ލުބުނާނުގެ ހިޒްބުﷲ އިން މުއާމަލާތު ކުރަން ގެންގުޅޭ ޕޭޖަރުތައް ގޮއްވާލައިގެން އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން އެގައުމުން ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފި ކަމަށް ވިދާޅުވެ ހަރުކަށި އަދަބެއް ދޭނެ ކަމަށް ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެެ.

ޓީވީ މެދުވެރިކޮށް ހިޒްބުﷲ ގެ ވެރިޔާ ނަސްރުﷲ ދެއްވި ހިތާބެއްގައި ވިދާޅުވީ އިޒްރޭލުން ހޮސްޕިޓަލުތަކާއި، ފިހާރަތަކާއި، ގެތަކަށް ހަމަލާތައް ދިނުމުން އެގައުމުން މިހާރު ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައިވާ ކަމަށާއި އިޒްރޭލުން ފާއިތުވި ދެ ދުވަހު ލުބްނާނުގައި ހިންގީ ބޮޑު ގަތުލްއާންމެއް ކަމަށެވެ. އަދި މިއީ ޖަމާއަތަށް ކުރިމަތިވި ބޮޑު އިމްތިހާނެއް ކަމަށާއި ނަމަވެސް މި ހަމަލާއާއެކު ވެސް އެ ޖަމާއަތް ބަލިކަށިވެ ކުޑަކަކޫ މައްޗަށް ތިރި ނުކުރެވޭނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެ ޖަމާއަތް ދެން ވެސް ވާނީ އިތުރަށް ވަރުގަދަ ކަމަށާއި މި ހަމަލާތަކާ ގުޅިގެން ހީވެސް ނުކުރާފަދަ ގޮތަކަށް އިޒްރޭލަށް ހަރުކަށި އަދަބެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަސްރުﷲ ވިދާޅުވީ އެގައުމަށް އަދަބު ދިނުމުން އެންމެންނަށް ވެސް އެކަން ފެނިގެންދާނެ ކަމަށެވެ.

ހިޒްބުﷲ ގެ މެންބަރުންގެ ޕޭޖަރުތައް ގޮއްވާލައިގެން ދިން ހަމަލާތަކުގައި 37 މީހަކު މަރުވެފައިވާއިރު، 287 މީހަކު ތިބީ ސީރިއަސް ހާލަތުގައި ކަމަށް ލުބުނާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަކި އެއްޗެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެެ.

ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ އިސްރާއިލަށް ހަރުކަށި އިންޒާރުތަކެއް ދީފައިވާއިރު ލުބުނާނުން އިއްޔެ ވަނީ އިސްރާއިލަށް ވަރުގަދަ ހަމަލާއެއް ދީފައެެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ހިޒްބުﷲ ޖަމާއަތުން އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކަށް ފޮނުވާލި މިސައިލާއި ޑްރޯން ހަމަލާތަކުގައި ދެ ސިފައިން މަރުވެ، އިތުރު ސިފައިންތަކަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް އިސްރާއިލްގެ އަސްކަރިއްޔާ އިން ވަނީ ބުނެެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން