ޖަޕާނުގެ އާބާދީގެ 30 އިންސައްތަ މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށް އެގައުމުގެ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އުމުރުން 65 އަހަރުގެ މީހުންގެ އާބާދީ އިންތިހާއަށް އިތުރުވެފައިވާއިރު މިހާރު ޖަޕާނުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވަނީ ރެކޯޑް އަދަދަކަށް މައްޗަށް އަރާފައެވެ. އެގޮތުން އެގައުމުގައި 65 އަހަރުން މަތީގެ 36.25 މިލިއަނަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުގައިވެސް ހިމެނޭ ޖަޕާނުގެ މިނިސްޓްރީ އޮފް އިންޓަރނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް އިން ހުކުރު ދުވަހު ބުނީ އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 29.3 އިންސައްތަ އަކީ އުމުރުން ދުވަސްވީ މީހުން ކަމަށާއި މިއީ 100،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެހެން ގައުމަކަށް ނުވަތަ ސަރަހައްދަކަށް ވުރެ ބޮޑު ނިސްބަތެއް ކަމަށެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20.53 މިލިއަން މީހުންނަކީ އަންހެނުން ކަމަށާއި 15.72 މިލިއަން މީހުންނަކީ ފިރިހެނުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އަދި މިދިޔަ އަހަރު ރެކޯޑް އަދަދަކަށް، 9.14 މިލިއަން އުމުރުން ދުވަސްވީ މީހުން ވަޒީފާ އަދާކޮށްފައިވާ ކަމަށާއި އެއީ ކޮންމެ ހަތް މުވައްޒަފަކުން އެއް މުވައްޒަފަކު ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޖަޕާނުގެ އާބާދީއަށް ކުރިމަތިވެފައިވާ މި ’ޑިމޮގްރަފިކް ކްރައިސިސް‘ ގޯސްވަމުން އަންނައިރު، މަސައްކަތް ކުރުމުގެ އުމުރުގެ މީހުންގެ އަދަދު މަދުވަމުންދާކަމަށާއި، އުމުރުން ދުވަސްވީ މީހުންގެ ސިއްހީ ފަރުވާ އާއި ވެލްފެއާގެ ޚަރަދުތައް ބޮޑުވަމުންދާކަމުގެ ކަންބޮޑުވުން އެގައުމުގައި އެބަ އޮތެވެ.

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ޖަޕާނުގެ އާބާދީ 595،000 އަށް ދަށްވެފައިވާއިރު، މިއީ ޖެހިޖެހިގެން އެގައުމުގެ އާބާދީ ދަށަށްދިޔަ 13 ވަނަ އަހަރުކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން