މިނިވަން ބަހުސްގެ ނަމުގައި ކުރިން ބޭއްވި ސިޔާސީ ސައްލާތައް ދަ ޑިމޮކްރެޓްސްގެ ފަރާތުން ބާއްވަންފަށަން ނިންމާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މީސްމީޑިއާގައި އާންމުކޮށްފައިވާގޮތުން މިނިވަން ބަހުސްގެ ނަމުގައި ބާއްވާ ފުރަތަމަ ފޯރަމް ބާއްވަން ނިންމާފައިވަނީ މިއަންނަ ހުކުރު ދުވަހުއެވެ. އަދި އެ ފޯރަމްތައް ކުރިއަށް އޮތް ދުވަސްތަކުގައި ސިލްސިލާކޮށް ކުރިއަށް ގެންދާނެކަމަށް ވަނީ ބުނެފައެވެ. ހުކުރު ދުވަހު ބާއްވާ ފޯރަމްގެ މައުޟޫއަކަށް ހަމަޖައްސާފައިވަނީ “ޑިމޮކްރަަސީ ޔޫޓާންއެއް ނެގީ ކޮންއިރަކު” މިއެވެ.

ނަމަވެސް، ފޯރަމް ބާއްވާތަނެއް އަދި އެ ޕާޓީން އާންމުކޮށްފައެއް ނުވެއެވެ.

ޑިމޮކްރެޓްސް އިން ބުނެފައިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ވާ ކަމަށެވެ. އަދި އެކަންކަމަކީ އާންމު ރައްޔިތުންގެ ވިސްނުން ހުރިގޮތް ބަލަންޖެހޭ ކަންކަން ކަމަށާއި މިނިވަން ބަހުސް ބޭއްވުމުގެ އެއް ބޭނުމަކީ އެއީ ކަމަށެވެ.

ޑިމޮކްރެޓްސް އިން މިނިވަން ބަހުސް ފަށަން ނިންމާފައި މިވަނީ އެޕާޓީގެ ލީޑަރޝިޕްގެ މެންބަރުންތަކެއް ޕާޓީން ވަކިވުމުން ޕާޓީ ވަރަށް ބޮޑަށް ހީނަރުވެފައިވަނިކޮށް، އަލުން ޕާޓީއަށް ރައީސަކާއި ނާއިބުން ވެސް ހޮވައި ޕާޓީ ހިންގުމުގެ ކަންކަން ތަރުތީބުކުރަން ފަށާފައިވާ ދުވަސްވަރެއްގައެވެ.

މިނިވަން ބަހުސްއަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ރައީސް މައުމޫނުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ހިޔާލު ފާޅުކޮށް އަޑުއުފުލުމުގެ ހަރަކާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން