ބަލިމީހާ ޖެޓުން ބާލަނީ
ބަލިމީހާ ޖެޓުން ބާލަނީ
ސައުދީ އަރަބިއްޔާގައި ވަޒީފާ އަދާކުރަމުންދިޔަ ސްރީލަންކާގެ ރައްޔިތެއްގެ ބަލިހާލަތު ހުރިގޮތުން އޭނާ ވަޒީފާއަދާކުރަމުންދިޔަ ކުންފުނިން ޕްރައިވެޓް ޖެޓެއްގައި އޭނާ ޤައުމަށް ފޮނުވައިދީފިއެވެ.



ސްރީލަންކާގެ ކަޑަވައްތަ އަށް ނިސްބަތްވާ އެންޑްރޫ ރޯހަން ނަމަކަށް ކިޔާ މި މީހާއަކީ ބްރެއިން ހެމަރޭޖް ބަލިޖެހިފައިވާ މީހެކެވެ. އޭނާ މިބަލީގައި އުޅޭތާ 2 މަސްވެފައިވާއިރު މިހާރު އޭނާވަނީ ކޯމާއަކަށް ގޮސްފައިކަމަށް މައުލޫމާތު ލިބެއެވެ. އެންޑްރޫއަށް މި ބަލި ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ ސަޢުދީ އަރަބިއްޔާގެ ގަލްފްވެސްޓް ކުންފުނީގައެވެ.



އެންޑްރޫގެ އާއިލާއިން އެދުނު އެދުމާ އެއްގޮތަށް އަދި އިންސާނިޔަތަށްޓަކައި އެކުންފުނިންވަނީ ޕްރައިވެޓް ޖެޓެއްގައި ޑޮކްޓަރުންނާއި ނަރުހުންނާއެކު އޭނާގެ ގައުމަށް އޭނާ ގެންގޮއްސައެވެ. ކޯވިޑް-19 ގެ ސަބަބުން ޤައުމުން ބޭރުން އަންނަ ފަރާތްތައް ކަރަންޓީން ފުރިހަމަ ކުރަން ހަމަޖެހިފައި ވުމާއެކު އެންޑްރޫވެސް މިހާރުވަނީ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި ކަރަންޓީން ކުރެވިފައިކަމަށް މީޑިޔާ ރިޕޯރޓްގައިވެއެވެ.

ގަލްފްވެސްޓް ކުންފުންޏާ ޙަވާލާދީ ބައިނަލް އަޤްވާމީ މީޑިއާ ތަކުން ރިޕޯޓްކުރާ ގޮތުގައި އެންޑްރޫގެ ގައުމަށް އޭނާ އަނބުރާ ފޮނުވުމަށް 15 މިލިޔަން ރުޕީސް ވަނީ ޚަރަދުވެފައެވެ. ހަމައެއާއެކު، އެންޑްރޫ މިހާރު ކަރަންޓީން ކޮށްފައިވާ ހޮސްޕިޓެއްލްގައި ބާއްވައިގެން އޭނާގެ ފަރުވާ މިހާރު ފަށާފައިކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދެއެވެ.



އެންޑްރޫ އަށް ފަރުވާދެމުންދާ ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ، މިހާރު ދެމުންގެންދާ ފަރުވާ އެގޮތަށް ކުރިއަށް ގެންދެވިއްޖެ ނަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންޑްރޫ އަށް އަލުން ވާހަކަ ދައްކައި އަމިއްލަ އަށް ހިނގައި ހެދޭނެ ކަމަށެވެ.



އެންޑްރޫ ރޯހަންގެ ޢާއިލާއިން ވަނީ، އިންސާނިއްޔަތަށްޓަކައި އެ ޢާއިލާއަށް ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ގަލްފްވެސްޓް ކުންފުނީގެ އިސްވެރިޔާ، އިދްރީސް މުސްތަފާއަށް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން