ވަޠަނީ ހިދުމަތުގެ 3 ވަނަ ބުރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގެ ބައިވެެރިން، ފޮޓޯ: ޑިފެންސް މިނިސްޓްރީ
ވަޠަނީ ހިދުމަތުގެ 3 ވަނަ ބުރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގެ ބައިވެެރިން، ފޮޓޯ: ޑިފެންސް މިނިސްޓްރީ
ދިވެހި ޒުވާނުން ބާރުވެރިކުރުވައި، އެކި ދާއިރާތަކުން ފަންނީ ހުނަރުވެރި ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމް" ގެ ތިންވަނަ ކޯސް ރަސްމީކޮށް މިއަދު އިފުތިތާޙުކޮށްފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ހެނދުނު ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވަނީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ. މި ތަމްރީން ކޯސް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމާންޑަންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މި ފަހަރުގެ ބުރުގައި ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 84 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުންނެވެ. މި ދަރިވަރުން ވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް ރިޕޯޓްކޮށް، ކޯހުގެ މަރުޙަލާތަކަށް ތައްޔާރުވެފައެވެ.

ވަޒީފާގެ ބާޒާރަށް ބޭނުންތެރި މުހިންމު ދާއިރާތަކަށް ޚާއްޞަކޮށްގެން ހިންގާ މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި މެރިން އިންޖިނިއަރިންގ، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ (އޭސީ މަރާމާތުކުރުން)، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން މަސައްކަތް އަދި އޮފީސް މެނޭޖްމަންޓްގެ ދާއިރާ ހިމެނެއެވެ. މި ހުރިހާ ދާއިރާއަކީވެސް މިހާރު ރާއްޖޭގެ ސިނާޢީ އެކި ދާއިރާތަކުން ބޮޑު ޑިމާންޑެއް އޮތް ފަންނީ ދާއިރާތަކެކެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދާއިރާތަކުން ގިނަ ދުވަސްތަކެއް ވަންދެން ޢަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ސިފައިންގެ ޤާބިލު އަދި ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ބެއްލެވުމުގެ ދަށުންނެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް ލިބިގެންދާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ ނޭޝަނަލް ސެޓިފިކެޓް ލެވެލް 3 ގެ ސަނަދެކެވެ. މިއީ ޤައުމީ ޚިދުމަތުގެ ރޫޙު ޒުވާނުންގެ ކިބައިގައި އަށަގަންނުވައި، ދިވެހި އިޤްތިޞާދަށް ފައިދާހުރި ހުނަރުވެރި ޒުވާނުންތަކެއް ބިނާކުރުމަށް އެމްއެންޑީއެފުން ސިލްސިލާކޮށް ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް