ލުނބޯ ތޮށިއަކީ ވަރަށް ފައިދާހުރި އެއްޗެއް- ގޫގުލް އިމޭޖެސް
ލުނބޯ ތޮށިއަކީ ވަރަށް ފައިދާހުރި އެއްޗެއް- ގޫގުލް އިމޭޖެސް
ލުނބޯ ތޮށްޓަކީ ސިއްހަތަށް ވަރަށް ފައިދަަހުރި މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގައި ގިނަ އަދަދަކަށް ވިޓަމިން ސީ، ފައިބާ އަދި އެންޓި އޮކްސިޑެންޓު ހިމެނޭއިރު، މިއީ ކާއެއްޗެހީގެ ރަހަ ރަނގަޅު ކުރުމުގައިވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ނަމަވެސް ލުނބޯ ހުތް ބޭނުން ކުރުމަށްފަހު ލުނބޯ ތޮށި ބޭނުން ކުރުމުގެ ބަދަލުގައި އުކާލާކަމީ ވަރަށް ދެރަ ކެމެކެވެ. މިއީ އެއިން ލިބޭ ފައިދާތަކުގެ ބޭނުން ނުހިފައި އިސްރާފު ކޮށްލެވުމެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ލުނބޯ ތޮށި އުކާލުމުގެ ބަދަލުގައި ބޭނުން ކުރެވިދާނެ ބައެއް ގޮތްގޮތެވެ.

އެއްޗެހި ފިހާއިރު

ލުނބޯ ތޮށި އުކާލުމުގެ ބަދަލުގައި ކޭކު އަދި ޕާން ފަދަ އެއްޗެހި ފިހާއިރު ބޭނުން ކުރެވިދާނެއެވެ. ލުނބޯ ތޮށި ގާނާލުމަށްފަހު ކޭކު އަދި އެކިކަހަލަ ޕާން ފަދަ ތަކެތި ފިހާއިރު އެޅުމުން އޭގެ ރަހަ އިތުރަށް ފުރިހަމަ ވެއެެވެ.

ލުނބޯ ތެޔޮ ތައްޔާރު ކުރުމަށް

ލުނބޯ އަޅާފައި ހުންނަ ތެލަކީ ޕާސްތާ، ސެލެޑު އަދި މަސް ފިހާއިރު އޭގެ ރަހަ ރަނގަޅު ކުރުމުގެ ގޮތުން ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެހެންކަމުން ކައްކާ ނިމޭއިރު ލުނބޯ ތޮށި ހުރި ނަމަ އެ ތޮށި އަޅާފައި ތެޔޮ ތައްޔާރު ކުރެވިދާނެއެވެ. މި ތެޔޮ ބޭނުން ކުރުމުން ކާއެއްޗެހީގެ ރަހަ ރަނގަޅު ވުމުގެ އިތުރުން މީހާގެ ސިއްހަތުވެސް ރަނގަޅުވެއެވެ.

ސައި ތައްޔާރު ކުރުމަށް

ލުނބޯ ތޮށި ބޭނުން ކޮށްގެން ސައިވެސް ތައްޔާރު ކުރެވިދާނެއެވެ. މި ސަޔަކީ ކުޑަ ހުތްކަމެއް ހުންނަ ސަޔަކަށްވީއިރު، ހޫނުކޮށްވެސް، އަދި ފިނިކޮށްވެސް މި ބޮވިދާނެއެވެ. އަދި ސައިގެ ރަހަ އިތުރަށް ފުރިހަމަ ކުރަން ބޭނުންވާނަމަ އިނގުރު އަދި މިންޓް ލީފް އަޅައިގެންވެސް ބޭނުން ކުރެވިދާނެއެވެ.

ސޫޕު ތައްޔާރު ކުރުމަށް

ތަފާތު އެކިކަހަލަ ސޫޕު ތައްޔާރު ކުރުމަށްވެސް ލުނބޯ ތޮށި ބޭނުން ކުރެވިދާނެއެވެ. ސޫޕު ތައްޔާރު ކުރާއިރު ލުނބޯ ތޮށި އެޅުމުން ސޫޕުގެ ރަހަތައް އެއްވަރު ކޮށްދެއެވެ. އަދި ލުނބޯ ތޮށި އަޅައިގެން ހަދާފައި ހުންނަ ސޫޕު ބުއިމުން މީހާގެ ހަޖަމުގެ ނިޒާމުގެ މަސައްކަތްތައް އިތުރަށް ފުރިހަމަވެ، ދިފާއީ ނިޒާމުވެސް ވަރުގަދަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން