ދިވެހި ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: އެމްއެންޑީއެފް
ދިވެހި ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: އެމްއެންޑީއެފް
ދިވެހި ވަޠަނީ ޚިދުމަތުގެ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމްގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމް އިފުތިތާޙު ކުރުމަށްޓަކައި ޅ. މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ޚާއްޞަ މެހުމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްލަ 14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 20 އަތޮޅެއްގެ 125 ރަށަކުން 352 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ. މި ބެޗުގައި ބައިވެރިވި ދަރިވަރުން ތަމްރީނުތަކަށް މާފިލާފުއްޓަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ޒިންމާދާރު، އިސްލާމީ ވަރުގަދަ ޢަޤީދާއެއްގެ ވެރި އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުންތަކެއް ބިނާކުރުމުގެ މަޤުޞަދުގައި ފައްޓަވާފައިވާ މުހިންމު ސިޔާސަތެކެވެ. ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ފާހަގަކުރެއްވި އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުމުގެ ސިޔާސަތުގެ މައިގަނޑު އެއް ތަނބަކީ މި ޕްރޮގްރާމެވެ. މި ތަމްރީނުތަކުގެ ސަބަބުން ދިވެހި ޒުވާނުން ބާރުވެރިވެ، މަސައްކަތުގެ މައިދާނަށް ބޭނުންވާ ރިވެތި އަޚުލާޤާއި ހުނަރުތައް ދަސްވެ، ޤައުމީ ތަރައްޤީގައި އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން އަށަގަންނުވައިދޭނެއެވެ.

މި ތަމްރީނުތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތަކަށް ވުމަށް ބޭނުންވާ ކަންކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް އަދި ބަހުގެ ހުނަރުތައް އުނގަންނައިދެވޭނެއެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ބޭނުންވާ ކަސްރަތާއި، އަޚްލާޤާއި ސުލޫކު ހަރުދަނާކުރުމަށް ހެވިކަމުގެ ތަމްރީނުތައް ވެސް ކުރިއަށްދާނެއެވެ. މީގެއިތުރުން ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް، ކޭމްޕް ޙަރަކާތްތައް އަދި އަސްކަރީ އަސާސީ ތަމްރީނުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯސް ކާމިޔާބުކަމާއެކު ނިންމާ ދަރިވަރުންނަށް 'ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް' ލިބޭނެއެވެ. އަދި ކަނޑައެޅިފައިވާ ހުރިހާ މިންގަނޑުތަކެއް ފުރިހަމަކުރާ ފަރާތްތަކަށް 'ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް' ގެ ސެޓްފިކެޓް އެރުވޭނެއެވެ. މީގެ އިތުރުން ވަކިވަކި މޮޑިއުލްތައް ފުރިހަމަކުރުމުން 'ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ' ސެޓްފިކެޓާއި، 'ބޭސިކް ފަސްޓް އެއިޑް' ސެޓިފިކެޓް އަދި "އެކުއެކީ" ޕްރޮގްރާމުން 'ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ' ސެޓްފިކެޓް ދަރިވަރުންނަށް ޙާޞިލުކުރެވޭނެއެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ދަރިވަރުންގެ އިޤްރާރުވުން ވެސް ކުރިއަށްދިޔައެވެ. އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ޙުޝާމް މޫސާއެވެ. އަދި ކެޑޭޓުންގެ އިޤްރާރު ލައިދެއްވީ އެ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.

މި ރަސްމިއްޔާތުގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަޙްމަދު ޝަރީފާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ ކާނަލް ޢަބްދުލް މުޢިއްޒު މުސްޠަފާގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި މުދައްރިބުން އަދި ދަރިވަރުން ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް