image ގައްދޫ ރަޝީދު   3 ސެޕްޓެމްބަރު 2020 - 11:3
ނާޖިޔާ ގަޑި ބަލާލިއެވެ.

[އަސްތާއެވެ! ބާރަ ޖަހަނީއެވެ. އަދި އަހަރެން މެންދުރަށް ކައްކަން އެބަޖެހެއެވެ.]

އޭނާ އެއްފަރާތެއްގައި މަޖައްލާ ބާއްވާލިއެވެ. އަދި ގޮނޑިން ތެދުވެއްޖެއެވެ. އޭނާ ސިޓީލިޔެ ނިންމާލާފައި މަޖައްލާ ކިޔަން އިނީއެވެ. އޭގައި އޮތް ކުރުވާހަކައެއް ކިޔާލުމުން އޭނާއަށް ވަރަށް އަސަރުކޮށްފައި ވެއެވެ. އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއަށްޓަކައި ކޮށްފައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ. ވާހަކަ ލިޔެފައިވަނީ އެހާމެ އަސަރުގަދަ ގޮތަކަށެވެ.

މުޅިން އާއުންމީދަކާ ޖޯޝަކާއެކު އޭނާ ގޮނޑިން ތެދުވެއްޖެއެވެ. ޖަލާލީއަށް ކެއުންތައްޔާރުކުރަން ކުރީގައިވެސް އޭނާ ވިސްނާފައިވެއެވެ. މިހާރު އޭނާ އެއައީ މުޅިން އެކަމަށް ތައްޔާރު ވެގެންނެވެ. ބަދިގެއަށް ވަނުމާއެކު އޭނާ ނަޒަރު ޖަލާލީގެ މައްޗަށް ހުއްޓިއްޖެއެވެ.

އޭނާ ވާތް ފަރާތުގައި ހުރި މޭޒުމަތީގައި އިށީނދެލައިގެން އިނެވެ. ކައިރީގައި ހުރި ތަށީގައި ސޭންޑްވިޗް މަސް ހުއްޓެވެ. އޭނާ ސޭންޑްވިޗް ކަމުން ގެންދިޔައެވެ. އަދި ކިރުތަށި އަނގައާ ދިމާއަށް ގެންދިއުމަށްޓަކައި އަތް ޙަރަކާތްކޮށްލި ވަގުތު ޖަޔާ އެތެރެއަށް ވަންތަން ފެނިފައި ހުއްޓުން އަރުވާލިއެވެ. އަދި އަވަސް އަވަހަށް ކޮޅަށް ތެދުވެއްޖެއެވެ.

ޖަޔާގެ ޕްރޮގްރާމް ވިއްސިވިހާލި ވެއްޖެއެވެ. އޭނާ ޖަލާލީ ދެކެ ރުޅިވެސް އަތުވެއްޖެއެވެ. ޖަލާލީ އޭނާއާ ދުރުހެލިވެގެން މިއުޅެނީ ހާދަހާ ބޮޑަކަށެވެ. އަޚްލާޤީ ގޮތުންވެސް ޖަޔާ ކާން ހަދައިދެން އިންތިޒާރުކުރަން ޖެހޭނެއެވެ. މިއަދު މިސިޒް ހެރަލްޑެއްވެސް ނެތެވެ. އަދި ޖަޔާވެސް ކާނެކަން އެނގޭނެއެވެ. ކައްކާނީވެސް ޖަޔާކަން އެނގެން ވާނެއެވެ.

[އަންނާށެވެ.] ޖަލާލީ ބުންޏެވެ.

ނާޖިޔާ އެތެރެއަށް ވަދެއްޖެއެވެ. އޭނާ ހުރީ މުޅިން ހިމޭން ވެފައެވެ.

[ސިޓީ ލިޔެނިމިއްޖެ ހެއްޔެވެ. އަހަރެން މިއުޅެނީ ބޭރަށް ދާންވެގެންނެވެ. ބޭނުމިއްޔާ ޕޯސްޓް ކޮށްދީފާނަމެވެ.]

ނާޖިޔާ އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ.

[ކެއުން ބުއިމާބެހޭ ހުރިހާ ސާމާނެއް މިގޭގައި ހުންނާނެއެވެ. މިސިޒް ހެރަލްޑް ދިއުމަށްފަހު ނާޖިޔާއަށް ވަރަށް އުނދަގޫވާނެކަން ނޭނގޭއެވެ.]

ނާޖިޔާ ރުޅިވެރިކަމާއެކު އޭނާއާ ދިމާއަށް ބަލާލިއެވެ. ޖަލާލީ ހާސްވެފައި އިނެވެ. [އަހަރެން ހަމަ މިއަދު ކޮންމެވެސް ގޮތެއް ހަމަޖައްސާނަމެވެ. މިސިޒް ހެރަލްޑް އަންނަންދެން ކޮންމެވެސް އަންހެނަކު ގެންނާނީއެވެ.]

ޖަޔާ އަނެއްކާވެސް ބަލާލިއެވެ.

[ޔަޤީން ކުރާށެވެ. އަހަރެން ވަރަށް މަސައްކަތް އެބަކުރަމެވެ. އެކަމަކު މިއުޅެނީ އަވަސް ނުކުރެވިގެންނެވެ. އިއްޔެ އަހަރެން ހީކުރީ މިހަފްތާ ނިމޭ ހިސާބުގައި ހުރިހާކަމެއް ހަމަޖެހޭނެ ކަމުގައެވެ. އެކަމަކު ކަމާބެހޭ އޮފިސަރު ޗުއްޓީގައި ހިނގައްޖެކަން މިއަދު އަހަންނަށް އެނގިއްޖެއެވެ.]

ޖަޔާ ހިނދުކޮޅަކަށް ޖަލާލީގެ މޫނަށް ބަލާލިއެވެ. ދެން އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އޭނާދެނެގަންނަން ބޭނުންވަނީ ޖަލާލީ އެބުނަނީ ތެދެއްތޯ ނުވަތަ ދައްކާ ބަހަނާއެއްތޯއެވެ. ގިނަގިނައިން ކައިރިވެ އުޅުމަށްޓަކައި ހަދަމުންގެންދާ މަކަރެއްތޯއެވެ. އެކަމަކު އެހާގިނައިރު ޖަލާލީއާ ދިމާއަށް ބަލަހައްޓައިގެން ހުރުމަކީ އޭނާއަށް ކުޅަދާނަ ކަމެއްނޫނެވެ.

ނާޖިޔާ އަނެއްކާވެސް ފުރަގަސް ދީފިއެވެ.

އަދި ޖަލާލީ ނާޖިޔާގެ ޖަޒްބާތުތަކާމެދު އެކައްޗެއްވެސް ނޭގިހުރެ އަމިއްލަ ނިކަމެތިކަން އިޙްސާސް ކުރަމުން ސޭންޑްވިޗް ތައްޓާ ކިރުތަށި ހިފައިގެން ބަދިގެން ނުކުންނަން ހިނގައި ގަތެވެ.

[މާފު ކުރާށެވެ. މިއަދު ވަރަށް ގިނަފަހަރަށް އަހަންނާ ކުރިމަތިލާން ޖަޔާއަށް ޖެހިއްޖެއެވެ.] ޖަލާލީގެ އަޑު އަސަރުން ފޯވެފައިވެއެވެ. [އަހަރެން މަސައްކަތް ކުރަނީ ނާޖިޔާގެ ކުރިމައްޗަށް ނައިސް ވޭތޯއެވެ. އެކަމަކު މިސިޒް ހެރަލްޑް ދިއުމަށްފަހު..........]

ޖަލާލީ ހިނދުކޮޅަކަށް ހުއްޓުނެވެ. އަދި ނާޖިޔާގެ ފުރަގަހުން ބަލާލިއެވެ. އަދިވެސް ނާޖިޔާހުރީ ފުރަގަސް ދީގެންނެވެ.

[އަހަރެން ހަމަ މިއަދު ކޮންމެވެސް އަންހެނަކު މިގެއަށް ގެންނާނަމެވެ. އަނެއްކޮޅުން ބަލާއިރު ނާޖިޔާ އެކަނި އިންނަން ޖެހުމުން ފޫހިވެސް ވާނެއެވެ. އިތުރު މީހަކު އަތުވެއްޖެއްޔާ ފޫހިވެސް ފިލާނެއެވެ.]

[ޝުކުރިއްޔާއެވެ.] އަޑުފަޅައިގެން ދާވަރަށް ޖަޔާ ބުންޏެވެ. އަދި ކައުންޓަރު މަތީގައިހުރި ތަވާނަގާ ބިމާ އެއްކޮށް ޖަހައިފިއެވެ. އޭނާގެ ހިތުގައިއޮތީ އެހެން ކަމެކެވެ. ކުރެވުނީ އެހެން ކަމެކެވެ.

ޖަލާލީ އަވަހަށް އެތަނުން ނުކުމެއްޖެއެވެ. އޭނާ ބިރުގެންފިއެވެ. އަދި އިތުރު ހަނގުރާމައެއް ފެށުމުގެ ކުރީގައި އޭނާ ނުކުތީއެވެ.

އަވަސް އަވަހަށް ކައިނިމިގެން ހުސްތަށި ލޮބީގައި ބަހައްޓައިފިއެވެ. އޭނާއަށް ދެވަނަ ފަހަރަށް ބަދިގެއަށް ދާކަށް ނުކެރުނެވެ.

ނާޖިޔާ އެތައް އިރެންވަންދެން ހިމޭނުން ހުއްޓެވެ. ބަދިގޭގައިވާ ހުރިހާ އެއްޗެއް ކުދިކުދިކޮށްލާފައި ބިންމައްޗަށް އަޅާލުމަށް އޭނާގެ ހިތަށް އެރިއެވެ. މިހާރު އެކައްޗެއްވެސް ކައްކާ ހިތެއްނެތެވެ. ކެއުމުގެ އުއްމީދެއްވެސް ނެތެވެ.

އެންމެފަހުން މޭޒު ކައިރީގައިހުރި ގޮނޑީގައި އޭނާ އިށީދެއްޖެއެވެ. އަދި މޭޒުގައި އުޅަބޮށި ވިއްދާލާފައި ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.

އޭނާ ހަދަންވީ ކިހިނެއް ހެއްޔެވެ.

އަމިއްލަ ގޮތްދޫކޮށްލާފައި ކުރެވުނު ކަންތައްތަކާމެދު މާފަށް އެދެންވީ ހެއްޔެވެ. ވިސްނަމުން ވިސްނަމުންގޮސް އޭނާގެ ސިކުނޑި ކަންނެތް ވެއްޖެއެވެ. އެކަމަކު އެއްވެސް ގޮތެއް ނުނިންމުނެވެ.

އެންމެ ރަނގަޅު ގޮތަކީ ޙާލަތު ދިމާކުރި ގޮތަކަށް ދަތުރުކުރުމެވެ. ވާންވީގޮތެއް ވެދާނެއެވެ.

އޭނާގެ ސިކުނޑި މަޝްވަރާދިނެވެ.

މި މަޝްވަރާއިން އޭނާއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އޭނާ ގޮޑިން ތެދުވެއްޖެއެވެ. ފްރިޖް ހުޅުވާލިއެވެ. އެއްގަމު މަހާއި ޓޮމާޓޯ އަދި އަލުވިނަގާ ކައުންޓަރު މަތީ ބަހައްޓައިފިއެވެ. މިހާރުއްސުރެ ރޭގަނޑަށް ކައްކަން ފަށަން އޭނާ ގަސްތުކޮށްފިއެވެ.

ކައްކަން ފެށުމުގެ ކުރީގައި ބަނޑުހައިކަމުގެ އިޙްސާސް އޭނާއަށް އުނދަގޫ ކުރިއެވެ. ހެނދުނު އޭނާ ކެއީ ހަމައެކަނި އެންމެ ޓޯސްޓަކާ ކުކުޅު ބިހެކެވެ.

އޭނާ އަނެއްކާވެސް ފްރިޖް ހުޅުވާލިއެވެ. އެއްވަތްގަނޑުގައި ސޭންޑްވިޗް ކެއްކިބިސް ހުއްޓެވެ. ޖަލާލީވެސް ކެއީ މިއެވެ.

ޖަޔާގެ ތުންފަތަށް މަޑު ހިނިތުންވުމެއް ވެރިވިއެވެ. މިއީ ޖަޔާއަށް އޭނާ ތައްޔާރުކުރި ކާއެއްޗެހިކަން ހަމަ ޔަޤީނެވެ. ޖަޔާ ތަށި ނަގައިފިއެވެ. އަދި ކިރުތައްޓެއް ހަދާފައި ހޫނުކުރަން އަވަނަށް ލައިފިއެވެ.

ދެން މޭޒު ކައިރީއަށް އައިސް އިށީނދެއްޖެއެވެ.

ބޭރުން ކާރު އިސްޓާޓު ކުރިއަޑު އިވިއްޖެއެވެ. ޖަލާލީ ބޭރަށް ދަނީއެވެ. ޖަޔާ ތެދުވެފައި ހުޅަނގު ފަރާތު ކުޑަދޮރުން ތިރިއަށް ބަލާލިއެވެ. ޖަލާލީ ކާރު އިސްޓާޓު ކުރަނީއެވެ.

ނާޖިޔާއަށް ސިޓީގެ މަތިން ހަނދާން ވެއްޖެއެވެ. މިއަދު ޕޯސްޓް ކުރެވިއްޖެއްޔާ ވަރަށް ރަނގަޅެވެ.

ނާޖިޔާ މިޚިޔާލުގައި ބަދިގެން ނުކުމެއްޖެއެވެ. ދުވެފައި ކޮޓަރިއަށް އަތުވެއްޖެއެވެ. އަދި ސިޓީ ހިފައިގެން ކޮރިޑޯއަށް އަތުވެއްޖެއެވެ.

ބޭރު ދޮރުން ޖަޔާ ސިކުތުމާއެކު ޖަލާލީ ކާރުގައި އެދިމާއަށް އަތުވެއްޖެއެވެ.

ޖަޔާގެ އަތުގައި އޮތް ސިޓީއުރަ ފެނުމުން އޭނާ އަތް ދިއްކޮށްލިއެވެ. ހަމައެއާއެކު ޖަޔާ ކުރިއަށް ޖެހިލިއެވެ.

[ގެންނާށެވެ. އަހަރެން ޕޯސްޓް ކޮށްދީފާނަމެވެ.] ޖަލާލީ ލޯގަނޑުން ނަޒަރު ސީދާ ކޮށްލަމުން ބުންޏެވެ.

[އަޅުގަނޑު.....] ޖަޔާ އެއްޗެކޭ ބުނަން އުޅެނެވެ.

[އިތުބާރު ކުރާށެވެ. ސިޓީ ޕޯސްޓް ކޮށްދޭނަމެވެ. އަހަރެން ސިޓީ ކިޔާފާނެކަމުގައި ހީކުރަނީ ހެއްޔެވެ.] ޖަލާލީ މަލާމާތުގެ ހިނިތުންވުން މަތަކުރަމުން ބުންޏެވެ.

ޖަޔާ ހިއްސު ކެނޑިފައިވާ ގޮތަކަށް އައިސް ޖަލާލީއާ ދިމާއަށް ސިޓީ ދިއްކޮށްލިއެވެ.

ޖަލާލީ ސިޓީ އަތުލާފައި ކުރިމަތީގައި ބާއްވައިފިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

[މިސިޓީގައިވާ އެއްޗެއް ދެނެގަންނަން އަހަރެން ބޭނުމެވެ. އެކަމަކު އަހަންނަށް އިތުބާރު ކުރާށެވެ. ސިޓީއެއް ނުކަނޑާނަމެވެ.]

ޖަލާލީ އެކައްޗެއް ނުވިސްނި އިނދެ އޭނާއާ ދިމާއަށް ބަލާލިއެވެ. އޭރު ޖަޔާހުރީ ފުރަގަސް ދީގެންނެވެ.

ޖަލާލީ ހިމޭން އަޑަކުން އަނެއްކާވެސް ބުންޏެވެ. [މިއީ ނާޖިޔާއާ ނާޖިޔާގެ ޢާއިލީ މައްސަލައެކެވެ. އަހަރެން މިކަމަކާ ނުބެހޭނަމެވެ.....] އޭނާ މިހެން ބުނެފައި ކާރުގައި ބޭރަށް ނުކުމެއްޖެއެވެ.

ޖަޔާ އެނބުރި ބަލާލިއެވެ.

ޖަލާލީގެ ވާހަކައިގައި އޭނާއަށް މަލާމާތް ރައްދުވާކަން އިޙްސާސް ކުރެވުނެވެ. އެހެންކަމުން ރުޅިއައިސް ފުފިފައި ގެއަށް ވަދެއްޖެއެވެ. އަނެއްކާވެސް އޭނާގެ ސިކުނޑި އެނބުރިގަތެވެ.

[ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟]

މިސުވާލު ސިކުނޑީގެ ވަށައިގެން ބުރުޖަހަން ފަށައިފިއެވެ.

ދެން އަނެއްކާވެސް ބަދިގެއަށް އަތުވެއްޖެއެވެ.

އަދި އޭނާގެ ވިސްނުމާ ސިކުނޑީގެ ނަސޭޙަތްތައްއެއްކޮށްގެން މިހާރުގެ ޙާލަތާ ބެހޭގޮތުން ވިސްނަން ފަށައިފިއެވެ. ކެއުމުގެ ތެރޭގައި އޭނާ ގޮތެއް ނިންމައިފިއެވެ. އޭނާ މިހުރިހާ ކަމަކަށް ކެތްކުރާނީއެވެ. އަދި ޖަލާލީގެ ހިތުގައި އޭނާއާމެދު އުފެދިފައިވާ ރުޅިވެރިކަމާ ނުރުހުން ތެރިކަން ފިލުވާލުމަށް މަސައްކަތް ކުރާނީއެވެ. ޚިދުމަތް ކޮށްދީގެންނެވެ. ލޯތްބާ މަޑުމައިތިރިކަން ދައްކައިގެންނެވެ.

އެކަމަކު އޭނާއަކީ ރުޅިގަދަ އަންހެން ކުއްޖެކެވެ.

އޭނާއަށް ކެތްތެރިކަމުގެ މުޒާހަރާ ކުރެވިދާނެ ހެއްޔެވެ.

ދެން އަނެއްކާވެސް އެއްކަލަ ނިންމުން ކުރިމަތި ވެއްޖެއެވެ.. [ވާންވީގޮތެއް ވެދާނެއެވެ. ދެކެން ހުންނާނީއެވެ.]

އަދި........

އޭނާ ރެއަށް ކައްކަން ފަށައިފިއެވެ. އޭނާއަށް އެނގޭ އެންމެ މޮޅަށެވެ. ކައްކާ އެއްޗެހީގެ ތެރޭގައި ހަނާކުރިމަހާ ޝާމީ ކަވާބު އަދި ހަޑުލު ކީރު ހިމެނެއެވެ.

ނާޖިޔާ ވަރަށް ފަރުވާތެރި ކަމާއެކު ކައްކަމުން ދިޔައެވެ. އޭނާއަކީ އަދި ޅަކުއްޖެކެވެ. އަމިއްލަ ގޭގައިވެސް އޭނާ ބަދިގެއަށް ވަންނަނީ ވަރަށްމަދު ފަހަރަކުއެވެ. ތާނޫ އައިދުވަހުން ފެށިގެން މިކަންވެސް ކެނޑިގެން ގޮސްފައިވެއެވެ. ގޭގައި ކައްކަމުން ގެންދާ ގެލެރީގޮތް އޭނާއަކަށް ނުރުހެވެއެވެ. ރަޙްމަތްތެރި މުއްސަނދި ދެކުއްޖެއްގެ ގޭގެ ބަދިގެވެސް އޭނާ ދެކެފައި ވެއެވެ. އެތާނގައި ހުރި ރީތި ތެލިތަކާ ތަށިތައް ފެނިފައި އޭނާގެ ހިތް އަބަދުވެސް ކިޔަމުން ގެންދަނީ އެފަދަ އެއްޗެހީގައި ކައްކާ އުޅުމަށެވެ.

އެކަމަކު...... މިހާރު މިއޮތީ އެކަން ޙަޤީޤަތަކަށް ވެފައެވެ. މިބަދިގެ މިހިރީ އާވައްތަރުތަކުގެ ސާމާނުން ފުރިފައެވެ. ފަސޭހަކޮށް ކަންތައްތައް ކޮށްލެވޭނެ ކިތަންމެ އެއްޗެއް މިތާނގައި އެބަހުއްޓެވެ. ބަދިގޭގައި ބޭނުންކޮށްފައިވަނީ ބަނޑުހައިވުން އިތުރުކޮށްދޭ ކަހަލަ ކުލަތަކެވެ. އަގުމާތް ފަރުދާތައް ހެލިލަ ހެލިލާ ހުއްޓެވެ. އަދި އެފަރުދާތަކާ ގުޅޭ ކުލައިން ކާޕެޓް އަޅާފައިވެއެވެ. ހުރިހާ މަސައްކަތެއް ކުރުމަށްވެސް އިލެކްޓްރޯނިކް ހަތިޔާރު ކަނޑައެޅިފައިވެއެވެ.

އޭނާ މިހާރު އެހުރީ އެބަދިގޭގައެވެ. އަމިއްލަ ބަދިގޭގައެވެ.

[ޙަޤީޤަތުގައިވެސް ޖަލާލީ އޭނާ ވަރިކޮށްފިއްޔާ.....] އޭނާ ހާސްވެފައި ވިސްނާލިއެވެ. އަދި އެހާސްކަން އިތުރުވެގެން ދިޔައެވެ. ވަރިއާ ބެހޭގޮތުން މާބޮޑަށް ވިސްނަން ޖެހުނުނަމަ އޭނާގެ ހާލު ނާޒުކް ފައްތަރަކަށް ދިޔައީހެވެ. ހަމަ އެގަވުތު ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ.

އޭނާ މިހާރު އެހެރީ ކެއްކުމުގެ މަސައްކަތުގައި މަޝްޣޫލު ވެފައެވެ. އެއްގަމު މަހާ ކަނޑުމަސް އަދި ތަރުކާރީ ކައުންޓަރު މަތީގައި ހުއްޓެވެ. ބައެއް އެއްޗެހި ކައްކަން އުދާފައި ހުއްޓެވެ. އޭނާ އެވަގުތު ފެންނަނީ ގެވެހި އަންހެނަކު ފަންސާހަކަށް މީހުނަށް ކައްކަން އުޅޭއިރުވެސް ނުފެންނަފަދަ އަވަދިނެތި ގޮތަށެވެ.

ފޯނު ރަނގަބީލުވަމުން ދިޔައެވެ. ޖަޔާ އަތްދޮވެލައިގެން ފޯނު ނަގައިފިއެވެ.

[ހަލޯ.....] ނާޖިޔާ ބުންޏެވެ.

[ޖަލާލީ....] ޖަލާލީގެ އިންތިހާ ދަރަޖައިގެ ރީތި އަދި ފޮނިއަޑު އިވިގެންދިޔައެވެ. އޭނާގެ އަޑު ވަރަށް ރީއްޗެވެ. ފޯނު އަތްގަނޑުން އަޑު ފުރޭނިގެން އަންނައިރު އަދިވަކިން ރީއްޗެވެ.

[ކީކޭތޯއެވެ.......] ޖަޔާ ޚާއްޞަ ގޮތަކަށް ބުންޏެވެ.

[ސިޓީ ޕޯސްޓް ކޮށްފީމެވެ.]

[ޝުކުރިއްޔާއެވެ!]

[ނާޖިޔާ އެކަނި އިންނަން ޖެހުމުން ފޫހިވާނެކަން ނޭގެއެވެ.]

[ދެން......؟]

[އަހަރެން މެނޭޖަރ ހެޑްސަން މިފޮނުވަނީއެވެ.]

[ކީއްކުރަންތޯއެވެ؟]

[ނާޖިޔާ އޭނާއާއެކު ބޭރަށް ގޮސްލާށެވެ. ކޮންމެވެސް ވަރަކަށް ވަގުތު ދުއްވާ ލެވިދާނެއެވެ.]

މިވަގުތު ޖަލާލީ އަތްފޯރާ ފަށުގައި ހުރިނަމަ ފޯނު އަތްގަނޑުން މޫނުމަތީގައި ބޮނޑިއެއް އަޅާލުމަށް ޖަޔާގެ ހިތަށް އެރިއެވެ. އެކަމަކުވެސް ހިތްވަރު ކޮށްލާފައި ބުންޏެވެ. [ތިޔަފަދަ އެހީއެއް އަޅުގަނޑު ބޭނުމެއް ނޫނެވެ.]

[ނާޖިޔާއެވެ. މިތާނގައި ދެތިން ހަފްތާ ވަންދެން އަދި ހުންނަން ޖެހޭނެ ވާހަކަ އަހަރެން ބުނީމެއް ނޫން ހެއްޔެވެ. އެހެންވީމާ މިދުވަސްކޮޅު......]

[އުފަލާ ބުރުޖެހުމުގައި ދުއްވާލާށެވެ. [ޖަޔާގެ މަލާމާތް ޖަލާލީ އިޙްސާސް ކުރިއެވެ.

ޖަލާލީ މަޑުމަޑުން ބުންޏެވެ. [ކަންތައްތައް ކޮންމެ ގޮތަކަށް އޮތްކަމުގައި ވިޔަސް ނާޖިޔާ ތިޔަ އިންނަނީ އަހަރެންގެ ގޭގައެވެ. މެހްމާންދާރީ އަދާކުރުމަކީ އަހަރެންގެ ފަރްޟުކެވެ. އެގޮތުން މިއީވެސް މެހްމާންދާރީއެއް ކަމުގައި ހީކޮށްލާށެވެ. ފޫހިވެގެން ތިޔަގޮތަށް އިނުމަކީ އަހަރެން އެދޭގޮތެއް ނޫނެވެ.

[ފޫހިކުރުވީ ޖަލާލީ ނޫންތޯއެވެ.] ނާޖިޔާގެ އަނގައިން ބޭއިޚްތިޔާރުގައި ބުނެވުނެވެ. އަދި ޖަލާލީއަށް ހީވީ ކޮންމެވެސް މީހަކު ވިހަގަދަ ތީރެއް މެޔަށް ހަރާލި ހެންނެވެ. އޭނާ އަވަހަށް ބުންޏެވެ.

[އަހަރެން ޢުޒުރުވެރި ވަމެވެ. އަހަންނަށްވެސް ތިޔަކަން އިޙްސާސް ކުރެވެއެވެ. އެކަމަކު އެއްކަމެއްވެސް ނުކުރެވެއެވެ.]

[މިސްޓަރ ހެޑްސަން ފޮނުވުމަކީ ކުރެއްވެވިދާނެކަމެއް ނޫންތޯއެވެ.] އޭނާގެ އަޑުގައި ރުޅިވެރިކަން އެކުލެވިފައި ވެއެވެ.

[ޔަޤީން ކުރާށެވެ. އަހަރެން މިވާހަކަ ދައްކަނީ ޖަޔާގެ އެކަނިވެރިކަމުގެ އިޙްސާސް ޚުދް އަހަންނަށް ކުރެވިގެންނެވެ.] އޭނާ ބުންޏެވެ.

[އަޅުގަނޑަކީ ހިލޭ ފިރިހެނުންނާއެކު ބުރުޖަހަން ދާވައްތަރުގެ ތަހްޒީބު އަންހެނެއް ނޫނެވެ.] ނާޖިޔާ ރުޅި އައިސްފައި ބުންޏެވެ. އަދި ޖަލާލީގެ އަނގައިން މިޖުމްލަ ބޭރުކުރެވުނު ގޮތެއްވެސް ނޭގުނެވެ. [ތިޔަކަމުގައި އޮތީ ކޮންތަފާތެއް ހެއްޔެވެ. ނާޖިޔާ ތިޔަހުންނަނީވެސް ހިލޭ ފިރިހެނަކާއެކު އެމީހާގެ ގޭގައެވެ. އެމީހާދެކެ ނަފްރަތުވުމާވެސް އެކުގައެވެ.]

ނާޖިޔާ ޖަވާބުދިނުމުގެ ބަދަލުގައި ފޯނު ބާއްވައިފިއެވެ. މިޙަމަލާއިން އޭނާ ތެޅިގަތެވެ.

**********************

ޖަލާލީ ގެއަށް އައީ ދަންކޮށްލާފައެވެ. ނާޖިޔާ އެކަނި ގޭގައި އިންކަން އޭނާއަށް އެނގެއެވެ. އެކަމަކު އެމައްސަލާގައި އޭނާއަށް ކުރެވޭނީވެސް ކޮންކަމެއް ހެއްޔެވެ. ގޭގައި ޖަޔާއާއެކު އުޅެން އޭނާ ޖެހިލުން ވެއެވެ. އަދި އަމިއްލަ ނަފްސު ދެކެވެސް ބިރުގަނެއެވެ. އޭނާ ބެނދެވިގެން އެހުންނަނީ އުސޫލުތަކާ ޤާނޫނުގެ ހިލިހިލާ އިންނެވެ. އެހެން ނަމަވެސް ބައެއް ފަހަރު ނާޖިޔާއާ ކައިރިވެލުމަށް ހިތް އެދެއެވެ. އޭނާގެ ނަފްސު ފިސާރި ވަޙްޝީގޮތަކަށް ޚިޔާލުދެއެވެ. އަމިއްލަ ޙައްޤު ލިބިގަތުމަށް ނަސޭޙަތް ދެއެވެ. މިނަސޭޙަތުގެ ދާއިރާ ފުޅާވެގެން ދާއިރު ޖަލާލީއަށް އެންމެމަތީ، ހަރުފަތުގައި ފައި އަޅަންޖެހޭ ހިސާބަށް ދުއްވާލައެވެ. އަދި ޖަލާލީ ހިތްވަރު ކޮށްލާފައި އަމިއްލަ ވިސްނުން އެހެން ދިމާއަކަށް ބަދަލުކޮށްލެވޭތޯ މަސައްކަތް ކުރެއެވެ. އެއްކަމެއް އެބައޮތެވެ.

މިހިތާމަ ތަކުގައި ކުޑަފޮނިކަމެއްވެސް އެކުލެވިފައި ވެއެވެ. އަވީގައި ކުޅޭ ކުޅިވަރު ތަކުގައިވެސް އާދަޔާ ޚިލާފު ކަމަކާ އުފާވެރިގޮތެއް އެކުލެވެއެވެ..... ޖަލާލީ ވިސްނާ ގޮތުގައި ޖަޔާ އެނބުރި ދިއުމަށް ނިންމި ނިންމުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ދެތިން ހަފްތާ ލަސްވިކަމުގައި ވިޔަސް އޭނާ ހަމަ ރަށަށް ދާނެއެވެ.

އޭނާ ދާނެކަން ހަމަގައިމެވެ. އެކަމަކު ޖަލާލީގެ ހިތުގައިވާ ޖަޔާގެ ހަނދާންތައް އެތައް ދުވަހެއް ވަންދެން ހަރުލާ ހުންނާނެކަން އެނގެއެވެ. އަދި ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް އެހަދާންތައް ބައިބައި ކޮށްލުމުގައި ކާމިޔާބެއް ނުވާނެއެވެ. މިކާވެނީގެ ކުރީގައި މިސް ވެލަންޓީނާ އޭނާއާ ރައްޓެހިވިއެވެ. އަދި ސީރިއަސް ކަމާއެކު އޭނާއާ ކާވެނި ކުރަން އެދުނެވެ.

ހަމަ މިގޮތަށް މެކްސިކަން އަންހެން ކުއްޖަކުވެސް އޭނާއާ އިންނަން އެދުނެވެ. އެންމެފަހުން އެއް އަހަރު ދުވަހު އިންތިޒާރު ކުރުމަށްފަހު އޭނާ އެހެން މީހަކާ އިނީއެވެ. އަދި އެހެން ކުއްޖަކުވެސް ޖަލާލީއާ އިންނަން އެދިފައިވެއެވެ. ވަރަށް މުއްސަނދި ކުއްޖެކެވެ. އަމިއްލަ ޢާއިލީ ތަނަވަސް ވިޔަފާރިގަނޑު ހިންގަނީ ޚުދް އޭނާއެވެ. އޭނާގެ އޮފީސް ހުންނަނީވެސް ޖަލާލީގެ އޮފީހާ ވަރަށް ކައިރީގައެވެ.

މިހުރިހާ ކުދިން އޭނާއާ އިންނަން ޤަބޫލުވީ އޭނާގެ ހުތުރު ސިފަ ހަނދާން ނައްތާލާފައެވެ. ޖަލާލީ ބޭނުމިއްޔާ ހަމަ މިހާރުވެސް އެފަދަ ކިތަންމެ ކުދިންނެއް ލިބިދާނެއެވެ. އެކަމަކު މިހާރު އޭނާ ގަސްތުކުރަނީ ދެވަނަ އަންހެނަކާ ކައިރި ނުވުމަށެވެ.

މިއީ ވަރަށް ގޮތްދޫނުކުރާ ހިތެކެވެ. ކަމަކަށް ބޭނުން ވެއްޖެއްޔާ ހަމަ އެނޫން އެހެން އެއްވެސްކަމެއް ބޭނުމެއް ނުވެއެވެ. އެއަށް ފެންނަނީ ހަމައެންމެ މަންޒަރެކެވެ. ބޭނުންވާ އެއްޗަކީ އެންމެ ރަނގަޅު އެތިކަމުގައި ދެކެއެވެ.

ޖަލާލީ ބަނދެވިފައިވަނީ ހިތުގެ މިހަނގުރާމައިގައެވެ. އެއްކޮޅުން ޢިއްޒަތުގެ މައްސަލައެވެ. އަނެއްކޮޅުން ހިތުގެ އާދޭހެވެ. އޭނާއަށް ހަދާނެގޮތް ހުސްވެއްޖެއެވެ.

އެރޭ އޭނާ ގެއަށް އައިއިރު ޖަޔާގެ ކޮޓަރީގެ ބޮކި ދިއްލާފައި ހުއްޓެވެ. އޭނާ ހީކުރިގޮތުގައި މިހާރު ޖަޔާ ނިދާފާނެއެވެ.

އެކަމަކު އޭނާ ނުނިދައެވެ. އޭނާ އިނީ ރުޅިއައިސް ރަތްވެފައެވެ. ގޭގައި އެކަނި އިންނާކަށް ބިރެއްވެސް ނުގަނެއެވެ. ކައިރީގައިވާ ހުރިހާ ދޮރެއް ލައްޕާފައި ވެއެވެ. އޭނާ ރުޅިއައީ ޖަލާލީ ދެކެއެވެ. އޭނާ އެކަނި ގޭގައި އިންކަން ޖަލާލީއަކަށް އިޙްސާސެއް ނުކުރެވުނެވެ. މިސްޓަރ ހެޑްސަން ފޮނުވާ ވާހަކަވެސް ޖަލާލީ ބުނެފައިވެއެވެ. މިހާ ދަންވެއްޖެ ކަންވެސް އޭނާއަކަށް ނޭގުނެވެ. ނާޖިޔާ އެއިންނަނީ ހަމަ އެކަންޏެވެ. އޭނާ ނުވެސް ކައެވެ. ޖަލާލީއަށް ތައްޔާރުކުރި ކާއެއްޗެހި ހަމަ އޭނާއަށް ކާންދިނުމުގެ އިންތިޒާރުގައި ވަކިވަކިން ހިނދުކޮޅުތައް ގުނަމުން ގެންދަނީއެވެ.

ނާޖިޔާ ޖަލާލީއަކާ އެއްގަލަކަށް ނާރައެވެ. އެކަމަކު މިހާރު ސީރިއަސް ކަމާއެކު ނާޖިޔާ އެހުންނަނީ ލަސްވެގެން ރުޅި އައިސްފައެވެ. ޖަލާލީގެ ކާރު ގަރާޖާ ދިމާއަށް ދިޔައިރު ބަދިގޭގެ ވަލު ފަރާތު ކުޑަދޮރުން ނާޖިޔާ ބަލަހައްޓައިގެން ހުއްޓެވެ. ދެން ޖަލާލީ އަންނާނީ ލިވިންގރޫމާ ދިމާއަށެވެ. ބޭރު ދޮރުވެސް ހުރީ ހުޅުވާފައެވެ.

އެކަމަކު ޖަލާލީ ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

ޖަޔާ ތެޅިތެޅި ހުއްޓެވެ.

ޖަލާލީއަށް ކަންހުރިގޮތް އަންގާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ޖަލާލީއަށްޓަކައި މެންދުރުފަސް މުޅިން ދުއްވާލައިގެން ކާއެއްޗެހި ތައްޔާރުކޮށް އަދި ރޭގަނޑުގެ ވަގުތު ތަކުގައި އިންތިޒާރު ކުރަމުންދާކަން އިޙްސާސް ކޮށްދޭނީ ކިހިނެއްކަމެއް ނޭގުނެވެ.

އޭނާ ބާރަށް ގޮށްމުށުން މޭޒުމަތީގައި ޖަހައިފިއެވެ. ގުލްދާން ބިންމައްޗަށް ވައްޓާލިއެވެ. ކޯލް ބެލް ޖަހާލިއެވެ.

އެކަމަކު.......... ޖަލާލީ މިކޮޅަކަށް ނައެވެ.

ނާޖިޔާ ހަނދާން ނެތުނީއެވެ. ހުރިހާ ކޮޓަރިއެއްވެސް ހުންނަނީ އަޑު ނުވަންނަ ގޮތަށް ހަދާފައެވެ. އެހެންކަމުން އޭނާގެ ހަނގުރާމައިގެ އަޑު ޖަލާލީގެ ކަންފަތާ ހަމައަށް ނުދިޔައީއެވެ.

އާދައިގެ މަތިން ޖަލާލީ ހެނދުނު ތެދުވެއްޖެއެވެ. ސިގިރޭޓެއް ރޯކޮށްލިއެވެ. ދެން ބަދިގެއާ ދިމާއަށް ހިނގައި ގަތެވެ. ޖަޔާގެ ކޮޓަރި ކައިރިން އޭނާ ހުރަސްކުރީ ވަރަށްމަޑު ފިޔަވަޅު ތަކެއް އަޅަމުންނެވެ.

އޭނާއަކީ ބެޑްޓީ ބުއިމަށް އާދެވިފައިވާ މީހެކެވެ. މިހާރަކު މިސިޒް ހެރަލްޑެއްވެސް ނެތެވެ. އެހެންކަމުން އަމިއްލައަށް ސައި ހަދަން އައީއެވެ. އެންމެފުރަތަމަ އޭނާ ފުރިޖް ހުޅުވާލިއެވެ. ހަމައެއާއެކު އޭގެ ތެރޭގައި ކީރުތައްޓެއް ހުއްޓާ ފެނިއްޖެއެވެ. ޖަލާލީއަށް ކީރު ވަރަށް މީރެވެ. ބައެއް ފަހަރު ޝަވާލީ ގާތު ބުނެގެންވެސް އޭނާ ކީރު ތައްޔާރު ކުރުވައެވެ. ޝަވާލީއަކީ ކީރު ކެއްކުމުގެ މާހިރެއް ކަމުގައި އޭނާ ދެކެއެވެ.

މިއީ ކާކުގެނައި ކީރު ތައްޓެއް ބާވައެވެ؟

އަނެއްކާ ނާޖިޔާ ކެއްކި އެއްޗެއް ބާވައެވެ؟ އާއެކެވެ. ހަމަ ޔަޤީނެވެ. އެހެންވީއިރު ނާޖިޔާ އިއްޔެ މެންދުރުފަހު އުޅޭނީ ބަދިގޭގައި ތާއެވެ. އޭނާ ވިސްނާލިއެވެ. ދެން އަތުގައި ހުރި ހުސްޖޯޑު ބަހައްޓާފައި ފުރިޖް ތެރެ ބަލަން ފަށައިފިއެވެ.

އެއްތަށީގައި ޝާމީ ކަވާބު ހުއްޓެވެ.

މިއީވެސް ނާޖިޔާ ތައްޔާރުކުރި އެއްޗެކެވެ.

ދެން އޭނާ ފްރިޖް ލައްޕާލާފައި މުޅި ބަދިގެއަށް ނަޒަރު ހިންގާލިއެވެ. އެއްޗެހިތަކަށް ބަދަލު ގެނެސްފާވެއެވެ.

[ނާޖިޔާ އިއްޔެ އުޅޭނީ ވަރަށް މަސައްކަތުގައި ކަން ހަމަކަށަވެރެވެ.]

އަވަނުގައި ހަނާކުރި މަސްވެސް ހުއްޓެވެ. ސަޓަނިވެސް ހުއްޓެވެ.

ސައިތައްޓެއް ހަދައިގެން އައިސް ޖަލާލީ މޭޒު ކައިރީގައި އިށީދެއްޖެއެވެ.

[މިއީ ހައްތާވެސް ޖަޔާ ކެއްކި އެއްޗެއްސެވެ. މިހުރިހާކަމެއް އަހަންނަށްޓަކައި ކުރިނަމަ ކިހާ އުފާވީސް ހެއްޔެވެ؟]

ސައިކޯވަރުތައް ދިރުވަމުން އޭނާ ދެރަވެލާފައި ވިސްނާލިއެވެ..... ސައިތަށި ހުސްކޮށްލުމަށްފަހު އޭނާ ކޮޓަރިއަށް ހިނގައްޖެއެވެ. އަދި މިއަދު ކުރަންހުރި ކަންތައްތަކުގެ ފިހުރިސްތު ބަލަން ފަށައިފިއެވެ. އޭގެ ތެރޭގައި އޮފީހުގެ ބައެއް މުހިންމު ކަންތައްތައް ހުއްޓެވެ.

ނާސްތާވެސް ތައްޔާރުކުރީ އޭނާ އަމިއްލަ އަށެވެ. ނާޖިޔާ ހޭލައިފިއެވެ. އެކަމަކު އަދި އޭނާ އުޅެނީ ކޮޓަރި ތެރޭގައެވެ. ޖަލާލީ ވިސްނިގޮތުގައި ނާޖިޔާ ހަމަގަސްތުގައި ނުނިކުމެ އޮތީއެވެ. އެހެންކަމުން އަވަސް އަވަހަށް ނާސްތާ ކުރިއެވެ. ދެން ބޭރަށް ނުކުމެއްޖެއެވެ.

ޖަޔާ ނުކުންނަންދެން މަޑުކޮށްލުމަށް އޭނާގެ ހިތަށް އެރިއެވެ. އެއީ އޭނާގެ ގާތުގައި ބުނެފައި ދިއުމަށެވެ. އެހެން ނަމަވެސް އޭނާ މަޑެއްނުކުރިއެވެ. އަދި ކޮންމެވެސް އެއްޗެއް ވިސްނާލާފައި އޮފީހަށް ދާން ނުކުމެއްޖެއެވެ.

ކާރު އިސްޓާޓު ކުރިއަޑު އިވިފައި ނާޖިޔާގެ ހިތް ތެޅިގަތެވެ. ކާރު ދިއުމަށްފަހު އޭނާ ތެދުވެގެން ބޭރަށް އަތުވެއްޖެއެވެ. އަދި އެއްވެސް ބޭނުމެއްނެތި ގޭތެރޭގައި ހިނގަން ފަށައިފިއެވެ.

ދެން.... ބަދިގެއަށް އަތުވެއްޖެއެވެ. ރުޅިއައިސްފައި ހުރިވަރުން އޭނާ ރެއަކު ނުވެސްކައެވެ. އެހެންކަމުން ވަރަށް ބޮޑަށް ބަނޑުހައި ވެފައިވެއެވެ.

ތައްޔާރުކުރި ކާއެއްޗެހި ހަމަ ބެހެއްޓިގޮތަށް ހުރީއެވެ. މިތަންދެކެފައި އަދި ވަކިން ބޮޑަށް ޖަލާލީދެކެ ރުޅިއައެވެ. މިރުޅިގަނޑު ފާޅުކުރުމުގެ ގޮތުން އޭނާ އެކިއެއްޗެހި އެކި ދިމާއަށް ބުރުވާލިއެވެ.

ނާސްތާ ކުރުމަށްފަހު އަނެއްކާވެސް ކޮޓަރިއަށް އަތުވެއްޖެއެވެ. ގޭގައި އެކަނި އުޅުމަކީ ޙަޤީޤަތުގައިވެސް ދަތި މައްސަލައެކެވެ. އަދި މިއަދު އިތުރު އެއްޗެއް ކައްކާކަށްވެސް އޭނާ ގަސްތެއް ނުކުރިއެވެ. އޭނާ ހުރީ ޖަލާލީ ދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. ޖަލާލީ ދިޔައީ އޭނާ ގާތުގައި ނުވެސް ބުނެއެވެ. ސުވާލެއްވެސް ނުކުރެއެވެ. ލަހުން އާދެވޭނެ ވާހަކަ ބުނެލި ނަމަވެސް ކުޑަހަމަޖެހުމެއް ލިބުނީހެވެ.

އޭނާ ވިސްނަމުން ދިޔައެވެ. ރުޅިވެސް އާދެއެވެ. ދެރަވެސް ވެއެވެ. [އަވަސް ބޭނުމެއް ޖެހިއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ.] މިހެން ހިތަށް އެރުމާއެކު އޭނާ ހާސްވެއްޖެއެވެ. މިގޭން ބޭރުގައިވާ އެއްވެސް ތަނެއް އޭނާއަކަށް ނޭގެއެވެ. އަދި ދަންނަ މީހަކުވެސް ނޫޅެއެވެ. ޖަލާލީގެ އޮފީހުގެ ފޯނު ނަމްބަރެއްވެސް ނޭގެއެވެ. އަދި މިގޭގެ ފޯނު ސިސްޓަމް ހުންނަ ގޮތެއްވެސް ނޭގެއެވެ. ގޭގެ ހުރިހާ ކޮޓަރިއެއްގައިވެސް ފޯނު ހުރެއެވެ. ބަދިގޭގައިވެސް ފޯނު ހުރެއެވެ. އަދި ކޮންމެ ފޯނެއްގެ ކައިރީގައި ނަމްބަރު ތަކެއްވެސް ލިޔެފައި ހުރެއެވެ. އެކަމަކު ފޯނުކުރާނީ ކިހިނެއް ކަމެއް އޭނާއަކަށް ނޭގެއެވެ.

ވަގުތު ހޭދަ ކޮށްލުމަށްޓަކައި އަވަށްޓެރިންނާ ބައްދަލުކުރުމަށް އޭނާ ގަސްތުކުރިއެވެ. މިސިޒް ހެރަލްޑް ކައިރީގައިވާ ގެތަކާ ބެހޭގޮތުން އޭނާއަށް އޮޅުން ފިލުވާދީފައި ވެއެވެ. އެތަނުން ގެއަކަށް ވަދެ މީހުނާ ބައްދަލުކުރުމުގައި އޮތީ ކޮން ގެއްލުމެއް ހެއްޔެވެ.

މިތަނުގެ މީހުން ބައްދަލުވެ އުޅޭ ގޮތުގެ ވާހަކަ އެކި މީސްމީހުން ދައްކާތީ އަޑުއިވެއެވެ. އެކަމަކު ނާޖިޔާއަކަށް މިކަމުގެ ޢަމަލީ ތަޖްރިބާއެއް ލިބިފައެއް ނެތެވެ...... އޭނާ ތައްޔާރުވާ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި ހެދުމެއް ކަނޑައެޅިއެވެ.

މިހިސާބު ގަނޑުގައި ރީތި ގެއެއްގައި އެކަނި އުޅޭ އަންހެން ދެބޭންގެ ގެއަށް ދިއުމަށް އޭނާ ނިންމިއެވެ. މިސިޒް ހެރަލްޑާއެކު ބޭރަށްދިޔަ ދުވަހަކު އެދެމީހުން ލޯނުގައި ތިއްބާ އޭނާ ދެކެފައިވެސް ވެއެވެ.

ނާޖިޔާ ބޭނުންވަނީ ޕާކިސްތާނު ހެދުމުގައި އެގެއަށް ދިއުމަށެވެ. މިޚިޔާލު އައީ ކީއްވެގެން ކަމެއްވެސް ނޭގެއެވެ. ބޭރު ޤައުމަކަށް ދެވުމާއެކު ކޮންމެ މީހަކަށްވެސް އަމިއްލަ ވަޠަނާމެދު ޤަދަރު ކުރެވެއެވެ.

އޭނާ ފީރޯޒު ކުލައިގެ ފުޅާ ޕާއިޖާމާއެއް ނަގައިފިއެވެ. އަދި ކުރުތާއެއްވެސް ނަގައިފިއެވެ. ވަރަށް އާދައިގެ ކުރުތާއެކެވެ. އެކަމަކު ޕާއިޖާމާގައި ގޮތް ހަދާފައިވެއެވެ. ދޯޕައްޓާގައިވެސް ޖަރީގެ މަސައްކަތް ކޮށްފައިވެއެވެ.

ނާޖިޔާ ހެދުން އަޅައިފިއެވެ. މޭކަޕް ކުރިއެވެ. އިސްތަށިގަނޑު އައްސާލާފައި ފުރަގަހަށް ދޫކޮށްލިއެވެ. ފައިގައި ރަން ކެވެލިކޮޅެއް އައްސާލިއެވެ. ކަރުގައި ހާރު އެޅިއެވެ. އަދި އަތުގައިވެސް އުޅާ އެޅިއެވެ. އޭނާގެ ތައްޔާރުވާ ސާމާނުގެ ތެރޭގައި ތާނޫ ދައްތަގެ ސިންދޫރު ފޮށިވެސް ލާފައިވެއެވެ. ޖަޔާ އެފޮށި ހުޅުވާލިއެވެ.

އަދި............ ލޯގަނޑު ކުރިމަތީގައި ހުރެގެން ބޮލުގައި ސިންދޫރައިގެ ނިޝާން ޖެހިއެވެ.

ކާވެނީގެ ނިޝާނެވެ. މިޙަރަކާތާމެދު ޖަޔާ ފުރަތަމަ ފަހަރަށް ހިނިއައެވެ. ދެން އަނެއްކާވެސް ހިތާމައިގެ އަސަރު ލޮލުން ފެނިގެން ދިޔައެވެ.

ހިތާދެކޮޅަށް އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. ބޭރަށް ދިއުމުގެ ފޯރިވެސް ކުޑަވާން ފަށައިފިއެވެ.

އެކަމަކު...... ދެން އަނެއްކާވެސް އެކަނިވެރިކަމުގެ އިޙްސާސް އުނދަގޫކުރަން ފެށުމުން ގެ ތަޅުލާފައި ނުކުމެއްޖެއެވެ.

ގޭގެ ކުރިމަތީގައިވާ މަގުންއޭނާ ތިރިއަށް ފައިބަން ހިނގައިގަތެވެ. މަގުގެ ދެފަރާތު ތިރި ފާރުބުރި ހުރީ ރަތް ކުލައިންނެވެ.

ދާން ބޭނުންވާ ގެ ފެންނަން ހުއްޓެވެ. މާކަ ދުރުހެނެއް ހިއެއް ނުވެއެވެ. އެކަމަކު އެއީ ފުރަތަމަ ގޯޅިއެއް ނޫނެވެ. ދެވަނަ ގޯޅި އެއްވެސް ނޫނެވެ. ތިންވަނަ ގޯޅިއެވެ. ޖަޔާ ހިނގަމުން ދިޔައެވެ. ތިންވަނަ ގޯޅިން އަނބުރާލާފައި ގެއާ ދިމާއަށް މިޞްރާބު ޖެހިއެވެ.

ނާޖިޔާ އެގޭގެ ބޭރު ދޮރާށި ކައިރިއަށް ހުއްޓިއްޖެއެވެ. ހިނދުކޮޅަކަށް ހުއްޓުނެވެ. ސިހޭގޮތް ވިއެވެ. އެނބުރި ގެއަށް ދިއުމަށްވެސް އޭނާގެ ހިތަށް އެރިއެވެ.

އެކަމަކު.........

އޭނާ ރަގަބީލަށް އޮބާލިއެވެ.

ދެވަނަ ހިނދުކޮޅުގެ ތެރޭގައި ފިޔަވަޅުގެ އަޑު އިވެން ފަށައިފިއެވެ. ފުންނާބު އުސްކުރި ފައިވާނުގެ ޓަކްޓަކް އަޑެވެ. އަދި މެދު ޢުމުރުގެ ސަމައްތަރު ހެޔޮ އަންހެނަކު ދޮރުހުޅުވާ ލައިފިއެވެ.

ޖަޔާ ފެނިފައި އޭނާ ޙައިރާން ވެއްޖެއެވެ. ދެން ހިނިތުން ވެލާފައި އުފާ ފާޅުކުރިއެވެ.

[ތިޔައީ މިސިޒް ޖަލާލީކަން ހަމަ ޔަޤީނެވެ.] އޭނާ އިސްތިޤްބާލު ކުރަމުން ބުންޏެވެ.

[ލައްބައެވެ.] ޖަޔާ ސިހިފައި ބުންޏެވެ. [އަޅުގަނޑުގެ ނަމަކީ ނާޖިޔާއެވެ.]

[މިސްލޫސީ...] އެ އަންހެން މީހާ ނަން ބުނެދިނެވެ. ދެން ނާޖިޔާ ގާތުގައި އެތެރެއަށް ވަންނަން ބުނެފިއެވެ.

ބައްދަލުކުރާ ކޮޓަރީގައި ހުރި ރީތި ސޯފާއެއްގައި ނާޖިޔާ ބައިންދަމުން މިސް ލޫސީ ބުންޏެވެ. [މިގޭގައި އުޅެނީ އަޅުގަނޑާ އަޅުގަނޑުގެ ދައްތައެވެ. އަޅުގަނޑު އޭނާވެސް ތަޢާރަފް ކޮށްދޭނަމެވެ. މިސިޒް ޖަލާލީއާ ބައްދަލުވުމުން ވަރަށް އުފާވެއްޖެއެވެ. އަޅުގަނޑުމެން ތިޔަގެއަށް ދާންވެސް އެބަވިސްނަމެވެ.]

އޭނާގެ ދައްތަވެސް އަތުވެއްޖެއެވެ. މަސްފަލަ އަންހެނެކެވެ. އުފާވެރި މިޒާޖެކެވެ. އޭނާ ޖޯޝާއެކު ނާޖިޔާއާ ބައްދަލުކުރިއެވެ.

[ވަރަށް ރީއްޗެވެ.] އޭނާ ބުންޏެވެ. [ތިޔަ ހެދުންވެސް ވަރަށް ރީއްޗެވެ.]

[ޝުކުރިއްޔާއެވެ!]

[އަޅުގަނޑު ތިޔަހެދުން ލައިފިއްޔާ ހުންނާނީ ކިހިނެއްތޯއެވެ؟] އޭނާ ހީނގަތެވެ.

[ވަރަށް ރީތިވާނެއެވެ.] ޖަޔާ މިހެން ބުނުމުން އޭނާ ބާރަށް ހޭން ފަށައިފިއެވެ.

ދެން ނާޖިޔާއާ ވަރަށްބޮޑަށް ގުޅާލައިފިއެވެ. ފަލަ އަންހެންމީހާ ޖަޔާގެ ދޯޕައްޓާވެސް އެޅީއެވެ. ޖަޔާ ވަރަށް ލަދުވެސް ގަތެވެ. މިސް ލޫސީ ސައިގެނެސް ދިނެވެ.

އެގޭގައި ދެގަޑިއިރު ވޭތުވެގެން ހިނގައްޖެއެވެ. އެމީހުން ޖަޔާއަށް މުޅިގެ ދެއްކިއެވެ. އަމިއްލަ ކަންތައްތަކާބެހޭ މަޢުލޫމާތު ދިނެވެ. ރީތި އެއްޗެއްސާ ހުތުރު އެއްޗެހި ބުނެދިނެވެ.

އެމީހުން ޖަޔާގެ ގާތުންވެސް އަމިއްލަ ވަޠަނާ ގެއާ އަދި ކާވެންޏާ ބެހޭގޮތުން ސުވާލުތައް ކުރިއެވެ.

[ކުރީގައިވެސް ޖަލާލީ ދެނެލައްވަމުތޯއެވެ.] ލޫސީ ބުންޏެވެ.

[ނުދަންނަމެވެ.]

[ނުވެސް ދެކެމުތޯއެވެ؟]

[ލައްބައެވެ.]

ދެބޭން ޙައިރާން ވެއްޖެއެވެ. މިސް ލޫސީ ބުންޏެވެ. [އެންމެ ފުރަތަމަ ޖަލާލީ ދެކެލެއްވި ދުވަހު ޝޮކެއް ލިބި ލައްވާނެ ކަންނޭގެއެވެ. އޭނާއާ އަޅާބަލާއިރު ކަލާ ވަރަށް ރީއްޗެވެ.]

މި މައުޟޫޢުގެ ތެރެއަށް ވަންނާކަށް ޖަޔާ ބޭނުމެއް ނުވެއެވެ. އެކަމަކު ޖަވާބުދޭން ޖެހޭނެތާއެވެ.

[އަޅުގަނޑުމެންގެ ތެރޭގައި ކާވެނިކޮށް އުޅެނީ މިގޮތަށެވެ. މީހާގެ ސިފައަށްވުރެ ބޮޑަށް ބަލަނީ އަޚްލާޤާ ސްކޫލެވެ.]

[އެހެންތޯއެވެ. އެހެންވިއްޔާ ކަލާ ތިޔަހުންނެވީ ޖަލާލީއާމެދު ހިތްހަމަ ޖެހިލައްވައިގެން ތާއެވެ. އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ. ހިތްހެޔޮ އަދި ރީތި އަޚްލާޤު ލިބިފައިވާ އިންސާނެކެވެ.]

އެމީހުންގެ ދުލުންވެސް ޖަލާލީގެ ތަޢުރީފު ޖަޔާ އަޑު އަހައިފިއެވެ. ހިތަށް ކުޑަ ހަމަޖެހުމެއްވެސް ލިބިއްޖެއެވެ. މިހާރު ޖަލާލީގެ ސިފައާމެދު އޭނާގެ އެއްވެސް ޝަކްވާއެއް ނެތް ކަހަލައެވެ. ކުރީގައި ވޭތުވެގެން އެދިޔައީ ވަގުތު އަދި ޖަޒްބާތު މަރްޙަލާއެކެވެ. މިހާރު އޭނާއާއެކު ދުވަސްކޮޅެއް ވޭތު ކުރެވިއްޖެވެސް މެއެވެ.

ނާޖިޔާ ދާން ތެދުވެއްޖެއެވެ.

[އެކަނި އިންނަން ޖެހުމުން ވަރަށް ފޫހިވެއެވެ. ރުހިލައްވާ ކަމެއް ކަމުގައި ވަންޏާ މިގެއަށް މަދުމަދުން އައިސް އުޅެން އަޅުގަނޑު ގަސްތުކުރަމެވެ.] ޖަޔާ މަޑުމަޑުން ބުންޏެވެ.

[ވަރަށް ރަނގަޅެވެ. އަޅުގަނޑު މެންނަކީ ރަނގަޅު ރަޙްމަތްތެރިން ނީމުއެވެ. އަޅުގަނޑުމެންވެސް ތިޔަގެއަށް ދާނަމެވެ. މިސްޓަރ ޖަލާލީއަކީ ޗެސްކުޅުމުގެ މާހިރެކެވެ. އަޅުގަނޑުމެން ބައެއް ފަހަރު ޗެސްކުޅެ އުޅެމުއެވެ. ނާޖިޔާ ޗެސްކުޅެން ދެނެލައްވަމު ތޯއެވެ؟]

[ނުދަންނަމެވެ.]

[މިސްޓަރ ޖަލާލީ ދަސްކޮށް ދެއްވަފާނެއެވެ.]

[ދަސްކުރަން މަސައްކަތް ކުރާނަމެވެ.]

[ވަރަށް ރަނގަޅެވެ.]

އެދެމީހުން ޖަޔާއާއެކު ދޮރާއްޓާ ހަމައަށް އައެވެ. މިސް ލޫސީ ހުރީ ނާޖިޔާގެ ހެދުމަށް ނަޒަރު ހުއްޓިފައެވެ. ޚުދާ ޙާފިޡް ކިއުމުގެ ކުރީގައި އޭނާ ބުންޏެވެ. [އަޅުގަނޑަށްވެސް ތިޔަކަހަލަ ހިމަތޮޅި ހަށިގަނޑެއް ލިބިފައިވީނަމަ ތިޔަހެދުން ލާފައި ބަލާލީމުހެވެ.]

[ވަރަށް ރީތިދޯއެވެ.]

[ލައްބައެވެ.]

[މިކަހަލަ ހެދުމެއް ފަހާ ދެންތޯއެވެ.]

[ނޫނެކެވެ. ޝުކުރިއްޔާއެވެ.]

ޖަޔާ އެމީހުންނާއި ވަކިވެގެން އައިއިރު ވަރަށްބޮޑަށް ރަޙްމަތްތެރިކަން އާލާ ވެއްޖެއެވެ. އޭނާ ވަގުތު ހޭދަ ކޮށްލުމަށްޓަކައި މަގެއް ހޯދައިފިއެވެ. މާދަމާ ދާނީ އެހެން ދިމާއަކަށެވެ.

އޭނާ ނާނާ ކިޔަމުން ގެއަށް ވަދެއްޖެއެވެ. އަވަށްޓެރި ބަޔަކާ ބައްދަލުވުމުން އޭނާ ވަރަށް އުފާވެއްޖެއެވެ. ނާޖިޔާ ގެއަށްވަނުމާއެކު ދޯޕައްޓާ ނަގާ ސޯފާގައި ބާއްވައިފިއެވެ. އަދި ލިވިންގރޫމަށް އައިސް ފޮތެއް ނަގައިގެން ބަލަން ފަށައިފިއެވެ. ދެން މިއުޒިކް ރޯލެއްނަގާ ލަވަޖަހާ ސެޓަށް ލައްވާލިއެވެ. އިވެންފެށި ރީތި ރާގާއެކު ފައިން ރާގު ހަމަކުރަމުން ފޮތްބަލަން ފަށައިފިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން