ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ފަހަތުގައި ފޮރުވިފައިވަނީ ހީލަތްތެރި ރޭވުމެއް ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ޢުމަރު ވިދާޅުވެފައިވަނީ ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން މަސައްކަތްކުރަނީ ހަމައެކަނި ޚަރަދު ކުޑަކުރުމަށް ނޫން ކަމަށެވެ. އަދި މީގެ ފަހަތުގައި ފޮރުވިފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު އުނިކުރުން ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

އަދި މިއީ އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ނުލިބޭތީ، އެ ފުރުސަތު ހޯދުމަށް ގެނެވޭ ބަދަލެއް ކަމަށްވެސް ޢުމަރު ވިދާޅުވެފައިވެއެވެ.

“އެންމެ ބުރެއްގެ ވޯޓުން ވެރިޔަކު ހޮވުމެވެ. މި ވާހަކަ ދެކެވޭ ބަދަލު ޑްރާފްޓް ކޮށްގެން ނިކުންނައިރު އޮންނާނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު އުނިކޮށްފައެވެ.” ޢުމަރު ފާހަގަކުރެއްވިއެވެ.



ހަމައެއާއެކު ޢުމަރު ވަނީ ރައީސަކު ވެރިކަމަށް އަންނަން ވާނީ މަދުވެގެން ދެބައިކުޅަ އެއްބައި މީހުންގެ ރުހުން ވޯޓަކުން ހޯދައިގެން ކަމަށްވެސް ވިދާޅުވެފައެވެ. އެހެން ނޫނީ ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ކުރުމުގެ ހައިސިއްޔަތު އެ މީހަކަށް ގެއްލިގެންދާނެކަން ޢުމަރު ފާހަގަ ކުރެއްވިއެވެ.

“މި މަފްހޫމް ދިފާއުކޮށް ސާފު އަޣުލަބިއްޔަތަކުން މެނުވީ ރައީސަކު ވެރިކަން ކޮށްގެން ނުވާނެ ކަމަށް ބުނެ އަޅުގަނޑުމެން އެންމެން އަޑުއުފުލަންވާނެއެވެ.” ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަށް ތާޢީދު ނުކުރަށްވާކަން ހާމަކުރަށްވަމުން ޢުމަރު ވިދާޅުވިއެވެ.

އޭގެއިތުރުން ޢުމަރު ވަނީ ޤާނޫނު އަސާސީއަށް މި ފަހުން ގެނައި ބަދަލުން މަޖްލިސް މެންބަރުންގެ ބާރު ކެނޑީފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މިހާރު މި ވާހަކަ ދެކެވޭ ބަދަލުން ރައްޔިތުންގެ ބާރު ކެނޑި، 25 އިންސައްތަ ވޯޓު ލިބިގެންވެސް ވެރިކަމުގައި ހުރުމުގެ ފުރުސަތު މީހަކަށް ލިބިދާނެ ކަމަށާއި އެއީ ސާފު އަޣުލަބިއްޔަތު ނޫންކަމަށް ޢުމަރު ވިދާޅުވިއެވެ.

“މަކަރުވެރިކަމާއި ހީލަތްތެރިކަމާ އެކު ހުރިހާ ކަމެއްވެސް ކުރުން މިވަނީ އަށަގަނެފައެވެ. އެންމެފަހުން ޤާނޫނު އަސާސީ އަށް ގެނައި ބަދަލުގައިވެސް ދެއްކީ "ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ" ވާހަކައެވެ. ނަމަވެސް ނިމިގެން ދިޔައިރު ވަނީ ޕާޓީން ވަކިކުރުމުން ވެސް ގޮނޑިގެއްލޭ ގޮތަށް ހިމަނައި ފާސްކޮށްފައެވެ.” ޢުމަރުގެ ބަޔާން ނިންމަވާ ލައްވަމުން ވިދާޅުވެފައިވެއެވެ.

ޢުމަރު މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅަށް ތާޢީދު ކުރަށްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން