ޖަރުމަން ވިލާތުން ނިރުބަވެރި އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމަށް ރުހުން ދިނުން ހުއްޓާލައިފިއެވެ.

ބޭރުގެ މީޑިޔާ، ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަރުމަނުން އިސްރާއީލަށް ހަތިޔާރު ފޮނުވުމުގެ ސަބަބުން އެގައުމުގެ ސަރުކާރު މިހާރު ވަނީ ގާނޫނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންވެ މިހާރު ޖަރުމަނުގެ ހަނގުރާމަވެރި ހަތިޔާރު އިސްރާއީލަށް ނުފޮނުވައެވެ.

އިގްތިސާދީ ވުޒާރާއާ ގާތް މަސްދަރަކުން ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ޖަރުމަނުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުން ހުއްޓުމަކަށް ގެނައީ އިސްރާއީލުން އެ ހަތިޔާރު އިންސާނީ ގާނޫނާ ހިލާފު ބޭނުން ކުރަމުންދާތީ ކަމަށެވެ.

މި މައްސަލައިގައި ޖަރުމަނުގެ ސަރުކާރަށް ގާނޫނީ އަދި ސިޔާސީ ޕްރެޝަރުވެސް އިތުރުވެފައިވާއިރު އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ލައިސަންސް ދިނުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ.

މިދިޔަ އަހަރު ޖަރުމަނުން އިސްރާއީލަށް 326.5 މިލިއަން ޔޫރޯ (363.5 މިލިއަން ޑޮލަރު) ގެ ހަތިޔާރު އެކްސްޕޯޓް ކުރުމަށް ފާސްކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 10 ގުނަ އިތުރު އަދަދެކެވެ.

ނަމަވެސް މިއަހަރު އެޕްރޫވަލްތައް ދަށްވެފައިވާއިރު، ޖެނުއަރީ އިން އޮގަސްޓް 21 އަށް ދީފައިވަނީ އެންމެ 14.5 މިލިއަން ޔޫރޯ (16.1 މިލިއަން ޑޮލަރު) ގެ ހަތިޔާރު ކަމަށް އެގައުމުގެ ސަރުކާރުން ހާމަކުރެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 41،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ. އަދި 2.3 މިލިއަން މީހުންގެ އާބާދީގެ ބޮޑު ބައެއް ގެދޮރު ދޫކޮށް، ބަނޑުހައިހޫނުކަމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން