އެފްރިކާގެ ގައުމެއް ކަމަށްވާ ކޮމޮރޮސްގެ ރައީސް އަޒަލީ އަސޯމަނީއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ކޮމޮރޯސްގެ ރައީސް އަޒާލީ އަސުމާނީ މީހަކު ވަޅިން ހަމަލާދީފައިވަނީ ހުކުރު ދުވަހު އެމަނިކުފާނު ވެރިރަށް މޮރޯނީ ކައިރީގައި ދީނީ ލީޑަރެއްގެ ޖަނާޒާގައި ބައިވެރިވަޑައިގެން އުޅުއްވަނިކޮށެވެ.

ކޮމޮރޯސްގެ ސަރުކާރުގެ ތަރުޖަމާނު ފާތިމަތު އަހަމާދާ ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ވިދާޅުވީ ވަޅިން ހަމަލާދިން ނަމަވެސް ރައީސަށް ލިބިވަޑައިގަތީ "ކުޑަ އަނިޔާއެއް" ކަމަށެވެ. އޭގެ ފަހުން އެނބުރި ގެކޮޅަށް ވަޑައިގެންފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

"މާތްالله އަށް ޝުކުރުވެރިވަން، ރައީސްގެ ފުރާނަ ނުރައްކަލެއް ނެތް،" ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ ރައީސަށް ހަމަލާދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރައީސް އަށް ވަޅިން ހަމަލާދިނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ.

ކޮމޮރޮސްގެ ރައީސަށް ހަމަލާދީ ކާކުކަން އަދި ހާމަކޮށްފައިނުވާއިރު، ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ މީހާއަކީ ކުރީގެ މިލިޓަރީ އޮފިސަރެއް ކަމަށެވެ. ރައީސަށް ދިން ވަޅީގެ ހަމަލާ އަމާޒުވީ އެމަނިކުފާނުގެ އަތްޕުޅަށެވެ. އަދި ރައީސަށް ހަމަލާދިނުމާއެކު ޖަނާޒާގައި ބައިވެރިވި މީހަކު އޭނާ ހުއްޓުވި ކަމަށް ބައެއް ރިޕޯޓް ތަށް ބުނެއެވެ.

ރައީސް އަޒާލީ އެންމެ ފުރަތަމަ އެ ގައުމުގެ ރައީސް ކަމަށް ވަޑައިގެންނެވީ އަސްކަރީ ބަޢާވާތެއްގެ ތެރެއިން 1999 ގައެވެ. އަދި 10 އަހަރު ފަހުން އަލުން ވެރިކަމަށް ވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އެމަނިކުފާނު އަލުން ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަސް ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން