާގައި 1،139 އަށް މަރުވިއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ރަހީނު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން