ހުޅުމާލޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު
ހުޅުމާލޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، އެމަނިކުފާނުގެ ރަނިންމޭޓް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރާއި ހަތް ކައުންސިލަރުންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައި، ކެމްޕޭން ހަރަކާތްތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

މި ތާއީދު ރަސްމީކޮށް އިޢުލާނުކުރެއްވީ ރޭ ހުޅުމާލޭގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤު ވިދާޅުވީ، ފައިސަލް ނަސީމަކީ ޤާބިލު ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެހައި މަތިވެރި ސިފަތަކުން ޒީނަތްތެރިވެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ފުވައްމުލަކު ރައްޔިތުންނާ ނުހަނު ގާތް ގުޅުމެއް ބާއްވަވާ، އެ ރައްޔިތުންނަށް އިތުރަށް ތަޢާރަފުކޮށްދޭން ނުޖެހޭ ފަދަ ޚިދުމަތްތެރި ޝަޚްޞިއްޔަތެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފައިސަލް ނަސީމާއި އާދަމް އާޒިމް ވަނީ ފުވައްމުލަކު ކެމްޕޭން ޓީމާ ބައްދަލުކުރައްވައިފައެވެ. އަދި ކައުންސިލްގެ އެއް މެންބަރަކު ފިޔަވައި މުޅި ކައުންސިލްގެ އިއްތިފާޤީ ތާއީދު އެ ދެ ބޭފުޅުންނަށް ލިބިގެންދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރައްވައި، ކައުންސިލަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ޤައުމު ހަމަމަގަށް އެޅުވުމަށްޓަކައި ފުވައްމުލައް ސިޓީން އަބަދުވެސް ދައްކަމުންދާ އެއްބައިވަންތަކަމާއި ނަމޫނާ އިސްނެގުމަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ތަޢުރީފުކުރެއްވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ އެމްޑީޕީއަށެވެ. މޭޔަރު އިސްމާޢީލް ރަފީޤުގެ އިތުރުން، ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެންބަރު ފިޔަވައި ދެން ތިއްބެވި ހަތް ކައުންސިލަރުންނަކީވެސް އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް