ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ސަރުކާރުގެ ހަރަދުތަކާއި އިސްރާފު އަދި ކޮރަޕްޝަން ބޮޑުވުމުގެ ސަބަބުން ދެކޮޅު ނުޖެހުމުން، ވިޔަފާރިވެރިންގެ ޖީބަށް އަތްބާނައިގެން ފައިސާއާއި މުދާ އަތުލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި އުމަރު ވިދާޅުވީ، ސަރުކާރުން ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރާ ނަމަ ނުވަތަ ޓެކްސްގެ ގޮތުގައި ނަގާ ނަމަވެސް، އެ އަދަދު 10 އިންސައްތައަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ. އެއަށްވުރެ ބޮޑު އަދަދެއް ނަގައިފިނަމަ ގައުމީ އިގްތިސާދަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށާއި، ކޮންމެ މީހަކުވެސް އަމިއްލަ މަސައްކަތުން ހޯދާ މުދަލާއި ޑޮލަރަކީ އެމީހެއްގެ ހައްގެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުގެ އަސާސީ މަސްއޫލިއްޔަތަކީ އަމިއްލައަށް ހަރަދު ކުޑަކޮށްގެން ވެރިކަން ހިންގުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ އަސްލަކީ ފާއިތުވި 18 އަހަރު ދުވަހު ސިޔާސީ ޕާޓީތަކުން ވެރިކަން ކުރިއިރު ހިންގާފައިވާ ބޮޑެތި އިސްރާފުތަކާއި ކޮރަޕްޝަން ކަމަށް އުމަރު ވިދާޅުވިއެވެ.

މީގެއިތުރުން ސިޔާސީ ޕާޓީތަކުގެ ވެރިކަން ފެށުނުއިރު ޑޮލަރެއްގެ ރޭޓު 12.85 ރުފިޔާގައި ހުރި ނަމަވެސް، މިއަދު ޑޮލަރުގެ އަގު 23 ރުފިޔާއަށް އުފުލިފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ 18 އަހަރު ކުރިން ޑޮލަރު ގަންނަން ކިއު ހަދަން ނުޖެހޭކަމާއި، ކަޅު ބާޒާރެއް އޭރު ނެތްކަންވެސް ހަނދާންކޮށްދެއްވިއެވެ.

އުމަރު މިހެން ވިދާޅުވެފައިވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، ބޭރު ފައިސާގެ އާމްދަނީ ލިބޭ ބައެއް ފަރާތްތަކުން ކަޅު ބާޒާރުގައި ފައިސާ ދައުރުކުރަމުންދާ ކަމަށާއި، އެފަދަ އަމަލުތައް ހުއްޓުވައި ގާނޫނު ތަންފީޒުކުރަންޖެހޭ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވަރނަރު އަހުމަދު މުނައްވަރުވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު