image ގައްދޫ ރަޝީދު   2 ސެޕްޓެމްބަރު 2020 - 7:47
ޖަލާލީ ޕާކިސްތާނަށް ކޯލެއް ބުކް ކޮށްފައިވެއެވެ. ފައުޒިއްޔާގެ ކޮއްކޮ ސޯފިޔާގެ ގެއަށް ކާވެނީގެ ކުރިގައިވެސް އޭނާ ފޯނުކުރެއެވެ.

ޖަޔާގެ ދެބޭބެއަށް ލަންޑަން އޮފީހުގައި ދެވަޒީފާ ޖަލާލީ ހަމަޖައްސާފައި ވެއެވެ. މިގޮތަށް ޖަލާލީ ނިންމީ ކީއްވެގެން ބާވައެވެ. އެކަން އެނގޭނީ ހަމަ އޭނާ އަށެވެ. އާނއެކެވެ. އޭނާއަކީ ތެދުވެރިއެކެވެ. މީހަކަށް ރަނގަޅުކަމެއް ލިބުނުކަމުގައި ވިޔަސް އޭނާއަކަށް ގެއްލުމެއް ނެތެވެ. މިއީ ހަމަ އޭނާގެ އާދައެވެ.

ނާޖިޔާ އޭނާ ދޫކޮށްލާފައި ދަނީއެވެ. ވީމާ ޅިޔަނުންނާވެސް ގުޅުން ކެނޑެނީއެވެ. އެކަމަކު ކާވެނީގެ ކުރީގައި އެމީހުންގެ ގޭގެ ޙާލަތާ ބެހޭގޮތުން ފައުޒިއްޔާ ދެއްކި ވާހަކަތައް މިހާރުވެސް އޭނާގެ ސިކުނޑީގައި ހަރުލާފައިވެއެވެ. އެފިރިހެން ކުދިންގެ އެއްވެސް ކުށެއް ނެތެވެ. ޖަލާލީގެ އަތުގައި އެހީވެދެވޭނެ ގޮތްތައް އެބަހުއްޓެވެ. އަދި އެކުދިން ނަސީބު ވަޒަން ކުރަނީއެވެ..... ކާވެނީގެ މިގުޅުން ކެނޑިގެންދިޔަ ކަމުގައި ވިޔަސް އިންސާނިއްޔަތުކަމުގެ ގުޅުން ބޭއްވިދާނެ ނޫން ހެއްޔެވެ.

ފޯނުން ގުޅުނީ ހަމަ ސޯފިޔާ އާއެވެ. އަދި މިކަމާބެހޭގޮތުން ވާހަކަ ދެއްކިއެވެ. މީގެ އިތުރުން މުހިންމު ވާހަކަ ތަކަކަށްފަހު އޭނާ ބުންޏެވެ.

[އެމީހުންގެ ޕާސްޕޯޓް މިހާރު ނިމިދާނެ ކަންނޭގެއެވެ. އޭގެ ނަމްބަރު ލަންޑަނު އޮފީހަށް ފޮނުވާ ދެއްވާށެވެ. މިކަމާ ބެހޭގޮތުން އަޅުގަނޑު އޮންނާނީ މިސްޓަރ ފޭލަރއާ ވާހަކަ ދައްކާ ނިންމާފައެވެ.]

ސޯފިޔާ ޖަލާލީގެ އެދުމުގެ މަތިން ހުރިހާ ވާހަކައެއް ނޯޓް ކުރިއެވެ. އަދި ލަންޑަނު އޮފީހުގެ ފޯނު ނަމްބަރުތައްވެސް ނޯޓްކުރިއެވެ.

ވިޔަފާރިއާ ބެހޭގޮތުން ވާހަކަ ދެއްކުމަށްފަހު ސޯފިޔާ ޖަޔާއާ ބެހޭގޮތުން ސުވާލުކުރިއެވެ. އެއާއެކު ޖަލާލީގެ ހަށިގަނޑަށް ލޮޅުމެއް އެރިއެވެ. ކުރު ޖަވާބެއް ދިނުމަށްފަހު އަނެއްކާވެސް ދެޅިޔަނުންނާބެހޭ މުހިންމު ވާހަކަތައް ދައްކަން ފަށައިފިއެވެ.

ފޯނު އަތްގަނޑު ބޭއްވުމަށްފަހު ޖަލާލީ ހޫނު ނޭވާއެއް ދޫކޮށްލިއެވެ.

އޭނާ ނާޖިޔާގެ ދެބޭބެއަށް ވަޒީފާ ދިނުމުން އެކުރެވުނީ ބުއްދިވެރިކަމެއް ހެއްޔެވެ؟..... ނާޖިޔާއަށް މިކަން އެނގިއްޖެއްޔާ އަނެއްކާ އިތުރު ހަނގުރާމައެއް ނުފެށޭނެ ބާވައެވެ.

މިކަމުގައި އޭނާ ނާޖިޔާއާ މަޝްވަރާކުރަން ޖެހޭނެ ހެއްޔެވެ؟

އެކަމަކު އެމީހުންނަށް ވަޒީފާ ދިނުމަށް އެދި ޖަލާލީ ގާތުގައި އޭނާއަށް ބުނަން ކެރިދާނެ ހެއްޔެވެ.

ޖަލާލީ ސިގިރެޓް ދަމާލާފައި ދޫކޮށްލި ދުންތަކުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އިނދެ ވިސްނަމުން ދިޔައެވެ. އޮފީހުގައި އޭނާ އިންނަތާ ދެގަޑިއިރު ވެއްޖެއެވެ. ކޮންމެވެސް ވަރަކަށް މަސައްކަތްވެސް ކުރިއެވެ.

މިސްޓަރ ޖަލާލީ އޮފީހުގެ ދޮރުލައްޕާފައި ނިދާ ކޮޓަރިއަށް އަތުވެއްޖެއެވެ. އެތަނުން ރީތިވާ ކޮޓަރިއަށް ދިޔައެވެ. ހެދުން ބަދަލުކުރިއެވެ. ބޮލުގައި ރީތިކޮށް ބުރުސް އަޅާލުމަށްފަހު ބޭރަށް އަތުވެއްޖެއެވެ.

ލިވިނގްރޫމުން ލާފައި ބަދިގެއާ ދިމާއަށް ދަނިކޮށް މިސިޒް ހެރަލްޑް ހޫނު ކިރުތައްޓެއް ހިފައިގެން އަންނަތަން ފެނުނެވެ.

[ނާޖިޔާ ހުން އަތުވެއްޖެއެވެ.] އޭނާ އަވަހަށް ބުންޏެވެ.

[ކޮންއިރަކު ހެއްޔެވެ؟] ޖަލާލީވެސް ސިހިފައި ސުވާލުކުރިއެވެ.

[ހެނދުނު ބޭރުގައި އިންދައެވެ.]

[އަހަރެންވެސް އޭނާ ބޭރުގައި އިންދާ ދުށީމެވެ.]

[އަޅުގަނޑާ އޭނާ ވާހަކަ ދެއްކިއެވެ. ހީވަނީ އަޅުގަނޑުގެ ޗުއްޓީގެ ވާހަކަ އަޑުއަހާފައި މާބޮޑަށް ހާސްވީ ހެންނެވެ.]

[އޭނާ ކޮޓަރިއާ ދިމާއަށް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ.]

[ލައްބައެވެ! އެތަނުން ތެދުވެގެން ދުއްވައިގަތީ ބޯ އަނބުރާ ކަހަލަ ގޮތެއްވެޔޭ ކިޔާފައެވެ. އޭރަކު ހުމެއްވެސް ނެތެވެ. އެކަމަކު މިހާރު އޮތީ ހުމާ ފިހިފިހިއެވެ. އަވަހަށް ޑަކްޓްރަކަށް ފޯނު ކޮށްދެއްވާށެވެ. ކޮންމެވެސް ބޭހެއް ދޭން ޖެހޭނެއެވެ.]

[ހުން ހުރީ ކިހާވަރަކަށް ހެއްޔެވެ؟]

[އާދައިގެ ހުމެކެވެ. މިހާރު ހުރިވަރެއް ބަލާލާނަމެވެ. ހިންގަވާށެވެ.]

ކިރުތަށި ހިފައިގެން އޭނާ އެތެރެއަށް ވަދެއްޖެއެވެ. ޖަލާލީ ބޭރުގައި މަޑުކޮށްލިއެވެ.

[ނާޖިޔާއެވެ! މިހިރީ ކިރުތައްޓެވެ.] ހެރަލްޑް ބުންޏެވެ.

[ބޯހިތެއް ނުވެއެވެ.]

[އަސްތާ! ތިޔަހެން ހައްދަވާކަށް ނުވާނެއެވެ...... ފުރަތަމަ ހުންހުރިވަރެއް ބަލާލާނަމެވެ.]

[އަހަރެން ހިމޭނުން އޮތަދޭށެވެ.]

[ނޫނެކެވެ...... ޑޮކްޓަރަށް ފޯނުކުރަން ޖަލާލީއަށް ނަންގަނެފީމެވެ.]

[ބޭނުމަކީ ކޮބައިހެއްޔެވެ. އަހަރެން އެހާ ބައްޔެއްނޫނެވެ. އަހަރެން އެކަނި ދޫކޮށްލާށެވެ. އަހަ...އަހަރެން....] އޭނާގެ އަޑު ބެދިއްޖެއެވެ.

ޖަލާލީގެ ހިތް ބުރިބުރި ވެއްޖެއެވެ. އެކަމަކު ޖަޔާ ގާތުގައި އެއްވެސް ކަހަލަ ހަމްދަރުދީއެއް ފާޅުކުރާކަށް އޭނާ ނޭދެއެވެ.

[ހުން ހުރިވަރެއް ބަލާލަ ބަލާށެވެ.] ޖަލާލީ ދޮރުން އެތެރެއަށް ވަންނަމުން ބުންޏެވެ.

ޖަޔާ އޭނާއާ ދިމާއަށް ބަލާލިއެވެ. ދެން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

[ބަލާނެ ކަމެއްނެތެވެ. އަހަރެން މުޅިން ރަނގަޅެވެ.]

[ނާޖިޔާ ތިޔަ އޮންނެވީ ހުމާއެވެ.] މިސިޒް ހެރަލްޑް ހުންބަލާ ކަށިގަނޑު ނަގާފައި ބުންޏެވެ.

[ހުންނެތީ ކަމުގައި ވެދާނެއެވެ. މިސިޒް ހެރަލްޑެވެ! ތިވަރަށް އޭނާއަށް އުނދަގޫނުކުރާށެވެ.] ޖަލާލީ ބުންޏެވެ.

[ހުން އެބަހުއްޓެވެ. ޖަލާލީއެވެ! އަޅުގަނޑަށް ހީވަނީ މިހާރު ސަތޭކައަށްވުރެވެސް މައްޗަށް އަރައިފި ހެންނެވެ.] އޭނާ ނާޖިޔާއާ ދިމާއަށް ގުދުވެލާފައި ނިތްކުރީގައި އަތްޖައްސާލިއެވެ.

[އަހަރެން ޑަކްޓަރ ހެންރީއަށް ފޯނު ކޮށްލާނަމެވެ.] ޖަލާލީ މިހެން ބުނެފައި ކޮޓަރިން ނުކުމެއްޖެއެވެ.

ޖަޔާގެ ވީރާނާ ލޮލުން ކަރުނަ ފާއްދާލީ ކީއްވެގެންކަމެއް ނޭގުނެވެ. އޭނާ ބާލީހުގައި މޫނު ފޮރުވައިގެން ގިސްލާ ރޯން ފަށައިފިއެވެ.

ޖަލާލީ މެންދުރު ކެއުމަށް ތައްޔާރުވެ ކާން ފަށައިފިއެވެ. އޭނާ ހިމޭން ކަމާއެކު ކަމުން ގެންދިޔައެވެ. މިސިޒް ހެރަލްޑް ވާހަކަ ފެށިއެވެ. [އަޅުގަނޑުގެ ޗުއްޓީގެ ކަންތަކުގައި ނާޖިޔާ ވަރަށް ހާސްވެ ލައްވައިފިއެވެ.]

[ތިޔަހެން ވެދާނެއެވެ!]

[އަޅުގަނޑު ވަރަށް ދެރަވަމެވެ. ޗުއްޓީގެ ދުވަސްކޮޅު ދޫކޮށްލުމަކީ ވަރަށް ދެރަކަމެކެވެ. އަޅުގަނޑުވެސް އަރާމުކޮށް ތާޒާ ވައި ލިބެން ބޭނުންވާނެ ނޫންތޯއެވެ؟]

[އާނއެކެވެ....!]

[އޭނާއަށް ވަރަށް ވިސްނައި ދީފީމެވެ. އަނެއްކޮޅުން ބަލާއިރު އޭނާ މިތާނގައި އިންނާނީވެސް މަދު ދުވަސް ކޮޅަކުއެވެ.]

[އަހަރެން ތިޔަ ޚިޔާލު އެބަކުރަމެވެ. ރަށަށް ދިއުމުގެ އިންތިޒާމު ގާތްގަނޑަކަށް މިހާރު އޮތީ ނިމިފައެވެ.]

[އަދިވެސް އޭނާގެ ޚިޔާލު ބަދަލު ކޮށްލާނެނަމަ ކޮންފަދަތޯއެވެ.]

[މިސިޒް ހެރަލްޑެވެ.....!]

[ލައްބައެވެ!]

[އާދޭސްކޮށްފައި ބުނަމެވެ. ތިޔަކަހަލަ އުފާވެރި ހީތަކުގައި އަހަރެން ޖައްސަން ނޫޅޭށެވެ. އެކަމުން އަހަންނަށް ލިބޭނީ އިތުރު ހާސްކަމެވެ. ޖަޔާ އެނިންމިގޮތަށް އޭނާ ކަންތައް ކުރާނެއެވެ. އޭނާ އެއްގޮތަކަށްވެސް އަހަންނާ ހަތަރުކަޅި ބައްދަލުކުރާކަށް ނޭދެއެވެ. ދެންމެ ހިނގި ކަންތައްވެސް ދުށީމެއްނޫން ހެއްޔެވެ. އަހަރެން ކޮޓަރިއަށް ވަނުމާއެކު އޭނާ ފުރަގަހަށް އެނބުރުނީއެވެ.]

[ތިޔައީ ތެދެކެވެ. މާފުކުރައްވާށެވެ!]

[އޭނާ އަހަރެން ދެކެ ރުޅިއާދެއެވެ. ނަފްރަތު ކުރެއެވެ. އަދި އަހަރެންވެސް އޭނާ ދޫކޮށްލުމަށް ނިންމައިފީމެވެ. އެމައްސަލައާބެހޭ ހުރިހާކަމެއް ނިމިއްޖެއެވެ. އެކަމަކުވެސް ހެރަލްޑް ވާހަކަ ތިޔަ ދައްކަނީ އޭނާ ރަނގަޅު ނުވެގެންނެވެ.]

މިސިޒް ހެރަލްޑް ލަދުވެތި ކަމާއެކު އިސްޖަހާލާފައި ބުންޏެވެ. [މިސްޓަރ ޖަލާލީއެވެ. ސޮރީ! އެވެ. މާތްރަސްކަލާނގެ ތިޔަ ދެކުދިންނަށް ރަޙްމަތް ލައްވާށިއެވެ.]

މެންދުރު ކެއުމަށްފަހު ޖަލާލީ ސިގިރޭޓް ރޯކުރިއެވެ. އަދި ގޮނޑިން ތެދުވަމުން ބުންޏެވެ. [މިހާރު ބޭސް ފިހާރައިން މީހަކު އަންނާނެއެވެ. އޭނާ ގާތު ހުރިހާ ވާހަކައެއް ރަނގަޅަށް ކިޔައިދޭށެވެ. އަދި ގަޑިން ގަޑިއަށް ބޭސްދެމުން ގެންދާށެވެ..... އަހަންނަށް މިރޭ އާދެވޭނީ ވަރަށް ލަހުންނެވެ.]

[ލައްބައެވެ!]

[ނާޖިޔާއަށް ކޮންމެވެސް އެއްޗެއް ކާންދޭށެވެ.] ޖަލާލީ ބަދިގޭން ނުކުންނަމުން ބުންޏެވެ.

[އޭނާ ކިރުތައްޓެއް ބޮއިފިއެވެ..... މިހާރު ނުކާނެއެވެ.]

[އެންމެ ރަނގަޅެވެ.]

ޖަލާލީ ލިވިންގރޫމަށް އަތުވެއްޖެއެވެ. ނިދާ ކޮޓަރީގެ ބޭރުގައި މަޑުކޮށްލިއެވެ. އެތެރެއަށް ވަދެ ޖަޔާގެ ޙާލު ބަލާލުމަށް ހިތައް އެރިއެވެ. އެކަމަކު ހަލުއިކަމާއެކު ކުރިއަށް ހިނގައިގަތެވެ.

ކުޑައިރު ކޮޅަކަށްފަހު އޭނާގެ ކާރު އިސްޓާޓު ކުރިއަޑު އިވިއްޖެއެވެ.

ޖަޔާގެ ކަންފަތުގައި އެއަޑު ޖެހުނެވެ. ކާރު ހިނގައްޖެއެވެ. އެއާއެކު ނާޖިޔާ ބާލީހުގައި ލެނގިލިއެވެ. ހުން އާދައިގެ ވަރެކެވެ. އެކަމަކު އޭނާ ހީވަނީ ޒަމާނުއްސުރެ ބަލިވެއުޅޭ މީހެއް ހެންނެވެ. ޖަލާލީގެ ފިނި އަދި ހަރުކަށި މިޒާޖުގެ ސަބަބުން ޖަޔާގެ ހިތްވަރު ފުނޑުފުނޑު ކޮށްލާފައިވެއެވެ. އޭނާ ބޭރަށް އެދިޔައީ އޭނާގެ ޙާލު ބަލާވެސް ނުލައެވެ.

ޖަޔާއަށް މިހާރު ހީވަނީ މިމަގު އިނތިހާއަށް އަޑިގުޑަންވެފައިވާ ކަމުގައެވެ. ހުރަސްތަކާ އަނދިރިކަމުގެ ތެރެއަށް ގެނބިފައިވާ ކަމުގައެވެ. މިމަގުގައި ހިނގާހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އެމަގަށް އޭނާ ގެއްލިދާނެއެވެ. ބޮޑިއެއް ލިބިދާނެވެ. އަނިޔާތަކެއް ލިބިދާނެއެވެ.

އެހެންވީއިރު އޭނާ އިންތިޚާބު ކުރާނީ ކޮންމަގެއް ހެއްޔެވެ؟

ޖަޔާ ދުވާލު ހަތަރުދަމު އެނދުގައި އޮތީއެވެ. ބައެއް ފަހަރު ނިދައެވެ. ބައެއް ފަހަރު ހޭލާ އިނދެއެވެ. މިސިޒް ހެރަލްޑް ގަވައިދުން ބޭސްދެމުން ގެންދިޔައެވެ. ކާންދެއެވެ. ލޯތްބާ ހަމްދަރުދީ ފާޅުކުރެއެވެ. މިކަމުން ޖަޔާ އިންތިހާއަށް ޙައިރާންވެއެވެ. އޭނާގެ ހިތަށް އަރައެވެ. އަންހެނުންގެ މޭގައިވާ ލޯބިވެތި ކުލުނަކީ އަދި ޖަޒްބާތަކީ ހަމަ އެކައްޗެކެވެ. އަންހެނަކު މަޝްރިޤުގައި ވިޔަސް މަޣްރިބުގައި ވިޔަސް މައިވަންތަކަމުގެ ކުލުނު އޮންނަނީ ހަމަ އެއްގޮތަކަށެވެ.

ޖަލާލީ އެރޭގެ ދިހައަކާ އެގާރައާ ދެމެދުގެ ވަގުތެއްގައި ގެއަށް އަތުވެއްޖެއެވެ. ޖަޔާ އޮތީ ހޭލައެވެ. ކޮޓަރީގެ ބޮކިވެސްހުރީ ދިއްލާފައެވެ. ދޮރުވެސްހުރީ ހުޅުވާއަޅާފައެވެ. ޖަލާލީގެ ފިޔަވަޅުގެ އަޑު އޭނާ އެހިއެވެ. ކޮރިޑޯއިން ފެށިގެން ލިވިންގރޫމާ ދިމާއަށްދިޔަ އަޑެވެ. އޭނާ އެދިޔައީ ބަދިގެއަށް ކަންނޭގެއެވެ. އޭނާ މިކޮޓަރިއަށް އައިސް ހުމާ ބެހޭގޮތުން ސުވާލު ކޮށްލާނެ ނަމައޭ ޖަޔާގެ ހިތަށް އެރިއެވެ. ނިކްތުރީގައި އަތްޖައްސާލާނެ ނަމައެވެ. އަދި..... އަދި.......

ނާޖިޔާ ހަމަ އެގޮތަށް އޮތީއެވެ.

ޖަލާލީ އައިގޮތަށް ދިޔައީއެވެ.

ދެވަނަ ދުވަސްވެސް މިކަހަލަ ގޮތަކަށް ވޭތުވެގެން ހިނގައްޖެއެވެ. ޖަލާލީ ނާޖިޔާއާ ބެހޭގޮތުން ހެރަލްޑާ ސުވާލުކުރިއެވެ.

[އޭނާގެ ހުން ވިހެލައިފި ހެއްޔެވެ؟]

[އެއީ ހަމަ އާދައިގެ ހުމެކެވެ. ރޭގެ ވަގުތެއްގައި ވިހެލައިފިއެވެ.] މިސިޒް ހެރަލްޑް ބުންޏެވެ.

[ދެން ރަނގަޅުތާ ދޯއެވެ.] އޭނާ ދުރުހެލި ރާގެއްގައި ބުންޏެވެ.

[އެކަމަކު މިއަދު ހަތަރުދަމު އަރާމުކުރުމަށް އޭނާ ގާތުގައި އަޅުގަނޑު ބުނީމެވެ.]

[ރަނގަޅެވެ......]

[އޭނާ ވަރަށް ވަރުދެރައެވެ. ރަނގަޅު ކާނާ ދިނުން ބޭނުމެވެ.]

ޖަލާލީ ހިނިތުން ވެލާފައި ބުންޏެވެ. [މިގޭގައި ހުރިހާ އެއްޗެއްވެސް ހުންނާނެއެވެ. ހެރަލްޑަށް ފެންނަ އެއްޗެއް އޭނާއަށް ދޭށެވެ.

[މިއަދު އަޅުގަނޑު ދީފާނަމެވެ. އެކަމަކު މާދަމާ.....]

[ކީއްވެގެން ހެއްޔެވެ؟]

[މާދަމާ އަޅުގަނޑު ދަނީއެވެ.]

[ޗުއްޓީ ފެށުނީ ހެއްޔެވެ؟]

[ލައްބައެވެ.] ހެރަލްޑް ބުންޏެވެ.

ޖަލާލީއަށް އެކައްޗެކޭވެސް ނުބުނެވުނެވެ..... މިސިޒް ހެރަލްޑް ދިއުމަށްފަހު ޖަޔާގެ ކަންތައް ބެލެހެއްޓުމަކީ ދަތި މައްސަލައެކެވެ.

ހެނދުނުގެ ނާސްތާއަށްފަހު ހެރަލްޑް ދަނީއެވެ. ޖަޔާ މިހާރު މުޅިން ރަނގަޅު ވެއްޖެއެވެ. ހުން ވިހެލައިފިއެވެ. އޭނާ އިންނަނީ މޮޅިވެރިވެފައެވެ. އެކަމަކު ވަރުދެރަކަމެއް އިޙްސާސެއް ނުކުރެއެވެ. އޭނާ މިސިޒް ހެރަލްޑާއެކު ލިވިނގްރޫމުގައި އިނެވެ.

[މިސިޒް ހެރަލްޑެވެ. ހެރަލްޑް މިވަގުތު ނުދާނެނަމަ ވަރަށް ރަނގަޅެވެ.]

[އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ.] އޭނާ ހިނިތުންވެލިއެވެ. ދެން އޭނާ ލޯތްބާއެކު ޖަޔާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. [ނާޖިޔާއެވެ. އަޅުގަނޑު ނަންގަންނަން އުޅޭ ވާހަކަ އަޑު އައްސަވާފައި އެތައް ފަހަރަކު ޖަލާލީ ރުޅި ދުރުވެއްޖެއެވެ. އެކަމަކު ނަންގަންނާނަމެވެ.

ޖަޔާ ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. [ކޮން ވާހަކައެއް ހެއްޔެެވެ؟]

[ދަރިފުޅާއެވެ.] މިސިޒް ހެރަލްޑްގެ އަޑުގައި މައިވަންތަކަމުގެ ލޯބި އެކުލެވިފައިވެއެވެ. ޖަޔާގެ ހިތް ފުރިގެން އަތުވެއްޖެއެވެ.

[ވިސްނުމުގެ ބޭނުން ކުރައްވާށެވެ.] މިސިޒް ހެރަލްޑް ވައިއަޑުން ބުންޏެވެ. [ނާޖިޔާ ވަރަށް އަވަހަށް ރުޅީގެ ބޭނުން ކުރައްވައިފީމުއެވެ. ތެދެކެވެ. ނާޖިޔާއަކީ ވަރަށް ރީތި ކުއްޖެކެވެ. ޒުވާން ކުއްޖެކެވެ. ނާޖިޔާއަށް ކިތަންމެ ފިރިހެނުންނެއް ލިބިދާނެއެވެ.]

ނާޖިޔާ ނޭވާ ހިފަހައްޓާ ލައިގެން ލޯމަރާލިއެވެ. ޖަޔާއަށް އެއްވެސް ފިރިހެނަކު ނުލިބުނުކަން ހެރަލްޑަށް އެނގޭނީ ކިހިނެއް ހެއްޔެވެ. ލޭގެ ގުޅުންވެސް ކެނޑިގެން ހިނގައްޖެއެވެ.

[އެކަމަކު ނަންގަންނަން ތޯއެވެ. ޖަލާލީފަދަ މާތް އިންސާނަކު ނަގާލުމުން ފަހުން ހިތާމަކުރަން ޖެހޭނެއެވެ. އަޅުގަނޑު މިއުޅެނީ ފަހަރެއްގައިވެސް އޭނާގެ މުދަލުގެ އަވައިގައި ނާޖިޔާ ޖައްސާކަށް ނޫނެވެ. ޝައްކެއްނެތެވެ. މިއީވެސް ދޫކޮށްލެވޭނެ ކަމެއްނޫނެވެ. ފައިސާއަކީ ކިތަންމެ ކަމެއް ޙައްލުކުރެވޭނެ އެއްޗެކެވެ. ދިރިއުޅުން ފަސޭހަކޮށްދޭ އެއްޗެކެވެ. އަރާމު ލިއްބައިދޭ އެއްޗެކެވެ. އެކަމަކުވެސް ފައިސާވެރިކަން އެއްފަރާތުގައި ބާއްވާފައި އަޅުގަނޑު މިނަންގަންނަނީ ޖަލާލީ ފަދަ ދެވަނަ އިންސާނަކު ނާޖިޔާއަށް ނުލިބޭނެ ކަމުގައެވެ. އޭނާއަކީ އިންތިހާ ދަރަޖައިގެ ސިފަ ހުތުރު އިންސާނެކެވެ. އެކަމަކު އެތެރެ ހަށީގައިވާ ހިތަކީ ކޮންފަދަ މާތް ހިތެއް ހެއްޔެވެ. ޖަޔާ އެ ހިތަށް ޤަދަރު ކުރައްވާނެނަމަ ކޮންފަދަތޯއެވެ.]

ނާޖިޔާ ސޯފާގެ ލެނގޭބައިގައި ބޯޖައްސާލިއެވެ.

[ނާޖިޔާއަކީ އަމިއްލަ މިނިވަންކަން ލިބިގެންވާ އަމިއްލަވެރިއެކެވެ. އަޅުގަނޑު މިދެނީ ހަމައެކަނި ނަސޭހަތެކެވެ. މިއަށް ޢަމަލުކުރުމާ ނުކުރުންއޮތީ ޖަޔާގެ އަތް މަތީގައެވެ. ކޮންމެއަކަސް މިހާރު އަޅުގަނޑު މިދަނީއެވެ. ތިންހަތަރު ދުވަހަކުން ނާޖިޔާވެސް ރަށަށް ދުރުވާނެއެވެ. މިމަދު ދުވަސްކޮޅުގެ ތެރޭގައި ތިޔަ ޚިޔާލު ބަދަލު ކޮށްލައްވާނެނަމަ ވަރަށް ރަނގަޅެވެ.]

ނާޖިޔާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބައިގެންގޮސް ކަންފަތު ފޫޅު ތެންމަން ފަށައިފިއެވެ.

އޭނާ ރޮމުން ގެންދާ މަންޒަރު ދެކެފައި މިސިޒް ހެރަލްޑް ލޯތްބާއެކު އަތުގެ ޙިމާޔަތަށް އޭނާ ގެނެސްފައި ބުންޏެވެ. [އަޅުގަނޑުގެ ވާހަކަ ނާޖިޔާއަށް އުނދަގޫ ކުރަނީކަން ނޭނގެއެވެ. ދެން އެންމެ ރަނގަޅެވެ. އަޅުގަނޑު އަބަދުވެސް ނާޖިޔާގެ މަތިން ހަނދާން ކުރާނަމެވެ. ތިޔައީ ވަރަށް ރަނގަޅު ކުއްޖެކެވެ.]

މިސިޒް ހެރަލްޑް ނާޖިޔާގެ ކަރުނަ ފޮހިދިނެވެ. ދެން ތެދުވަމުން ބުންޏެވެ. [ދޮރާ ހަމައަށް އަޅުގަނޑާ އެކުގައި ނުދުރުވާ ނަންތޯއެވެ؟]

ޖަޔާގެ ކަރުގައި މަޅިގަނޑެއް ބައްދާފައިވާ ކަހަލައެވެ. އޭނާ ބާރަށް ރޯން ބޭނުންވެއެވެ. އެހެން ނަމަވެސް ހިތްވަރު ކޮށްލާފައި ތެދުވެއްޖެއެވެ.

މިސިޒް ހެރަލްޑް އޭނާގެ ކޮލުގައި ކިސްކޮށްލިއެވެ. ޖަވާބުގައި ނާޖިޔާވެސް ލޯބިކޮށްލިއެވެ. ދެމީހުން ދޮރާ ދިމާއަށް ހިނގައިގަތެވެ. އަދި ދެފިޔަވަޅުވެސް ނޭޅިއުޅެނިކޮށް ޖަލާލީ އެތެރެއަށް އަތުވެއްޖެއެވެ. އޭނާ ހުރީ ވަރަށް ރީތިކޮށް ނަލަހެދިލައި ގެންނެވެ.

ޖަލާލީ ނާޖިޔާއާ ދިމާއަށް ބަލާލިއެވެ. ޖަޔާ އިސްޖަހާލިއެވެ. ޖަލާލީ މިސިޒް ހެރަލްޑާ މުޚާޠަބު ކުރިއެވެ.] މިހާރު ތިޔަ ދަނީ ހެއްޔެވެ؟]

[ލައްބައެވެ.]

[ހަމަ މިހާރު ހެއްޔެވެ؟]

[ލައްބައެވެ. އަޅުގަނޑު މިއައީ ޖަޔާއަށް ގުޑްބައި ކިޔަން ވެގެންނެވެ. ބޯޓް ފުރަން މިހާރު ބައިގަނޑި އިރަށް ވެއްޖެއެވެ.]

[އަނެއްކާ ނާޖިޔާ މިގޭގައި ހުންނަން އެއްބަސްވޭ ހެއްޔެވެ؟] ޖަލާލީ ބުންޏެވެ.

[އަޅުގަނޑު ސުވާލެއް ނުކުރަމެވެ.]

ޖަލާލީ އަނެއް ފަރާތަށް އެނބުރިލާފައި ވަރަށް ހިތިއަޑަކުން ބުންޏެވެ. [މިސިޒް ހެރަލްޑެވެ. ނާޖިޔާ މިގޭގައި ހުންނަން ނުރުހޭކަމުގައި ވަންޏާ ފުރަން ވަންދެން ކޮންމެވެސް ހޮޓަލެއްގައި ހުރެވޭނެގޮތް ހަމަޖެއްސި ދާނެއެވެ.]

ޖަޔާގެ ހިތަށް ތަދުވެއްޖެއެވެ. އޭނާ ޖަލާލީ ދެކެ ރުޅިވެސް އަތުވެއްޖެއެވެ.

[އެބުނުއްވާ ގޮތް ކިހިނެއްތޯއެވެ.] މިސޒް ހެރަލްޑް ނާޖިޔާއާ ސުވާލުކުރިއެވެ.

[ތިޔައީ އަހަރެންގެ މައްސަލައެކެވެ. ތިޔަ ކަންތަކާމެދު ޚުދް އަހަރެން ވިސްނާނަމެވެ. އަމިއްލަ ކަންތައް އަމިއްލައަށް ޙައްލުކުރާނަމެވެ.] ޖަޔާ ހަރުކަށި ގޮތަކަށް ބުންޏެވެ.

[އެންމެ ރަނގަޅެވެ.] ޖަލާލީ ނާޖިޔާއާ ދިމާއަށް ބަލާލިއެވެ. އޭނާ މިހާރު އެހުންނަނީ މުޅިން ދުރުހިލޭ މީހެއްގެ ގޮތުގައެވެ.

[ދެން އަޅުގަނޑު ދަނީއެވެ.] މިސިޒް ހެރަލްޑް ފަޟާ ކިލަނބުވެގެން ދާތަން ދެކެފައި ޖަލާލީއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

[މުއްދަތު ހަމަވާއިރަށް އަންނާނަން ދޯއެވެ. އަހަންނަކަށް އެކަންޏަކު ނޫޅެވޭނެއެވެ. ހެރަލްޑަށް މިކަން އެނގޭނެއެވެ.] ޖަލާލީ ހޫނު ޖޯޝަކާއެކު ސަލާން ކޮށްލަމުން ބުންޏެވެ.

[އެއްވެސް ޝަކްވާއެއް އުފެދުނަކަ ނުދޭނަމެވެ. މިސްޓަރ ޖަލާލީއެވެ. ޖަލާލީގެ ހުރިހާ އާދައެއް ވަރަށް ރަނގަޅަށް އަޅުގަނޑަށް އެނގެއެވެ. މަންމައަކަށް ދަރިއެއްގެ އާދަކާދަ އެނގޭފަދައިން ހުރިހާކަމެއް އަޅުގަނޑަށް އެނގެއެވެ.] މިސިޒް ހެރަލްޑް ބުންޏެވެ.

[ޝުކުރިއްޔާއެވެ.] މިސްޓަރ ޖަލާލީ ބުންޏެވެ. އަދި ކަތި ނަޒަރަކުން ޖަޔާއާ ދިމާއަށް ބަލާލާފައި ހެރަލްޑާ މުޚާޠަބު ކުރިއެވެ. [ރަނގަޅު އާދަތަކެއް ހުއްޓަސް އަދި ނުބައި އާދަތަކެއް ލިބިފައިވިޔަސް މަންމަ އެކަންތައްތަކަށް ކެތްކުރަން ޖެހޭނެއެވެ. އަހަންނަށް ހިފިފައިވާ އާދަތަކާމެދު ހެރަލްޑް ކެތްކުރަން ޖެހޭނެއެވެ.]

[އަޅުގަނޑު ދެކޭގޮތުގައި ތިޔައީ އަޅުގަނޑުގެ ޢިއްޒަތްތެރި ކިޔަމަންތެރި ދަރިއެކެވެ.]

[ޝުކުރިއްޔާއެވެ!]

[ދެން މިދަނީއެވެ.] އޭނާ ޖަޔާއާ ދިމާއަށްވެސް އަތް ދިއްކޮށްލިއެވެ. ޖަޔާ ޙަރަކާތެއްނެތް އަތް ހެރަލްޑްގެ އަތްމަތީގައި ބާއްވާލިއެވެ.

އަދި ދެމީހުން އެކުގައި ހިނގާފައި ބޭރު ދޮރާހަމައަށް އަތުވެއްޖެއެވެ. ޚުދާ ޙާފިޡް ކިޔާލުމާއެކު ދެމީހުން ލޯތްބާއެކު އޮޅުލައިގަތެވެ.

ޖަޔާ އެހުރިތާނގައި ހުއްޓެވެ. އަދި ހެރަލްޑް ލޯމަތިން ގެއްލެންދެން އަތް ހޫރަމުން ދިޔައެވެ.

އޭނާ އެނބުރިލިއިރު ފުރަގަހުގައި ޖަލާލީ ހުއްޓެވެ. ޖަޔާގެ ހަށިގަނޑުގައި ތުރުތުރެއް އުފެދިގެން ދިޔައެވެ. ފިރިހެނެއްގެ ހޫނުގައި ޖެހުމުން އުފެދޭ ކަހަލަ ކަރަންޓެކެވެ. ޖަލާލީވެސް މިކަހަލަ ޖަޒްބާތީ ކަރަންޓެއް އިޙްސާސްކުރި ކަމުގައި ހީވިއެވެ. ޖަލާލީ އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ޖަޔާވެސް އެތެރެއަށް އަތުވެއްޖެއެވެ.

**********************

[ދެން ބުނެބަލާށެވެ. ނާޖިޔާ ބޭގަމްއެވެ. ޕްރޮގްރާމް އޮތީ ކިހިނެއް ހެއްޔެވެ. އެނބުރި ރަށަށް ދާކަށްވެސް ބޭނުމެއް ނުވެއެވެ. ނުވެސް ދެވޭނެއެވެ. ހުންނަންވީ މިތާނގައެވެ.

އަދި މިތާނގައި ހުންނަން ޤަޞްތުކުރާ ކަމުގައި ވަންޏާ ޖަލާލީއާ ބެހޭގޮތުން ޚިޔާލަކީ ކޮބައި ހެއްޔެވެ. ޖަލާލީ މިހާރު އެހުންނަނީ ކަލޭގެ މަތިން ފޫހިވެފައެވެ. ކަލޭ އޭނާ ބަދުނާމު ކޮށްފީމުއެވެ. އޭނާއާމެދު އިންސާނެއް ކަމުގައި ނުދެކެމުއެވެ. ކިހިނެއްވީ ހެއްޔެވެ. ސިފަހުތުރެއް ކަމަކު ވާނީ ކޮންކަމެއް ހެއްޔެވެ. އެއީ ހަމަ އިންސާނެކެވެ.

އާނއެކެވެ. މިހާރު އޭނާގެ ސިފައާއިމެދު ކުޑަކޮށް ކަލޭ ހިތްހަމަ ޖެހެއެވެ. ކުރީގައި އަންނަ ވަރަށް ރުޅިއެއް ނާދެއެވެ. ތެދަށް ބުނާކަމުގައި ވަންޏާ..... ބުނަންވީ ހެއްޔެވެ؟ ބުނަންވީ ހެއްޔެވެ........؟

ކަލޭ އޭނާ ދެކެ ބިރެއް ނުގަނެއެވެ. ރުޅިއެއް ނާދެއެވެ. އޭނާ ދެކެ ލޯބިވާންވެސް ފަށައިފިއެވެ. އޭނާއާ ގައިގޯޅި ވުމަށް ހިތް އެދެއެވެ.

ބުނެބަލާށެވެ..... އަހަރެންގެ ތަޖްރިބާ ގޯސް ހެއްޔެވެ. އަހަރެން މިބުނީ ދޮގެއް ހެއްޔެވެ...... ތެދެއް ބުނުމުން ހާސްވީ ކީއްވެގެން ހެއްޔެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވީ ކީއްވެގެން ހެއްޔެވެ.]

ޙަޤީޤަތުގައިވެސް ޖަޔާ ހާސްވެއްޖެއެވެ. އިންސާނާގެ ސިކުނޑިއަށް ކޮންފަދަ ޚިޔާލުތަކެއް އާދޭ ހެއްޔެވެ.

އޭނާ ކިހާވަރަކަށް ވިސްނާ ހެއްޔެވެ. މިވިސްނުންތައް ބޭރަށްނުކުމެ އޮރިޔާން ވެއްޖެއްޔާ ވާނީކިހިނެއް ހެއްޔެވެ.

ނާޖިޔާ ކަންބޮޑުވެފައި ކޮޅަށް ތެދުވެއްޖެއެވެ...... އޭނާ އިނީ ލިވިންގރޫމުގައެވެ. މިސިޒް ހެރަލްޑް ދިއުމުން އޭނާ އައިސް މިތާނގައި ޖައްސާލިއެވެ. އޭނާ ވިސްނުމުގެ ތެރޭގައި ބެދިފައިވެއެވެ. ކުރިއަށް ވިސްނާލަނީއެވެ. އަންނަން އޮތް ހިނދުކޮޅު ތަކަށްޓަކައި ތައްޔާރު ވެލަނީއެވެ.

ޚިޔާލުތަކުން ދުރުވުމަށްޓަކައި އޭނާ ގޭތެރޭގައި އެނބުރެން ފަށައިފިއެވެ. ކުރީގައިވެސް އޭނާ މުޅިގެ ބަލާފައިވެއެވެ. އެކަމަކު ހީވަނީ މިހާރުވެސް މިސިޒް ހެރަލްޑްގެ އެހީގައި ގޭތެރެ ބަލާލަން ހިނގެނީ ހެންނެވެ.

މިހާރު މިސިޒް ހެރަލްޑް ހިނގައްޖެއެވެ.

ހުރިހާކަމެއް ޚުދު އޭނާ ކުރަން ޖެހިއްޖެއެވެ.

ޖަލާލީއާއި އޭނާއާ ދޭތެރޭގައި މައްސަލަ ޙައްލުކުރަން ހުރި ހެރަލްޑް މިހާރަކު ނެތެވެ. އެއްބަސްވުން ޤާއިމު ކުރުމަކީވެސް ބޭނުން ކަމަކަށް ވެއްޖެއެވެ. އެހެންކަމުން މިހާރު ހުރިހާކަމެއް ޚުދް އަމިއްލައަށް ކުރަން ޖެހިއްޖެއެވެ.

އޭނާ ހުރިހާ ކޮޓަރިއަށް ދިޔައެވެ. ހުރިހާ އެއްޗެއް ބެލިއެވެ. ބައެއް އެއްޗެތި ތަރުތީބުވެސް ކުރިއެވެ. ރަނގަޅު ކުރިއެވެ. ފުރަތަމަ ފަހަރަށް އޭނާ މިގޭގައި އަމިއްލަ ވަންތަކަން އިޙްސާސް ކުރިއެވެ...... މިއީ ޖާދުވީ އިޙްސާސެކެވެ. އަދި މިއީ އޭނާ ޖަލާލީ ޤަބޫލުކޮށްފިކަމުގެ އިޝާރާތެކެވެ. ހިތްމައިތިރި ވެއްޖެކަން ފާޅުކޮށްދޭ ހެއްކެކެވެ.

އޭނާ ކޮރިޑޯއަށް އައެވެ. ކަނާތް ފަރާތަށް އޮތްމަގުން ދެވޭނީ ޖަލާލީގެ ކޮޓަރިއަށެވެ. އޭނާގެ އޮފީސްވެސް ހުރީ އެތާނގައެވެ. ޖަލާލީގެ ނިދާ ކޮޓަރިއަށް ވަދެލުމަށް ބޭއިޚްތިޔާރުގައި އޭނާގެ ހިތަށް އެރިއެވެ. އަދި އެކޮޓަރި ބަލާލުމަށް ވަރަށް ބޮޑަށް ބޭނުން ވެއްޖެއެވެ. އެކަމަކު ފައިގައި ކަސްތަޅު އެޅިއްޖެއެވެ. ބިރު ކަނޑާލާފައި ދާކަށް ނުކެރުނެވެ.

ދެން ޚިޔާލު އައެވެ..... ޖަލާލީ އެތެރޭގައި ނެތްކަމެއްވެސް ނޭނގެއެވެ. މިސިޒް ހެރަލްޑް ދިއުމަށްފަހު އޭނާ ކޮޓަރިން ނުކުތްކަމެއް ނޭނގެއެވެ.

އޭނާ ހަލުއިކޮށް ހިނގާފައި އަތުވެއްޖެއެވެ. ޖެހިގެންހުރި ދޮރުން ބޭރަށް ނުކުމެއްޖެއެވެ. އަދި ގަރާޖާ ދިމާއަށް މިޞްރާބު ޖަހާފައި ހިނގައިގަތެވެ.

ޖަލާލީގެ ކާރު އެތާނގައި އޮތެވެ. އަދި ޖަޔާއަށް ގަނެދިން ކާރުވެސް އެތާނގައި އޮތެވެ..... އޭނާ ކާރާ ދިމާއަށް ޝުކުރުވެރިކަމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ. އަދި ހިތާހިތުން ކާރު ދައްވަން ދަސްކުރުމަށް ނިންމައިފިއެވެ.

[އެކަމަކު ދަސްކުރާނީ ކިހިނެއް ހެއްޔެވެ. ދަސްކޮށްދޭނީ ކާކު ހެއްޔެވެ.] އޭނާ ވިސްނާލިއެވެ. އަދި ހަމައެއާއެކު ހަނދާން ވެއްޖެއެވެ. އޭނާއަށް ކާރުދުއްވަން ދަސްކޮށްދޭނެ އިންތިޒާމުވެސް ޖަލާލީ ހަމަޖައްސާފައި އޮތް ވާހަކަ ހެރަލްޑް ބުނެފައިވެއެވެ.

އެކަމަކު މިހާރު......؟!

އޭނާ އެސްފިޔަ ޖަހަޖަހާފައި ކާރާ ދިމާއަށް ބަލަމުން ގެންދިޔައެވެ.

އޭނާ ކާރު ދުއްވަން ދަސްކުރަން ބޭނުންކަމުގައި ޖަލާލީ ގާތުގައި ބުނެވޭނީ ކިހިނެއް ހެއްޔެވެ.... އެންމެ ރަނގަޅެވެ. އޭނާ ބޯހޫރާލާފައި މުޅިގޭގެ ވަށައިގެން ހިނގާލިއެވެ..... އަދި ގޭގެ ފުރަގަހުގައި ހުރި ތޭރިޖެހި ދޮރުން އެތެރެއަށް ވަދެއްޖެއެވެ.

މިއީ ކުޑަވަރެއްގެ ކޮޓަރިއެކެވެ. ގެސްޓް ރޫމެއްކަން ނޭނގެއެވެ. މެހްމާން ޚާނާތައް ހުންނަނީ މިކަހަލަ ގޮތަކަށެވެ. އެތާނގައި އެނދެއް ހުއްޓެވެ. ކުޑަވަރެއްގެ މޭޒަކާ ގޮނޑިއެކެވެ. މޭޒުމަތީގައި ބައްތިއެއް ހުއްޓެވެ. ދޮރު ފޮއްޗާއި މޭޒު ފޮތިގަނޑު އަދި ފަލަނގު ފޭލިވެސް އޮތީ އެއްކުލައިގެ ފޮއްޗަކުންނެވެ. ކަނާތް ފަރާތު ފާރުގައި ފޮޓޯތަކެއް ހަރުކޮށްފައި ހުއްޓެވެ. ބޭނުންވާނެ އެހެން ހުރިހާ ސާމާނެއްވެސް ތަރުތީބުން ބަހައްޓާފައި ހުއްޓެވެ.

ނާޖިޔާ ދޮރުލައްޕާލިއެވެ. އަދި އެތެރެއަށް ހުޅުވެންހުރި ދޮރާ ދިމާއަށް އަތުވެއްޖެއެވެ. ދޮރުފަތްހުރީ ކުޑަކޮށް ހުޅުވިފައެވެ. އޭނާ ސިއްރުން އެތެރެއަށް ބަލާލިއެވެ. އަދި ކުއްލިއަކަށް ފަހަތަށް ދެމިގަތެވެ.

އަރާމު ގޮނޑިއެއްގައި ޖަލާލީ އޮށޯވެލައިގެން އޮތެވެ. އޭނާ އޮތީ އެއްފައި މައްޗަށް އަނެއްފައި އަރުވައިގެންނެވެ. ދެފައި އޮތީ މޭޒުމަތީގައެވެ. އަދި ކެތްތެރިކަން ކުޑަވެފައިވާ ކަހަލަ ގޮތަކަށް ފައިތަޅުވަމުން ގެންދިޔައެވެ. އޭނާގެ ފުރަގަސް ދިމާވެފައިވަނީ ދޮރާދިމާއަށެވެ. ބޮލުގެ ފުށްކިބަ ފެނެއެވެ. އޭނާ ސިގިރޭޓް ބޮމުން ގެންދިޔައެވެ. ނިވިފައިވާ ސިގިރޭޓް ބުރިތައް ކަނާތް ފަރާތުގައި ހުރި އަޅިކެނޑީގައި ހުއްޓެވެ. އަދި ބައެއް ފިލްޓަރ ބުރިތައް މޭޒުމަތީގައިވެސް ހުއްޓެވެ. އަދި ސިގިރޭޓް އަޅިތައް މުޅި މޭޒު ހަޑިކޮށްފައިވެއެވެ. ހީވަނީ އެގޮތަށް އޭނާ ސިގިރޭޓް ބޯން އިންނަތާ އެތައްއިރެއްވެއްޖެ ހެންނެވެ.

ނާޖިޔާ އެންމެ ފުރަތަމަ އެމަންޒަރު ފެނިފައި ސިހުނެވެ. އަދި ކަންބޮޑުވެފައި އެނބުރިލި ވަގުތު މޭޒުގައި އަޅައިގެންފައި މޭޒުމަތީގައި ހުރި ބައްތި ކާޕެޓް މައްޗަށް ވެއްޓިއްޖެއެވެ.

ޖަލާލީއަށް އަޑުއިވުމާއެކު ކުއްލިއަކަށް އެނބުރި ބަލާލިއެވެ.

[ކާކު ހެއްޔެވެ؟] އޭނާ ބުންޏެވެ.

ޖަޔާއަށް ޖަވާބު ދެވޭނީ ކިހިނެއް ހެއްޔެވެ. އޭނާ ބައްތިނަގަން ގުދުވެލިއެވެ.

އެވަގުތު ޖަލާލީ ދޮރުހުޅުވާލާފައި އެތެރެއަށް އަތުވެއްޖެއެވެ.

[އޯހ....] އޭނާގެ އަނގައިން އަޑު ނުކުތެވެ.

[ބައްތި ވެއްޓުނީއެވެ.] ނާޖިޔާ ހާސްވެފައި ބުންޏެވެ.

[އެއީ އެއްވެސްކަމެއް ނޫނެވެ.] ޖަލާލީވެސް ބައްތި ނަގަން ގުދުވެއްޖެއެވެ. އަދި އެހާވަރަށް ވިސްނައިގެން އުޅެނިކޮށްވެސް ބައްތި ނެގުމުގެ ތެރޭގައި ނާޖިޔާގެ އަތުގައި އޭނާއަށް ޖެހެވިއްޖެއެވެ.

ގަދަކަރަންޓެއް ޖަލާލީގެ ހަށިގަނޑުގައި އުފެދުނު ކަހަލައެވެ. ހަމަ އެކަހަލަ ކަރަންޓެއް ޖަޔާއަށްވެސް އިޙްސާސް ކުރެވުނެވެ.

ދެމީހުންވެސް ކުއްލިއަކަށް ބައްތިން ދޫކޮށްލައިފިއެވެ. އަނެއްކާވެސް ބައްތި ވެއްޓިއްޖެއެވެ. ޖަލާލީ ހަށިގަނޑު ތެދުކޮށްލިއެވެ. ޖަޔާ ގުދުވެލިގޮތުން ހީވީ ކާޕެޓް މަތީގައި އޮށޯންނަން އުޅެނީ ހެންނެވެ.

[ސޮރީއެވެ!] ޖަލާލީވެސް އަވަސް އަވަހަށް ދުމެއް ޖެހިހެން ނުކުމެގެން ހިނގައްޖެއެވެ. އޭނާ ވަރަށް ކަންބޮޑު ވެއްޖެއެވެ. އެކޮޓަރިއަކުވެސް މަޑެއް ނުކުރިއެވެ. އެދިޔަ ގޮތަށްގޮސް ނިދާ ކޮޓަރިއަށް ވަދެއްޖެއެވެ.

މިވީގޮތެއް ޖަޔާއަކަށްވެސް ނޭނގުނެވެ. ޖަލާލީ ސޮރީއޭ އެބުނީ ކީއްވެގެން ހެއްޔެވެ. އަދި އެހާ ހަލުއިކޮށް ނުކުމެގެން އެދިޔައީ ކީއްވެގެން ހެއްޔެވެ. އެކައްޗެއްވެސް ނުވިސްނުމާ އެކުގައިވެސް އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލައިފިއެވެ. މީރުކަމެއްގެ އިޙްސާސް މުޅި ހަށިގަނޑަށް ވެރިވެއްޖެއެވެ. އޭނާ ކޮޅަށް ތެދުވިއިރު ކާލި އަޅައެވެ. ހީވަނީ މަސްތުވެފައިހުރި މީހެއް ހެންނެވެ.

ނާޖިޔާ ކޮޓަރިއަށް އައިސް ޑަންލާފައި އެނދުގައި އިށީނދެއްޖެއެވެ.

ދެން އޭނާއަށް ކުރެވުނީ ކޮންކަހަލަ ޚިޔާލެއް ކަމެއްވެސް ނޭނގެއެވެ. ރީތިވާ ކޮޓަރިއަށް ހިނގައްޖެއެވެ. އަދި އަލަމާރި ހުޅުވާލާފައި ހެދުންތައް ބަލަން ފަށައިފިއެވެ. ވަރަށް ރީތި ސާޅިއެއް ނަގައިފިއެވެ. ގައިގައި ޖައްސާލާފައި ލޯގަނޑުން ބަލާލިއެވެ. އޭނާ ލަދުގަތީ ކީއްވެގެން ކަމެއް ނޭނގެއެވެ..... ނާޖިޔާ ސާޅި އަޅައިފިއެވެ. އޭނާގެ ހަށިގަނޑުގެ ކޮންމެ ވަނާއެއްގައި ސާޅީ އޮޅިކަމުގައި ވިޔަސް އެހާމެ ރީއްޗެވެ. އިސްތަށިގަނޑުވެސް ވަރަށް ރީއްޗަށް ހަދާލިއެވެ. ވަރަށް ގިނައިރު ވަންދެން ރީތިވާ އެއްޗެހި ހިފައިގެން މޭޒުކައިރީގައި އިނދެ ރީތިވިއެވެ. ލޯގަނޑުން ފަރިބެލިއެވެ. މިއީ އެންމެ ފުރަތަމަ ފަހަރަށް ހިތްހަމަ ޖެހިގެން އޭނާ ކުރި މޭކަޕެވެ.

ތައްޔާރުވެ ނިމިގެން އޭނާ އެކިގޮތްގޮތަށް ލޯގަނޑުން ފަރި ބެލިއެވެ. ޙަޤީޤަތުގައިވެސް އޭނާ ވަރަށް ރީއްޗެވެ.

އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އަދި ކަނާތްފަރާތުން ލާފައި ބޭރު ދޮރާދިމާއަށް ހިނގައިގަތެވެ. ދޮރު ހުޅުވާލާފައި އޭނާ ގޯތި ތެރެއަށް ނުކުމެއްޖެއެވެ. އަދި ސާޅިއާގުޅޭ ފިނިފެންމަލެއް ބޮލުގައި ޖެހުމަށްޓަކައި މާގަސްތަކުގެ ކައިރިން ހިނގައި ގަތެވެ.

ވަރަށް ރީތި ބޮޑު މަލެއް އޭނާއަށް ފެނިއްޖެއެވެ. އަދި ކުރިއަށް ޖެހިލާފައި ދެބައިކުޅަ އެއްބައި ފޮޅިފައިވާ އޮރެންޖް ކުލައިގެ މާގޮފިގަނޑުން ވަކިކޮށްލައިފިއެވެ. އޭނާ މާބިނދެގެން އަވަހަށް ކޮޓަރިއަށް ހިނގައްޖެއެވެ. އަދި ލޯގަނޑުން ބަލަހައްޓައިގެން ހުރެ ޖަހާފައިވާ ރީތި ހުޅީގައި އެރީތިމާ ހަރުކޮށްލައިފިއެވެ.

އޭނާ އެތައްއިރަކު އެގޮތަށް ފަރިބަލަން ހުއްޓެވެ. އޭނާ އުފަލުން ފޮޅެނީއެވެ.

ފުރިހަމައަށް ތައްޔާރު ވެލައިގެން އޭނާ އަނެއްކާވެސް ލޮބީއަށް އަތުވެއްޖެއެވެ. ގަޑި ބަލާލިއިރު މެންދުރު ކެއުމާ ދޭތެރޭ ކުޑަ ވަގުތުކޮޅެއް އޮތެވެ. މިއަދު މެންދުރުގެ ކެއުން ތައްޔާރުކުރަން ޖެހޭނީ އޭނާ އަމިއްލަ އަށެވެ. ޖަލާލީއާއެކު ކެއުމުގެ ތަޞައްވުރު އޭނާ ތުރުތުރު އަޅުވާލިއެވެ.

ނާޖިޔާ ބަދިގެއަށް އަތުވެއްޖެއެވެ. ފުރިޖް ހުޅުވާލިއެވެ. ތަށިތެލިތައް ބަލާލިއެވެ. އަވަންގެ މަތިގަނޑު ނެގިއެވެ. ފުރިޖް، ކާ އެއްޗެހިން ފުރިފައިވެއެވެ. އެއްގަމުމަހާއި ކަނޑުމަސް ތަރުކާރީއާއި ބިސް މިހެންގޮސް ވަރަށްގިނަ ސާމާނު ހުއްޓެވެ. މޭވާ ޓުކުރި އެއްވެސް ހުއްޓެވެ.

[މިއަދު ކައްކާނީ ކޮން އެއްޗެއް ބާވައެވެ.] އޭނާ އަމިއްލަ ހިތާ ސުވާލުކުރިއެވެ.

އޭނާއަކީ ކެއްކުމުގެ މާބޮޑު ތަޖުރިބާއެއް ލިބިފައިވާ މީހެއްނޫނެވެ. އެކަމަކު ބައެއް ފަހަރު ޝާމީ ކަވާބު ތެލުލާ އުޅެއެވެ. ކުކުޅު ރޯސްކުރަންވެސް ދަނެއެވެ. އަދި ވައްތަރު ވައްތަރުގެ ރިހަ ކައްކަންވެސް އެނގެއެވެ. މިސިޒް ހެރަލްޑް ތައްޔާރުކުރާ ބޭރުގެ ކާނާ އޭނާ ކައިއުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ އެއްޗެހި ވަރަށް މީރެވެ. އެކަމަކު އެފާޑުގެ އެއްޗެހި ކެއުމަށް އާދަވެފައި ނުވުމާއެކު ކެއުމަކަށް މާބޮޑު ފޯރިއެއް ނުހުރެއެވެ. މިއަދު މެންދުރަށް ތައްޔާރުކުރާނެ އެއްޗެހި އޭނާ ނޯޓްކޮށްފައިވެއެވެ. ހުރިހާ އެއްޗެހިވެސް ހަދަން ގަސްތުކުރީ ޕާކިސްތާނު ވައްތަރަށެވެ. ޖަލާލީ އަށްވެސް ޕާކިސްތާނު ކެއުން ވަރަށް ރަނގަޅު ކަމުގައި މިސިޒް ހެރަލްޑް ބުނެފައިވެއެވެ.

އަދިފުދޭވަރަކަށް ވަގުތު އެބައޮތެވެ. އެހެންކަމުން އޭނާ ބަދިގޭން ނުކުމެއްޖެއެވެ.

ބޭކާރު ވަގުތުތަކެއް ހޭދަކުރެވޭނީ ކިހިނެއް ހެއްޔެވެ..... މައިންބަފައިންގެ މަތިން އޭނާއަށް ހަނދާން ވެއްޖެއެވެ. އެމީހުންގެ ސިޓީއެއް އޭނާ އަދިވެސް ޖަވާބެއް ނުފޮނުވައެވެ.

[ސިޓީ ނުލިޔަންވީ ކީއްވެގެން ހެއްޔެވެ؟] އޭނާ ވިސްނާލިއެވެ.

ސިޓީއެއް ލިޔެލާނެ ގަލަމެއް ގަނޑުކަނޑާ ފޮތެއްވެސް އޭނާގެ އަތަކު ނެތެވެ. ސިޓީއުރައެއްވެސް ނެތެވެ. އޭނާ ވަރަށް ދެރަވެއްޖެއެވެ. މިސިޒް ހެރަލްޑް އަތުން ސިޓީލިޔާ ސާމާނު އަތުލިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ.

މިހާރު އޭނާ އެއްވެސް ނެތެވެ. އަނެއްކޮޅުން ނާޖިޔާ ސިޓީލިޔަން ބޭނުމެވެ.

[ޖަލާލީ ގާތުގައި ސިޓީއުރައެއް ދޭށޭ ބުނުމަކީ ގޯސްކަމެއް ހެއްޔެވެ؟....... ނޫނެކެވެ.]

އޭނާގެ ހިތް ބުންޏެވެ. ދެން ހިތްވަރު ކޮށްލާފައި އޭނާ ޖަލާލީގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކިތަންމެ ފަހަރަކު އޭނާގެ ފައި އޮޅުނެވެ. އެހެން ނަމަވެސް ހިތްވަރު ކުރިއެވެ.

ކޮންމެއަކަސް އޭނާ ހުންނަން ޖެހޭނީ މިތާނގައެވެ. މިހާރަކު މިސިޒް ހެރަލްޑެއްވެސް ނެތެވެ..... ހުރިހާ ވާހަކައެއް ދައްކަން ޖެހޭނީ ޚުދް އޭނާ އަމިއްލަ އަށެވެ. އޭނާ ސިހިފައި އެތައް ފަހަރަކު ހުއްޓުނެވެ. އޭނާއާމެދު ޖަލާލީ ބަލާނީ ކޮންލޮލަކުން ހެއްޔެވެ. ޖަލާލީ މިހާރު ހުރިހާ ގުޅުމެއް ކަނޑާލައިފިއެވެ. އޭނާ މިހާރު އެހުންނަނީ ހުރިހާ ލިޔުމެއް ފުރިހަމަ ވުމަށްފަހު ޖަޔާ ރަށަށް ފޮނުވާލުމުގެ އިންތިޒާރުގައެވެ.

ނާޖިޔާ ބޯހޫރާލިއެވެ. އަދި ވަރަށް ހިތްވަރާއެކު ޖަލާލީގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ދޮރުހުރީ ހުޅުވާފައެވެ. ޖަލާލީ ލޯމަރާލައިގެން ގޮނޑީގައި އޮތެވެ. އަތުގައި ރޯކޮށްފައިވާ ސިގިރޭޓެއް އޮތެވެ. އޭނާ މިދުވަސްކޮޅު ސިގިރޭޓެއްގެ ފުޅު ސިގިރޭޓެއް ބޮމުން ގެންދެއެވެ.

ނާޖިޔާއަށް ހިތްވަރު ލިބުނީ ކިހިނެއް ކަމެއްވެސް ނޭގެއެވެ. ދޮރުފަތުގައި ޓަކި ޖަހާލިއެވެ.

[ކާކު ހެއްޔެވެ؟] ޖަލާލީ އެނބުރި ލާފައި ބުންޏެވެ.

[އަސްތާ!.....]

ޖަޔާ ދޮރު ކައިރީގައި ހުއްޓާ ފެނުމާއެކު އޭނާ އަވަސް އަވަހަށް ގޮނޑިން ތެދުވެއްޖެއެވެ. ނާޖިޔާ އޭނާގެ ކޮޓަރިއާ ހަމައަށް އައުމުން ވަރަށްބޮޑަށް ޙައިރާން ވެއްޖެއެވެ. އޭނާ އެއައީ ކީކޭ ހިތަށް އަރައިގެން ބާވައެވެ. އަދި މިއައީވެސް ޤިޔާމަތެއް ޤާއިމު ކުރަމުންނެވެ. ހާދަހާ ރީއްޗެވެ. ހާދަހާ ފުރިހަމައެވެ.

[އަޅުގަނޑު ގަލަމަކާ ސިޓީލިޔާނެ ކަރުދާސް ބޭނުމެވެ.] ޖަޔާ އޭނާއާ ދިމާއަށް ބަލާލުމަކާ ނުލައި ބުންޏެވެ. މިހާ ދުވަސްވީއިރު އޭނާ ފުރިހަމަ ނަޒަރަކުން ޖަލާލީގެ މޫނަކަށް ނުބަލައެވެ. ފުރަތަމަ ދުވަހު ބިރުން މޫނު އަނބުރާލި ގޮތަށް ދެވަނަ ފަހަރަކަށް ބަލާލުމުގެ ހިތްވަރެއް ޖަޔާއަކަށް ނުލިބުނެވެ.

ޖަލާލީ މޭޒު ވަތްގަނޑުން ގަނޑުކަނޑާ ފޮތަކާ ގަލަމެއް ނަގައިފިއެވެ.

[ސިޓީއުރައެއްވެސް ބޭނުމެވެ.] ޖަޔާ ބުންޏެވެ.

[ސިޓީއުރައެކޭ ހެއްޔެވެ؟]

[ޕާކިސްތާނަށް ފޮނުވުމަށްޓަކައި ޕޯސްޓް ސިޓީއުރަ އެކެވެ.]

[ޕޯސްޓް ސިޓީއުރައެއް ނެތެވެ. ހުރީ އާދައިގެ އުރައެވެ. ސިޓީ ލިޔާށެވެ. ޕޯސްޓް ކުރެވިދާނެއެވެ.]

ޖަލާލީ ގަނޑުކަނޑާ ފޮތާ ގަލަން ޖަޔާއާ ދިމާއަށް ދިއްކޮށްލިއެވެ.

އޭނާ ދޮރު ކައިރީގައި ހުރެ އަތް ދިއްކޮށްލިއެވެ. އަދި އޭގައި ހިފައިފިއެވެ. ޖަލާލީ ހުރީ ވަރަށް ރައްކާތެރި ވެގެންނެވެ. އެކަމަކުވެސް އޭނާގެ އަތް ތުރުތުރު އަޅައިގަތެވެ.

[ޝުކުރިއްޔާއެވެ.] ނާޖިޔާ ކަރުދާހާ ގަލަން ހިފައިގެން އަތުވެއްޖެއެވެ.

އޭނާ މަންމައާ ބައްޕައަށް ސިޓީ ލިޔުނެވެ. އަދި ތާނޫ ދައްތަގެ ސިޓީ ނިއުޅާލާފައި ކުރިމަތީގައި ބޭއްވިއެވެ. އޭނާ ބޭނުންވަނީ ތަރުތީބުން ހުރިހާ ވާހަކައެއް ލިޔުމަށެވެ. މަންމައާ ބައްޕައަށް ލިޔުނު ސިޓީކިޔާފައި އެމީހުންގެ ލޭ ތާޒާވެގެން ދާނެކަން އޭނާއަށް އެނގެއެވެ. މޫނު މައްޗަށް އުފާވެރިކަން އަންނާނެއެވެ. އަދި ފަޚުރުވެރި ކަމާއެކު އެކަކު އަނެކެއްގެ މޫނަށް ބަލާނެއެވެ.

ޖަޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. މައިން ބަފައިންނަށްޓަކައި އޭނާ ޤުރްބާންވީއެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ ގެއަށް މިފަދަ އުފާވެރިކަމެއް ނާދެއެވެ. އަބަދުވެސް ބައްޕަ އުޅެނީ ހާސްކަމުގެ ތެރޭގައެވެ. މަންމަގެ ލޮލުން އަބަދުވެސް ފެންނަނީ ހިތާމައިގެ ހިޔަނިތަކެވެ.

އެމީހުން ޖަޔާއަށް އުފާ ދިނެވެ. ހިތް ހަލާކު ކޮށްލައިގެން ކިޔަވާދިނެވެ.

ނާޖިޔާ ތާނޫއަށް ސިޓީލިޔަން އިންދާ ދޮރުގައި މީހަކު ޓަކި ޖަހައިފިއެވެ. އެއާއެކު މޭޒުމަތީގައި ފޮތް ބާއްވާފައި ގަލަން ހިފައިގެންނާޖިޔާ ދޮރުކަރިއަށް އަތުވެއްޖެއެވެ. އަދި ކުޑަކޮށް ދޮރުފަތް ހުޅުވާލިއެވެ.

ޖަލާލީގެ އަތުގައި މޭލް ސިޓީއުރައެއް އޮތެވެ.

[މިއީ ކަރުދާސްތަކުގެ ތެރޭގައި އޮތް އެންމެ އުރައެކެވެ.] އޭނާ ނާޖިޔާއާ ދިމާއަށް ސިޓީއުރަ ދިއްކޮށްލިއެވެ.

[ޝުކުރިއްޔާއެވެ.] ނާޖިޔާ ސިޓީއުރަ އަތުލައިފިއެވެ. ޖަލާލީ ދޮރުކައިރިން ދުރަށް ހިނގައްޖެއެވެ. ހަމައެއާއެކު ނާޖިޔާ އަނެއްކާވެސް ސިޓީލިޔަން ފަށައިފިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން