ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުން
އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) އަކީ އިތުބާރުކުރެވޭ، ޒިންމާދާރު އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމައަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާއަކަށް ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ނިންމަވާފައިވަނީ މިއަދު ފާހަގަކުރަމުންދާ އދ.ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، އދ.ގެ މައްޗަށް އޮންނަ އިތުބާރު ބިނާވެފައިވަނީ ގައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށެވެ.

އަދި އެކަން ހާސިލުކުރެވޭނީ ބައިނަލްއަޤްވާމީ އުސޫލުތަކާއި މުއާހަދާތަކަށް ފުރިހަމައަށް އަމަލުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ބައިނަލްއަޤްވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ހަމަހަމަކަން ނެތުމަކީ އެ އިތުބާރު ގެއްލެން މެދުވެރިވާ މުހިންމު ސަބަބުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފ ކުރެއްވިއެވެ.

މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ޚާއްޞަކޮށް ފަލަސްޠީނު ފަދަ ޤައުމުތަކުގެ އިންސާނިއްޔަތަށް ލިބެމުންދާ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކަށް ރައީސް އަލިއަޅުއްވައިލެއްވިއެވެ.

މީގެއިތުރުން، ތަރައްޤީވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި ދަރަނި އިތުރުވުމަކީ އެ ގައުމުތަކުގެ ކުރިއެރުމަށް އޮތް ބޮޑު ހުރަހެއްކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މުސްތަޤްބަލު ކަނޑައެޅުމުގެ މިނިވަންކަމާއެކު، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކުރާ އުންމީދު ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން، ރައްޔިތުންގެ ކުރިއެރުމަށާއި އިޤްތިޞާދު ވަރުގަދަކުރުމަށް އިންވެސްޓްކުރުމުގެ ބޭނުންތެރިކަން އަލިއަޅުވައިލެއްވިއެވެ.

އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ އަޑުއަހާ، އަދި އެއްވެސް ގައުމެއްގެ މުސްތަޤްބަލު އެހެން ގައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަށް މަގުފަހިކޮށްދޭ ޖަމާއަތެއްގެ ގޮތުގައި ދެމިއޮތުން މުހިންމު ކަމަށް މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

ނިންމަވާލައްވަމުން، ސުލްހަޔާއި އަދުލުއިންސާފު ގާއިމުކުރުމަށާއި އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައާއެކު ރާއްޖެއިން ގާތުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް