ރަައީސް ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ރަައީސް ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ ބޮޑެތި ކުށްވެރިންނަށް މާފު ދީ ދޫކޮށްލާފައިވަނިކޮށް އެމީހުންގެ މައްސަލަތައް އަލުން ބަލަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވުމާ ގުޅިގެން އެކަމަށް ރަައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ އެ މައްސަލާގައި ހިމެނޭ އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅުރަށްތައް ވިއްކި ފައިސާތައް އެންމެ ގިނައިން ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުނީގައި އިސްކޮށް އުޅުނު ފަރާތްތަކާއެކު އެކުލަވާލާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް އުވާލަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

މިހެން ނިންމާފައިވާއިރު އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ކުރިން ހުންނެވި ޢަބްދުﷲ ޒިޔަތާއެކު ހަދާފައިވާ ލުއިދިނުމުގެ އެއްބަސްވުން 2022 ވަނަ އަހަރުވަނީ އުވާލާފައެވެ.

ޕީޖީ އިން މިގޮތަށް ނިންމާފައިވަނީ އެ މީހުންގެ ފަރާތުން ތަހުގީގަށާއި އެ ފައިސާތައް ހޯދުމުގައި ވެސް އެއްބާރުލުން ލިބެމުން ނުދާކަން ފާހަގަކޮށެވެ.

ޕީޖީގެ އެ ނިންމެވުމާއި ގުޅިގެން ރައީސް މިރޭ ފޭސްބުކްގައި ވިދާޅުވީ، ‏އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިޔާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާތިލުކޮށް އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަހުގީގުކޮށް އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުޙަބާ ވިދާޅުވާކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ޒަމާނުއްސުރެން މި ގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މި ގައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދު ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު އަމަލުކުރެވިގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން