ވަޠަނީ ހިދުމަތުގެ 4 ވަނަ ބެޗުގެ ބައިވެރިން، ފޮޓޯ: އެމްއެންޑީއެފް
ވަޠަނީ ހިދުމަތުގެ 4 ވަނަ ބެޗުގެ ބައިވެރިން، ފޮޓޯ: އެމްއެންޑީއެފް
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން މިއަދު ފެށި ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި، ބައިވެރިވި ހުރިހާ ޒުވާނުންވެސް ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަސޭހަތްތެރިވެވަޑައިގެން، ހިތްވަރު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ހިތްވަރު ދެއްވީ، މި ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް އިފުތިތާޙު ކުރުމާ ގުޅިގެން އެކްސްގައި މިއަދު ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސް ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި 4 ވަނަ ބެޗުގައި ޖުމްލަ 352 ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން ޒުވާނުންނާއި 64 އަންހެން ޒުވާނުންނެވެ. މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތައް ތަމްސީލުވާ ގޮތަށް ގިނަ އަދަދެއްގެ ޒުވާނުން މިފަދަ ޤައުމީ މުހިންމު ތަމްރީނެއްގައި ބައިވެރިވި ފަހަރެކެވެ.

މި ތަމްރީނުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ އަދި ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު މިކުރާ މަސައްކަތަކީ، މާތް ﷲ ގެ ވާގިފުޅާއެކު، މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް ވެގެންދާނެ ކަމަށެވެ.

ދިވެހި ޒުވާނުންނަކީ އަޚްލާޤީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމީ ލޯބި ހިތުގައި ބިންވަޅުނެގިފައިވާ ބަޔަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގެ ކުރިމަގު ބާރުވެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް