ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު އާމްދަނީން އަހަރަކު 750 މިލިއަން ޑޮލަރާއި ހަމައަށް ރާއްޖޭގެ ބެންކުތަކުން މާރުކުރަންޖެހޭގޮތަށް އެމްއެމްއޭގެ ބޭރުފައިސާއާއި ބެހޭ ގަވައިދު އިސްލާހުކޮށް ގެޒެޓް ކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދު އާންމުކުރި ގަވާއިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ވަނީ ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި މި ފިޔަވަޅުތައް އަޅާފައިވަނީ ވިޔަފާރިތަކަށް ވެސް މާލީ ބުރައަކަށް ނުވާނޭ ގޮތަށް ކަމަށެވެ.

މިއަދު އާންމުކުރި ގަވާއިދުގައިވާ ގޮތުން ކެޓަގަރީ އޭ ގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭނެއެވެ.

އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހެއެވެ. ކެޓަގަރީ އޭ އަދި ބީގައި ހިމެނޭ ފަރާތްތަކުން ވެސް ކޮންމެ މީލާދީ މަހެއް ނިމި އޭގެ ފަހުން ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭރު ފައިސާ ބޭންކަށް މާރުކުރަން ޖެހޭނެކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.

ނަމަވެސް، ވަކި ހާލަތްތަކެއްގައި މިއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެމްއެމްއޭގައި އެދެވިދާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

މިއަދު އާންމުކޮށް އަމަލުކުރަންފެށި ގަވާއިދުގައިވާ ގޮތުން އެއްވެސް ފަރާތަކުން ބޭރު ފައިސާ ގެންގުޅުމާއި ބެހެއްޓުމަކީ މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.

މި ބަދަލާ އެކު، އެމްއެމްއޭ އިން މާޗް 1، 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދު އުވިފައިވާކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން