ޞާދިރު ޢަލީދީދީ   1 ސެޕްޓެމްބަރު 2020 - 15:0
ސަންޑޭ
ސަންޑޭ
އެޕިސޯޑް 09

...............

ހިތުގައިވާ ހިތާމަތައް އެހެން މީހަކަށް (ރަޙްމަތްތެރިޔާއަށް) ކިޔައިދިނުމަކީ ހިތަށް ލިބޭ ފަރުވާއެއް ކަމަށް ޤަބޫލު ކުރެވޭތީ، ފޯނު ކަނޑާލުމަށްފަހު، އޭނާ މިޞްރާބުޖެހީ ނަވާލްމެންގެ ގެޔަށް ދިޔުމަށެވެ. ފަހަކަށްއައިސް އޭނާއަށް ނަވާލްމެންގެއަށް ނުދެވޭތާ މިހާރު ދެހަފްތާއެއްހާ ދުވަސް ވެދާނެއެވެ.

[އަފްޒަލަށް އަހަރެން ރަނގަޅުވީކަމަށް ޤަބޫލެއްވެސް ނުކުރެވުނު. މިހާރު މިއަންނަނީއޭ ބުނީ....] ފޯނު ބޭއްވުމަށްފަހު ނަވާލް މަންމަ ގާތު ބުންޏެވެ.

[މަންމަ އަންނާނަން އަފްޒަލް އަންނަންވާއިރަށް ދެކުދީންނަށް ސައިހަދާފައި....] އަފްޒަލް އައިސް އެގެއަށްވަނީ މަރީނާ ބަދިގެއަށް ދިޔަތަނާހެންނެވެ.

[އަވަހަށް އާދޭ....] ނަވާލް އަފްޒަލް އިށީންނަން ތަން ދެއްކިއެވެ. އަފްޒަލް އައިސް އިށީނެވެ. އެއަށްފަހު، ނަވާލް އޭނާގެ ކައިވެނީގެ އުފާވެރި ޚަބަރު އަފްޒަލަށް ދިންއިރު، އަފްޒަލް އޭނާއަށް ދިމާވި ހިތްދަތި އިއްތިފާޤު ނަވާލަށް ކިޔައިދިނެވެ. [ޙައްޤު ތެދެއް ތިބުނީ؟ ޝިޒްނާ އެއީ އަފްޒަލްގެ ކޮއްކޮއޭ....] ޙައިރާންކަމާއެކު ނަވާލް ދެލޯ ބޮޑުވިއެވެ.

[އާނ، އެއީ އަހަންނާ އެއްލެއެއް ޙިއްޞާކުރާ އަހަރެންގެ ކޮއްކޮޔޯ....ކިހާބޮޑު ލަދުވެތިކަމެއް، ބޭބެއާއި ކޮއްކޮއެއްގެ ގުޅުމަށްވުރެ އަހަރެމެންގެ ގުޅުން އޮތީ މާ ބަދަހިވެފައި....] އަފްޒަލްގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. އެވާހަކަ ހިތަށްއެރިޔަސް، އޭނާއަށް ރޮވެއެވެ.

[ހިތްވަރުކުރޭ އަފްޒަލް، ތިޔައީ އަފްޒަލްގެ ނަޞީބު....މިހެން ބުނާއިރުވެސް އެނގޭ، އަފްޒަލް ލަދުގަންނާނެކަންވެސް. އަފްޒަލް އެކަންޏެއް ނޫން، ކޮންމެ މީހަކުވެސް ލަދުގަންނާނެ.] ނަވާލް އަފްޒަލަށް ހިތްވަރުދިނެވެ. އަފްޒަލް، އޭނާގެ ލޮލަށް ޖަމާވެފައިހުރި ކަރުނައިގެ އަސަރު، އަތުގެ ނުފުށުން ފޮހެލިއެވެ.

[ނަދުހާ ނަވާލްގެ ކައިވެންޏާ ޤަބޫލުވީތަ؟] އަފްޒަލް ހަމަޖެހޭގޮތް ދައްކަމުން އެއްސެވެ.

[އާނ ޤަބޫލު....އަހަރެން ބޭނުމީ ނަވާލާ އިންނަން. އެމުނާޒްގެ ހަނދާންތަކާ ދުރަށް ދެވޭނީވެސް އޭރުން.[ ނަދުހާ ވާހަކަ ދެއްކީ ދަލޭކައާއެވެ. ދަލޭކައަކީ ނަވާލްގެ ކައިވެންޏާ އެންމެ ފާޅުގައި ނަދުހާގާތު ދެކޮޅުހަދާ މީހާއެވެ. ދަލޭކަ ލަފާދެނީ އަލުން މުނާޒާ ގުޅުމަށެވެ. ނަދުހާގެ ޙަޔާތަށް އެންމެ އެކަށީގެންވާ މީހަކީ މުނާޒް ކަމުގައި އޭނާ ޤަބޫލުކުރެއެވެ. ދައްކާ ވާހަކަތަކުން ބައެއްފަހަރު އޭނާއަށް މުނާޒްގެ ޙަޤީޤަތް އެނގޭހެންވެސް ހީވެއެވެ.

[ދަރިފުޅާ.....ދަރިފުޅު މުނާޒާ ނީންނަން ތިއުޅެނީ، ދަރިފުޅާ މުނާޒާ ހުރީ ކޮންތަފާތެއްތަ؟] ދަލޭކަ އަދިވެސް މަސައްކަތް ކުރަމުންދަނީ ނަދުހާގެ ހިތް އޭނާ ބޭނުންވާ މިޞްރާބަށް ބަދަލުކޮށްލެވޭތޯއެވެ.

[ކޮންތަފާތެއްހޭ! ބުނަންވީތަ؟ ބަލަ ދަލޭކަދައްތާ އެއީ އިންސާނެއް ނޫނޭ....ކިހިނެއްތަ ޖިންނިއަކާ ކައިވެނިކޮށްގެން އަހަރެން ދިރިއުޅޭނީ....މިއީ ދިވެހި ވާހަކައެއް ނޫނިއްޔަ.] ނަދުހާ ދުވެފައި ގޮސް ކޮޓަރިއަށްވަދެ ތަންޑު އެޅުވިއެވެ. ދަލޭކަ ފުން ނޭވާއެއްލުމަށްފަހު، ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

އެދުވަސް ފާއިތުވެދިޔައީއެވެ. ދަލޭކައާއި މުނާޒް ކިތަންމެ މަސައްކަތެއްކުރި ކަމުގައިވިޔަސް، ނަދުހާގެ ޚިޔާލެއް ބަދަލެއްނުވިއެވެ. އޭނާގެ ނިންމުމަކީ އެންމެފަހުގެވެސް ނިންމުން ކަމުގައި ނިންމައިގެން، ޖެހިގެން އަންނަ މަހުގެ އެއްވަނަ ދުވަހަކީ އޭނާއާއި ނަވާލްގެ ކައިވެނީގެ ބަނދެވުމަކުން ބަނދެވޭ ދުވަސް ކަމުގައި ހަމަޖެހުނެވެ. އެއީ ދެފަރާތުގެ ޢާއިލާއިންވެސް އިއްތިފާޤުވިގޮތެވެ.

އަފްޒަލަކީ ބޭބެއެއް ނޫންކަން އެނގުމާއެކު، ޝިޒްނާ މިހާރު މަސައްކަތް ކުރަމުން އެދަނީ އަފްޒަލް ހޯދުމަށެވެ. އެއުފާވެރި ޚަބަރު އަފްޒަލަށްދީ، ވީހާވެސް އަވަހަކަށް އަފްޒަލާ ކައިވެނީގެ ގުޅުމަކުން ގުޅުމަކީ، އޭނާގެ އެންމެ ފޮނި ހުވަފެނެވެ. ނަމަވެސް، އޭނާ އެންމެ ދެރަވަނީ އޭނާ ގުޅާގުޅާވެސް އަފްޒަލް ފޯނު ނުނަގާތީއެވެ.

މިއަދުވެސް މިހާރު އޭނާ އެތައްފަހަރަކު އަފްޒަލަށް ގުޅޭތޯ މަސައްކަތް ކޮށްފިއެވެ. ނަމަވެސް، އަފްޒަލް ފޯނެއް ނުނަގައެވެ. ކޮންމެފަހަރަކުވެސް އޭނާ ފޯނު ކަނޑާލަނީއެވެ. ހީވެއެވެ. ޝިޒްނާއާ ކުރިމަތިލާން އޭނާ ލަދުގަންނަނީއެވެ.[މަންމަ އަފޫ ފޯނެއް ނުނަގާ...ކޮންމެ ފަހަރަކުވެސް އޭނާ ފޯނު ކަނޑާލަނީ....] ޝިޒްނާ ވާހަކަ ދެއްކީ، އޭނާގެ މަންމަ ފަރީދާއާއެވެ.

[އަފްޒަލް އުޅޭ ގެ ދަރިފުޅަށް އެނގޭތަ؟] ފަރީދާ އެއްސެވެ.

[އުނހު.....ނޭނގެ....ދުވަހަކުވެސް ނުދަން. އަފޫ ނުވެސް އުޅޭ އަހަރެން ގެންދާކަށްވެސް. މަންމާ، މަންމަ ބުނީމެއްނު، އަހަރެންގެ ޙަޤީޤީ ބައްޕަގެ ވާހަކަ އަހަންނަށް ކިޔައިދޭނަމޭ. ކޮބައިތަ މިހާރު އެ ބައްޕަ.....] ވާހަކަ ދައްކަން ހުރެފައި ކުއްލިއަކަށް ޝިޒްނާ ހަނދާންވިއެވެ.

[ދަރިފުޅުގެ ބައްޕައަކީ މިރަށު މީހެއް. އޭނާގެ ނަމަކީ ފާއިޒް.......މަންމައަކަށްވެސް އެގެއެއް ނޭނގެ. އޭނަ އަޞްލުގައި މަންމައަށް އޮޅުވާލީ. އޭނަ މަންމައާ ރައްޓެހިވީއިރު ނުބުނޭ މީހަކާ އިނދެގެން އުޅޭ ވާހަކައެއްވެސް....މަންމަ ކައިވެންޏަށް އެދުނީމާ އޭނަ ބުނަނީ، އޭނަގެ ދަރިޔަކު އަންބަކު ނުހުންނަ ވާހަކަ. އެހާ ހިސާބުން މަންމަ ވަކިވީ....] ފަރީދާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

[ގުޅުން ކެނޑުނުތާ ހަފްތާއެއްހާ ދުވަހުން މަންމައަށް އެނގުނީ ދަރިފުޅަށް ބަލިވެއިންކަން...އެހެން ނަމަވެސް، މަންމަ އެކަން އޭނާއަށް އެންގުމަށްފަހު، އޭނަގެ އެދުމަށް އެބޯޝަން ހަދާކަށް އެއްބަހެއްނުވިން....ދަރިފުޅު ވިހައިގެން ތިންމަސް ވަންދެންވެސް މަންމަ އުޅުނީ ވަރަށް ނިކަމެތި ޙާލުގައި. އެހެން އުޅެނިކޮށް އޮފީސް މައްސަލައެއްގައި ހުވަދުއަތޮޅަށް ފޮނުވާފައި ހުރެފައި މިނިވަންވެގެން އައިސް ޒުބޭރު މަންމައަށް ދިރިއުޅުން ހޯދައިދިނީ....] ފަރީދާ ރޮއިރޮއިފައި އޭނާގެ ޙަޔާތުގެ ބޮޑު ސިއްރު ދަރިފުޅަށް ކިޔައިދިނެވެ. އޭރު ޝިޒްނާއަށްވެސް ރޮވެނީއެވެ.

[އަހަރެން ބޭނުން އެކެހިވެރި ބައްޕައާ ބައްދަލުކުރަން.] ޝިޒްނާ މަންމަގެ މޭގައި ބޯއަޅާލިއެވެ.

[އައްސަލާމް ޢަލައިކުމް...] އެވަގުތު ސިޓިންގރޫމުން މީހަކު ސަލާމް ގޮވިއަޑު އިވުނެވެ. ނުކުމެގެން ދިޔައީ ޝިޒްނާއެވެ.

[ވަޢަލައިކުމުއްސަލާމް...] ސަލާމް ބަލައިގަތުމަށްފަހު، ޝިޒްނާ ނުކުތްއިރު ހުރީ ކުރިން ދުވަހަކުވެސް އޭނާ ދެކެފައިނުވާ ޒުވާނެކެވެ. އޭނާގެ އަތުގައި ސިޓީއުރައެއް އޮތެވެ.

[ޝިޒްނާއަކީ ތިޔައީތަ؟] އެޒުވާނާ ސިޓީ ދިއްކުރަމުން އެހިއެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި، ޝިޒްނާ ސިޓީގައި ހިފައިފިއެވެ. އެޒުވާނާ ހިނިތުންވެލަމުން އެގެއިން ނުކުމެއްޖެއެވެ. އެއީ ސިޓީއެއް ނޫނެވެ. ނަވާލާއި ނަދުހާގެ ކައިވެނީގެ ދަޢުވަތެވެ. އެއީ ޝިޒްނާއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާ ޔަޤީންކުރެއެވެ. އެޙަފްލާގައި އެންމެ އިސް މީހަކަށް އަފްޒަލް ޙަރަކާތްތެރިވާނެއެވެ. ވީމާ، އެއީ އޭނާއަށް އަފްޒަލާ ބައްދަލުކުރުމަށް ލިބޭނެ ރަނުގެ ފުރްޞަތެއް ކަމަށް އޭނާ ޤަބޫލުކުރެއެވެ.

[މަންމާ...މިއޮތީ އަފޫގެ ބެސްޓް ފްރެންޑްގެ ކައިވެނީގެ ދަޢުވަތު. މަންމަވެސްވާނެ އަހަރެންނާއެކު ދާން. ޔަޤީން އެގެއިން އަފޫއާ ދިމާވާނެކަން. ޝިޒްނާ އެވަގުތު އެތަނަށް އައިސް ހުއްޓުނު މަންމައަށް ދަޢުވަތު ދައްކާލަމުން ބުންޏެވެ. އޭނާހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ލޭފަވަތި ބައިވެރިޔާއާ ބައްދަލުވާނެ ކަމުގެ މަގެއް ފެނުނީތީއެވެ.

[މައްސަލައެއް ނެތް...ގޭގަތަ ޕާޓީ އޮތީ؟] ފަރީދާ އެއްސެވެ.

[އާނ....ކޮންމެވެސް ހަދިޔާއެއްވެސް ހޯދަންވާނެދޯ....އެންމެ އަގުހެޔޮކޮށް ގިފްޓް ވިއްކަނީ ކޮންތާކުންތަ؟] ޝިޒްނާ ބުންޏެވެ. ފަރީދާ ވިސްނާލިއެވެ.

[ކަލާފާނު ހިނގުމުގައި ހުންނަ [ބައިދިސް] ކިޔާ ފިހާރައެއް. އެތަނުން ރަނގަޅު ފެންވަރުގެ ގިފްޓް ސާމާނު ވަރަށް އަގުހެވޭ، މަންމަ ގާތު ކޮންމެވެސް މީހަކު ބުނި....] ހަނދާންކޮށްލާފައި ފަރީދާ ބުންޏެވެ.

[އަހަރެންވެސް ތިތަނެއްގެ ވާހަކަ އަޑުއެހިން. މިރޭވާނެ ތިތަނަށް ދާން.] ޝިޒްނާ ބުންޏެވެ.

ކައިވެންޏަށްޓަކައި ނަވާލްގެ ގެ ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅެނީ ކުރިންވެސް ހީކުރެވުނު ގޮތަށް އަފްޒަލާއި ނަވާލްގެ އެހެން ރައްޓެހިންނެވެ. ހުރިހާ ކަމަކަށް ލަފާދީ، ގޮތްތައް ކަނޑައަޅަނީ އަފްޒަލާއި ނަވާލްގެ ޚިޔާލާ އެއްގޮތަށް ޢަމަލީގޮތުން މަސައްކަތް ކުރަންތިބި މީހުންނެވެ. ދުރުގައި އެހެން މީހުންގެ ލޯތަކަށް ނުފެނި، އެކަނި ނަދުހާއަށް ފެންނަފަށުގައިހުރެ މުނާޒް އެމަންޒަރު ބަލައެވެ. ޙަޤީޤަތުގައި މިހާރު އޭނާއަށްވެސް ކެތްކުރެވެނީކީ ނޫނެވެ. އިތުރު މީހަކު އޭނާއަށް ވިސްނައިދޭތީ، ކާމިޔާބު ލިބޭނެ ކަމުގެ އުންމީދުގައި އޭނާ ހުންނަނީއެވެ. އޭނައަށް ހިތްވަރުދޭ މީހާ އޭނާ ގާތު އަބަދުވެސް ބުނަމުންދަނީ، ކާމިޔާބު ލިބޭނީ އޭނާއަށް ކަމަށާއި، ނަދުހާ މިހާރު އެކުރާ ކައިވެނިން އެއްވެސް ލައްޒަތެއް ނަވާލަށް ނުލިބޭނެ ކަމަށެވެ.

[ނަދުހާ....ހަމަ ނަވާލާ އިންނަނީތަ؟] ކުރީފަހަރުތަކެކޭ އެއްފަދައިން، މިފަހަރުވެސް މުނާޒް ނަދުހާއާ ދިމާކުރީ ނަދުހާގެ ކޮޓަރިތެރެއިންނެވެ.

[ކިހާބޮޑުވެއްޖެ ކަމެއްތީ މިހާރު. އާނ އަހަރެން މިއުޅެނީ ނަވާލާ އިންނަން. މުނާޒަކާ ކޮން ބެހޭ ކަމެއް....ކަލޭދެކެ އަހަރެން ލޯބިވާތީ، ނިކަން ފަޚްރުވެރިވެފައިދޯ ތިހުންނަނީ...މިތަނުން ދާންއުޅޭ....] ނަދުހާ ހަޅޭއްލަވައިގަތެވެ. މުނާޒްގެ ގާތަށް އައީ ހިންޏެވެ. ލިބިފައިވާ ބާރެއްގެ ސަބަބުން ފަޚްރުވެރިވާފަދަ ގޮތަކަށެވެ.

[އަހަރެން މިތާ ހުއްޓާ ނަދުހާ ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް، އިވޭނެ މީހަކު ނުހުންނާނެ... އަހަރެން ބޭނުމިއްޔާ ނަދުހާއަށް ކޮންމެ ގޮތެއްވެސް ހަދާލެވިދާނެ. އެކަމަކުވެސް އަހަރެން ކިހާ ކެތްތެރި.] މުނާޒް ކުރިއަށްވުރެވެސް ބާރަށް ހީގަތެވެ.

[ހެވޭ ކޮންމެ ގޮތެއް ހެދިޔަސް....ހީކުރީތަ އަހަރެން ބިރުގަންނާނެޔޭ. އަހަރެން ފެންވަރަން ވަންނަންވެއްޖެ...މިހާރު މިތަނުން ނުކުމޭ.....] ނަދުހާގެ އަޑުވެސް ކުރިއަށްވުރެން ބާރުވިއެވެ. މުނާޒް މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިން ނުކުތެވެ. ނަދުހާ އަވަސް އަވަހަށް ގޮސް ކޮޓަރިއެތެރޭން ތަޅުލައިފިއެވެ. އެހިނދު ނަދުހާގެ ހިތަށްއެރިއެވެ. މުނާޒް އޭނާދެކެ ކިހާ ލޯބިވޭހެއްޔެވެ؟ ޤަބޫލު ކުރެވެއެވެ. މުނާޒަށް އިންސާނުންނަށްވުރެ ބާރު ލިބިފައިވެއެވެ. އެހެން ނަމަވެސް، ބާރުގެ ބޭނުންކޮށް، އޭނާގެ ބެލުމުގެ ދަށަށް ގެންދާކަށް މުނާޒް ނޫޅެއެވެ. މުނާޒް އަދިވެސް މަސައްކަތް ކުރަމުން އެދަނީ ޞުލްޙަވެރިކަމާއެކު އޭނާގެ ލޯބި ހޯދުމަށެވެ. ޙަޤީޤަތުގައި ނަދުހާވެސް ލޯބިވަނީ މުނާޒްދެކެއެވެ. މުނާޒްދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ފެންވަރަން ފާޚާނާއަށްވަދެވެސް އޭނާއަށް ވިސްނުނީ މުނާޒާ ދޭތެރޭގައެވެ. މުނާޒްގެ ކެތްތެރިކަމާ ދޭތެރޭގައެވެ. މުނާޒާ ދޭތެރޭ ކިތަންމެ ވިސްނި ކަމުގައިވިޔަސް، ނަވާލްގެ ކައިވެނި ކުރުމާމެދު އޭނާގެ ޚިޔާލެއް ބަދަލެއް ނުވެއެވެ. ނަވާލްދެކެ ލޯބިނުވިކަމުގައިވިޔަސް، އޭނާ ބޭނުންވަނީ ނަވާލާ އިންނާށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ނަދުހާއާއި ނަވާލްގެ ކައިވެންޏަށް ކަނޑައެޅިފައިވާ ދުވަސް ޖެހިއްޖެއެވެ. ދުވަހަށްޓަކައި ނަވާލްގެ މުޅި ގެވެސްވަނީ ތަފާތު ކުލަކުލައިގެ ބޮކިތަކުންނާއި މާފަތިތަކުން ޒީނަތްތެރި ކުރެވިފައެވެ. ނަދުހާވެސް ފެންވަރައިގެން ކައިވެނީގެ ދުވަހަށް ޚާއްޞަ ކުރެވިގެން ފަހާފައިވާ ހެދުން ލައިގެން ނަލަހެދިލިއެވެ. ހިތް ކައިވެންޏާ ކިތަންމެ ދެކޮޅުހެދިނަމަވެސް، މިހާރު އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. މިހާރު އޭނާވަނީ ކައިވެންޏަށް ރަންވެސް ކިޔާފައެވެ. އެހެންކަމުން، މައިންބަފައިންގެ ޤަދަރާއި ޢިއްޒަތަށްޓަކައިވެސް ނަވާލްމެންގެ ގެއަށްދާން އޭނާއަށް މަޖްބޫރެވެ.

[ދަރިފުޅާ އެއޮއް ގަޑިޖެހެނީއޭ....އަދިވެސް ނުނިމޭތަ.....ކާރުވެސް އެއޮތީ ނެރެފައި....] ނަދުހާގެ މަންމަ ޒުހުރާ، ނަދުހާގެ ކޮޓަރި ދޮރުގައި ޓަކިޖަހާލައިފިއެވެ. ޚިޔާލީ ދުނިޔެއެއްގައި ހުރި ނަދުހާއަށް ތެޅިގަނެވުނެވެ.

[ނިމިއްޖޭ މަންމާ....މިނުކުންނަނީ.....] ނަދުހާ ދޮރު ހުޅުވިއެވެ. ޒުހުރާ ދޮރުމަތީގައި ހިނިއައިސްފައި ހުއްޓެވެ.

[އަވަހަށް ހިނގާ މިހާރު މާލަސްވެއްޖެ....] ޒުހުރާ ހިނގައިގަތެވެ. ނަދުހާވެސް ފަހަތުން ހިނގައިގެންފިއެވެ. އެވަގުތު އޭނާގެ ފަހަތުން އިތުރު މީހަކު އަންނަ ކަމުގެ އިޙްސާސް ކުރެވުމާއެކު، އޭނާ ސިހިފައި އެނބުރިއްޖެއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އޭނާއާ ދާދި ގާތުގައި މުނާޒް ހުއްޓެވެ. މުނާޒް ހުރީ ރޮވިފައެވެ.

[އަހަރެންގެ ލޯބީގެ އަގު ވަޒަން ނުކޮށް ނަދޫ...ތިދަނީދޯ....] މުނާޒް ކަރުނައިން ބަރުވެފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. މީގެކުރިން ދުވަހަކުވެސް މުނާޒް އެގޮތަށް ދެރަވެ ރޮވިފައި ހުއްޓާ ފެނިފައިނުވާތީ، ނަދުހާއަށް ހުއްޓެވިއްޖެއެވެ. އިސާހިތު އޭނާގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ.

[ނަދޫ....އާދޭސް ކުރަން...ނަދޫ އަހަރެން ދޫކޮށްފައި ނުދޭ....އަހަރެން ނަދޫދެކެ ވަރަށް ލޯބިވޭ.....] މުނާޒަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ވީދެރައާއި ކުރި އަސަރުން ނަދުހާއަށް ދެލޯ މަރާލެވުނެވެ. އެހިނދު ނަދުހާގެ ހިތްބުނާ ކަހަލައެވެ.

[އަހަރެންވެސް މުނާޒްދެކެ ވަރަށް ލޯބިވަމެވެ. މިހިތުން އަހުރަވެތި މަގާމެއް ދެވިފައިވާ ހަމައެކަނި ފިރިހެނަކީ ތިޔައީއެވެ. ތީ އަހަރެންގެ ހިތުލޭފައެވެ....] މިހެން ހިތަށް އެރުމާއެކު، ނަދުހާ ފަހަތަށް ޖެހެން ފެށިއެވެ. މިހާރު އޭނާގެ ދެލޯވެސް އެވަނީ ކަރުނުން ތެމިފޯވެފައެވެ.

[އަޅެ މުނާޒް....އަހަރެންގެ ކުރިމަތިންދޭ....އަހަރެންގެ ޖަޒްބާތާ ނުކުޅޭ. އަހަރެންވެސް މުނާޒްދެކެ ވަރަށް ލޯބިވޭ.]

[އެކަމަކުވެސް.......] ނަދުހާ އޭނާގެ ދެލޮލަށް ގިނަވެފައިވާ ކަރުނަތައް ފޮހެމުން ގެއިން ނުކުންނަން ހިނގައިގަތެވެ. ފަހަތުން މުނާޒްވެސް ހިނގައިގަތެވެ. ނަދުހާ ބޭރަށް ނުކުތްއިރު ޒުހުރާ ކާރުތެރޭ އިންތިޒާރުގައި އިނެވެ. އެއްފަރާތެއްގައި ދަލޭކަވެސް އިނެވެ. ކާރުތެރޭ އިންއިރުވެސް ދަލޭކަ ހީވަނީ ކަމަކާ ވަރަށް ހިތްހަމަނުޖެހިފައި އިންހެނެވެ. އެކަން ޒުހުރާ ފާހަގަކުރިވެސްމެއެވެ.

[ދަލޭކަ! ކަމަކާ ހިތްހަމަނުޖެހިފައި އިންހެން ހާދަ ހީވެޔޭ....އަނެއްކާ ކިހިނެއްވީތަ؟] ޒުހުރާ އެހިއެވެ. ނަދުހާ ކާރަށް އެރިއެވެ. ޑްރައިވަރު ކާރު ދުއްވާލިއެވެ. ނަދުހާއަށް ބަލައިލެވުނީ އެހެން މީހުންނަށް ނުފެންނާނެހެން ދޮރާށި ބުޑުގައި ހުރި މުނާޒަށެވެ. މުނާޒް ހުރީ ރޮވިފައެވެ.

[ނަދޫއެވެ. ނަދޫ ތިދަނީ އަހަރެންގެ ހުރިހާ އުފާތަކެއްވެސް ކަފުންކޮށްގެންނެވެ. އަހަންނަށް ތިހެން ނަހަދާށެވެ.] އެހިނދު ބުނާ އަޑު ނަދުހާގެ ކަންފަތުގައި ޖެހުނެވެ.

[ހިތްހަމަނުޖެހިފައި އިނީ އަހަރެން އެކަންޏެއް ނޫން. ޒުހުރާ ނިކަން ދެކެބަލަ ނަދުހާގެ މޫނު...ނަދުހާގެ މޫނުމަތިން ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ފިޔަވައި އިތުރު ކަމެއް އެބަފެނޭތަ؟] ދަލޭކަ ކަރުނުން ފުރިފައިވާ ނަދުހާގެ ލޮލަށް ސީދާ ބަލައިލަމުން ބުންޏެވެ.

[އެއީ.....ދޮގެއް މަންމާ...އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި....އަހަންނާ ދޭތެރޭ ބައްޕަވެސް މަންމަވެސް މާބޮޑަށް ވިސްނާނެ ކަމެއްނެތް....] ނަދުހާ ކަރުނަތައް އެތެރެއަށް ހިންދޭތޯ މަސައްކަތް ކުރަމުން ބުންޏެވެ. ނަމަވެސް، ޒުހުރާއަށް ދަރިފުޅުގެ އިޙްސާސްތައް ކިތަންމެ ރަނގަޅަކަށްވެސް ދޭހަވިއެވެ.

[ދަރިފުޅާ ހިތްހަމަނުޖެހެންޏާ، ކީއްވެތަ ކައިވެންޏާ ރުހުނީ....މިހާރުވެސް ދަރިފުޅު ބޭނުންގޮތެއް ބުނޭ. ބައްޕަ ތިކައިވެނި ހުއްޓުވާފާނަން.] ޝަކީބް ނަދުހާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުންޏެވެ.

[ނޫން....ބައްޕާ، މިހާ ވަގުތު ކުޑަތަންވެފައި އޮއްވައި ޚިޔާލު ބަދަލުވުމަކީ އެއްވެސް އިންޞާފެއް ނޫން...އޭރުން ނަވާލްގެ ޢާއިލާ ކިހާބޮޑު ފަޟީޙަތެއްވާނެ. އެފަދަ ބޮޑު ލަނޑެއް އެއްވެސް ބަޔަކަށްދޭކަށް ނުވާނެ.] ނަދުހާގެ ވާހަކައިން އެއީ މާތް އަޚްލާޤެއް ދަސްކޮށްދެވިގެން ބޮޑުކުރެވިފައިވާ ކުއްޖެއްކަން ދޭހަވިއެވެ. އެހެންކަމުން، އިތުރަކަށް ޝަކީބްމެންވެސް އެމަޥްޟޫޢަކަށް ވާހަކައެއް ނުދައްކައެވެ.

ކާރު އައިސް ނަވާލްގެ ގޭ ދޮރުމައްޗަށް ހުއްޓިއިރު، އެގޭ ދޮރުމަތީގައިވެސް ނަދުހާއަށް އަލްވަދާޢު ކިޔުމަށް މުނާޒް ހުއްޓެވެ. މިފަހަރުވެސް އޭނާގެ ލޮލުން ކަރުނަ އޮހިއޮހި ހުއްޓެވެ. އެމަންޒަރު ފެނުމުން، ނަދުހާ ކުޑަކޮށް މަޑުޖެހިލައި، މުނާޒާ ދިމާއަށް އަތް ދިއްކުރީ އަމިއްލަ އިޚްތިޔާރެއްގައެއް ނޫނެވެ. ހިތްދަތިކަމާއި ހިތާމައިގެ އަސަރުތައް ދައްކައިގެން މުނާޒް ވަނީ މިހާރު ނަދުހާގެ ޖަޒްބާތާ ކުޅެފައެވެ.

[އަޅެ....ނަދޫ....ތިގެއަށް ވަންނަނީތަ؟ ވަރިހަމަ އަހަރެންގެ ފަހުނޭވަޔަށް ދާންދެންވެސް ނަދޫއަށް އިންތިޒާރު ކުރާނަން....އަބަދުވެސް އަހަރެން ނަދުހާދެކެ ލޯބިވާނަން....] މުނާޒްގެ އަޑާއި ރާގަށްވަނީ ކުރިއަށްވުރެވެސް ހިތާމައިގެ އަސަރުވެރިވެފައެވެ. އެހެންކަމުން، ނަދުހާގެ ހިތަށް ކުރިއަށްވުރެވެސް އަސަރުކޮށްފިއެވެ.

[ނަދޫ....އާދޭ އެތެރެއަށް ވަންނަން.] މަންމަގެ އަޑަށް ނަދުހާ ސިއްސައިގެންދިޔައެވެ. އޭނާ ދަނީއޭ ބުނެފައި، ގޮތަކަށް ބޯހޫރާލަމުން އެތެރެއަށް ވަނެވެ.

ނަދުހާ ފުރަތަމަ ވެއްދުނީ ކައިވެނި ކުރަން ޚާއްޞަ ކުރެވިގެން ތައްޔާރު ކުރެވިފައިވާ ކޮޓަރިއަށެވެ. ކުޑަވަރެއްގެ އޮފީހެއްހެން ތައްޔާރުކޮށްފައިވާ ކޮޓަރިއަށް ނަދުހާ ވަންއިރު، ވަގުތަށް ބޭނުންވާ ހުރިހާ މީހުން (ނަދުހާ ނޫނީ) ތިއްބެވެ. ޤާޒީއާއި ހެކިވެރިންނެވެ. ކޯޓުގެ ކާތިބާއަކާއި ނަދުހާގެ ވަލީވެރިންނެވެ. ނަވާލާއި އޭނާގެ ކުޑަ ޢާއިލާއާއި އަފްޒަލެވެ. އަފްޒަލް ތައްޔާރުވެގެން ހުރީ އެތާރީޚީ ވަގުތު ފޮޓޯ ނެގުމަށްޓަކައެވެ. އެހެންކަމުން، ނަދުހާ އެތަނަށް ވަންތަނުންވެސް އޭނާ ދެތިންފަހަރަކު ފްލޭޝް ކޮށްލިއެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނަދުހާއާއި ނަވާލްގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެންޏަށްފަހު، މާގިނައިރުތަކެއްނުވެ ނަވާލް ނަދުހާގެ އަތުގައި ހިފައިގެންގޮސް ހުއްޓިލީ މެހްމާނުންނަށް ޚާއްޞަ ކުރެވިފައިވާ ހޯލުގެ ވަންނަ ދޮރު ކައިރިއަށެވެ. އޭރު އަދި މެހްމާނުންގެ ވަގުތު ނުޖެހޭތީ، ހޯލްތެރެ އޮތީ ހިސާބަކަށް ހިމޭންކޮށެވެ. އެވަގުތު އެތާނގައި ޙަރަކާތްތެރިވަމުންދަނީ، ދެފަރާތުގެ ޢާއިލާގެ މީހުންނާއި ރައްޓެހި ރަޙްމަތްތެރިންނެވެ. އަފްޒަލްވެސް އެކިފަރާތް ފަރާތުން ފޮޓޯ ނަގަމުންދެއެވެ.

[ނަދޫ.....މިރޭ އަހަރެން ހާދަ އުފާވެއްޖެއޭ....އަޅެ....ނަދޫ އާކައިވެނީގެ ރޭ އުފަލެއް ނުވޭތަ؟] ނަވާލް ނަދުހާގެ އަތުގައި ހިފަހައްޓާލަމުން ނަދުހާގެ ޖާދުވީ ލޮލުގެތެރެއަށް ފީނައިގަންނަމުން ބުންޏެވެ. ނަމަވެސް، އަނގައިން ބުނެލާހާ ހިތްވަރެއްވެސް ނަދުހާގެ ކިބައަކު ނެތެވެ. ނަދުހާ ދެތުން ފިއްތާލުމަށްފަހު ލޯމަރާލައިފިއެވެ. އެއާއެކު އޭނާގެ ލޮލުތެރެއަށް ގިނަވެފައިހުރި ކަރުނަތައް، އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން ކޯތާފަތްމައްޗަށް ފައިބަން ފަށައިފިއެވެ. އެމަންޒަރު ނަވާލަށް ފެނުނެވެ. އޭނާ ނިކަން ބޮޑަށް ހާސްވެއްޖެއެވެ.

[ނަދޫ....ކިހިނެއްވީ...؟] ނަވާލް ނަދުހާއާ ކުރިއަށްވުރެވެސް ގާތަށް ޖެހިލިއެވެ.

[އުފާވަނީ....ހިތްހަމަޖެހެނީ....] ނަދުހާ ގަދަކަމުން ހިނިތުންވުމުގެ އަސަރު، މޫނުމައްޗަށް ވެރިކުރުވިއެވެ. އޭރު މެހްމާނުންތައްވެސް އަންނަން ފަށައިފިއެވެ. އެހެންކަމުން، ނަވާލާއި ނަދުހާ މެހްމާނުންނަށް ސަމާލުވެލިއެވެ.

[އުފާވެރި ކައިވެންޏަކަށް އެދެން.] ޝިޒްނާ އައިސް ނަވާލްގެ ދެމަފިރިންނާ ސުވާލުކުރީ، ނަވާލް ޝިޒްނާއަށް އިންތިޒާރު ކުރަމުންދަނިކޮށެވެ.

[އަހަރެންގެ ފަރާތުން ޝިޒްނާއަށްވެސް މަރްޙަބާ....އަހަރެންގެ އެންމެގާތް ރަޙްމަތްތެރިޔާއަށް ކޮއްކޮއަކު ލިބުނީތީ، އަހަރެން މިހިރީ ނިކަން އުފާވެފައި...އެކަމަކު ދިމާވި އިއްތިފާޤުން ދެރަވެސްވި....] ނަވާލް ޝިޒްނާގެ އަތުން ދޫކޮށްނުލާހުރެ ޝިޒްނާއަށް ޝުކުރު އަދާކުރިއެވެ. އެއީ އަފްޒަލްވެސް ކޮންމެވެސް ކަމެއްގައި އެތެރެއަށް ވަދެލި ވަގުތެއްކަމުން ފޮޓޯ ނަގަން ހުރީ އެހެން މީހެކެވެ.

[އެއީވެސް ބޮޑު އޮޅުންގަނޑެއް...އަހަރެން ކޮންމެހެން މިކައިވެނި ޕާޓީއަށް މިއައީވެސް އަފޫއާ ބައްދަލުކުރަން...] ޝިޒްނާ ވަށައިގެން ހޯދަން ފެށިއެވެ. އެއަށްފަހު އެރޭ ޝިޒްނާ، އޭނާއަކީ އަފްޒަލްގެ ކޮއްކޮއެއް ނޫންކަމާއި، އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އަފްޒަލާ ކައިވެނި ކުރަން ކަމަށް ނަވާލް ގާތު ބުންޏެވެ.

[ފިސާރި ތެދެއް؟....އަފޫ މިގޭތެރޭ އެބައުޅޭ. ހީވަނީ ޝިޒޫ ފެނުނީމާ ދިޔައީހެން...ކީއްވެތަ އެކަނި އައީ. މަންމަވެސް ގޮވައިގެން އައިނަމަ.] ނަވާލް ބޭނުންވީ ޝިޒްނާގެ މަންމަގެ ދުލުން އިތުރު ޔަޤީންކަން ހޯދުމަށެވެ. އެކަމަކު މިހާރުވެސް އޭނާއަށް ޝިޒްނާގެ ވާހަކަ ޤަބޫލު ކުރެވުނެވެ. އަފްޒަލް ފެނޭތޯ ބަލަން ފެށިއެވެ. އެއުފާވެރި ޚަބަރު އަފްޒަލަށް ދިނުމަށްޓަކައެވެ.

[މަންމަވެސް ފުރަތަމަ މިޙަފްލާގައި ބައިވެރިވާގޮތަށް ހުރީ. އެކަމަކު ރޯގާ ޖެހިގެން އުޅޭތީ ނާދެވުނީ. އަޅެ އަފޫގާތު ބުނައްޗޭ، އަހަރެން ގުޅީމަ ފޯނު ނަގާ ބަލާށޭ....] ޝިޒްނާ ފެންކަޅިވިއެވެ. އެހެންކަމުން، އެއުފާވެރި މެޙެފިލުތެރޭގައި ހުންނަން ކެތްނުކުރެވުމާއެކު، އޭނާ ދެލޯ ފޮހެމުން އެތަނުން ނުކުމެއްޖެއެވެ. ޝިޒްނާ މަޑުކުރުމަށް އެދި ނަވާލް ބުނަމުން ދަނިކޮށެވެ.

އެރޭ އަފްޒަލަށް އެ އުފާވެރި ޚަބަރު ނަވާލް ދިނެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، އަފްޒަލް ބޭނުންވީ، ޝިޒްނާގެ ގެއަށްގޮސް ޝިޒްނާއާ ބައްދަލުކުރާށެވެ.

އާކައިވެނީގެ ރެއަށްޓަކައި ތައްޔާރުކޮށްފައިވާ ކޮޓަރިއަށް ނަވާލާއި ނަދުހާއަށް ވަދެވުނީ، މެންދަމުން ބާރަޖަހާ ބޮޑުވިފަހުންނެވެ. ރެއަށްޓަކައި ތައްޔާރުކޮށްފައިވާ ދާންމަތިވެސް ހީވަނީ މާބަގީޗާއެއްހެންނެވެ. ނިކަން ހިތްގައިމު ގޮތަކަށް، ތަފާތު ކުލަކުލައިގެ މާތަކުން މުޅި ކޮޓަރިތެރެވެސް ވަނީ ފަރުމާ ކުރެވިފައެވެ. ކޮޓަރިއާއި މާޙައުލު ކިތަންމެ ފުރިހަމަޔަސް، ނަދުހާގެ މޫނުމައްޗަކުން އުފާވެރިކަމުގެ ކުލައެއް ފެންނަން ނެތްކަހަލައެވެ. މުޅިމީހާ ހީވަނީ މޮޅިސާލު ލައިގެން އުޅޭހެންނެވެ. ނަވާލް ކޮޓަރި އެތެރޭން ތަންޑު އެޅުމަށްފަހު، ނަދުހާގެ އަތުގައި ހިފައިގެން އައިސް، ހިތްގައިމު މަލުގެ ދާނުގައި އިށީނެވެ. ނަދުހާ ހުރީ ބީރައްޓެހިވެފައެވެ.

[ނަދޫ....އެއޮއް ނައިޓީލާންވީނުން....] ނަވާލް ނަދުހާ އޭނާގެ ހަށިގަނޑާ ގާތަށް ދަމާލިއެވެ. ނަމަވެސް، ނަދުހާ އެއްވެސް ޙަރަކާތެއް ނުގެނެއެވެ. އިސްއުފުލައި އޭނާ ނަވާލަށް ބަލައިވެސްނުލައެވެ.

[އަޅެ އަހަންނަށް އުނދަގޫ ނުކޮށްފާނަންތަ؟ އަހަރެން މިހުރީ ވަރަށް ވަރުބަލިވެފައި. އަހަރެން ބޭނުމީ އަރާމުކޮށްލަން.] ނަދުހާ ނަވާލާ ދުރަށް ޖެހިލިއެވެ. ނަދުހާގެ އެޖުމްލައާއި ޙަރަކާތުން ނަވާލް މާޔޫސްވީކަހަލައެވެ. އަލަތު ކައިވެނީގެ ރެޔަކީ އޭނާ ވަރަށް ފޮނި އުއްމީދުތަކެއް ކޮށްފައިވާ ރެއެކެވެ. ކޮންމެހެންވެސް އެ ތާރީޚީ ރޭގެ އުފަލާއި ހިތްހަމަޖެހުން އޭނާ ބޭނުންވާނެއެވެ.

[ނަދޫ....މިފަދަ ރެއެއްގައި ތިހެން ހަދާކަށް ނުވާނެއެއްނު....އާކައިވެނީގެ ރެޔަކީ ހާދަ އުފާވެރި ރެޔެކޭ....] ނަވާލް ނަދުހާއާ ގާތަށް ޖެހިލިއެވެ.

[އަހަރެން އެއްވެސް އުފަލެއްނުވޭ. މިރެއަކީ އަހަރެންގެ ޙަޔާތަށް އައި އެންމެ ހިތާމަވެރިރޭ....އަހަރެންގެ ލޯބި ކަފުންކުރެވުނު ރޭ.....] ނަދުހާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ނަވާލަށް ސިހުން ލިބުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން