ޞާދިރު ޢަލީދީދީ   2 ސެޕްޓެމްބަރު 2020 - 15:4
ސަންޑޭ
ސަންޑޭ
އެޕިސޯޑް 10

...............

[ނަދޫ....މިފަދަ ރެއެއްގައި ތިހެން ހަދާކަށް ނުވާނެއެއްނު....އާކައިވެނީގެ ރެޔަކީ ހާދަ އުފާވެރި ރެޔެކޭ....] ނަވާލް ނަދުހާއާ ގާތަށް ޖެހިލިއެވެ.

[އަހަރެން އެއްވެސް އުފަލެއްނުވޭ. މިރެއަކީ އަހަރެންގެ ޙަޔާތަށް އައި އެންމެ ހިތާމަވެރިރޭ....އަހަރެންގެ ލޯބި ކަފުންކުރެވުނު ރޭ.....] ނަދުހާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ނަވާލަށް ސިހުން ލިބުނެވެ.

[ނަދޫ ކައިވެނި މާނަ ކުރަނީ ލޯބި ކަފުން ކުރުވުމަށްތަ؟] ނަދުހާގެ ޖުމްލައިން ނަވާލަށް އަސަރުކޮށްފައިވާ ކަހަލައެވެ.

[ކޮންމެ ކައިވެންޏަކީ ލޯބި ކަފުން ކުރެވުމެއް ނޫން...އެކަމަކު ދެފަރާތުގެ ޢާއިލާގެ އުފަލަށްޓަކައި ކުރެވޭ ކައިވެންޏަކީ، އެމާނައިގައި ކުރެވޭ ކަމެއް.....] ނަދުހާ ބުންޏެވެ.

[ނަދުހާ ތިބުނީ މިކައިވެންޏަކީ ދެފަރާތުގެ ޢާއިލާގެ އުފަލަށްޓަކައި ކުރެވުނު ކައިވެންޏެކޭތަ؟] ހިތާމައިގެ އަސަރުން ނަވާލްގެ އަޑު ކުރެހެން ފެށިއެވެ.

[ދެފަރާތުގެ ޢާއިލާ އެކަންޏެއް ނޫން...ނަވާލްގެވެސް އުފަލަށްޓަކައި. މިކައިވެނީގެ ސަބަބުން ހިތާމައާއި ހިތްދަތިކަން ފިޔަވައި އަހަންނަށް ލިބޭނެ އެކައްޗެއްވެސް ނެތް.] ސާފުބަހުން ނަދުހާ ބުންޏެވެ.

[ތިބުނީ ނަދުހާ އަހަރެންދެކެ ލޯބިނުވެއޭތަ؟] ނަވާލަށް ކުރިއަށްވުރެންވެސް ބޮޑަށް އަސަރު ކޮށްފިއެވެ. ނަދުހާ އާއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ. ހިތަށްކުރި އަސަރުން ނަވާލަށް އިތުރަށް ނަދުހާއާ ވާހަކަ ދައްކާކަށް ހިތްވަރެއް ނުލިބުނެވެ. އޭނާވަނީ ފާޚާނާއަށެވެ. ފާޚާނާތެރޭގައި ހުރެވެސް އޭނާ ވިސްނަނީ ނަދުހާއާ ދޭތެރޭގައެވެ. ނަދުހާ އޭނާދެކެ ފޫހިވާންވީ ސަބަބު ހޯދަން އިންތިހާއަށް އޭނާ ބޭނުމެވެ. އެހެންކަމުން، ފާޚާނާއިން ނުކުމެ އަނެއްކާވެސް ނަވާލް ނަދުހާއާ ސުވާލު ކުރިއެވެ.

[ނަދުހާ....ކީއްވެތަ އަހަރެން މަތިން ތިވަރަށް ފޫހިވަނީ؟] ނަވާލް އައިސް ނަދުހާގެ ގާތުގައި އިށީނެވެ. ނަމަވެސް، ނަދުހާ އަނގަޔަކުން ނުބުންޏެވެ. އޭނާ އޮށޯތީއެވެ.

[ނަވާލް....އަހަންނަށް އުނދަގޫ ނުކޮށްބަލަ....ބުނެފީމެއްނު، އަހަރެން ބޭނުމީ އަރާމު ކުރާށޭ....] ނަދުހާ އަނެއްފަރާތަށް އެނބުރި ބާލީހުގައި ބައްދާލިއެވެ. ނަވާލް ބާލީހެއް ހިފައިގެންގޮސް ޓައިލްސްމަތީގައި އޮށޯތެވެ. އެރޭ ފާއިތުވެގެންދިޔައީ ނަވާލަށް އަލަތު ކައިވެނީގެ އެއްވެސް ލައްޒަތެއް ނުލިބިއެވެ.

ހެނދުނު ހޭލައިގެން އަފްޒަލް އަވަސްވެގަތީ ޝިޒްނާއާ ބައްދަލުކުރުމަށެވެ. ޝިޒްނާއާ ބައްދަލުކޮށް، ދިމާވި އިއްތިފާޤާމެދު އުފާވާ ވާހަކަ ބުނަން އޭނާވަނީ ކެތްމަދުވެފައެވެ.

[އަހަރެން ތިގެއަށް އެބަދަން.....ގޭ އެހެން މީހުންވެސް އެބައުޅޭތަ؟] އަފްޒަލް ވާހަކަ ދެއްކީ ޝިޒްނާއާއެވެ. ފޯނުންނެވެ.

[ކޮން އެހެން މީހުނެއް؟ އަހާބަލަ ބައްޕަމެން އެބައުޅޭހޭ. މިހާރު އެއީ އަފޫގެ ބައްޕައެއްނު. އެންމެންވެސް އެބައުޅޭ.] ޝިޒްނާ ބުންޏެވެ. އަފްޒަލް މިދަނީއޭ ބުނެފައި ފޯނު ބާއްވާލިއެވެ.

އެދުވަހު އަފްޒަލް އެގެއަށް ދިޔައިރު، ގޭގައި ޒުބޭރާއި ފަރީދާވެސް އުޅެއެވެ. ޒުބޭރު އަފްޒަލްގެ ކިބައިން މަޢާފަށް އެދުމަށްފަހު، އެގެއަށް ބަދަލުވުމަށްވެސް އެދުނެވެ. ނަމަވެސް އެއީ އޭނާގެ މަންމަ ރުހޭނޭ ކަމެއް ނޫންކަން އެނގޭތީ، އަފްޒަލް އެކަމާ ބެހޭގޮތުން ވަކިއެއްޗެއް ނުބުނެއެވެ.

[ދަރިފުޅުގެ މަންމަ ގާތުވެސް ބުނޭ މިގެއަށް ބަދަލުވާށޭ. މިގޭގެ ހުރިހާ ކަމެއްގައިވެސް މިހާރު ތިބީ ތިދެކުދިން....] ޒުބޭރު ބުންޏެވެ. އަފްޒަލް ހިނިތުންވެލިއެވެ.

އެދުވަސް ފާއިތުވެގެންދިޔައީ އަފްޒަލާއި ޝިޒްނާގެ ޙަޔާތުގައި އުފާވެރިކަމުގެ ކުލަ ޖެހިގެންނެވެ. އޭގެ މާގިނަ ދުވަސްތަކެއްނުވެ، އަފްޒަލާއި ޝިޒްނާގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ކައިވެންޏާއެކު އޭނާގެ މަންމަ ޢަޒީޒާގެ ދިރިއުޅުންވެސް އެގެއަށް ބަދަލުކުރެވުނެވެ.

[ވަރަށް އުފާވެފަދޯ ތިހުރީ؟] ނަވާލް ވާހަކަ ދެއްކީ އަފްޒަލާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ އަފްޒަލްގެ ގޭގެ ސިޓިންގރޫމްގައެވެ.

[އާނ، މިހާރު އަހަންނަށް މިދުނިޔޭގެ ހުރިހާ އުފަލެއް ޙާޞިލްވެފައިވާ ކަހަލަ.] އަފްޒަލް ނިކަން އުފަލާއެކު ބުންޏެވެ.

[ކީއްކުރާނީ އަހަންނަށް އޮތީ އަބަދުވެސް ހިތާމައާއި ހިތްދަތިކަން. ކައިވެނީގެ އުފަލެއްވެސް ލިބުނީކީ ނޫން. ކައިވެނިނުކޮށް ދުނިޔެއިން މޮޔަވެފައި ހުރިއިރު ލިބުނު ހިތްދަތިކަމަށްވުރެވެސް މިހާރު ލިބޭ ހިތްދަތިކަން މާބޮޑު.] ޙަޤީޤަތުގައި ނަވާލަށްވަނީ ނިކަން އަސަރުކޮށްފައެވެ.

[ހިތްވަރުކޮށްލާ....ވަރަށް އުއްމީދު އެބައޮތް، ނަދުހާއަށް ވިސްނޭނެ ކަމަށް. ފަހުން ހަތިޔާރު ބަހައްޓާނީވެސް އޭނާ.] އަފްޒަލް ނަވާލަށް ހިތްވަރުދިނެވެ.

[އަފޫ....އަހަރެން ލައްކަ މަސައްކަތް ކޮށްފިން. އެކަމަކު....އަހަރެން އޭނަގެ ގައިގައި އަތްލިޔަސް، އޭނާވަނީ ފާޑެއްގެ ފޫއްސެއް.] ނަވާލް ފެންކަޅިވެއްޖެއެވެ.

[އޭނާ ލޯބިވާ އެހެން މީހަކު އުޅެނީތަ؟ ދެން ކީއްވެގެންތަ އޭނާ ނަވާލްގެ ކައިވެންޏާ ރުހުނީ. ތިހެން ދޫ ބަންދުކޮށްގެން ނުހުރެ، ނިކަން އޭނާގާތު އަހާބަލަ. އޭނާ އެދޭގޮތެއްވެސް އޭރުން އެނގިދާނެއެއްނު.] އަފްޒަލު ޚިޔާލުދިނެވެ.

[އަހަރެން ވާހަކަ ދެއްކިޔަސް، ގިނަފަހަރު އަނގައިންވެސް ނުބުނާނެ. އެހެންވެ އަހަރެން އޭނާ ލައްވާ އެއްވެސް ކަމެއްވެސް ނުކުރުވަން. އަހަރެން އެންމެ ދެރަވަނީ އިނގިލިކުރި ޖައްސާލިޔަސް އޭނާއަށް އެވާގޮތަކުން.] ނަވާލް ފުން ނޭވާއެއްލިއެވެ.

[މައްސަލައަކީ ނަވާލް މާބީރައްޓެހިކޮށް އުޅޭތީއޭ. ނަވާލް ނިކަން ތަފާތު މީހެއްގެ ގޮތުގައި ކުރިމަތިލާބަލަ. އަންހެނުންނަކީ ވަރަށް ނާޒުކު ބައެއް. ފެންފޮދެއް ބޮއިލާހާ ފަސޭހައިން އެވެރިންގެ ޚިޔާލުވެސް ބަދަލުކޮށް، އިޙްސާސްތަކާ ކުޅެވިދާނެ.] އަފްޒަލް ނަވާލަށް ކިޔާދިނެވެ. އެއީ ކިތަންމެހާވެސް ރަނގަޅު ވާހަކައެކެވެ. ކިތަންމެ ރަނގަޅު އަންހެން ކުއްޖެއްގެވެސް އިޙްސާސްތަކާ ކުޅެލުމަކީ، ބައެއް ފިރިހެނުންނަށް މާބޮޑު ކަމަކަށް ނުވާނެއެވެ.

އެއީ ކުރިން އަފްޒަލްވެސް ތަޖްރިބާ ކޮށްފައިވާ ކަމެކެވެ. މީހުންގެ އަނބިން މަގު އޮޅުވާލުމަކީވެސް އޭނާއަށް މާބޮޑު ކަމެއް ނޫނެވެ. އެދުވަހު އަފްޒަލް ދިން ނަޞޭޙަތުގެ ސަބަބުން ނަވާލް ނިކަން ދެރަވިއެވެ. އޭނާގެ ފިނޑިކަމާ ދޭތެރޭ ވިސްނުނީމައެވެ. ތަފާތު ގޮތަކަށް އަނބިމީހާއާ ކުރިމަތިލުމަށްވެސް އެރޭ އޭނާ ޢަޒުމް ކަނޑައެޅިއެވެ.

[ނަދުހާ، ނަދުހާ އަހަންނަށް ތިދެނީ ކިހާބޮޑު ނިކަމެތި ކަމެއް...ނަދުހާ ނިކަން ވިސްނާލަބަލަ....ފިރިމީހާއަށް ކިޔަމަންތެރިވުމަކީ، އަނބިމީހާގެ ވާޖިބެއްކަން ނަދުހާއަށްވެސް ހަމަރަނގަޅަށް އެނގޭނެ....އަހަންނަކީވެސް ހިތެއް ދެއްވާފައިވާ އިންސާނެކޭ. ކައިވެނިކޮށްގެން ހުރެ، ކައިވެނީގެ އުފާތަކުން އެކަހެރިވެ ހުންނާން ޖެހުމުން އަހަންނަށް ހާދަ އަސަރެއް ކުރެޔޭ....] ނަވާލްގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. ނަދުހާ އިސްއުފުލައި ނަވާލްގެ މޫނަށް ބަލައިލިއެވެ.

[ނަދޫ އަހަރެންގެ މިދެއަތުގެ ޙިމާޔަތަށް ނިކަން އައިސްބަލަ.....އަހަރެން ނަދޫދެކެ ހާދަ ލޯބިވެޔޭ....ގާތަށް އައިސް ނަދޫގެ މޫނު، އަހަރެންގެ މޭގައި ޖައްސާލަބަލަ.] ނަދުލާގެ ލޮލުން ކަރުނަ ފޭދެން ފަށައިފިއެވެ.

[އަހަރެން މިހުރި މަގާމަށް އެހެން މީހަކު ހޯދާ ނަވާލް....ތިވިސްނާ ނަޒަރުން އަހަންނަކަށް ނަވާލާ ދިމާއަށް ބަލައިވެސްނުލެވޭނެ.....] ނަދުހާގެ ދެލޯވެސް ކަރުނައިން ތެމިއްޖެއެވެ.

[ނަދޫ....ލޯބިވާ އެހެން މީހަކު ހުރީތަ؟......] ނަވާލްގެ އަޑު ބެދުނެވެ.

[އާނ، އަހަރެން ލޯބިވާ އެހެން މީހަކުހުރޭ. އަހަންނަށް އޭނާގެ ލޯތްބާނުލާ ނޫޅެވޭނެ. ކިތަންމެ ދުވަހެއް ވަންދެން ނަވާލް އަހަންނާ އިނދެގެން އުޅުނަސް، އަހަންނަށް ނަވާލަކަށް ލޯތްބެއް ނުދެވޭނެ....] ފުރަތަމަފަހަރަށް ނަދުހާ ނަވާލްގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވާލިއެވެ. ނަވާލްގެ ދެލޯ ބޮޑުވިއެވެ. އިރުކޮޅެއް ވަންދެން އޭނާއަށް ބަސްހުއްޓިފައި ނަދުހާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ނަވާލަށް ހީވަނީ އޭނާގެ ސިކުނޑީގައި މީހަކު ބާރު ބޮނޑިއެއް އަޅާލިހެންނެވެ.

[އެހެން ފަހަރަކުންވެސް ނަދުހާ ތިހެން ނުބުނާތި. ތިއަޑު އަހާކަށް އަހަންނަކަށް ކުޅަދާނައެއް ނުވާނެ....] ނަވާލް ހަޅޭއްލަވައިގަތެވެ. އެއަށްފަހު އޭނާއަށް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ.

[އަހަރެން ނަދުހާގެ ލޯބި ބޭނުން...އަހަރެން އެހެން މީހެއްގެ އަތްމައްޗަށް ނަދުހާ ދޫކޮށެއްނުލާނަން....] ނަވާލް ރޮއިރޮއިފައި ބުންޏެވެ.

[ތިބުނީ ނަވާލްގެ ފުށުން އަހަރެން މިނިވަން ނުވާނެއޭތަ؟] ނަދުހާ ކުޑަކޮށް ޙައިރާންވާފަދަ ގޮތަކަށް އެއްސެވެ. ނަވާލް ބޯޖަހާލިއެވެ.

[ކިތަންމެ ދުވަހެއް ވަންދެން ނަވާލްގެ ބައިވެރިއެއްގެ ގޮތުގައި ހުންނަން ޖެހުނަސް، އަހަރެންގެ ފަރާތުން ނަވާލަށް ކުޑަވެސް ލޯތްބެއް ނުލިބޭނެ.] ނަދުހާ ދެލޯ ފޮހެލިއެވެ.

[ލިބޭނެ.....އަހަރެން ލޯބި ހޯދާނަން...އަހަރެންގެ އަނބިމީހާގެ ފަރާތުން ފުރިހަމަ ލޯތްބާއި ހިތްހަމަޖެހުން ލިބިގަތުމުގެ ޙައްޤު އަހަންނަށް ލިބިގެންވޭ.] ނަވާލް ނަދުހާއާ ގާތަށް ޖެހެން ފެށިއެވެ. ނަދުހާ ޖެހެންފެށީ ފަހަތަށެވެ.

[ފަހަތަށްނުޖެހޭ. ލައްކަ ދުވަސް ވަންދެން ނަދުހާ ހެދިގޮތަކަށް ވަރިހަމަކޮށްގެން އުޅެވިއްޖެ އަހަންނަށް. ދެން ކެތެއް ނުވާނެ.] ނަވާލް އެއްލިއަތުން ނަދުހާގެ އަތުގައި ހިފެހެއްޓިއެވެ.

[ދޫކުރޭ އަހަރެންގެ އަތުން....] ނަދުހާ ނަވާލްގެ އަތުން ވީއްލިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. އެވަގުތު ދޮރުގައި މީހަކު ޓަކިޖެހީ ނަދުހާގެ ނަޞީބޭ ނަދުހާގެ ހިތަށްއެރިއެވެ. ނަވާލް ނަދުހާގެ އަތުން ދޫކޮށްލުމަށްފަހު ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހިނިއައިސްފައި ހުރީ ދަލޭކައެވެ.

[ދަލޭކަދައްތާ.....] ދަލޭކަ ފެނުމާއެކުވެސް ނަދުހާގެ ބަޑި ފަޅައިގެންދިޔައެވެ. އޭނާ ދަލޭކަގެ ކޮނޑުގައި ބޯއަޅާލުމާއެކު ބާރަށް ރޮއިގެންފިއެވެ. ދަލޭކަ ކޮޓަރިއަށް ވަނުމާއެކު ނަވާލް ކޮޓަރިން ނުކުތެވެ.

[ދަރިފުޅާ ހިތްވަރުކުރޭ.....]ދަލޭކަ ނަދުހާގެ ބުރަކަށީގައި ލޯތްބާއެކު ފިރުމާލިއެވެ.

[ދަލޭކަދައްތާ....އަހަންނަކަށް ނޭނގެ މިވާގޮތެއް. މުނާޒަކީ އިންސާނެއް ނޫންކަން އެނގިހުރެވެސް، އަހަރެންނަށް މިއުޅެވެނީ މުނާޒްގެ މަތިން ހަނދާންނުނެތިގެން....] ނަދުހާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.

[ތިހެންވާން ޖެހެނީވެސް ސަބަބެއްނެތިއެއް ނޫން.....ފަހުން ދަރިފުޅަށް ތިޙަޤީޤަތް ހާމަވާނެ. މިވަގުތު ދައްތަ ދަނީ....] ދަލޭކަ ހިނގައިގެންފިއެވެ. ފަހަތުން ނަދުހާވެސް ކޮޓަރިން ނުކުތެވެ. އޭރު ބޮޑު ކޮޓަރިއަކުވެސް ނަވާލެއް ފެންނާކަށް ނެތެވެ. އެހެންކަމުން، ނަދުހާ ދަލޭކައާއެކު ދޮރާއްޓާ ހަމައަށް ނުކުތެވެ.

[ބޭރުގައި ނުހުރެ ވަދޭ......] ދަލޭކަ ނުކުމެގެންގޮސް ޖެހިގެން އޮތް ގޯޅި އެޅިއެވެ. ނަމަވެސް، ނަދުހާ ގޮތްހުސްވެފައިވާފަދަ ގޮތަކަށް ދޮރާށިބުޑުގައި ހުރީއެވެ.

[ނަދުހާ.......] ނަދުހާ އެތާނގައި ހުންނަތާ ފަސްވަރަކަށް މިނެޓްފަހުން ފަހަތުން މީހަކު ގޮވާލިހެން ހީވެގެން އެނބުރިއްޖެއެވެ. ނަދުހާ ހޯދަން ފެށިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

[މިއަޑުގެ ފަހަތުން އާދޭ ނަދޫ.....އޭރުން އަހަރެން ނަދޫއަށް ޒަވާޖީ ޙަޔާތުގައި ކުރިއަށްދާނެ މަގު ދައްކާނަން.....] މިފަހަރު އަޑު އަންނަންފެށީ ނަދުހާގެ ކުރިމަތިންނެވެ. އޭރު ނާމާން ޒާތެއްގެ އަޑެއް، އެގެއާ މާދުރުނޫން ހިސާބެއްގައި ހުރި ގެއެއް (އަލަށް ޢިމާރާތް ކުރަމުންދާ ފަޅުގެއެއް)ގެ ތެރެއިން އިވެމުންދެއެވެ. ނަދުހާއަށް އޭނާގެ އަމިއްލަ އެއްވެސް އިޚްތިޔާރަކާނުލައި، އެގެއާ ދިމާއަށް ހިނގައިގަނެވިއްޖެއެވެ. އޭރުވެސް މެދުނުކެނޑި އެ ނާމާން އަޑު އިވެމުންދެއެވެ. ނަމަވެސް ނަދުހާގެ ހިތަކަށް ކުޑަވެސް ބިރުވެރިކަމެއް ނުވަދެއެވެ. އޭނާ މަޑުމަޑުން ހިނގާފައިގޮސް އެފަޅު ގެއަށް ވަނެވެ. އެއީ މެންދަމުގެ ވަގުތު ކަމަށްވުމުން، އެހިސާބު މަގުމަތިންވެސް ބަޔަކު ޙަރަކާތްތެރިވާ ތަނެއް ނުފެނެއެވެ. ނަދުހާއަށް ވަދެވުނީ، އެގޭގައި ހަދާ ނުނިމި ހުރި ކޮޓަރިއަކަށެވެ. އޭރު އެކޮޓަރިއަށް ފަނޑު ނަމަވެސް އާދަޔާ ޚިލާފު އަލިކަމެއް ފެތުރިފައިވެއެވެ.

[ނަދޫ....ފުރަތަމަ ދުވަހުވެސް އަހަރެން ބުނީމެއްނު، ކައިވެންޏާ ނުރުހޭށޭ.....]މިއަޑާއެކު ކުއްލިއަކަށް މުނާޒް އެތަނަށް ފާޅުވެއްޖެއެވެ. ނަދުހާ ކުޑަކޮށް ސިހުނުވެސްމެއެވެ.

[މުނާޒް ދެން ތިވާހަކަ ނުދައްކާ....އަހަރެންގެ ދިރިއުޅުން ޙިއްޞާ ކުރަން ބޭނުންވަނީ މުނާޒާއެކު....އަހަރެން މިހާރު ބޭނުންވަނީ ނަވާލްގެ ކިބައިން މިންޖުވާން.] ނަދުހާއަށް ބޭއިޚްތިޔާރުގައި މުނާޒްގެ މޭގައި ބޯއަޅާލެވުނެވެ. އެހިނދު ލޯ މަރާލުމަށްފަހު، މުނާޒްގެ ދެއަތްވެސް ނަދުހާ ވަށާލެވި ބާރުކޮށްލެވިއްޖެއެވެ.

އެއީ އޭގެ އެންމެހާ ފޮންޏާއި ލައްޒަތު ހުރި ރީތި މަލެކެވެ. އެމަލުގައިވާ މީރުކަމާއި ފޮނިކަން ލިބިގަތުމަކީ އަދި އެއްވެސް މާބުރަކަށް ކުރެވިފައިވާ ކަމެއް ނޫނެވެ. ނަމަވެސް، މިހާރު އެދުވަސް މާޒީވެދަނީއެވެ. މާބުރު އެމަލުގެ ކަރުގަނޑުގެ ތެރެއަށް ވަދެއްޖެއެވެ. ވަޔާއެކު ގަސްތޮޅިލީމާވާފަދަ ގޮތަކަށް މާ ނަށާލިއެވެ. އޭރުވެސް މާބުރު ލައްޒަތު ލިބިގަންނަނީއެވެ.

ހިމޭން ވަގުތަކަށްފަހު، ތިމާގެ މަސްއޫލިއްޔަތު އިޙްސާސްވީމާފަދަ ގޮތްތަކަކާއެކު ނަދުހާ މުނާޒާ ދުރަށް ޖެހިލިއެވެ. މުނާޒް ހުރީ ހިނިއައިސްފައެވެ.

[ނަދޫ....ނަދުހާއަށް ނަވާލްގެ ކިބައިން ސަލާމަތްވެވޭނީ އޭނާގެ އުނަގަނޑުގައި އޮތް ތަވީދު ކަނޑާލެވިގެން. އެހެން ނޫނީ އޭނާގެ ކިބައިން ސަލާމަތްވާން ވަރަށް އުނދަގޫވާނެ.] މުނާޒް އޭނާގެ ގަމީހުގައި ނެއްޓިފައިވާ ގޮށްތައް އަޅުވަމުން ވާހަކަ ދެއްކިއެވެ.

[މުނާޒް....ކިހިނެއްތަ ތިކަން އަހަރެން ކުރާނީ.] ނަދުހާ ވިސްނާލިއެވެ.

[އެންމެ ރެޔަކަށް ނަވާލްގެ އުފާތަކަށް މަރްޙަބާ ކިޔާނީ. އެ އުފާވެރި ވަގުތު އޭނާއަކަށް ވާނުވާއެއް ނޭނގޭނެ.] މުނާޒް ޚިޔާލު ދިނެެވެ. ނަދުހާ ފުން ނޭވާއެއްލިއެވެ.

[ކޮންމެ ގޮތެއް ހަދާފައިވެސް އޭނާގެ ކިބައިން ސަލާމަތްވާން އަހަރެން ބޭނުން.] ނަދުހާ ބުންޏެވެ.

[އެއްދުވަހަކުން އަހަރެން ބޭނުން ނަދޫ އަހަރެންގެ ޙަޔާތަށް ގެންނަން. އެކަމަކު....] މުނާޒްގެ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލީ އޭނާއަށް ބުނެވޭ ވާހަކައަކުން އަނެއްކާވެސް ނަދުހާ ހިތްހަމަނުޖެހިދާނެތީއެވެ.

[އެކަމަކު....ކީކޭތަ؟] މުނާޒް ކަމެއް ސިއްރުކުރާހެން ހީވާތީ ނަދުހާ އެއްސެވެ. މިހާރު އޭނާގެ ހިތްވެސްވަނީ އަވަސްވެފައެވެ.

[އަހަރެން ބުނަން އުޅުުނީ އަހަންނާ ކައިވެނިކޮށްފިއްޔާ، ނަދޫ އުޅެން ޖެހޭނީ އިންސާނުންގެ ލޯތަކަށް ނުފެންނަފަށުގައޭ އަހަންނާއެކު.] ނަދުހާއަށް ކުޑަކޮށް ސިހުން ލިބުނެވެ.

[އޭރުން އަހަރެންގެ މަންމައާއި ބައްޕަޔޯ. މަންމަމެނަށް ނުފެނި ކިހިނެއްތަ އަހަރެން އުޅޭނީ.] ނަދުހާ ބުންޏެވެ. މުނާޒް ނަދުހާގެ އަތުގައި ހިފައި އޭނާއާ ކައިރިކޮށްލިއެވެ. ނަދުހާ އަނެއްކާވެސް ހިނދުކޮޅަކަށް މުނާޒްގެ މޭގެތެރޭގައި ބޮނޑިވެލިއެވެ.

[މިހާރު ނަވާލް އަހަރެން ހޯދާނެ.....ދެންދަނީ.] ކުއްލިއަކަށް މުނާޒާ ދުރަށް ޖެހިލަމުން ނަދުހާ ބުންޏެވެ.

[ދެންދޭ. އެކަމަކު ގޮސް ތަވީދު ކަނޑާލެވޭތޯ މަސައްކަތް ކުރަންވާނެ.] މުނާޒް އަނދިރީގެ ތެރެއަށް ވަދެގެން ހިނގައިގަތެވެ. އޭރު ނަދުހާ ވީތަނެއް ނޭނގިގެން ނަވާލް ގޭގެ އެތަންމިތަން ހޯދަނީއެވެ. ނުބުނެ ނަދުހާ ބޭރަށް (ދަންވަރުގެ ވަގުތު) ދިޔައީތީ ނަވާލްހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. ނަދުހާ އޭނާދެކެ ލޯބިނުވިޔަސް، އަމިއްލަ މަޤާމް ނަދުހާއަށް އިޙްސާސް ކުރެވެން ޖެހޭނެއެވެ. ފިރިމީހާ ގާތު ނުބުނެ ބޭރަށް ދެވިގެންވެސް ނުވާނެއެވެ. ނަމަވެސް އެއީ މިހާރަކަށް އައިސް އަޚްލާޤީ ގޮތުން ދަށް މީހުންގެ އަނބިން ނޫނީ ކޮށްނޫޅޭ ކަމެކެވެ. މިހާރު ކުރިއާ ޚިލާފަށް ގިނަ އަންހެން ކުދިން ޒަވާޖީ ޙަޔާތް ފަށަނީ ރަނގަޅު ތަޢްލީމާއި ތަރުބިއްޔަތު ލިބިގެންނެވެ. އަންބަކަށްވުމުން، އެމީހެއްގެ ޒިންމާ، ކޮންމެ މީހަކަށްވެސް އެނގެއެވެ. އެހެންނަމަވެސް، މިހާރުވެސް މާގިނަ ނޫނަސް އެފަދަ ތަރުބިއްޔަތު ނުލިބިވެސް ބައެއް މީހުން ޒަވާޖީ ޙަޔާތް ފަށައެވެ. އެކަމުގެ ބުރައާއި ހިތްދަތިކަން ތަޙައްމަލް ކުރަންޖެހެނީ އެފަދަ މީހުންގެ ފިރިންނަށެވެ.

[ނަދުހާ......] ރުޅިއައިސް ރަތްވެފައިހުރި ނަވާލް ދޮރާއްޓާ ދިމާއަށް ހިނގައިގަންނަމުން ނަދުހާއަށް ގޮވިއެވެ. އޭނާ ހީކުރީ ނަދުހާ އޭނާއަށް ފިލައިގެން އުޅެނީ ކަމަށެވެ. އެހެންކަމުން، އޭނާ ފުރަތަމަ ހޯދީ ގޯތިތެރޭގައިވާ މާ ބަގީޗާތެރެއެވެ. އޭނާ ނަދުހާއަށް ގޮވަންފެށީ ހޯދާ ހޯދާ ނުފެނުނީމައެވެ.

[ނަދުހާ ފިލާ އޮތްތަނަކުން ނުކުމޭ.....] ނަވާލް ދޮރާށި ހުޅުވުމަށްފަހު ބޭރަށް ބޯދިއްކޮށްލިއެވެ. އެއާއެކު އޭނާގެ ނަޒަރު އަމާޒުވީ، އެގެއާ ދާދި ކައިރީގައި ހުރި ފަޅުގެއެއްގެ ތެރެއިން ނުކުތް ނަދުހާއަށެވެ. ނަވާލް ރުޅިއައިސް ތުރުތުރުއަޅަން ފެށި ކަހަލައެވެ. އެގެއިން ނުކުތްތަން ނަވާލަށް ފެނުމުން ނަދުހާގެ ހިތްވެސް ނުތަނަވަސްވިއެވެ. އޭނާއަށް މަޑުޖެހިލެވުނެވެ. ނަވާލް ނިކަން ރުޅިއައިސްފައި އެތެރެއަށް ވަނެވެ. ނަދުހާ ދެން ކުރިއަށް ހިނގައިގަތުމުގެ ކުރިން ވިސްނީ، ނަވާލާ ކުރިމަތިލާނެ ގޮތަކާ މެދުގައެވެ. ޙަޤީޤަތުގައި އެހެން މީހުންގެ ކުރިމަތީގައި ތިމާގެ އަބުރާއި ޢިއްޒަތް ހިފެހެއްޓުމަކީ ނަދުހާގެ އުއްމީދެކެވެ.

ނަދުހާ ގެއަށް ވަންއިރު ނަވާލް ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ނަދުހާ ކޮޓަރިއަށް ވަދެ، އެތެރެއިން ތަންޑުވެސް އަޅުވައިފިއެވެ.

[ކޮންތާކުން ތިޔައީ؟ އެފަޅުގެއަށް ވަނީ ކީއްކުރަން؟] ނަވާލް ހުރީ ނަދުހާ ކޮޓަރިއަށް ވަނުން ލަސްވެފައެވެ. ނަދުހާ ކުޑަކޮށް ސިހުނުވެސްމެއެވެ.

[ނަވާލް ގޮވަން ފެށީމާ ފިލަންވެގެންގޮސް އެގެއަށް ވަނީ.....އެކަމަކު އަނދިރިކަމުން ޖެހުނީ ނުކުންނަން.] ނަދުހާ ހެދީ ދޮގެވެ. ނަމަވެސް އެއީ ތެދުކަމުގައި އޭނާގެ ލޯތްބާހުރެ ދީވާނާވެ ހުސްވަމުންދާ ނަވާލް ޤަބޫލު ކުރީއެވެ. އެއީވެސް ނަދުހާއަށް ފަހިވެފައިވާ މަގެކެވެ.

[ނަދުހާ، އަހަރެން މިހާވަރަށް ލޯބިވާއިރު، ކީއްވެތަ ނަދުހާ އަހަންނަށް ލޯބިނުދޭން އުޅެނީ....މިހާރު އަހަރެންގެ ދިރިއުޅުމުގެ ބާރަކީ ނަދުހާ.....] ނަވާލް ނަދުހާގެ އަތުގައި ހިފެހެއްޓިއެވެ.

[އަހަންނަކަށް ނަވާލަކަށް ލޯތްބެއް ނުދެވޭނެ.] ނަދުހާ ދެލޯ މަރާލިއެވެ. ނަވާލްގެ މޫޑު އަނެއްކާވެސް ބަދަލުވެއްޖެއެވެ. އޭނާ ނިކަން އަވަސް އަވަހަށް ނަދުހާގެ އަތުން ދޫކޮށްލިއެވެ. އޭރު ނަވާލްގެ ލޮލަށް ކަރުނައިގެ އަސަރު ވެރިވާން ފަށައިފިއެވެ. އޭނާއަށް މިހާރުވަނީ ކުރިއަށްވުރެންވެސް ފުން އަސަރުތަކެއް ކޮށްފައެވެ. ނަދުހާ ކިތަންމެ ނުރުހުނަސް، ނަދުހާގެ ލޯބި ހޯދުމަކީ، އޭނާގެ އުއްމީދެކެވެ. ލޯބީގެ ފެށުމަކީ ނަފްރަތޭ ބުނާތީ، އޭނާވެސް އަޑުއަހައެވެ. އެހެންކަމުން، މިއަދު ކިތަންމެ ނުރުހުނަސް، ފަހުން ނަދުހާގެ ޚިޔާލު ބަދަލުވުމަކީ ނަވާލްދެކޭ ހުވަފެނެކެވެ. އެގޮތުން ނުލިބިއްޖެއްޔާ ގަދަބާރުންވެސް އޭނާ ނަދުހާ ރުއްސާނެއެވެ. އަނިޔާކޮށްގެންވެސްވެހެވެ.

[ކުރީގައިވެސް އަހަރެން ބުނީމެއްނު ތިޔަހެން ނުބުނާށޭ. އަހަރެން ވަރަށް ދެރަވެޔޭ ތިހެން ބުނީމާ.] ނަވާލް ނަދުހާގެ ލޮލަށް ބަލައިލިއެވެ.

[އަހަންނަކީ އެއްއިރެއްގައިވެސް ހިތުގައިވާ އެއްޗެއް ފޮރުވައިގެން އުޅޭ މީހެއް ނޫން.] ނަދުހާ އެނދުގައި އިށީނެވެ.

[ވަރިހަމައޭ...މިހާރު ނަދުހާ ހަދަންޖެހޭނެ، އަހަރެން ބުނާގޮތް. އަމިއްލަގޮތާއި އުޞޫލުތަކަށް ޢަމަލުކުރެވޭނީ އަހަރެންގެ ތާއީދު ލިބިއްޖެ ހިނދެއްގައި.] ނަވާލް އެނދާ ދިމާއަށް ހިނގައިގަތެވެ.

[ކީއްކުރަންތަ ތިއުޅެނީ؟] ނަދުހާ ޖެހިލުންވިއެވެ.

[އަހަރެންގެ އަންބެއްގެ މަގާމުގައި ހުންނައިރު، ހިތްހަމަޖެހުމާއި އުފާތައް އަހަންނަށްވެސް ލިބެންޖެހޭނެ. މިރޭ އެއުފާތައް އަހަރެން ލިބިގަންނާނަން.] ނަވާލް ނަދުހާއާ ޖެހިފިތިގެން އިށީނެވެ. ނަދުހާ އެއްފަރާތަކަށް ޖެހިލިއެވެ. ނަވާލް އަނެއްކާވެސް ނަދުހާއާ ގާތަށް ޖެހިލިއެވެ.

[ކުޑަކޮށް ދުރަށް ޖެހިބަލަ....އަޅެ ވަރަށް ހޫނުއެބަވެޔޭ އަފޫ....] ޝިޒްނާ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާ އަފްޒަލާއެވެ.

[އުނހޫ....] މަސްތީ އިޙްސާސަކާއެކު އަފްޒަލް ކުރިއަށްވުރެވެސް ޝިޒްނާއާ ގާތަށް ޖެހިލިއެވެ.

[ދަރިފުޅުމެންނޭ، އާދޭ ނާސްތާ ކުރަން.] އެވަގުތު ކޮޓަރި ދޮރުމަތިން ކަހަލަ ގޮތަކަށް ޝިޒްނާގެ މަންމަ ފަރީދާގެ އަޑުއިވުނެވެ. ޝިޒްނާ ސިއްސައިގެންދާފަދަ ގޮތަކަށް އަފްޒަލާ ދުރަށް ޖެހިލިއެވެ. ކުރިން ހިތާމައާއި ހިތްދަތި އިޙްސާސް ކުރިޔަސް މިހާރު އެއީ ނިކަން އުފާވެރި ދެމަފިރިންނެވެ. މިހާރު އަފްޒަލަށް އޭނާގެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ އުފަލެއްވެސް ލިބިފައިވެއެވެ. އޭނާއަށް މަންމައާއި ބައްޕަގެ ލޯބީގެ އިތުރުން އަންބެއްގެވެސް ފުރިހަމަ ލޯބި ލިބިއްޖެއެވެ. ނަމަވެސް، ޝިޒްނާ އަދި އެއާ ޚިލާފެވެ. ޝިޒްނާއަށް ލިބިފައިވަނީ ފިރިމީހާގެ ލޯތްބާއި މަންމަގެ ލޯތްބެވެ. އަދިވެސް އޭނާއަކަށް އޭނާގެ ޙަޤީޤީ ބައްޕައަކީ ކާކުކަމެއް ނޭނގެއެވެ.

އޭނާގެ ޙަޤީޤީ ބައްޕަގެ ފޮޓޯއެއް މަންމަ އަދިވެސް އޭނާއަކަށް ނުދައްކައެވެ. މިހާރު އޭނާ އެތައްފަހަރަކު މަންމަ ގާތު އެކަމާ ޝަކުވާވެސް ކޮށްފިއެވެ. ނަމަވެސް، އެމަންމަ އަދިއަދަށް ދާންދެންވެސް ބުނަމުން އަންނަނީ ފަހުން ބުނެދޭނެ ކަމަށެވެ. އަނެއްކާވެސް ޝިޒްނާ އެވާހަކަ ދައްކަންފެށީ އެދުވަހު ހެނދުނު ނާސްތާ ކުރަން އިނދެއެވެ.

[މަންމާ، އަހަރެން ވާހަކައެއް އަހާލަންތަ؟] ޝިޒްނާ މަންމަގެ މޫނަށް ބަލައިލިއެވެ.

[ކޮންވާހަކައެއް؟ އަހާބަލަ.] ފަރީދާ މޭޒުމަތީގައި ހުރި ބައެއް ތަށިތައް ނަގަމުން ވާހަކަ ދެއްކިއެވެ.

[މަންމަވާނެ ތެދުބަހުން ވާހަކަ ދައްކަން. ތެދަށް މަންމަ ބުނާނަންދޯ؟] ޝިޒްނާ ބުންޏެވެ. ފަރީދާ ބޯޖަހާލިއިރުވެސް، ދަރިފުޅު ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން އޭނާއަށް ވިސްނެއެވެ. އެހެންކަމުން، އެހިނދު އޭނާގެ މޫޑުވެސް ކޮންމެވެސް ވަރަކަށް ބަދަލުވެއްޖެއެވެ.

[މަންމާ...އަހަރެންގެ ބައްޕަ މިހާރު ދުނިޔޭގައި އެބަހުރިތަ؟] ޝިޒްނާގެ މަޥްޟޫޢަކީ ފަރީދާ ހީކުރި މަޥްޟޫޢެވެ.

[އާނ، ދުނިޔޭގައި އެބަހުރި. އެކަމަކު މަންމައަކަށް އޭނާ އުޅޭ ގެއެއް ނޭނގެ.....] ފަރީދާ ކާގެއިން ނުކުންނަން ހިނގައިގެންފިއެވެ.

[މަންމާ....އަޅެ މަޑުކޮށްބަލަ....] ޝިޒްނާ ތެދުވެގެންގޮސް މަންމަގެ އަތުގައި ހިފެހެއްޓިއެވެ.

[ދަރިފުޅާ......ދަރިފުޅު ކީއްކުރަންތަ، އެބައްޕަގެ ވާހަކަ ތިއަހަނީ؟ ބައްޕައެއްގެ ލޯބި ދަރިފުޅަށް ނުލިބެނީތަ......] ފަރީދާގެ ލޮލުން ކަރުނައައެވެ.

[މަންމާ....އަހަންނަށް އަހަރެންގެ ބައްޕަ ސިއްރުނުކުރޭ. އަހަރެން ވަރަށް ބޭނުން ބައްޕަ ހަމަލޮލުން ދެކެލަން.....] ޝިޒްނާގެ ލޮލަށްވެސް ކަރުނައިގެ އަސަރު ވެރިވެއްޖެއެވެ.

[އެ ސޫރަ ދަރިފުޅަށް ދައްކާކަށް މަންމަގެ ހިތަށް ކުޅަދާނައެއް ނޫން. އެކެހިވެރިޔާގެ މޫނު ދެކޭކަށްވެސް މަންމަ ބޭނުމެއް ނޫން.] ފަރީދާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހެން ފަށައިފިއެވެ. މިފަހަރުވެސް ހަތިޔާރު ބަހައްޓަން ޖެހުނީ ޝިޒްނާއަށެވެ. ބައްޕައެއް ހޯދުމުގެ ބޭނުމުގައި މަންމަގެ ހިތުގައި ޖައްސައި މަންމަ ރޮއްވާކަށް ފަހަރެއްގައިވެސް އޭނާގެ ހިތެއް ނޭދެއެވެ. ނަމަވެސް، ކޮންމެވެސް ދުވަހަކުން އެބައްޕަ އޭނާއާ ބައްދަލުވާނެ ކަމުގެ ފޮނި އުއްމީދެއް އޭނާގެ އޮވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން