ހުޅުމާލޭ އިސްރަށްވެހިންގެ ނާދީ ހުޅުވުން
ހުޅުމާލޭ އިސްރަށްވެހިންގެ ނާދީ ހުޅުވުން
ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވައިފިއެވެ.

އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން އެންމެ ފުރަތަމަ "އިސްރަށްވެހިންގެ ނާދީ" ހުޅުވާފައިވަނީ މާލޭގައެވެ. އަދި ހުޅުމާލޭ އިސްރަށްވެހިންގެ ނާދީ އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ތަރައްގީކޮށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހިންގުމަށް ހަވާލުކޮށްފައިވާ ތަނެކެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 8 ގައި ތަރައްގީކޮށްފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުއްވައިދެއްވީ، މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފަޔާޒް މަންސޫރު ކަމަށެވެ.

މި އިސްރަށްވެހިންގެ ނާދީގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ މަރުކަޒެއް ހުޅުމާލޭގައި ގާއިމް ކުރުން ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން، ނާދީ ތަރައްގީކޮށްފައިވަނީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކު ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

“މިއީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށްވެސް އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ މަރުކަޒެކެވެ. އެގޮތުން އިސްރަށްވެހިންގެ ހެލްތު ސްކްރީނިންގް އާއި، އެމީހަކަށް ބޭނުންވާ ހާއްސަ ފަރުވާ އެތަނުން ލިބޭނެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން އެ މަރުކަޒު ފަރުމާ ކޮށްފައިވަނީ އެންމެންނަށް ބޭނުންކުރެވޭ ކޮމަން ސަރަހައްދަކާއި، ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަ ހިމެނޭ ގޮތަށެވެ. އަދި އޭގެ އިތުރުން އަވަސް ފަރުވާދޭ ކޮޓަރިއާއި، ނަމާދު ކޮޓަރި އަދި ބަދިގެވެސް ހިމެނޭ ގޮތަށެވެ.” އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ހަމައެއާއެކު މި ނާދީގެ ހިދުމަތް ދެވެން ފެށުމުން، ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅިގެންދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

އޭގެއިތުރުން އެޗްޑީސީން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސްވެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ނާދީ ހުޅުވިފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން އިރުއޮއްސި 18:00 އަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން