image ގައްދޫ ރަޝީދު   4 ސެޕްޓެމްބަރު 2020 - 1:59
[ތިޔައައީ ކޮންތާކުން ހެއްޔެވެ؟]

އެއީ ޖަލާލީގެ އަޑެވެ. އަޑުގައި ކުޑަ ހަމަނުޖެހުމެއް އެކުލެވިފައިވެއެވެ. އޭނާ އައި އިރެއް ޖަޔާއަކަށް ނޭގެއެވެ. ކޮޓަރިތެރެ މިއުޒިކުގެ އަޑުން ގުގުމާލައިފިއެވެ. އޭނާ އިނީ ފޮތުގެ ތެރެއަށް ގެއްލިފައެވެ. އެހެންކަމުން ކާރުގެ އަޑު ނީވުނީ ކަމުގައި ވެދާނެއެވެ. އަދި ޖަލާލީ އެތެރެއަށް ވަންކަންވެސް ނޭގުނީއެވެ. އޭނާ ހުރީ ޖަޔާ އިށީނދެގެން އިން ސޯފާގެ ފުރަގަހު ގައެވެ.

ޖަޔާ ތެޅިގެންފައި އެއްފަރާތެއްގައި ފޮތް ބާއްވައިފިއެވެ. އަދި އެނބުރިލާފައި ފުރަގަހަށް ބަލާލިއެވެ. ޖަލާލީ ވަރަށް ކައިރީގައި ހުއްޓެވެ.

އޭނާ ކުއްލިއަކަށް ތެދުވެއްޖެއެވެ. އަދި ބޭއިޚްތިޔާރުގައި ކިޔަން ގެންގުޅުނު ފޮތްނަގާ މޭމަތި ނިވާކޮށްލިއެވެ. އެވަގުތު ދޯޕައްޓާ އަތުޖެހޭ ހިސާބަކު ނެތެވެ. އަދި ސުވާލުގެ ލޮލަކުން ބަލާލިއެވެ.

[ތިޔައައީ ކޮންތާކަށް ގޮސްފައި ހެއްޔެވެ؟] އޭނާ ހުރީ ޖަޔާގެ ރީތިކަމުގެ އާގޮތް ފެނިފައި ޙައިރާން ވެފައެވެ.

[ކިހިނެއްވީ ތޯއެވެ؟] އޭނާ އަވަހަށް ބުންޏެވެ.

[އަހަރެން ތިންފަހަރު މަތިން ނާޖިޔާއަށް ފޯނުކުރީމެވެ. ރިންގްވެއެވެ. އެކަމަކު ފޯނެއް ނުނަގައެވެ.]

[ކަމެއް އޮތީތޯއެވެ.] ޖަޔާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

[އާއެކެވެ؟] ޖަލާލީ މަޑުމަޑުން ބުންޏެވެ.

[ކޮންކަމެއް ތޯއެވެ؟] ޖަޔާ އެނބުރިލާފައި ބުންޏެވެ. އޭނާ ދޯޕައްޓާއާ ދިމާއަށް މަޑުމަޑުން ޖެހެމުން ދިޔައެވެ. ޖަލާލީ ފުރަގަހުގައި ހުރެގެން އޭނާގެ ކަޅު އިސްތަށިގަނޑަށް ބަލަމުން ދިޔައެވެ.

[ހެނދުނު އަހަންނަށް ދެވުނީ ބުނެވެސް ނުލައެވެ.....] ޖަލާލީ ޢުޒުރުވެރި އަޑަކުން ބުންޏެވެ.

]އޭގެ ބޭނުމަކީ ކޮބައިތޯއެވެ.] ޖަޔާގެ އަޑުގައި ދިލަ އެކުލެވިފައިވެއެވެ.

[ބޭނުމެއް ނެތްކަމުގައި ވިޔަސް އެއީ ރީތިކަމެއް ނޫން ހެއްޔެވެ. އަޚްލާޤީ ފަރުޟެއްނޫން ހެއްޔެވެ.] ޖަލާލީ ބުންޏެވެ. [އަހަރެން ދިޔައިރު ޖަޔާ އޮތީ ނިދާފައެވެ.]

[ލައްބައެވެ. ރޭގައި ޖަލާލީ ދުރުވިއިރުވެސް އަޅުގަނޑު އޮތީ ނިދާފައެވެ. ހެނދުނު އޮފީހަށް ދުރުވި އިރުވެސް އޮތީ ނިދާފައެވެ.] ނާޖިޔާ ފާޅުގައި މަލާމާތް ކޮށްލިއެވެ. އަދި ދޯޕައްޓާ ނަގާ ކޮނޑުގައި އަޅުވާލިއެވެ.

ޖަލާލީގެ ހިތުގައި ހިނދުކޮޅަކަށް އުފާވެރިކަމުގެ ބައްތި ދިއްލުނެވެ. [އަނެއްކާ ރޭގައި ޖަޔާ އިނީ އަހަރެންގެ އިންތިޒާރުގައި ނޫން ބާވައެވެ.]

އެކަމަކު.........

އެ އުފާވެރިކަން އޭނާ ހިތުތެރޭން ނެރެލިއެވެ. އޭނާއާ ދޭތެރޭ އެހާ ނިކަމެތިކޮށް ކަންތައްކޮށް އޭނާ ދެކެ ބިރުގަންނަ އަންހެނަކު އިންތިޒާރުގެ ގަޑިތައް ގުނަންވީ ކީއްކުރަން ހެއްޔެވެ؟

[އަހަރެން މިއައީ ހަމައެކަނި ފޯނު ނުނެގީ ކީއްވެގެންތޯ ބަލާލަން ވެގެންނެވެ.] އޭނާ ދާން ހިނގައި ގަންނަމުން ބުންޏެވެ. [އަހަރެން ހުރިހާ ނަމްބަރަކަށްވެސް ފޯނު ކުރީމެވެ. މިއައީ ވަރަށް ކަންބޮޑުވެ ހުރެގެންނެވެ.]

[ގައިދީ ފިލައިގެން ދިޔައީ ކަމުގައި ހީވެލެއްވީ ތޯއެވެ؟] ޖަޔާ އެނބުރިލާފައި ހަރުކަށި ގޮތަކަށް ބުންޏެވެ.

ޖަލާލީ ހިނދުކޮޅަކު ހިމޭނުން ހުއްޓެވެ. ދެން ބުންޏެވެ. [ވަރަށް ލަދުވެތިވަމެވެ. އަހަރެން ގަސްތުގައި ރަށަށް ފޮނުވުމުގެ ކަންތައް ލަސްކުރަނީކީ ނޫނެވެ.]

ނާޖިޔާ މޫނު ކުނިކޮށްލިއެވެ.

[މިއަދު ފަހެއްޖަހާއިރު މިސް މެކް ޑޮނަލްޑް އަންނާނެއެވެ.]

ނާޖިޔާ އަނެއްކާވެސް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. ޖަލާލީގެ ލޮލަށް ބަލާލިއެވެ. ހަތަރުކަޅި ބައްދަލު ވެއްޖެއެވެ. އެކަމަކު ދެމީހުންގެ ހިތުގައިވާ ރުޅިވެރިކަމުގެ އަސަރަކަށް ކުޑަވެސް ލުޔެއް ނުލިބުނެވެ.

[ނާޖިޔާ އެކަނި އުޅެންޖެހޭތީ އަހަރެން މިސިޒް ހެރަލްޑްގެ މަގާމަށް މިސް މެކް ޑޮނަލްޑް ހަމަޖެއްސީއެވެ.]

[އަޅުގަނޑުގެ ފޫހިކަން ޚުދް އަޅުގަނޑު އަމިއްލައަށް ދުރުކޮށްފާނަމެވެ. އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނޫނެވެ.]

[އޭނާ ގޭތެރޭގެ ކަންތަކުގައި.......]

[އެއްވެސް ހެލްޕަރެއް ބޭނުމެއްނޫނެވެ..... އަޅުގަނޑުގެ އަތްފައި ސަލާމަތުން އެބަހުއްޓެވެ. އަޅުގަނޑަށް ހުރިހާ ކަމެއްވެސް ކުރެވިދާނެއެވެ.]

ނާޖިޔާގެ މިހަރުކަށި އަދި ނޭދެވޭ ބަސްތަކަށް ކެތްކުރަމުން ޙައިރާންކަމާއެކު ޖަލާލީ އޭނާއާ ދިމާއަށް ބަލާލިއެވެ. އެކައްޗެއްވެސް ނުވިސްނުނެވެ. މިސިޒް ހެރަލްޑްގެ މަޤާމަށް ދެވަނަ މީހަކު ގެންނަން އޭނާ އެއްބަސްނުވީ ކީއްވެގެން ކަމެއް ނޭގުނެވެ.

[އަހަނަންކީ އަމިއްލަ ކަންތައްވެސް ކުރެވޭވަރުގެ މީހެއް ނޫނެވެ.] ޖަލާލީ ހިނދުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުންޏެވެ..... [މިސިޓް ހެރަލްޑް އަހަރެންގެ ހުރިހާ އާދަތަކެއް ހަލާކު ކޮށްފިއެވެ. އަހަރެންގެ ހުރިހާކަމެއް ކުރަނީ އޭނާއެވެ. އޭނާ ބާޒާރަށްދާ ކޮންމެ ދުވަހަކު އަހަރެންގެ އިންތިޒާމު ތަކަށް ބަދަލުގެނެއެވެ.

ޖަޔާ އަވަހަށް ބުންޏެވެ. [މިސިޒް ހެރަލްޑްގެ މަޤާމު އަޅުގަނޑަށްވެސް ފުރިދާނެއެވެ.]

ޖަލާލީ ކުއްލިއަކަށް އެނބުރި ބަލާލިއެވެ. [ހަމަ ރަނގަޅަށް ހެއްޔެވެ؟]

ޖަޔާ އެއްވެސް ޖަވާބެއް ނުދީ ކޮޓަރިއަށް ހިނގައްޖެއެވެ.

ޖަޔާގެ މިބަދަލާމެދު ޖަލާލީއަށް އެކައްޗެއްވެސް ނުވިސްނުނެވެ. ޙައިރާންވެގެން އޮފީސް ކޮޓަރިއަށް އަތުވެއްޖެއެވެ. ގޮނޑީގައި އިށީންނަމުން ސިގިރޭޓެއް ރޯކޮށްލިއެވެ. އަދި ވިސްނަމުން ދިޔަވަރަކަށް ހާސްވަމުން ދިޔައެވެ.

ޖަލާލީ އޮފީހަށް ފޯނުކޮށް މިސްޓަރ ހެޑްސަން ގާތުގައި މިސް މެކް ޑޮނަލްޑް ނުފޮނުވުމަށް ބުނެފިއެވެ. އެކަން ހަމަޖައްސީވެސް މިސްޓަރ ހެޑްސަނެވެ.

އޭނާ އަންނަން އޮތީ މިއަދު ހަވީރު ފަހެއްޖަހާ އިރަށެވެ.] ޖަލާލީ ބުންޏެވެ.

[ލައްބައެވެ.] ހެޑްސަން ބުންޏެވެ.

[އެކަމަކު ދެން އޭނާ ނުފޮނުވާށެވެ.]

[ކިހިނެއް ވީތޯއެވެ؟]

[މިވަގުތު ބޭނުން ނުވަނީއެވެ.] ޖަލާލީ ބުންޏެވެ.

[މިސިޒް ހެރަލްޑްވެސް ހުރީ ޗުއްޓީގައި ނޫންތޯއެވެ؟]

[އާނއެކެވެ.]

[ދެން ކިހިނެއް ވީތޯއެވެ؟]

[އަހަރެންގެ މިސްއަށް އިތުރު މީހެއްގެ ބޭނުމެއް ނުވެއެވެ.]

އަހަރެންގެ މިސިޒްއޭ ބުނިވަގުތު ޖަލާލީގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލިއެވެ. އޭނާ ބުންޏެވެ. [ފަހުން ބޭނުން ވެއްޖެއްޔާ ގެންނާނީއެވެ. އޭނާ އެހެން ވަޒީފާއަކަށް ދިޔަނުދީ ހިފަހައްޓާށެވެ. މުސާރަ ބަރާބަރަށް ދޭނަމެވެ. މިއަދުން ފެށިގެން އޭނާގެ ވަޒީފާ ފެށުނީއެވެ.]

[ވަރަށް ރަނގަޅެވެ. ޖަލާލީއަށް ފެނިލައްވާ ގޮތެއް ހައްދަވާށެވެ.]

ޖަލާލީ ފޯނު ބާއްވައިފިއެވެ. ދެން ފައިލްނަގާ ކުރިމަތީގައި ބާއްވާލިއެވެ. ބައެއް އިންވޮއިސް ބަލާލަން ހުރުމާއެކު އޭނާ މަސައްކަތުގައި މަޝްޣޫލު ވެއްޖެއެވެ.

ގަޑިން އެކެއް ޖެހުމާއެކު ދޮރުގައި މީހަކު ޓަކި ޖަހައިފިއެވެ.

[ކާކު ހެއްޔެވެ؟] ޖަލާލީ މަސައްކަތުގައި އިނދެފައި ބުންޏެވެ.

[މެންދުރު ކޭން ބައްލަވާނީ ގެއިންތޯއެވެ.] ޖަޔާ ބޭރުގައި ހުރެގެން ސުވާލުކުރިއެވެ. އޭނާގެ ހަށިގަނޑުގެ އެއްބައި ޖަލާލީއަށް ފެނެއެވެ.

ޖަލާލީ ހިތްދަތި ކަމާއެކު ހިނިތުން ވެލިއެވެ. އަދި ތެދުވަމުން ބުންޏެވެ. [ޝުކުރިއްޔާއެވެ!]

[ކޭން ބައްލަވަންޏާ އެތެރެއަށް ދުރުވާށެވެ.] އޭނާގެ އަޑު ކުރެހިފައިވެއެވެ. ކުޑަކޮށް ރުޅިވެސް އަތުވެއްޖެއެވެ. އިޝާރާތުން އޭނާގެ ޖަޒްބާތުތައް ފާޅުކޮށްދޭން މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެއެވެ. އެކަމަކު ޖަލާލީއަކަށް ނުވިސްނުނެވެ. އެއީ ސޭކެއްނޫން ކަމެއްވެސް ނޭގެއެވެ. ޖަޔާއަށް ފާޅުގައި އެކައްޗެއްވެސް ނުބުނެވުނެވެ.

ޖަލާލީގެ ޖަވާބެއް ލިބުމުގެ ކުރީގައި އޭނާ އެތަނުން ހިނގައްޖެއެވެ.

ޖަޔާ ދިޔުމަށްފަހު ޖަލާލީ އަނެއްކާވެސް ގޮނޑީގައި އިށީދެއްޖެއެވެ. ފައިލް ލައްޕާލިއެވެ.

އެތައް އިރެއް ވަންދެން ސިގިރޭޓް ރޯކޮށްލައިގެން ވިސްނަން އިނެވެ. ދެން ކޮޅަށް ތެދުވެއްޖެއެވެ. ޖަޔާ ކާން އަންނާށޭ ބުނުމުން ދާންވެސް ޖެހޭނެއެވެ.

އޭނާ މަޑުމަޑުން ހިނގާފައި އޮފީހުން ބޭރަށް ނުކުމެއްޖެއެވެ. ކޮރިޑޯ ހުރަސް ކުރިއެވެ. ދެން ލިވިންގރޫމަށް އަތުވެއްޖެއެވެ.

އަދި...... ޖެހިލުންވެހުރެ ބަދިގެއަށް އަތުވެއްޖެއެވެ.

ޖަޔާ ބަދިގެއަކު ނެތެވެ.

މޭޒުމަތީގައި ކާންހަދާފައި ހުއްޓެވެ. އެއީ ހެނދުނު ފުރިޖުގައި ހުރި ކާއެއްޗެއްސެވެ. މިހާރުހުރީ ހޫނުކޮށް ތާޒާ ކޮށްފައެވެ. އެއިން މީރުވަސް އަރައަރާ ހުއްޓެވެ. އެއީ ޕާކިސްތާނު ކާނާއެވެ. މިވަސް ނޭފަތުގައި ޖެހުމާއެކު މާޟީގެ ހަދާންތަކުގެ ތެރެއިން އޭނާގެ ގޭގެމަތިން ހަނދާން ކުރެވުނީ ކިހިނެއްވެގެންކަމެއް ނޫނގެއެވެ. ވަހަކީ މަލަކުން ދުވިޔަސް ކާ އެއްޗަކުން ދުވިޔަސް ހަދާން ނެތިގެންދާނެ އެއްޗެއް ނޫނެވެ. ސިކުނޑީގައި އަބަދުގެ އަބަދަށް ރައްކާތެރި ކުރެވިފައި ހުރެއެވެ. އެހެންކަމާއެކު މޭޒުމަތީގައި ތައްޔާރުކޮށްފައި ހުރި ކާއެއްޗެހިން އަރާ މީރުވަހުން ޖަލާލީއަށް ގޭގެމަތިން ހަނދާން ކުރެވުނީއެވެ.

އެގެއަކާ އޭނާއާ އެއްވެސް ގުޅުމެއް ނުހުރެއެވެ. އެކަމަކުވެސް ބައެއް ފަހަރު ވަރަށް ގަދައަށް ގޭގެމަތިން އޭނާއަށް ހަނދާން ކުރެވެއެވެ. އެއްބަނޑު އެއްބަފާ ހުރިހާ ކުދިންވެސް އޭނާގެ ހުތުރުކަމާމެދު ވާހަކަ ދައްކާ އުޅެއެވެ. ގޮތްގޮތަށް ދުއްތުރާދީ ހަދައެވެ. އެކަމަކުވެސް އަމިއްލަ ވަންތަކަމުގެ އަޖައިބު އިޙްސާސެއް ވިސްނުމުގައި އަށަގެންފައިވެއެވެ.

އަމިއްލަ ވަންތަކަން.....

އިންތިހާ ދަރަޖައިގެ އަގުމާތް ތަކެތިން އާރާސްތު ކުރެވިފައިވާ މިގެއިންވެސް އޭނާއަށް އަމިއްލަ ވަންތަކަން އިޙްސާސް ކުރެވެއެވެ.

މިއަދު މިކާ އެއްޗެއްސާ އަދި އެއިން އަރާ މީރުވަސް......

އޭނާ ކެތްތެރިކަން ކުޑަވެއްޖެއެވެ. އެކަމަކު އޭނާ މިހާރު ގޭގައި މިއުޅެނީ ބީރައްޓެހިކަމާ ދުރުހިލޭކަމުގެ ރިހުން އަންދާޒާކުރާ ފަދަ ގޮތަކަށެވެ. އޭނާ އެމަރުޙަލާތައް ކަޑައްތު ކުރަނީއެވެ.

މޭޒުމަތީގައިހުރީ އެކަނި ކާތަށީގެ އެންމެ ތަށްޓެކެވެ. އަދި ބަދިގޭގައި ޖަޔާވެސް ނެތެވެ. އޭނާއާއެކު ނާޖިޔާވެސް ކެއުމުގެ އުނދަގޫ އުފުލާނެ ނަމައެވެ.

އެކަމުން ޖަލާލީއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީހެވެ. ކުޑަ މިންވަރަކަށް ނަމަވެސް އަމިއްލަވަންތަ ކަމުގެ އިޙްސާސް ހޭލަން ފެށީހެވެ. ޖަޔާ ބަލާ ދާން އޭނާގެ ހިތަށް އެރިއެވެ.

ޖަލާލީ އެނބުރި ހިނގައިގަތެވެ. ޖަޔާ ބަލައެވެ. އެކަމަކު......

ބަދިގެއަކުން ނުނިކުމެވުނެވެ. ޖަޔާ އޭނާއާ އެކުގައި ކާން އައިސް މޭޒު ކައިރީގައި އިށީނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އެގޮތަށް ކެއުން އޭނާއަށް ޙަރާމެވެ.

[ކޮއިފުޅާއެވެ. ތިޔަކަހަލަ ކަންތައްތަކާމެދު ވިސްނާނީ އަމިއްލަ ސިފައަށް ބަލާފައެވެ.] ޖަލާލީގެ އެތެރެހަށިން އަޑުއައެވެ. [މިހާރު ކަލޭގެ އަގުވެއްޓިއްޖެއެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރެއްގެ މަތިންނެވެ. މިހުރިހާ ދުވަހު ލިބުނު ތަޖުރިބާ ކޮބާ ހެއްޔެވެ.] އޭނާ އެނބުރި އައިސް ގޮނޑީގައި އިށީންނަމުން މޭޒުގައި ބޯޖަހާލިއެވެ.

ޖަލާލީ އެގޮތަށް އެތައް އިރެއްވަންދެން އޮތެވެ. އިންތިޒާރު ކުރަނީ ނޫންކަމެއްވެސް ނޭގެއެވެ. ޖަޔާ އަތުވެދާނެ ކަމުގައި އޭނާއަށް ހީވަނީ ކަންނޭގެއެވެ.

އެކަމަކު...... ޖަޔާއެއް ނައެވެ.

އެންމެފަހުން ޖަލާލީ ހިތާއިދެކޮޅަށް ތަށި ކައިރިކޮށްލިއެވެ. ކުޑައެތިކޮޅެއް އަޅާލިއެވެ. ކާއެއްޗެހީގެ ރަހައާއެކު އަނެއްކާވެސް އޭނާގެ ސިކުނޑި މާޟީގެ ތެރެއަށް ދަތުރު ކުރަނީއެވެ.

އަމިއްލަ ބަދުނަސީބާމެދު އޭނާއަށް ރޮވިއްޖެއެވެ. މިވަގުތު އެހެން މީހަކު ފަރުވާތެރި ކަމާއެކު އޭނާގެ މޫނަށް ބަލައިފިއްޔާ ޙަޤީގަތުގައިވެސް ކަރުނަ އޮހޮރުވާލުމަކާ ނުލައި ރޮވޭނެއެވެ.

އަމިއްލަ ހިތުގެ އަލިފާނުގައި އަމިއްލަ ނަފްސު އަނދަމުން ދިއުމަކީ ވަރަށް އަސަރުހުރި ކަމެކެވެ.

ވަރަށް މަސައްކަތުން އެކިކޮޅެއް ކާލައިގެން ޖަލާލީ ސީދާ ކޮޓަރިއަށް އަތުވެއްޖެއެވެ. ކުޑައިރުކޮޅަކަށްފަހު އޭނާ އޮފީހަށް ދާން ޖެހެއެވެ. އެތެރެހަށީގެ އަލިފާނުން ސަލާމަތް ވުމަށްޓަކައި އޭނާގެ ވިސްނުމުގެ މިޞްރާބު ބަދަކޮށްލައިފިއެވެ. އަދި ފެންވަރާ ކޮޓަރިއަށްގޮސް އަތްފައި ދޮވެލައިގެން ނުކުމެ ރީތިވެލިއެވެ. ޓައީ ރަނގަޅު ކޮށްލިއެވެ. ދެން ދަބަސް ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ.

ޖަޔާ ގާތުގައި ބުނެފާދާން ގަސްތުކޮށް ހިނގައިގަތެވެ. ޖަޔާހުރީ ބޭރު ކޮޓަރި ތެރޭގައެވެ. ކޮޓަރީގެ ފާރާއެކު ހަދާފައިވާ އަލަމާރި ކައިރީގައެވެ. އޭނާ ހުރީ ފުރަގަސް ދީގެންނެވެ. އަދި ވަރަށް ފަރުވާތެރި ކަމާއެކު ފޮޓޯއަކަށް ބަލަމުން ގެންދިޔައެވެ.

އެއީ ޖަލާލީގެ ފޮޓޯއެކެވެ. ޖަޔާ މިގެއަށް އައިދުވަހުން ފެށިގެން ޖަލާލީއާ ދިމާއަށް ބަލަނީ ކަތިނަޒަރަކުންނެވެ. ހަމަލޮލަކުން ނުބަލައެވެ. ޝައްކެއްނެތެވެ. އޭނާއަކީ ހުތުރު މީހެކެވެ. އެކަމަކު މިހުތުރުކަން ނާޖިޔާ ފަހަރެއްގައިވެސް އަންދާޒާ ކޮށްފައެއްނެތެވެ. އޭނާގެ ލޮލާއި ކަންފަތް އަދި ތުންފަތްހުރީ ކޮންގޮތަކަށްތޯ ބެލުމަކީ މާކަބޭނުންކަމެއް ކަމުގައި ޖަޔާ ނުދެކެއެވެ. އަދި އޭނާގެ އެތެރެހަށީގެ ޙާލަތާ ކުރިމަތިކޮށް އިންޤިލާބު އައުމުންވެސް ހަމަލޮލުން ޖަލާލީއާ ދިމާއަށް ބަލާލުމުގެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެފޮޓޯ ފްރޭމް އޭނާއަށް ފެނުނީ އަލަމާރި ހާވަމުން ދިޔުމުގެ ތެރޭގައެވެ. އަދި މިގޮތަށް ދިމާވުމުން ފަރުވާތެރި ކަމާއެކު އެކިނިޝާނަށް ވަކިވަކިން ބަލަމުން ގެންދަނީއެވެ. އޭނާގެ އިސްތަށިގަނޑުވެސް ވަރަށް ރީއްޗެވެ. ހަމައެއާއެކު މޫނުވެސް ރީތިވިނަމަ ކޮންފަދަ ހެއްޔެވެ.

އެކަމަކު އެއްގޮތަކަށްވެސް މޫނު ރީއްޗެއް ނޫނެވެ. އެއީ ބިރުވެރި މޫނެކެވެ.

މިއީ ހަމަލޮލަށް ފެންނަގޮތެވެ. ކޮންމެ ގޮތަކުން ނަމަވެސް ހިތް އެކަމަކަށް ރުހިއްޖެއްޔާ އެދެމެދަށް ރީތިކަން ފާޅުވެދެއެވެ. މިކަން މިގޮތަށް ނުވާނަމަ ލައިލާފަދަ ކަޅު އަންހެނަކު މަޖްނޫނުގެ ލޯބިވެރިއަކަށް ނުވީހެވެ.

ޖަލާލީގެ ފޮޓޯއަކީ ބިރުވެރި ފޮޓޯއެކެވެ. އެކަމަކު އޭނާގެ މޫނުމަތީގައި ހުރި އުދާސްކަމާ ހިތާމަފެނިފައި ޖަޔާގެ ހިތް ކުދިކުދި ވެއްޖެއެވެ. މިއީ ހިތްހެޔޮކަމުގެ ދަލީލެވެ. ލޯބީގެ ތަނަވަސްކަމެވެ. އެތައް ދުވަހަކުއްސުރެ ލޯތްބަށް ފެންބޮވައި ގެންފައިވާކަމުގެ ހެއްކެވެ.

ޖަޔާގެ ހިތަށް މޮޅިވެރިކަމުގެ ތީރު ހެރެމުން ދިޔައެވެ. އޭނާގެ ކަރުތެރޭގައި އެއްޗެއް ތާށިވެފައިވާ ކަހަލައެވެ. ލޮލުގެ ބޮނޑި ތެމިއްޖެއެވެ. އޭނާ ދެކޭ ގޮތުގައި ޖަލާލީއަކީ ދުނިޔޭގައިވާ އެންމެ ހިތާމަވެރި އަދި ނަސީބުދެރަ އިންސާނާއެވެ. އަދި މިނިކަމެތި އިންސާނާއަށްޓަކައި އޭނާގެ ހިތުގައި ކުލުނާއި ލޯބި އަދި އިޚްލާޞްތެރިކަމުގެ ޖަޒުބާތުތައް ކޯދުލާ އަރަން ފަށައިފިއެވެ.

އޭނާ ފޮޓޯގަނޑު މޭގައި ޖައްސާލުމަށް ޙަރަކާތްކޮށްލި ވަގުތު ޖަލާލީ ފުރަގަހުގައި ހުރެފައި ކުއްލިއަކަށް ފޮޓޯގަނޑު ދަމައިގަތެވެ. އަދި ބުންޏެވެ. [ލޮލަށް އަނިޔާކުރަނީ ކީއްކުރަން ހެއްޔެވެ. މިއީ ތިޔަކަހަލަ ރީތި އަންހެނަކު ބަލަން އެކަށޭނަ އެއްޗެއް ނޫނެވެ.]

އޭނާ ސިހިއްޖެއެވެ.

ޖަލާލީ ރުޅިއައިސްފައި ފޮޓޯގަނޑު ފާރާއެކު ޖެހިއެވެ.

ފާރުގައި ޖެހުމާއެކު ބިއްލޫރިގަނޑު ފުނޑުފުނޑުވެގެން ހިނގައްޖެއެވެ. އަދި އެބިއްލޫރިތައް ޖަޔާގެ ހިތަށް ހެރިއްޖެއެވެ.

ލެއިން ތަތްތެޅިއްޖެއެވެ.

އޭނާ ހަލުއިކަމާއެކު ކޮޓަރިން ނުކުމެއްޖެއެވެ. ފެންޑާއަށް ނުކުމެ ތަނބެއްގައި ލެނގިލުމާއެކު ދެއަތުން މޫނު ފޮރުވައިފިއެވެ. އަދި ހޯސްލާފައި ލޮލުން ކަރުނަ ފައިބައިގަތެވެ.

ޖަލާލީވެސް ކޮޓަރިން ނުކުމެއްޖެއެވެ. އޭނާވެސް ހަމަ އެއަލިފާނުގައި އަނދަނީއެވެ. އޭނާ އަނދަމުންދާ އަލިފާނުގެ ހުޅުގަނޑު އަދި މާބޮޑެވެ.

**********************

[އަހަރެން އޭނާ ދުށީމެވެ. އޭނާ ދިޔައީ ފެއަރީލޭންޑާ ދިމާއަށެވެ. ޖަލާލީ ދެނެގަތުމަކީ އުނދަގޫކަމެއް ހެއްޔެވެ. އޭނާ ހަނީމޫން ފާހަގަކޮށްފައި އައީކަން ހަމަޔަޤީނެވެ.] މަންސޫރު ޝަވާލީ ގާތު ބުންޏެވެ.

[އެކަމަކު އޭނާ ދިއައީ ދެހަފްތާއަށެވެ.]

[މިހާރު އެހެން ދިމާއަކަށް ދިއުމުގެ ޕްރޮގްރާމް ރާވަނީ ނޫންކަމެއްވެސް ނޭނގޭ ނޫން ހެއްޔެވެ. ކޮންމެއަކަސް މިއަދު އެއުޅެނީ ގޭގައެވެ.]

[ދެން ފެނުނު ވަގުތު އޭނާ މަޑުކުރުވި ނަމައެވެ.]

[ޖަލާލީ ދިޔައީ މަތީގައި އޮތް މަގުންނެވެ. އަހަރެން ދިޔައީ ތިރިންނެވެ. އޭނާ އަހަންނެއް ނުދެކެއެވެ.]

[އޭނާ ހަމައައީ ކަމުގައި ވެދާނެއެވެ. އެންމެ ރަނގަޅުގޮތަކީ ފޯނުކުރުމެވެ. އޭރުން ތިޔަކަން އޮތްގޮތެއް އެނގިދާނެއެވެ.]

[އެންމެ ފުރަތަމަ ފޯނުކުރާނީ އަހަރެމެންގެ އެހެން ރަޙްމަތްތެރިންނަށެވެ. މިއަދު އެންމެން އެކުގައި ދާނީއެވެ.]

[ފޯނުކުރަން ހިނގާށެވެ. އެންމެން އެކުގައި ބައިހަދާލާފައި ދިއުމުން ވަރަށް މަޖާވާނެއެވެ.]

[އަހަރެން ފައުޒިއްޔާއާ ޖައްގޫއަށް ފޯނު ކުރާނަމެވެ.]

[އަހަރެން ތާބުޝްއާއި ސަލީމަށް އަންގާނަމެވެ.]

[އެންމެ ރަނގަޅެވެ.]

ކުޑައިރުކޮޅަކަށްފަހު މަންސޫރާއި ޝަވާލީ ވަރަށް ފޯރިއާއެކު އެމީހުންގެ ރަޙްމަތްތެރިންނަށް ޖަލާލީގެ ވާހަކަ ކިޔައިދެމުން ގެންދިޔައެވެ.

[އޭނާ އެނބުރި އަތުވެއްޖެއެވެ.]

[ޚަބަރު ބަލާލަން ވާނެއެވެ.]

[ކާވެނީގެ ތަޖްރިބާ ކިހިނެއް ބާވައެވެ.]

[އެމީހުން ތިބީ އުފަލުން ބާވައެވެ. ނުވަތަ.....]

[އެއްވެސް ގޯހެއް އޮތްނަމަ ހަނީމޫނަކަށް ނުދިޔައީހެވެ.]

[އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅު ވާނެއެވެ.]

އެންމެންވެސް ޖަލާލީ އައި ޚަބަރު އަހާފައި ތިބީ ކުޑަކުދިންނަށް ޢީދު ހަނދުފެނުމުން އުފާވާ މިންވަރަށް އުފާ ވެފައެވެ.

[މިއަދު ހަވީރު ޖަލާލީއާއި ނާޖިޔާއާއެކު ވަރަށް މަޖާ ކޮށްލަން ވާނެއެވެ.] ތާބުޝް ޚިޔާލު ދިނެވެ.

[އެމީހުން ދަޢުވަތެއް ދޭން ޖެހޭނެއެވެ.] ސަލީމު ބުންޏެވެ.

[ތިޔަކަމަށްވެސް ދުވަހެއް ކަނޑައަޅާނީއެވެ. އަދި ފައިވްސްޓަރ ހޮޓަލަކަށް ދާނެމަގު ޖަލާލީއަށް ދައްކާނީއެވެ.] ޖައްގޫ ބުންޏެވެ.

[އޭނާއަށް އުނދަގޫކަމެއް އޮންނާނެ ހެއްޔެވެ. އެއަށްވުރެބޮޑު ހޮޓަލަކަށް ގޮވައިގެން ދިޔަކަމުގައިވިޔަސް ބަދަލެއް ނާންނާނެއެވެ.] ފައުޒިއްޔާ ބުންޏެވެ.

[އަހަރެން މިއަދުދާނީ އަތުގާއޮތް އެންމެރީތި ހެދުން ލައިގެންނެވެ.] ޝަވާލީ ފޯނުން އެންމެން ގާތުގައިވެސް ހަވީރު ޖަލާލީގެ ގެއަށް ދިއުމަށް އިރްޝާދު ދެމުން މަންސޫރު ގާތުގައި ބުންޏެވެ.

[ތައުބާއެވެ. ކަލޭމެން އަންހެނުންނަށް ރީތި ހެދުމާ އަގުބޮޑު ގަހަނާއާ ނުލައި އެއްކަމެއްވެސް ނުކުރެވޭނެއެވެ.]

[މަންސޫރު ވަކިން ދެރަ ހެއްޔެވެ. ބާޒާރުގައި ހުންނަ އެންމެ އަގުބޮޑު ހެދުންގަތުމަކީ މަނިކުފާނުގެ ހޮބީއެވެ.]

[ދެއަހަރު ދުވަހުން އެންމެ ހެދުމެކެވެ.]

[އެންމެ ފަހަރަކު ވިޔަފާރި ކޮށްލިކަމުގައި ވިޔަސް އެހާވަރަށް ފައިސާ ޚަރަދުކޮށްލައެވެ. އަހަރެމެން ކެނޑިނޭޅި ދެއަހަރު ދުވަހު ބާޒާރުކުރި ކަމުގައިވިޔަސް އެހާފައިސާ ޚަރަދެއް ނުވާނެއެވެ.]

ސަކަ މިޒާޖުގެ ޝަވާލީ އަނގައަށް ގޮތެއް ހަދާލަމުން މަންސޫރާއި ސަމާސާ ކޮށްލިއެވެ.

[ތިޔަބުނީ ރަނގަޅު ވާހަކައެކެވެ.] މަންސޫރު ބުންޏެވެ. [ދެން އެންމެ ރަނގަޅެވެ. ޖަލާލީއަށް ފޯނުކުރަމާ ހިނގާށެވެ.]

[އަންގާވެސް ނުލާ ކުއްލިއަކަށް ޙަމަލާ ދޭނީއެވެ......] ޝަވާލީ ޚިޔާލުދިނެވެ.

އެކަމަކު މަންސޫރު ވާހަކަ މެދުކަނޑާލަމުން ބުންޏެވެ. [ނޫނެކެވެ. މިހާގިނަ މީހުން އެއްފަހަރާ ހިނގައްޖެއްޔާ އޭނާއަށް އުނދަގޫ ވާނެއެވެ. ކޮންމެވެސް ގޮތަކަށް އަންގާލަން ވާނެއެވެ.]

[އެހެންވީއިރު ފޯނުކުރާށެވެ.]

[ޖަލާލީގެ އޮފީހަށް ހެއްޔެވެ؟]

[މަންސޫރު އޮފީހަށް ފޯނުކުރާށެވެ. އަހަރެން ގެއަށް ފޯނުކޮށް ނާޖިޔާއާއި ވާހަކަ ދައްކާނަމެވެ.]

[އެންމެ ރަނގަޅެވެ.]

ދެމީހުން ފޯނުކުރަން ފަށައިފިއެވެ.

[ހަލޯ ޖަލާލީ!] ނަމްބަރާ ގުޅާލަމުން މަންޞޫރު ބުންޏެވެ. [އައީ ކޮންއިރަކު ހެއްޔެވެ. އަޖައިބެއް ކަހަލަ އިންސާނެކެވެ. އަހަރެމެން މިތިބީ ޖަލާލީގެ ދެމަފިރިން އެނބުރި އައުމުގެ އިންތިޒާރުގައި ދުވަސްތައް ގުނަގުނައެވެ. މިއަދު ކުއްލިއަކަށް ހައިވޭން ދަތުރުކޮށްފައި ދަނިކޮށް އަހަންނަށް ފެނުނީއެވެ. އެހެން ނޫންނަމަ ކިތަންމެ ދުވަހެއް ވިޔަސް އަހަރެމެންނަކަށް ނޭގުނީހެވެ. މިހާރު ހުރިހާ ރަޙްމަތްތެރިންވެސް ޖަލާލީ އައި ޚަބަރުދީފިއެވެ. އަދި ބުނަން ހެއްޔެވެ. މިއަދު ހަވީރު ހުރިހާ މީހުން ތިޔަގެއަށް ދިއުމުގެ ޕްރޮގްރާމް ރޭވިއްޖެއެވެ...... ކަންބޮޑުވީ ކީއްވެގެން ހެއްޔެވެ. އަހަރެމެން މާގިނަ ވަގުތެއް ނުނަގާނަމެވެ..... އަދި ޕާޓީވެސް ނުދެމެއް ނޫން ހެއްޔެވެ...... އެންމެ ރަނގަޅެވެ. ހުރިހާކަމެއް ނިންމާނީވެސް އަހަރެމެން އަމިއްލައަށެވެ..... ހަވީރު ހަތަރެއް ޖަހާއިރު އަހަރަމެން ދާނަމެވެ..... ހާސްނުވާށެވެ. އަހަރެމެން ޤަބޫލުކުރަމެވެ. މިހާރު ތިހިރީ ބޭގަމް ސާހިބާއާއެކު އެކަނި އުޅުމަށް އާދަ ހިފިފައެވެ. އެކަމަކު އަހަމެންނަށް ފުރަގަސް ދިނުމަކީވެސް ވަރަށް އުނދަގޫ ކަމެކެވެ..... އަހަރެމެން މިތިބީ ވަރަށް އުފާވެފައެވެ. ޝަވާލީ މިހާރުއްސުރެ ތައްޔާރުވަމުން ދަނީއެވެ..... ދެން ޖަލާލީގެ ވާހަކަ ބުނެލާށެވެ. ހަނީމޫން ކިހިނެއް ހެއްޔެވެ..... ނުބުންޏަސް އެންމެ ރަނގަޅެވެ. އަހަރެމެން ތިޔަގެއަށްގޮސް ހުރިހާ ޚަބަރެއް އޮޅުން ފިލުވާނަމެވެ..... ލަދުގަތީ ހެއްޔެވެ..... މަނިކުފާނުގެ އަނގަފުޅުން ބަސްފުޅެއްވެސް ނުނިކުންނަނީ ތޯއެވެ..... ކޮއިފުޅާއެވެ. ކޮންމެ މީހަކަށްވެސް ތިޔަދުވަސްކޮޅު އާދެއެވެ..... މިހާރު ތިޔަގެއަށް ދާވާހަކަ ބުނެވިއްޖެ ދޯއެވެ. ބަރާބަރު ފަހެއްޖަހާއިރު އަހަރެމެން ތިބޭނީ ތިޔަ ގޭގައެވެ. އެހެން އާޖޯޑެއްވެސް ޕާކިސްތާނުން އަތުވެއްޖެއެވެ. ޑޮކްޓަރ ސަލީމުގެ ދެމަފިރިންނެވެ.... އޭނާގެ އަންހެނުންނަކީ ވަރަށް މަޖާ މިޒާޖެއްގެ އަންހެނެކެވެ..... ޖަލާލީގެ ބޭގަމްގެ ވާހަކަ ދައްކާ ބަލާށެވެ. އޭނާގެ މިޒާޖު ކޮންކަހަލަ ހެއްޔެވެ. ޤަބޫލުކުރަމެވެ. އަދި ހަމަ އެކައްޗެއްވެސް ނޭގޭނެއެވެ. އެކަމަކު މަޑުމަޑުން ގޮސް ހުރިހާ އެއްޗެއް އެނގިދާނެއެވެ..... ނެގިމަޑުވެފައި ތިއިނީ ކީއްވެގެން ހެއްޔެވެ.]

މަންސޫރު ފަތިވަރެއް އަމުނާލުމަށްފަހު ފޯނު ބާއްވައިފިއެވެ.

އަނެއް ފޯނުން ޝަވާލީ ނާޖިޔާއާއި ވާހަކަ ދައްކަމުން ދިޔައެވެ.

[ނާޖިޔާއެވެ. ވަޢުދުވާށެވެ.]

[ކޮންކަމަކާ ތޯއެވެ.]

[އަހަރެން ތިޔަގެއަށްގޮސް ކުރާ ހުރިހާ ސުވާލަކަށް ތެދުބަހުން ޖަވާބު ދޭންވާނެއެވެ.]

[އަނެއްކާ ކޮންކަހަލަ ސުވާލުތަކެއް ތޯއެވެ.]

[ވަރަށްގިނަ ސުވާލެވެ. މަޖާ ވާހަކަތަކެވެ. ނާޖިޔާއަށް ތަޖުރިބާ ކުރެވުނު ވާހަކަތަކެވެ.]

[ނުކެރޭނެއެވެ.]

[ނުކެރެންވީ ކީއްވެގެން ހެއްޔެވެ. ބުނަން ޖެހޭނެއެވެ.]

[ކޮންމެވެސް އެހެން ވާހަކައެއް ދައްކަވާށެވެ.]

[ކަމާނުބެހޭ ވާހަކަ ދައްކަން ވަރަށްގިނަ ވަގުތު އެބައޮތެވެ.]

[ޝަވާލީއަކީ ވަރަށްމަޖާ ބޭކަނބަލެކެވެ.]

[ވާހަކައިގެ މިޞްރާބު ބުދަލުކުރަން ނޫޅޭށެވެ.]

[އެންމެ ރަނގަޅެވެ. ރަނގަޅަށް ވާހަކަ ދެކެވޭނީ މިގެއަށް ދުރުވީމާ ނޫންތޯއެވެ.]

[މިހާރު ދާން ތައްޔާރުވަނީއެވެ. ދިހަވަރަކަށް މީހުންނެވެ. ހާސްނުވާށެވެ. ފަހެއްޖަހާއިރު ތިބޭނީ ތިޔަގޭގައެވެ.]

[ހާސްވާންވީ ކޮންކަމަކާ ތޯއެވެ.]

[ސައިތައްޔާރު ކުރަން ވާނެއެވެ.]

[ތިޔައީ އެހާބޮޑު ކަމެއްނޫނެވެ.]

[މިއީ އަދި ކާވެނި ސައިކަމުގައި ހީނުކުރާށެވެ. އެކަން ފުރިހަމަކުރާނީ ކޮންމެވެސް ރަނގަޅު ހޮޓަލަކުންނެވެ.]

[އެންމެ ރަނގަޅެވެ.]

[ޖަލާލީ ކޮބައި ހެއްޔެވެ.]

[އޮފީހުގައި ކަންނޭގެއެވެ.]

[އަންނާނީ ކޮންއިރަކު ހެއްޔެވެ؟]

[ދުރުވާކަށް ވަކިވަގުތެއް ކަނޑައެޅިފައެއް ނޯވެއެވެ.]

[ވާނީވެސް އެހެންނެވެ. އޭނާއަކީ ވަރަށް މަސައްކަތް ގިނަ މީހެކެވެ. މިހާ ގިނަދުވަހު ޗުއްޓީގައި ހުރުމުން މަސައްކަތްތައް ހުންނާނީ ބޮނޑިޖެހިފައެވެ.]

[ޗުއްޓީއޭ ތޯއެވެ؟]

[އަހަރެން މިބުނީ ހަނީމޫންގެ ވާހަކައެވެ.]

[އެހެންތޯއެވެ.]

[ނާޖިޔާއެވެ.]

[ލައްބައެވެ.]

[މިއަދު ހުންނަންވާނީ އާކައިވެނީގެ ހެދުމުގައެވެ.]

[ތިޔައީ ވަރަށް މުސްކުޅި ގޮތެކެވެ.]

[އަހަރެމެން މިއަދު ވަރަށް ރަނގަޅަށް ނާޖިޔާ ބަލަން ބޭނުމެވެ.]

[އެހެންތޯއެވެ.]

[އާނއެކެވެ. ދެން ވަކިވެލަނީއެވެ.]

ޝަވާލީއާއި މަންސޫރު އަނެއްކާވެސް ހުރިހާ ރަޙްމަތްތެރިންނަށް ފޯނުކޮށް ވާހަކަ ދެއްކިއެވެ.

[ފަހެއް ޖަހާއިރަށް އަހަރެމެން ދާން ޖެހޭނެއެވެ. ތައްޔާރުވެ ތިބޭށެވެ.]

މަންސޫރާއި ޝަވާލީ ފެންނަނީ ވަރަށް އުފާވެރި ގޮތަކަށެވެ.

[އަހަރެމެން ޖަލާލީއާއި ނާޖިޔާއަށް ދަޢުވަތުދޭން ޖެހޭނެއެވެ.]

[ފެނިލައްވާ ގޮތެކެވެ.]

[މިއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.]

[އަހަރެން ތިޔަކަން މަނާކުރީ ކޮންއިރަކު ހެއްޔެވެ. ކޮންމެހެންވެސް ދަޢުވަތު ދޭން ޖެހޭނެއެވެ. އާދައިގެ ޕާޓީއެއް ނޫނެވެ. އަވަހަށް ބަޖެޓް ހަމަޖައްސަންވީއެވެ.]

[ތިޔައީ އަހަރެންގެ ކަމެކެވެ.]

[ވަރަށް އުފާވެރި ކަމެކެވެ.]

[އެމީހުނަށް ހަދިޔާއެއްވެސް ދޭން ޖެހޭނެއެވެ.]

[އާނއެކެވެ.]

[އަހަރެންގެ އަތުގައި އަނގޮޓިއަކާއި ކަންފަތުލާ އެއްޗެއް އޮންނާނެއެވެ. އަހަރެމެން ހަދިޔާކުރާނީ އަހަރެމެންގެ ފެންވަރުންނެވެ.]

[ޝަވާލީއެވެ. ހަދިޔާއަކީ ވަކި މިންގަނޑެއް އޮންނަ އެއްޗެއްނޫނެވެ. ހެޔޮ ހިތުންދޭ ކޮންމެ އެއްޗަކީ ހަދިޔާ އެކެވެ.]

[ޖަލާލީ އަހަރެމެންނަށް ވަރަށްބޮޑެތި ހަދިޔާދީފައިވެއެވެ. އޭނާ ދެނީ ޖަވާހިރުގެ ފެންވަރުގައެވެ. އަހަރެމެންނަށް ދެވޭނީ ރަންރިހީގެ ފެންވަރުންނެވެ.]

[ދެން އެންމެ ރަނގަޅެވެ. ތިޔަކަމާމެދު ވިސްނާނީ ފަހުންނެވެ. ފުރަތަމަ ކާން ހަދާށެވެ. ޖަލާލީގެ ކަންތަކުގައި އުޅެން ހަދައިގެން ކެއުމުގެ މަތިންވެސް ހަނދާން ނެތިއްޖެއެވެ.]

[އަސްތާއެވެ! މަންސޫރެވެ! އަހަރެންވެސް މިހުންނަނީ ހަނދާން ނެތިފައެވެ. އަހަރެން ދާން މިއުޅުނީ ހަވީރު ލާނެ ހެދުމެއް ނަގަން ވެގެންނެވެ.]

މަންސޫރު ޝަވާލީގެ އުނގަނޑުގައި އަތްއަޅުވާލައިގެން ބަދިގެއާ ދިމާއަށް ހިނގައްޖެއެވެ. [ފުރަތަމަ ހައިހޫނުކަން ފިލުވާނީއެވެ. މަސައްކަތް ކުރާނީ ފަހުންނެވެ.]

ޝަވާލީ ހެމުން މަންސޫރުގެ އަތް އޭނާގެ އުނަގަނޑުން ނައްޓުވާލިއެވެ. އަދި އަވަސް އަވަހަށް ކާންހަދަން ފަށައިފިއެވެ.

ކެއުމުގެ ތެރޭގައިވެސް އެމީހުން ދެއްކީ ޖަލާލީއާ ނާޖިޔާ ވާހަކައެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން