ސިންގަޕޫރުގެ މެޑިކަލް ސްކޫލަކާއި އެމެރިކާގެ ބޭސްއުފައްދާ ކުންފުންޏެއް ގުޅިގެން ކޮރޯނާވައިރަހާއި ދެކޮޅަށް އުފެއްދި ވެކްސިން އިންސާނުންނަށް ދީގެން އަޖުމަބެލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ސިންގަޕޫރުގެ މީޑިއާ ތަކުން ބުނެފި އެވެ.

މި ވެކްސިން ގެ އަޖުމަބެލުމުގެ ފުރަތަމަ ތަހުލީލުތަކުގައި އުމުރުން 21 އަހަރާއި 55 އަހަރާ ދެމެދުގެ ވޮލަންޓިއަރުން ބައިވެރިވާނެ ކަމަށް ސިންގަޕޫރުގައި ނެރޭ ދަ ސްޓްރެއިޓްސް ޓައިމްސް އިން ހާމަކޮށްފައި ވެއެވެ. މިހާރު ކުރާ ތަހުލީލު ތަކުގައި ތަފާތު އުމުރުފުރާގެ ބޭނުން ކުރުމުން އެކި އުމުރުފުރައަށް މިވެކްސިން ދިނުމުގައި ތަފާތު ކުރަން ޖެހޭކަން ނުވަތަ ނޫންކަންވެސް މިތަހުލީލު ތަކަށް ފަހު އެނގިގެންދާނެކަމަށް ބުނެފައި ވެއެވެ.

މިވެކްސިންގެ ތަހުލީލުތަކުގައި ބައިވެރިވުމަށް 250 އަށް ވުރެ ގިނަ ވޮލަންޓިއަރުން ކުރިމަތިލި ކަމުގައިވީނަމަވެސް 100 މީހުންނާއެކީ މިވެކްސިންގެ އަޖުމަބަލައި ތަހުލީލުތައް ކުރުމަށް ހުސްވި އޮގަސްޓްމަހު ވަނީ ފަށައިފައެވެ. އަދި މިތަހުލީލުތައް މިއަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ކުރިއަށްދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސިންގ ހެލްތު އިންވެސްޓިގޭޝަނަލް މެޑިސިން ޔުނިޓް ގެ ބެލުމުގެ ދަށުން ކުރިއަށްދާ ވެކްސިންގެ ތަހުލީލުތައް ސެޕްޓެމްބަރު މަހުގައި ފެށުމަށް ހަމަޖެހިފައިވާއިރު، ވެކްސިން ގެ ޕްރީ ކްލިނިކަލް ޓްރައިލްސް ތަކުގެ ނަތީޖާ އުއްމީދުކުރިވަރަށް ވުރެއްވެސް ރަނގަޅުވުމުން، އަވަހަށް ވެކްސިންގެ އަޖުމަބެލުމުގެ ތަހުލީލުތައް ކުރުމަށް ފަށާފައިވާކަމަށް ދަ ސްޓްރެއިޓްސް ޓައިމްސް އިން ހާމަކޮށްފައި ވެއެވެ.

ލޫނާ ކޮވް-19 ގެ ނަމުން ނަންދެވިފައިވާ މިވެކްސިން އަކީ އެހެން ވެކްސިންތަކާ ތަފާތު ވެކްސިނެކެވެ. މިވެކްސިން ޖެހުމުން ކޮވިޑް-19 ވައިރަސް އާ ވައްތަރުގެ ޕްރޮޓީންއެއް ހަށިގަނޑުގައި އުފައްދައި ހަށިގަނޑުގައި ވައިރަސް އާއި ހަނގުރާމަ ކުރުމުގެ ދިފާއީ ބާރު އިތުރުކޮށްދޭން ފަށާކަމަށްވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން