ބީސީސީން ކުރިއަށް ގެންދިޔަ ޙަރަކާތެއްގެ ތެރެއިން
ބީސީސީން ކުރިއަށް ގެންދިޔަ ޙަރަކާތެއްގެ ތެރެއިން
ފަންނުވެރިންނަށް ތިންލައްކަ ރުފިޔާގެ މާލީ އެހީ ފޯރުކޮށްދޭ ފަންޑެއް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ހުޅުވައިފިއެވެ.

ބީސީސީން އިއްޔެ ބުނީ ސަރުކާރުން އިއްޔެ ޤާއިމްކުރި ކްރިއޭޓިވް އިކޮނޮމީ ފަންޑުން މިއުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ބީސީސީގައި ކުދި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތެއްގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތަކަށް ބައިލައްކަ ރުފިޔާއިން ފެށިގެން ތިންލައްކަ ރުފިޔާއާ ހަމައަށް އެހީ ދޫކުރާނެ ކަމަށް ބީސީސީން މަޢުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން މި ފަންޑަށް ކުރިމަތިލާ ފަރާތްތަކަށް ބީސީސީގެ ފަރާތުން އިންކިއުބޭޝަން ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިގޮތުން މަސައްކަތުގެ ކުރިމަގުގެ އަމާޒުތައް ދެނެގަތުމާއި، ދިމާވާނެ ގޮންޖެހުންތައް ދެނެގަނެ އެކަން ހައްލުކުރާނެ ގޮތްތައް ކިޔައިދީ މަސައްކަތުގެ ކާމިޔާބީއަށް ވާސިލްވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މިފަންޑުން ލޯނު ލިބޭ ފަރާތްތަކަށް ލިބޭ އާމްދަނީއަށް ބިނާކޮށް ލޯނު އަނބުރާ ދެއްކުމުގެ ލުއިގޮތްތަކެއް ހަމަޖެހިފައިވާއިރު، މި ފަންޑުގެ ތެރެއިން އެހީ ހޯދުމަށް ރަހުނެއް ބޭނުންނުވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ސިޔާސަތުގެ ދަށުން ގާއިމްކޮށްފައިވާ މި ފަންޑަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާއިރު، ޝަރުތު ހަމަވާ ފަރާތްތަކަށް ބީސީސީގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން