ޖޯ ބައިޑެން
ޖޯ ބައިޑެން
ސައިންސްގެ ދާއިރާއިން ނޮބެލް ޕްރްއިޒް ލިބިފައިވާ 81 މީހަކު ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑެންއަށް ތާއީދު ކުރަން ނިންމައި އެކަން ހުޅުވާލެވިފައިވާ ސިޓީއެއްގައި ހާމަކޮށްފައިވާކަމަށް ސީއެންއެންއިން ބުނެފިއެވެ.

އެމެރިކާގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑެންގެ ރިޔާސީ ކެމްޕޭންގައި ސައިންސްގެ ދާއިރާއިން ކަމާގުޅޭ މާހިރުންނާއި ވާހަކަ ދައްކަވައި އެކި ކަންކަމުގެ ހައްލު ހޯދުމަށް ހިޔާލު ހޯދުން މިއީ އުފާ ކުރަން ޖެހޭ ކަމެއްކަމަށާއި މިކަމަށް ޝުކުރު އަދާ ކުރާކަމަށް މި ހުޅުވާލެވިފައިވާ ސިޓީގައި ފާހަގަ ކުރެވިފައިވާކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފައިވެއެވެ.

ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމަށް ގެނައުމަށް ތާއީދުކޮށް ނެރެފައިވާ މިސިޓީ ތައްޔާރުކުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިލިނޮއިސް ގެ ޑިމޮކްރެޓް ރިޕްރެސެންޓޭޓިވް ބިލް ފޮސްޓަރ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ބަލިމަޑު ކަމުން ސަލާމަތް ވުމަށް އެމެރިކާގެ މިހާރުގެ ރައީސް ގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބުމާއެކު، ޖޯ ބައިޑެންގެ އެޖެންޑާއިން، މިނިވަންކަމާއެކު ގިނަ ސައިންސް ތަހުލީލުތަކެއް ކުރުމަށް ހިތްވަރުދޭކަން ފާހަގަ ކުރެވެއެވެ.

ޖޯ ބައިޑެން ސީއެންއެން އަށް މިއަހަރުގެ ކުރީކޮޅު ދެއްވި އިންޓްވިއުއެއްގައި ކޮރޯނާ ވައިރަސް އިން ސަލާމަތް ވުމަށް ސިއްހީ މާހިރުންގެ އަޑު އެހުމަށް މިހާރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަނީ ގޮވާލައްވާފައެވެ.

އަދި މީގެ ކުރީގައިވެސް އެމެރިކާގެ އެކިކަންކަމުގައި ބޭނުންވާނެ ހައްލުހޯދުމަށް ކަމާ ގުޅޭ ސައިންސްގެ ދާއިރާގެ މާހިރުންގެ ހިޔާލު ހޯދައި އެމީހުންގެ އެހީތެރިކަން ހޯދުމަށް ޖޯ ބައިޑެން ވަނީ ބާރުއަޅުއްވާފައެވެ. ނަމަވެސް މިހާރުގެ އެމެރިކާގެ ރައީސަކީ އެފަދަ އެއްވެސް ބައެއްގެ ބަސް ގަބޫލުކުރާ، އަދި އަޑުވެސް އަހާ ވެރިއެއް ނޫންކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެމެރިކާގައި ކޯވިޑް ކޮންޓްރޯލް ނުވެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދަނީ ރައީސް ޓްރަމްޕްގެ ބޯހަރުކަމުންނާއި ގޮތް ދޫނުކުރުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން