ފްރީޒަރު ތެރެއިން 30 އަހަރުވީ އައިސްކްރީމެއް
ފްރީޒަރު ތެރެއިން 30 އަހަރުވީ އައިސްކްރީމެއް
އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ހެރޯގައި ހުންނަ، 145 އަހަރަށްވުރެ ގިނަ ދުވަސްވީ "ކޮލްމާ ހައުސް ޖެނެރަލް ސްޓޯރ" ގެ ވެރިޔާ އެޝް ސްޓޭންބްރިޖް، ފިހާރައިގެ ފްރީޒަރެއް ސާފުކުރަން އުޅުމުގެ ތެރޭގައި 30 އަހަރާ ގާތްކުރާ ވަރުގެ ގަދީމީ އައިސްކްރީމެއް ފެނިއްޖެއެވެ.

ފްރީޒަރުގެ އަޑީގައި ގަނޑުވެފައި އޮއްވައި ފެނުނު މި އައިސްކްރީމަކީ 1990 ގެ އަހަރުތަކުގެ ފަހުކޮޅު އޮސްޓްރޭލިއާގައި ވަރަށް މަގުބޫލުވި "މެގްނަމް އީގޯ" ބްރޭންޑުގެ އައިސްކްރީމެކެވެ.

އެޝް ބުނި ގޮތުގައި ފްރީޒަރުގައި ގަނޑުވެފައި ހުރި ގަނޑުފެންތައް ނަގަމުން ދަނިކޮށް ފެނުނު މި އައިސްކްރީމް އޮތީ އެއްވެސް ގެއްލުމެއް ނުލިބި، މީގެ 30 އަހަރު ކުރިން ހުރި ގޮތަށް ސަލާމަތުންނެވެ.

1998 ވަނަ އަހަރު އަލަށް ބާޒާރަށް ނެރުނު މި އައިސްކްރީމަކީ ވެނީލާ އައިސްކްރީމްގެ ބޭރުން ކެރެމެލް އަދި މިލްކް ޗޮކްލެޓް ލޭޔަރުތަކެއް ލާފައިވާ، އެ ދުވަސްވަރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އައިސްކްރީމެކެވެ.

ނަމަވެސް، މި އަހަރުގެ ކުރީކޮޅު ވަނީ މި އައިސްކްރީމް އުފެއްދުން ހުއްޓާލާފައެވެ.

މި އައިސްކްރީމް ފެނުމާއެކު އެޝް ވަނީ އެ ތަކެތީގެ ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

މި ފޮޓޯތައް ވަގުތުން ވައިރަލްވެ، ގިނަ ބަޔަކު ވަނީ 90 ގެ އަހަރުތަކުގެ އެ އައިސްކްރީމްގެ މީރު ހަނދާންތައް އާކޮށްފައެވެ.

ނަމަވެސް އެޝް ބުނީ އައިސްކްރީމް ރަނގަޅަށް އޮތް ކަމުގައި ވިޔަސް، އެ ކާލަން ކެރޭވަރުގެ ހިތްވަރެއް އޭނާގެ ނެތް ކަމަށެވެ.

މި ޚަބަރާއެކު މެގްނަމް އައިސްކްރީމް އުފައްދާ ކުންފުނިންވެސް ވަނީ މިކަމަށް އިޖާބަދީފައެވެ.

އެ ކުންފުނިން ބުނީ އޮސްޓްރޭލިއާގެ އާންމުން މެގްނަމް އީގޯއާ ގުޅޭގޮތުން ހިއްސާކުރި ހަނދާންތައް ފެނިފައި އުފާވި ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ބްރޭންޑާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

އެޝް ވަނީ އެ ފިހާރައިގެ ސްޓޯރޫމް ތެރެއިން 80 އާއި 90 ގެ އަހަރުތަކުގެ ޗިޕްސް ޕެކެޓްތަކާއި، އެތެރޭގެ ދިޔަ ހިނދިފައިވާ ފްލޭވާޑް މިލްކް ފުޅިއެއްވެސް ހޯދާފައެވެ. އޭނާ ނިންމާފައިވަނީ މި ތަކެތި އުކާނުލައި ފިހާރައިގެ ތާރީޚީ ރަމްޒެއްގެ ގޮތުގައި ބެހެއްޓުމަށެވެ.



ކިޔުންތެރިންގެ ހިޔާލު