މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް މި ހަފުތާ ތެރޭގައި ލައިސަންސް ދޫކުރެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވީ މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކުގެ ލައިސަންސް ދިނުމަށް ބޭނުންވާ ދިރާސީ މަސައްކަތް މިހާރު ނިމި، އެމްއެމްއޭގެ ބޯޑުން ފާސްކޮށްފައިވާކަމަށެވެ.

އެހެންކަމުން މި ހަފްތާ ތެރޭގައި އެބޭންކަށް ލައިސަންސް ދޭނެ ކަމަށާއި އަދި ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެކަމަށް މުނައްވަރު ވިދާޅުވިއެވެ.

ހަމައެއާއެކު މުނައްވަރު ވަނީ ރާއްޖޭގެ ބޭންކިން ނިޒާމުގައި މިވަގުތު ރިސޯޓުތައް ތަރައްޤީކުރުމަށް ފައިނޭންސް ކުރުމުގެ ޤާބިލުކަން ނެތްކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ ޤާއިމްކުރަން ޖެހެނީ އެސަބަބާ ހުރެ ކަމަށް މުނައްވަރު ވިދާޅުވެފައިވެއެވެ.

މުނައްވަރު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކަކީ އިންވެސްޓަރުންނަށް ހަބަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި މި ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ.

ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަށް ލައިސަންސް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީއަށް އިޤްތިޞާދީ ވުޒާރާއިން ހުށައެޅީ މިދިޔަ ޖުލައި މަހުގެ 28 ގައެވެ.

ޑިވެލޮޕްމަންޓް ބޭންކް ގާއިމުކުރެވޭނީ މާލޭގެ ޗާންދަނީމަގާއި އަމީރު އަހުމަދު މަގު ގުޅޭ ހަތަރުއަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގްގެ ތިރީ ބައިގައެވެ.

މިބޭންކުގެ ސީއީއޯގެ މަޤާމަށް އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ ހަމަޖައްސާފައިވާއިރު، ޗެއާޕާސަންގެ މަގާމަށް ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ ވަނީ ހަމަޖައްސަވާފައެވެ. އަރޫނީއަކީ ބައިނަލްއަގްވާމީ މާލީ ބާޒާރުގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މާލީ ދާއިރާގެ މާހިރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން