ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ބިންތަކަށް އަރައި ހިންގާ ގަތުލުއާންމަށް އަހަރެއް ވާން ކައިރިވެފައިވާއިރު އެ ހަމަލާތައް ދިނުން އަދިވެސް ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ.

ޣައްޒާގެ ގަތުލުއާންމަށް މިއަދާ ހަމައަށް 353 ދުވަސްވީއިރު އިއްޔެ ވެސް އިސްރާއީލުން ވަނީ ޣައްޒާގައި ހުރި ދެ ސްކޫލަކަށް ހަމަލާދީ ފަލަސްތީނުގެ ބަޔަކު ޝަހީދުކޮށްލައިފައެވެ. ދެ ސްކޫލަށް ދިން ހަމަލާގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ ދިހަ އަކަށް އަރައިފައެވެ.

މީގެ ކުރިންވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ ސްކޫލްތަކަށް އަމާޒުކޮށް އެތައް ފަހަރެއްގެ މަތިން ހަމަލާ ދީފިއެވެ. މި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އިސްރާއީލުގެ ހަމަލާތައް އަމާޒުވާ ސްކޫލްތަކުގައި ތިބޭ ފަލަސްތީނުގެ ރައްޔިތުންނަކީ އަމިއްލަ ގެދޮރު ދޫކޮށް ވަގުތީ ހިޔާވަހިކަމެއް ހޯދަންވެގެން އައިސް ތިބި ފަރާތްތައްކަން ފާހަގަ ކުރެއެވެ.

ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި އެމީހުން ހަމަލާތައް ދޭ ސްކޫލްތަކަކީ ހަމާސް އިން ކޮމާންޑް ސެންޓަރުތައް ހިންގަމުން ގެންދާ ސްކޫލް ތަކެވެ. އެކަމަކު، މިކަމާ ގުޅޭ އެއްވެސް ހެއްކެއް މިހާތަނަށް އިސްރާއީލަށް ދެއްކިފައެއް ނެތެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޣައްޒާގެ 41،431 މީހުން ޝަހީދުވެ 95،818 މީހުން ޒަޚަމްވެފައިވެއެވެ. އިސްރާއީލުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ހަމާސް އިން ރަހީނުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން