ޞާދިރު ޢަލީދީދީ   3 ސެޕްޓެމްބަރު 2020 - 14:19
ސަންޑޭ - އެޕިސޯޑް 11
ސަންޑޭ - އެޕިސޯޑް 11
އެޕިސޯޑް 11

...............

[އެ ސޫރަ ދަރިފުޅަށް ދައްކާކަށް މަންމަގެ ހިތަށް ކުޅަދާނައެއް ނޫން. އެކެހިވެރިޔާގެ މޫނު ދެކޭކަށްވެސް މަންމަ ބޭނުމެއް ނޫން.] ފަރީދާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހެން ފަށައިފިއެވެ. މިފަހަރުވެސް ހަތިޔާރު ބަހައްޓަން ޖެހުނީ ޝިޒްނާއަށެވެ. ބައްޕައެއް ހޯދުމުގެ ބޭނުމުގައި މަންމަގެ ހިތުގައި ޖައްސައި މަންމަ ރޮއްވާކަށް ފަހަރެއްގައިވެސް އޭނާގެ ހިތެއް ނޭދެއެވެ. ނަމަވެސް، ކޮންމެވެސް ދުވަހަކުން އެބައްޕަ އޭނާއާ ބައްދަލުވާނެ ކަމުގެ ފޮނި އުއްމީދެއް އޭނާގެ އޮވެއެވެ.

އެދުވަހު ފަރީދާ ވަރަށް ރުޔެވެ. ޝިޒްނާއަށް އޭނާގެ ބައްޕަގެ ފޮޓޯއެއް ދެއްކުމާ ދޭތެރޭގައިވެސް އޭނާ ވިސްނިއެވެ. ރޮއިރޮއިފައި ފުރަތަމަ އޭނާ އެވާހަކަ ދެއްކީ އޭނާގެ ފިރިމީހާއާއެވެ.

[އަޞްލު އަހަރެން އެކަން ސިއްރުކުރީމާ އެމަންޖެ ހާދަ ދެރައެއްވާނެޔޭ....އަޅެ ކިހިނެއްތަ އަހަރެން ހަދާނީ. ވިސްނާ ވިސްނާ އަހަރެންގެ ބޮލުގައި ރިއްސަން ފަށައިފި.] ފަރީދާ ބޯހޫރާލިއެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނަ އޮހިއޮހި ހުއްޓެވެ.

[އޭނާއަށް ފޮޓޯއެއް ނަމަވެސް ދައްކާލުމަކީ ގޯހެއް ނޫން.] ޒުބޭރު ޚިޔާލުދިނެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފަރީދާވެސް ނިންމިއެވެ. އެހެންކަމުން ކޮޓަރި އެތެރޭން ތަންޑު އެޅުވުމަށްފަހު، އަލަމާރިތެރެ ހޯދަން ފެށިއެވެ. އޭގައި އޮތް ފާއިޒްގެ ފޮޓޯއެއް ހޯދުމަށެވެ. ގައިމެވެ. ޝިޒްނާއަށް އޭނާގެ ބައްޕައަކީ ކާކުކަން އެނގޭހިނދު ޝޮކެއް ލިބޭނެއެވެ. އޭނާގެ ބައްޕަ ކަމުގައި މަންމަ ބުނާ މީހަކީ އޭނާ ކުރިން ދެކެފައިވާ މީހަކަށްވެސް ވެދާނެއެވެ. އަދި އެއަށްވުރެން ގާތް މީހަކަށްވެސް ވެދާނެއެވެ. ފަރީދާއަށް ފާއިޒްގެ ފޮޓޯއެއް ފެނުނީ، އަލަމާރި އެފުށްމިފުށަށް ޖެހުނު ފަހުންނެވެ. އެފޮޓޯ ފެނުމާއެކު، އޭނާއާއެކު ފަހަތުން އައުމަށް ޒުބޭރަށް އިޝާރާތް ކުރުމަށްފަހު ފަރީދާ ހިނގައިގަތެވެ. އޭނާ ބޭނުންވަނީ ވަގުތުން ވަގުތަށް ދަރިފުޅަށް އޭނާގެ ބައްޕައަކީ ކާކުކަން ބުނެދޭށެވެ.

[ދަރިފުޅާ...ޝިޒޫ.....] ކޮޓަރިން ނުކުމެބަލަ.] ފަރީދާ ގޮވާލިއެވެ. އޭރު ފަރީދާގެ ފަހަތުން ޒުބޭރުވެސް ނުކުމެ ހުއްޓެވެ.

[އާދޭ....މަންމަގެ ގާތަށް އައިސްބަލަ.] އެއީ ނާސްތާކޮށް ނިމިގެން ޝިޒްނާއާއި އަފްޒަލް ކާގެއިން ނުކުތް ވަގުތެވެ. ޝިޒްނާ އައިސް މަންމައާ ދާދިގާތަށް ހުއްޓުނެވެ. މާދުރުނޫން ހިސާބެއްގައި އަފްޒަލްވެސް މަޑުޖެހިލިއެވެ.

[ދަރިފުޅާ، މިގެނައީ ދަރިފުޅުގެ ބައްޕަޔާހުރެ ދަރިފުޅު ކުރާ ހިތާމަތަކަށް މަންމައަށް ކެތްނުކުރެވިގެން......ދަރިފުޅުގެ ބައްޕައަކީ މިއީ.....ފާއިޒް ނިކަން އުފަލުގައި، އޭނަ ދުނިޔޭގައި އެބައުޅޭ....] ފަރީދާ ފޮޓޯ ޝިޒްނާއާއި އަފްޒަލަށް ދެއްކިއެވެ. އެއާއެކު އަފްޒަލާއި ޝިޒްނާގެ ލޯ ޙައިރާންކަމާއެކު ބޮޑުވިއެވެ.

[މީ ނަވާލްގެ ބައްޕައެއްނު.] ފޮޓޯއަށް ރަނގަޅަށް ބަލައިލުމަށްފަހު އަފްޒަލް ބުންޏެވެ.

[ނަވާލްގެ ބައްޕައެއް ކަމެއް ނޭނގެ.] ތީ މަންމައަށް ކެހިދީ ފިލައިގެން އުޅޭ މީހަކީ....] ފަރީދާ ބުންޏެވެ. ވަގުތުން ޝިޒްނާ ބޭނުންވީ އޭނާގެ ބައްޕައާ ބައްދަލުކުރާށެވެ. އެއީ އަފްޒަލްވެސް ބޭނުންވިގޮތެވެ. އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއަކީ އޭނާގެ އަނބިމީހާގެ އެއްބަފާ ބޭބެކަން އެނގުމުން، އޭނާ އެހެރީ ފިސާރި ހިތްހަމަޖެހިފައެވެ. އެހެންކަމުން، ރަޙްމަތްތެރިޔާގެ ޢާއިލާއަށް މީހަކު އިތުރުވެފައިވާކަން އަންގަން އޭނާގެ ހިތް މިހާރުވަނީ އަވަސްވެފައެވެ.

އެދުވަހު އެވާހަކަ ކިޔައިދޭން ނަވާލްމެންގެއަށް ދިޔައީ އަފްޒަލް އެކަންޏެވެ. އަފްޒަލް ގޮސް ނަވާލަށް ހުރިހާ ވާހަކައެއް، ޝިޒްނާގެ މަންމަ ކިޔައިދިންގޮތަށް ތަފްޞީލުކޮށް ކިޔައިދިނެވެ.

އެވާހަކަ އަޑުއަހާފައި ނަވާލް އުފާވެސްވިއެވެ. ހަމަ އެވަރަށް ބައްޕަދެކެ ރުޅިވެސް އާދެވުނެވެ. އެހެންކަމުން، އެދުވަހު ފުރަތަމަ އޭނާ އެވާހަކަ ދެއްކީ އޭނާގެ މަންމަ މަރީނާގެ ގާތުގައެވެ. ފުރަތަމަ ޤަބޫލު ނުކުރެވުނަސް އަފްޒަލް އިތުރަށް ޔަޤީންކަން ދިނުމުން މަރީނާ އެކަން ޤަބޫލުކުރިއެވެ. އެއާއެކު މާޒީގެ ދުވަސްތަކެއްގެ ހަނދާންތައް އޭނާގެ ސިކުނޑީގައި އާވިއެވެ.

އެދުވަސްވަރު ފާއިޒު އޭނާއާއި އޭރު ތުއްތު ދަރިފުޅު ނަވާލާ ދުރުވިއެވެ. ރޭގަނޑުވެސް ގެއަށް އައުން ލަސްވުމާއި ގެއިން ބޭރުން ކެއުން އިތުރުވިއެވެ. ކުރިއާ ޚިލާފަށް ބޭރަށް ނުކުންނަ ކޮންމެ ފަހަރަކުވެސް ނަލަހެދިލައެވެ. ޒާތްޒާތުގެ މީރުވަސްދުވާ ސެންޓް ބޭނުންކުރަން ފެށިއެވެ. އެކަން މަރީނާއަށް ފާހަގަކުރެވި ޝަކުވާ ކުރުމުން، ބައެއްފަހަރު ފާއިޒް އަތް އިސްވެސް ކުރެއެވެ.

ހަމަ އެދުވަސްވަރެވެ. ސައިކަލް ފަހަތަށް އަންހެނަކު އަރުވައިގެން ދަނިކޮށް ފެނިގެން މަރީނާގެ ރައްޓެއްސަކު އައިސް އޭނާ ގާތު ބުނެފައިވެއެވެ. ފަހުން (އަލުން ފާއިޒުގެ ލޯތްބާއި އަޅާލުން) ލިބެން ފެށީ މަރީނާ ކުރި ބުރަ މަސައްކަތުންނެވެ. މަރީނާ ތަފާތު އެތައް ބައެއްގެ އިރުޝާދު ހޯދިއެވެ. ޚިޔާލުބަދަލުވެ، އަލުން އެނބުރި ކުރީގެ އުޅުމަށް ފާއިޒު އިޢާދަވީ މަރީނާ އެގޭގެ އޮޅިގަނޑު ދަށުގައި ވަޅުލި ލޯ ފޮއްޗަކަށްފަހުގައެވެ. އެއީ މަރީނާގެ ނަޞީބެވެ.

އެއްދުވަހަކު މަރީނާ ހުރީ ފާއިޒު ގެއަށް އައުން ލަސްވެފައެވެ. ފާއިޒް އައިސް ގެއަށް ވަނުމާއެކު މަރީނާ އެވާހަކަ ފެށިއެވެ. ރުޅިއައިސްފައި ހުރެއެވެ.

[އަދި އެނޫނަސްވެސް ފާއިޒުގެ ކިތަންމެ ދަރިންނެއް މިގެއަށް އަންނާނެ....] މަރީނާ ހުރީ ނިކަން ރުޅިއައިސްފައެވެ. ނަމަވެސް އޭނާ މޫނުމައްޗަކުން އެކަމެއް ނުދައްކައެވެ.

[އަހަންނަށް މަޢާފްކުރޭ! މަރީނާ ތިބުނާ މަންޖެ ނޫން ދަރިޔަކު އަހަރެންގެ ނުހުންނާނެ....އެއީ އަހަންނަށް ކުރެވުނު ވަރަށްބޮޑު މޮޔަކަމެއް!.....] ފާއިޒު މަޢާފަށް އެދުމަށްފަހު ބުންޏެވެ. މަޢާފަށް އެދުމާއި މަޢާފް ކުރުމަކީވެސް އޮންނަންޖެހޭ ކަމެކެވެ.

[އަހަރެންގެ ހިތް އެއްވެސް ބުރައެއް ނޫން.] ފާއިޒު ގޮސް އެމަންޖެ ހިތްހަމަޖައްސާލަދީ....ނަވާލްވެސް މިހާރުވީ އޭނާގެ ކޮއްކޮއާ ބައްދަލުކުރުމަށް އެގެއަށް ގޮސް.] މަރީނާ ބުންޏެވެ. މަރީނާއަކީ ދުރުވިސްނޭ މީހެކެވެ. ކޮންމެ ކަމެއްގައިވެސް ޞުލްޙަވެރި ޙައްލެއް ހޯދުމަކީ އޭނާގެ އާދައެކެވެ.

ނަދުހާ ކޮޓަރީގައި އޮވެ ވިސްނަމުން އެދަނީ މުނާޒް ބުނި ފަދައިން، ނަވާލްގެ އުނަގަނޑުގައިވާ ތަވީދު ކަނޑާލާނެ ގޮތަކާ ދޭތެރޭގައެވެ. މުނާޒް ބުނެފައިވާ ގޮތުން، އެތަވީދު ކަނޑާލައިގެން ނޫނީ ނަދުހާއަށް ނަވާލްގެ ކިބައިން މިނިވަނެއް ނުވެވޭނެއެވެ. އެހެންކަމުން، މިރޭ ކޮންމެ ގޮތެއް ހަދާފައިވެސް ނަވާލްގެ އުނަގަނޑުގައިވާ ތަވީދު ކަނޑާލަން އޭނާ ބޭނުންވެއެވެ. އެރޭ ދަންވަރު ބޭރުގައި އުޅެފައި ނަވާލް ގެއަށް އައިސްވަނީ ނަދުހާ އޭނާއަށް އިންތިޒާރު ކުރާތާ ވަރަށްގިނައިރުވީ ފަހުންނެވެ.

[ނަވާލް....] ނަވާލް ވަނުމާއެކު ނަދުހާ ގޮވާލިއެވެ. ހީވީ ކަމަކަށް ބޭނުންވެގެން އުޅޭހެންނެވެ. ލިބުނު ހިތްހަމަޖެހުމާއެކު ނަވާލަށް ހުއްޓެވުނީއެވެ. އެއީ މީގެކުރިން ނަދުހާގެ ކިބައިން ފެނިފައިވާ އާދައަކަށް ނުވާތީއެވެ.

[ނަވާލް....އައިސްބަލަ އަހަރެންގެ ގާތަށް....] ނަދުހާ އެނދުގެ އެއްފަރާތަށް ޖެހިލަމުން މަސްތީ އަޑަކުން އެދުނެވެ. ނަވާލް ހުރީ އާގަމަވެފައެވެ. ނަދުހާ ބަދަލުވީހެއްޔެވެ؟ ޔަޤީނެވެ. ނަދުހާއަށް ވިސްނުނީއެވެ. މިޚިޔާލުގައި ނަވާލް ހުއްޓާ، ދެންވެސް އިވުނީ ނަދުހާގެ އަޑެވެ.

[ނަވާލް....] ނަދުހާގެ އަޑާއި ރާގު ކުރިއަށްވުރެންވެސް ތަފާތުވިއެވެ.

[ނަދުހާ....!] ނަވާލް އެނދާ ދިމާއަށް ހިނގައިގެންފިއެވެ.

[އާދޭ ނަވާލް.....އަހަރެންގެ ގާތަށް އާދޭ....] ނަދުހާ އަތް ދިއްކުރިއެވެ. ނަވާލް ހިތްއަވަސްވެފައިހުރެ ނަދުހާއާޖެހި ފިތިގެން އިށީނެވެ. ނަދުހާ ނަވާލްގެ އަތުގައި ހިފެހެއްޓިއެވެ.

[ނަވާލް!] ނަވާލް އެދިމާއަށް ހިނގައިގެންފިއެވެ.

[ނަވާލް، ނަވާލް ހަމަ ޙަޤީޤަތުގައިވެސް އަހަރެންދެކެ ވަރަށް ލޯބިވޭތަ؟] ނަވާލްގެ އަތުގައި ހިފަހައްޓައިގެން އިނދެ ސީދާ ނަވާލްގެ ލޮލަށް ބަލަމުން ނަދުހާ އެއްސެވެ.

[ކީއްވެ މިރޭ ކުއްލިއަކަށް ތިހެން ތިއެހީ؟ އާނ، އަހަރެން ނަދުހާދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.] ނަވާލް ނަދުހާގެ ކޮނޑުގައި ބޯއަޅާލިއެވެ. ނަދުހާއަށް ދުރަށް ޖެހިލެވުނެވެ.

[އަހަރެންދެކެ ތިބުނާ ވަރަށް ލޯބިވަންޏާ....އެކަން އަހަންނަށް ސާބިތުކޮށްދީފާނަންތަ؟] ނަދުހާ ލޯމަރާލިއެވެ.

[ސާބިތުކޮށްދޭން ކޮންކަމެއްތަ އަހަރެން ކޮށްދޭންވީ؟] ނަވާލްގެ ހިތް އަވަސްވިއެވެ. ލޯބިވާކަން ސާބިތުކޮށްދޭން އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހާވެސް އޭނާ ނަދުހާދެކެ ލޯބިވެއެވެ.

[އަހަރެން ވަރިކުރަންވީ. އޭރުން އަހަރެން ޤަބޫލުކުރާނަން ނަވާލް އަހަރެންދެކެ ލޯބިވާ ކަމަށް.] ނަދުހާ ބުންޏެވެ. ނަވާލަށް ލިބުނީ ކުއްލި ޝޮކެކެވެ.

[ވަރިކުރަންވީއޭ!؟ ލޯބިވާތީއެއްނު ތިކަން ނުކުރެވިގެން މިއުޅެނީ...ބުނަން، މީގެފަހުން އަހަރެން ގާތު ވަރިއަށް ނޭދޭތި. އަންނަ ރުޅީގައި ކޮންމެފަދަ ކަމެއްވެސް އަހަންނަށް ކުރެވިދާނެ.] ނަވާލްގެ ގާތަށް ވަރަށް ރުޅިއައެވެ.

[ލޯބިވާނަމަ ނަވާލް އަހަރެން ވަރިކުރާނެ.] ނަދުހާ ނަވާލާ ދުރަށްޖެހިލިއެވެ.

[ޚަބަރުދާރު ނަދުހާ، ތިކަހަލަ ވާހަކަ އަހަރެން ގާތު ނުދައްކާތި. ކިތަންމެވަރަކަށް ބުންޏަސް ވަރިއެއްނުކުރާނަން.] ނަވާލް ހަޅޭއްލަވައިގަތެވެ. ޙަޤީޤަތުގައި އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

[ވަރިނުކުރިޔަސް ނަވާލަށް އަހަރެންގެ ފަރާތުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ.] ނަދުހާ އެނދުން ތެދުވިއެވެ. ނަވާލް އަތް ދިއްކޮށް ނަދުހާގެ ހެދުމުގެ ފަސްބައިގައި ހިފިއެވެ.

[ދޫކުރޭ.....] ނަދުހާ ނަވާލްގެ އަތް ފޮޅުވާލިއެވެ. ނަމަވެސް ދެވަނަފަހަރަށް ނަވާލް ނަދުހާ ހިފެހެއްޓިއެވެ. މިފަހަރު އޭނާ ހިފީ ނަދުހާގެ ދެއަތުގައެވެ. އެހިނދު އޭނާގެ ހިތް އޭނާ ގާތު ބުނާ ކަހަލައެވެ. ނަވާލެވެ. ގަދަބާރުން ނަމަވެސް، ނަދުހާގެ ފަރާތުން އުފަލާއި ހިތްހަމަޖެހުން ލިބިގަންނާށެވެ. އޭރުން ނަދުހާގެ ވިސްނުންވެސް ބަދަލުވެދާނެއެވެ. މިވިސްނުމުގައި އިރުކޮޅެއް ވަންދެން ހުރެފައި ނަވާލް ނަދުހާ ގެނެސް، އޭނާގެ ހަށިގަނޑުގައި ލައްކޮށްލިއެވެ. އޭރުވެސް ނަދުހާ މަސައްކަތް ކުރަމުންދަނީ ނަވާލްގެ އަތުތެރޭން ރެކިގަނެވޭތޯއެވެ. ނަމަވެސް ނަވާލް އޭނާގެ ގައިގައި ހިފަހައްޓާފައިވަނީ މާބާރަށެވެ.

[ދޫކުރޭ....މުނާޒް ރުޅިއަންނާނެ.] ނަދުހާ ނަވާލް ފޮޅުވާލިއެވެ.

[މުނާޒް! އެއީ ކާކު؟] ނަވާލް ހުއްޓުންއެރިއެވެ. އެހާމެ ރުޅިވެސްއައެވެ.

[އެއީ އަހަރެން އެންމެ ލޯބިވާ މީހާ. މުނާޒްދެކެ އަހަރެން ވަރަށް ލޯބިވޭ....] ނަދުހާ ނަވާލާ ދުރަށް ޖެހިލަމުން ބުންޏެވެ. ނަދުހާގެ އެޖުމްލައިން ނަވާލްގެ ގާތަށް އިންތިހާއަށް ރުޅިއައެވެ.

[ކޮބައިތަ ތިބުނާ މުނާޒަކީ....އަހަރެންގެ އުފާތަކަށް އަރައިގަންނަން އުޅެންޏާ، އަހަރެން އޭނާގެ ދުވަސް ދުއްވާލާނަން. ކޮންތާކުތަ އޭނާ އުޅެނީ....] އައިސްފައިވާ ރުޅީގެ ސަބަބުން ނަވާލްގެ އަޑުވެސް ތުރުތުރުއަޅައެވެ.

[ނަވާލަކަށް އޭނާއެއް ނުފެންނާނެ. އޭނާ ފެންނާނީ ހަމައެކަނި އަހަންނަށް.] ނަދުހާ އެނބުރި ވަށައިގެން ހޯދާލީ، އޭނާއާ ދާދި ގާތުގައި މުނާޒް ހުރިކަމުގެ އިޙްސާސް ކުރެވިގެންނެވެ. ނަމަވެސް އެއީ އޭނާއަށް ކުރެވުނު ހީއެކެވެ. އެކޮޓަރިއަށް ވަނުމުގެ ބާރެއް މުނާޒަކަށް ނުލިބޭނެއެވެ. ނަވާލް އުނަގަނޑުގައިވާ ތަވީދު ކަނޑާލަދިނުމަށް މުނާޒް ނަދުހާ ގާތު އެދެނީ އެހެންވެގެންނެވެ. އެތަވީދުގެ މަތިން ނަދުހާ ހަނދާންވީ އެވަގުތުއެވެ. އެހެންކަމުން، އޭނާ ނަވާލާ ގާތަށް ޖެހެން ފެށިއެވެ. ނަވާލް ހުރީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ގަނޑުވެފައިވާ ކަހަލަ ގޮތަކަށެވެ.

[ނަވާލް އަހަންނަށް މަޢާފްކުރޭ....ނަވާލްދެކެ ލޯބިވެވޭތޯ އަހަރެން ވަރަށް މަސައްކަތް އެބަކުރަން...އެކަމަކު ކުރެވުނު މަސައްކަތްތަކުން އަދި އަހަރެންގެ ހިތުން ނަވާލަށްޓަކައި މަޤާމެއް ހުސްކުރެވޭ ގޮތެއްނުވޭ.] ނަދުހާ ނަވާލްގެ އަތުގައި ހިފަހައްޓާލިއެވެ. ނަވާލްގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނުކަހަލައެވެ. ބޭއިޚްތިޔާރުގައި ނަދުހާ ގެނެސް، އޭނާގެ މޭގައި ލައްކޮށްލެވުނެވެ.

[ނަދޫ....އަހަންނާ މިއަށްވުރެ ދުރަށް ދާން މަސައްކަތް ނުކުރައްޗޭ. ނަދޫދެކެ އަހަރެން ހާދަ ލޯބިވެޔޭ....] އުފާވެރިކަމުގެ ކަރުނަ ނަވާލްގެ ލޮލުން ވިދާލިއެވެ. ނަދުހާ ނަވާލްގެ މޭގައި ބޯއަޅާލިއެވެ. ހިތާ ދެކޮޅަށެވެ. މަޤްޞަދެއް އޮތީމައެވެ. އޭނާގެ މަޤްޞަދަކީ މުނާޒްގެ އެދުން ޙާޞިލްކޮށްދިނެވެ. އޭނާއާއި މުނާޒްގެ ލޯތްބަށް އެޅިފައިވާހާވެސް ހުރަހަކީ، މުނާޒް ބުނާފަދައިން ނަވާލްގެ އުނަގަނޑުގައި އަޅާފައިވާ ތަވީދެވެ. އެހެންކަމުން، މިއަދު އެތަވީދު ކަނޑާލުމަކީ ނަދުހާގެ އުއްމީދެކެވެ. މަކަރުވެރި ދަޅަ ދައްކައިގެންވެސްވެހެވެ.

[ނަވާލް، ފިރިއެއްގެ ފަރާތުން އަންބަކަށް ލިބެންޖެހޭ އުފަލާއި ހިތްހަމަޖެހުން އަދި އަރާމާއި އޭގެ ލައްޒަތު މިރޭ ނަވާލްގެ ކިބައިން އަހަރެން ބޭނުން. ނަވާލްވެސް ބޭނުންވާނެ، އަނބިމީހާގެ ފުރިހަމަ ލޯބި.....މިރޭ....] ނަވާލްގެ އުނަގަނޑުގައި ނަދުހާގެ ދެއަތް ވަށާލީ ނިކަން މަސްތީ އިޙްސާސަކާ އެކުގައެވެ. ހަމަ އެއިޙްސާސްގައި ނަވާލް ނަދުހާއާއެކު އެނދުމަތީގައި ދިގުދެމިލިއެވެ. އެހިނދު ނަދުހާގެ އަތް މަޑުމަޑުން ޙަރަކާތް ކުރަމުން އެދަނީ ނަވާލްގެ އުނަގަނޑުގައި އަޅާފައިވާ ތަވީދާ ދިމާއަށެވެ. ނަމަވެސް، މަސްތުވެފައި އޮތް ނަވާލްގެ ސިކުނޑީގައި އެނބުރެނީ އެންމެ ކަމެކެވެ. މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ނަދުހާ ނެގީ ހިނދުކޮޅެކެވެ. މިހާރު ނަވާލްގެ އުނަގަނޑުގައި އަޅުވާފައި އޮތް ތަވީދު އެއޮތީ ނަދުހާގެ މުށުތެރޭގައެވެ.

[އަންނާނަން ފާޚާނާއަށް ވަދެލާފައި.] ތަވީދު މުށުތެރެއަށް ލައިގެން ނަދުހާ ގޮސް ފާޚާނާއަށް ވަނެވެ. އޭނާ ފާޚާނާއަށް ވަދެ، އެތަވީދު ފްލަޝްކޮށްލިއެވެ. ހަމައެއާއެކު ބާރު ވައިރޯޅިއަކާއެކު އެތެރެއަށް މުނާޒް ފާޅުވެއްޖެއެވެ.

[ނަދޫ...ދެން އިތުރަށް އޭނާއާ ކައިރިނުވާތި.] މިހެން ބުނެފައި މުނާޒް ގެއްލުނެވެ.

ނަދުހާ ފާޚާނާއިން ނުކުތެވެ. އޭރު ކެތްތެރިކަން ކުޑަވެފައިވާ ނަވާލް އެނދުމަތީގައި އޮތެވެ. ނަދުހާ ގޮސް ހުއްޓުނީ ޑްރެސިންގ ޓޭބަލް ކައިރީގައެވެ.

[ނަދޫ އައިސްބަލަ.....] ނުހަނު މަސްތީ އަޑަކުން ނަވާލް އެދުނެވެ. ނަދުހާ ނަވާލަށް ބަލައިލިއެވެ.

[އަހަރެން ވަރަށް ވަރުބަލިވެއްޖެ. ނިދާލަން ބޭނުންވަނީ....] ނަދުހާ ޓައިލްސްމަތީގައި އޮށޯތެވެ. ނަމަވެސް އެގޮތަށް ނަދުހާ ދޫކޮށްލާކަށް ނަވާލް ބޭނުމެއްނުވިއެވެ. ނަދުހާގެ ބަހާއި ޢަމަލު އެއްގޮތްނުވީތީ، ނަވާލް ވަރަށް ހިތްހަމަނުޖެހުނެވެ. ނަވާލް ތެދުވެގެންގޮސް ނަދުހާގެ އަތުގައި ހިފައި އޭނާ ނެގިއެވެ.

[އަހަރެން ނިދިޔަދީބަލަ....] ނަދުހާ ގަދަހަދާލިއެވެ.

[އަހަންނަށް ހިތްހަމަޖެހުން ދީފައި ނޫނީ މިރެއަކު ނުނިދޭނެ. ނަދުހާވިޔަސް ވަޢުދާ ޚިލާފްވާކަށް ނުޖެހޭނެ. ނަދުހާގެ ކިބައިން އަހަރެން މިރޭ ހިތްހަމަޖެހުން ހޯދާނަން.] ނަވާލް ނަދުހާގެ އަތުގައި ހިފައި ދަމަމުން ގޮސް އެނދުމައްޗަށް ވައްޓާލިއެވެ. ނަވާލަށް ގެނެވުނީ އެޙަރަކާތެވެ. ދެން ހީވީ އޭނާގެ އެ ޙަރަކާތްތައް ތަޅުލެވުނުހެންނެވެ. އެހިނދު ނަދުހާގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ. އޭރު ނަވާލްގެ ފަހަތުގައި (ދާދި ގާތުގައި) ހުރި މުނާޒް ނަދުހާއަށް ފެނެއެވެ. ނަދުހާ ހިތްހަމަޖެހިފައި ހުރީ އެހެންވެއެވެ. އޭރުވެސް ނަވާލް މަސައްކަތް ކުރަމުން އެދަނީ އެނދާ ދިމާއަށް ތިރިވެވޭތޯއެވެ. ނަމަވެސް ނަވާލަށް ނުފެނުނަސް މުނާޒް ހުރީ ފަހަތުން ނަވާލްގެ ގައިގައި ހިފަހައްޓާފައެވެ.

[ކާކު....؟ ދޫކުރޭ.....] ނަވާލް ދެއަތް ހޫރަމުން އެނބުރެން ފެށިއެވެ. ނަމަވެސް، އޭނާއަކަށް އެއްވެސް މީހަކު ނުފެނެއެވެ. ފުރްޞަތުގެ ބޭނުން ހިފުމަށްޓަކައި ނަދުހާ އަވަސްވެގަތެވެ.

[ވަރިކުރާށޭ.....]

[ނުކުރާނަން، ތިކަމެއް ދުވަހަކުވެސް ނުކުރާނަން. ވަރިހަމަ ކިތަންމެ ދުވަހެއް މިހެން އުޅެން ޖެހުނަސް.] އޭރު އަދި އަމިއްލަ އިޚްތިޔާރުން ބޭރުނުވާތީ ނަވާލް ހަޅޭއްލަވައިގަތެވެ. އެހިނދު މުނާޒް ނަވާލްގެ ހަށިގަނޑުތެރެއަށް ވަންތަން ނަދުހާއަށް ފެނުނެވެ. އެހެންކަމުން، އޭނާ އަނެއްކާވެސް ތަކުރާރުކޮށް (ވަރި) އަށް އެދުނެވެ.

[ވަރިކުރަންވީތަ، ނަދުހާ ހީކުރީތަ އަހަންނަށް ނުކެރޭނޭ....] މުނާޒްގެ ބާރުގައި ނަވާލް ބުންޏެވެ.

[އާނ ނަވާލަށް ކެރޭނެތަ ވަރިކުރަން، ވަރިކޮށްބަލަ.] ނަދުހާ ގަދަކޮށްލިއެވެ.

[ކެރޭނެހޭ! ނަދުހާ ތިހުރީ ވަރިކޮށްފަ. ތީ އަހަރެންގެ އަންބެއް ނޫން....] މިހެން ބުނެފައި ނަވާލް ކޮޓަރިން ބޭރަށް ނުކުތެވެ. އޭރުވެސް އޭނާ ޙަރަކާތްތެރިވަނީ މުނާޒްގެ ބާރުގައެވެ. ލަފާކުރެވޭ ގޮތުގައި އޭނާ އެދަނީ ހެއްކާއެކު ނަދުހާ ވަރިކުރާށެވެ. އޭނާ އެދިޔަގޮތަށް ގޮސް ވަނީ މަންމަމެންގެ ކޮޓަރިއަށެވެ.

[މަންމާ....ބައްޕާ އަހަރެން ނަދުހާ ވަރިކޮށްފިން. އެއީ ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން ނަދުހާ އެދޭގޮތް.....] މިހެން ބުނެފައި ނަވާލް ރޮއިގަތެވެ. އޭރު މުނާޒް ނަވާލްގެ ހަށިގަނޑުން ނުކުތެވެ. ނަވާލަށް ރޮވުނީ އެހެންވެގެންނެވެ. އަމިއްލަ ބާރާއި އިޚްތިޔާރުގައިނަމަ، އެއީ އޭނާ ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ.

ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު އެރޭ އެވަގުތު ނަދުހާ، އޭނާގެ އަމިއްލަ ގެއަށް ދިޔުމަށްޓަކައި ތައްޔާރުވިއެވެ. ނަމަވެސް، ނަވާލްގެ ބައްޕަމެން ނަދުހާ ފޮނުވާކަށް ބޭނުމެއްނުވިއެވެ. އެމީހުން އެރޭ ނަދުހާއާއި ނަވާލަށް ނަޞޭޙަތްތެރިވީ ކައިވެނި ރުޖޫޢަ ކުރުމަށެވެ. ނަމަވެސް އެއީ ނަދުހާ ބޭނުންވާ ގޮތެއް ނޫނެވެ. ވަރިކުރި ކުރުމާމެދުވެސް އޭނާ ކުށްވެރިކުރީ ނަވާލެވެ. އޭނާ ބުނީ ވަރިނުކުރުމަށް އެދި އާދޭސްކޮށްކޮށް ހުއްޓާ ނަވާލް އޭނާ ވަރިކުރީ ކަމަށެވެ.

[ދޮގެއް މަންމާ...ގަދަކަމުން އޭނާ ވަރިވީ....] ނަވާލް ބާރުބާރަށް ރޮމުން ތެދު ހާމަކުރިއެވެ. ދެންވެސް ނަދުހާ ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ދިފާޢުގައެވެ. އޭނާ ބުނަނީ އޭނާ ވަރިއަކަށް ނޭދޭ ކަމަށެވެ.

[ރުޅި އަންނައިރަށް ވަރިކުރަންޏާ އަހަންނެއް ނޫޅޭނަން...ފުރަތަމަ ރޭވެސް އަހަންނަށް އެނގުނު، ނަވާލަށް އަހަންނާ އިނދެގެން ނޫޅެވޭނެކަން...] ނަދުހާ ގަދަކަމުން ލޮލަށް ކަރުނައިގެ އަސަރު ވެރިކުރުވިއެވެ. ނަވާލްގެ މައިންބަފައިންގެ ލޮލުގައި މަކަރުވެރި އަނދުނެއް އެޅުވުމުގެ ޤަޞްދުގައެވެ.

[ނަދުހާ ދޮގުނުހަދާ، އަހަރެން ނަދުހާދެކެ މިވާ ތެދުވެރި ލޯބީގެ ބަދަލުގައި އަހަންނަށްދޭން ފެނުނު ހަދިޔާއަކީ ތިއީތަ؟] ނަވާލްގެ އަޑުވެސް ބަންދުވިއެވެ. ނަދުހާ އިތުރަށް އެކައްޗެކޭވެސް ނުބުނެއެވެ. އޭނާ ނުކުމެގެން ހިނގައިގަތީ ގެޔަށް ދިޔުމަށްޓަކައެވެ. އެވަގުތު ނަވާލް އޭނާ ހިފަހައްޓަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް، ނަދުހާ ފޮޅުވާލާފައި އެގެއިން ނުކުތެވެ. ނަދުހާ ނުކުމެގެން ދިޔުމުން ނަވާލަށްކުރި އަސަރު ވަކިން ބޮޑެވެ.

[މަންމާ....އަޅެ....ކީއްވެތަ އަހަރެން ނަދުހާ ވަރިކުރީ....އަހަރެން ނަދުހާދެކެ ހާދަ ލޯބިވެޔޭ....އަހަރެން ބޭނުން އަލުން ނަދުހާ އަހަރެންގެ ދިރިއުޅުމަށް ގެންނަން. އުފަލެއް ނުލިބުނަސް ހެޔޮ. އޭނަ އަހަންނަށް ފެންނަފަށުގައި އުޅެންޏާ، އަހަންނަށް ހިތްހަމަޖެހުން ލިބޭނެ.] ނަވާލް ބައްޕަގެ ކޮނޑުގައި ބޯއަޅާލަމުން ބުންޏެވެ.

[ހިތްވަރު ދެރަނުކުރޭ ދަރިފުޅާ....ދަރިފުޅުގެ ޙަޔާތަށް އެއަށްވުރެ މާ ރަނގަޅު ކުއްޖަކުވެސް އަތުވެދާނެ.] ފާއިޒު ނަވާލްގެ ބުރަކަށީގައި ފިރުމާލަމުން ދަރިފުޅަށް ހިތްވަރުދެމުންދިޔައެވެ.

[ބައްޕާ.....ކިތަންމެ ރަނގަޅު ކުއްޖަކުވެސް އަތުވެދާނެ. އެކަމަކު އަހަންނަށް އެކުއްޖަކުދެކެ ލޯބިވެވޭނެތަ؟] ނަވާލް ފުން ނޭވާއެއްލިއެވެ.

[ދަރިފުޅާ، ލޯތްބަކީ އެކުގައި އުޅެ ފެނިދެނިވާތާ، މާ ގިނަދުވަސްތަކެއްނުވެ އުފެދިދާނެ އެއްޗެއް. ޚާއްޞަކޮށް، ރަނގަޅު އަންހެން ކުއްޖަކާ ޖެހިއްޖިއްޔާ، އެކުއްޖަކަށް ފިރިއެއްގެ ލޯބި ލިބުމަކީ ކުޑަހިނދުކޮޅެއްގެ ކަމެއް. އިރާދަކުރެއްވިއްޔާ، ދަރިފުޅުގެ ޙަޔާތަށް ދެން އަންނާނީ އެފަދަ ރަނގަޅު ކުއްޖެއް....އެކުއްޖަކުވާނެ ދަރިފުޅުގެ ނަޞީބަށް.] ފާއިޒް ނަވާލްގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އެހާހިސާބުން އަލުން ނަދުހާގެ ފަހަތުން ނުދުވުމަށް ނަވާލް ޢަޒުމް ކަނޑައެޅިއެވެ. އެކަނި އަމިއްލަ އުފަލަށްޓަކައެއް ނޫނެވެ. މަންމައާއި ބައްޕަގެ އުފަލަށްޓަކައެވެ.

އެރޭ ނަދުހާ، އޭނާގެ މައިންބަފައިންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން ވަރަށް ރުޔެވެ. ނަވާލް، އޭނާގެ އެއްވެސް ކުށެއްނެތި ވަރިކުރީ ކަމަށް ބުނެފައެވެ. އެހެންކަމުން، ނަދުހާގެ މަންމައާއި ބައްޕަގެ ނުރުހުން ނަވާލަށާއި، އޭނާގެ މައިންބަފައިންނަށް އަމާޒުވިއެވެ.

[ފާއިޒުގެ ދަރިޔަކަސް، އެމަންޖެއާ ދޭތެރޭ އެހެން ހަދާކަށް ނުޖެހޭނެ. ނަޞީބެއްނު ބޮއްފައްޗެއް ނުލިބެނީސް، އޭނާގެ ކިބައިން ސަލާމަތްވެވުނުކަން....] ޝަކީބްގެ ރުޅިއާއި ނަފްރަތުގެ ބަސްތައް އަމާޒުވީ ނަވާލަށެވެ. އެއްވެސް ކުށަކާނުލައެވެ.

[ނަޞީބެއްނު ދަރިޔަކު ނުލިބުނުކަން.] ޒުހުރާވެސް އިތުރުކޮށްލިއެވެ. ނަދުހާގެ ރޭވުން ކާމިޔާބު ކުރެވުނީތީ އެންމެ ބޮޑަށް އުފާވެފައި ހުރީ ދަލޭކައެވެ. ދަލޭކައަކީ އަބަދުވެސް ނަދުހާގެ ހުރިހާ ކަމެއްވެސް ދުރާއި ގާތުން ބަލަމުންދާ މީހެކެވެ. ނަދުހާއަށް ނަވާލާ ކައިވެނިކޮށްގެން އުފާވެރި ދުވަސްތަކެއް ހޭދަނުކުރެވޭނެ ކަމަށް ދަލޭކަ އައީ މާކުރިއްސުރެވެސް ހާމަކުރަމުންނެވެ.

[އަބަދުވެސް ދައްތަ ބުނަމެއްނު، ދަރިފުޅުގެ ދިރިއުޅުމަށް އެންމެ އެކަށީގެންވާ މީހަކީ މުނާޒޭ.] ދަލޭކައާއި ނަދުހާ ވާހަކަ ދައްކަން ތިބީ ނަދުހާގެ ކޮޓަރިތެރޭގައެވެ.

[މުނާޒޭ! އެއީ އިންސާނެއް ނޫނަސް.] ނަދުހާ ހަނދާންކޮށްދިނެވެ.

[އާނ، އެކަމުން ނަދުހާއަށް އޮތީ ކޮން ގެއްލުމެއް. ނަދުހާއަށް މުނާޒްގެ ލޯތްބާއި އޯގާތެރިކަން ލިބޭނެ. އިންސާނަކާ އިނދެގެން ނުލިބޭނެ ކިތަންމެ އުފަލެއްވެސް މުނާޒާ އިނދެގެން ނަދުހާއަށް ލިބޭނެ. ދަލޭކަ އަބަދުވެސް ހީވަނީ މުނާޒްގެ ފަރާތުން ވަކާލާތުކުރާހެންނެވެ.

[ދަލޭކަދައްތާ! މުނާޒާ މެރީކުރަން އަހަރެންގެ ބައްޕަމެން ރުހޭނެތަ؟ އަހަންނާ ކައިވެނިކޮށްގެން މުނާޒަށް އިންސާނުންގެ ތެރޭގައި، އިންސާނުންގެ ލޯތަކަށް ފެނިގެން އުޅެވޭނެތަ؟] ނަދުހާ ވިސްނާލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން