މަރްޔަމް ނަހްދާ ވަޙީދު   22 އޮކްޓޯބަރު 2024 - 5:29
މޫނުގެ ހަންގަނޑު ރީތިކުރުމަށް މަސައްކަތް ކުރަނީ- ގޫގުލް އިމޭޖެސް
މޫނުގެ ހަންގަނޑު ރީތިކުރުމަށް މަސައްކަތް ކުރަނީ- ގޫގުލް އިމޭޖެސް
މޫނުގެ ހަންގަނޑު ތާޒާކަންމަތީ ބަހައްޓަން ބޭނުންވާނަމަ ރަނގަޅަށް ހަންގަނޑަށް އަޅާލައި، ރަނގަޅު ރޫޓިން އެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ތިރީގައި މި ހިމަނާލަނީ ހަފްތާއެއްގެ ތެރޭ ހަންގަނޑު އޮމާންކޮށް، ތާޒާކޮށް "ގްލޯ އަޕް" އެއް ހަދަން ބޭނުންނަމަ ކުރަންވީ ކަންކަމެވެ.

ސްކިން ކެއާ ރޫޓިން އެއް ކަނޑައެޅުން

ކޮންމެ ދުވަހަކުވެސް ރަނގަޅަށް ހަންގަނޑު ސާފު ކުރުމަށްޓަކައި ސްކިން ކެއާ ރޫޓީން އެއް ކަނޑައެޅުމަކީ ވަރަަށް މުހިންމު ކެމެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ދުވަސް ފަށައިގަންނައިރު ރަނގަޅަށް މޫނު ދޮވެ މޫނުގައި ހުރި ޖަރާސީމު ދޮވެލުމަކީ ވަރަަށް މުހިންމު ކަމެކެވެ. އަދި ހަންގަނޑު މޮއިސްޗަރައިޒު ކުރުމުގެ ކުރިން މަރުވެފައި ހުންނަ ހަންތައް ދުއްވާލުމަށްޓަކައި އެކްސްފޮލިއޭޓު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

މޫނު ސްޓީމް ކުރުން



މޫނުގެ ހަންގަނޑު ރީތިކޮށް ތާޒާ ކުރަން ބޭނުންވާނަމަ މޫނު ސްޓީމް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މޫނު ސްޓީމް ކުރާއިރު މޫނަށް އާވި އެރުމުގެ ސަަބަބުން ހަންގަނޑު ސްޓްރެސް ވުން ހުއްޓުވައިދީ ހަންގަނޑުގައި ހުންނަ ޖަރާސީމުތައް ނައްތާލަން އެހީވެދެއެވެ. އަދި އޭގެ ސަބަބުން ހަންގަނޑުގެ މަސްތައް ރިލެކްސްވެ ހަންގަނޑު އޮމާންވާނެއެވެ.

ހައިޑްރޭޓު ވުން

ފުރިހަމަ "ގްލޯ އަޕް" އެއް ބޭނުންވާނަމަ ހަށިގަނޑު ރަނގަޅަށް ހައިޑްރޭޓު ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަ ގިނައިން ފެން ބޯނަމަ ހަށިގަނޑު ރަނގަޅަށް ހައިޑްރޭޓުވެ، އޭގެ ސަބަބުން މޫނުގެ ހަންގަނޑު ރީތިވެ ތާޒާ ވެއެވެ.

މޭވާ ކެއުން

މޭވާ އަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗަކަށް ވީއިރު، މިއީވެސް "ގްލޯ އަޕް" ވުމުގައި އެހީވެދޭ އެއްޗެކެވެ. ވިޓަމިން ސީ އާއި އެންޓި އޮކްސިޑެންޓުތައް އެކުލެވޭ މޭވާގެ ބާވަތްތައް ބޭނުން ކުރުމުން ހަންގަނޑުގައި ހުންނަ ސެލްތަކަށް ބޭނުންވާ މާއްދާތައް ލިބި، އޭގެ ސަބަބުން ހަންގަނޑު ރީތިވެ ތާޒާ ވެއެވެ.

ކަސްރަތު ކުރުން



ހަންގަނޑު ރީތިކުރުމަށްޓަކައި ދެން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ކޮންމެ ދުވަހަކު ކަސްރަތު ކުރުމެވެ. ކޮންމެ ދުވަހަކު ކަސްރަތު ކުރާނަމަ މީހާ ވަރަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ކަންކަމާ ސްޓްރެސްވެ ފިކުރުބޮޑުވާވަރު ވާ ވަރު ކުޑަވެއެވެ. އަދި އޭގެ ސަބަބުން ހަންގަނޑުން މުސްކުޅި ވުމުގެ އަލާމާތްތައް ފެންނަ ވަރު ކުޑަވެ، މީހާ ޒުވާން ކަމަށް ދައްކައެވެ.

ތައްޔާރީ ކާނާ ނުކެއުން



ހަންގަނޑު ރީތިކުރަން ބޭނުންވާނަމަ ދެން ކުރަން ޖެހޭ އަނެއް ކަމަކީ ތައްޔާރީ ކާނާގެ ބާވަތްތައް ކެއުން ހުއްޓާލުމެވެ. ޕްރޮސެސް ކޮށްފައި ހުންނަ ކާނާއާއި، ތެލުލި އެއްޗެހި ކެއުމުން ހަންގަނޑުގައި ތެޔޮ އުފެދި، އޭގެ ސަބަބުން މޫނުގައި ބިހި ނަގައި މޫނުމަތި އަނދިރިވެއެވެ. މިކަން ހުއްޓުވައި މޫނުމަތި ތާޒާ ކުރެވޭނީ ތައްޔާރީ ކާނާ ބޭނުން ކުރުން ހުއްޓާލުމުންނެވެ.

ނިދުމުގެ ކުރިން މޭކްއަޕް ފޮހެލުން

ހަންގަނޑު ރީތި ކުރަން ބޭނުންވާނަމަ ކޮންމެ ރެޔަކު ނިދުމުގެ ކުރިން މޭކްއަޕް ފޮހެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މޭކްއަޕް ރަނގަަޅަށް ފޮހެ، މޫނު ރަނގަަޅަށް ދޮވެލުމުން މޫނުގައި ހުންނަ ނަޖިސް ފިލައި މޫނުގެ ހަންގަނޑު އިތުރަށް ރީތިވެއެވެ. އަދި މޫނުގައި ބިހި ނެގުން ވެސް ހުއްޓުވައި ދެއެެވެ.

ނިދުން

ނިންޖަކީ ހަށިގަނޑުގެ ގުނަވަންތައް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ލިބޭނަމަ ހަންގަނޑު އަލިވެ، މޫނުމަތި ތާޒާވެއެވެ.

މަތީގައި ހިމަނާފައިވަަ ކަންތައް ކޮންމެ ދުވަހަކު ފަރުވާތެރިކަމާއެކު ކުރާނަމަ، ހަފްތާއެއްގެ ތެރޭގައި މޫނުގެ ހަންގަނޑު ރީތިވެ، މޫނުމަތި ތާޒާވާން ފަށާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން