ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމުން މި ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މިއަދު ސަރުކާރުން އިލެކްޓްރިކް ވެހިކަލް (އީވީ) ގެ ހިދުމަތް އިފްތިތާހު ކުރުމާ ގުޅިގެން އެކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރައްވަމުންނެވެ.

މިއަދު އެކްސް ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޓެކްސީ ވިޔަފާރިއަކީ ޒަމާނުއްސުރެ ރާއްޖޭގައި އާންމުން ކުރަމުން އައިސްފައިވާ ވިޔަފާރިއެއް ކަމަށެވެ. ނަމަވެސް މިހާރު މި ފެންނަނީ އާންމު ވިޔަފާރިތަކާ ސަރުކާރުން ވާދަކުރާތަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސަރުޖާރުން މަސައްކަތް ކުރަން ޖެހެނީ އާންމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ރެގިއުލޭޓު ކޮށްދޭން ކަމަށެވެ. އަދި އާންމު ވިޔަފާރިތައް ސަރުކާރާ ވާދަކުރަން ޖެހުމަކީ ދެކޮޅުޖެހޭ ގޮތެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މިފަދަ ކޮންމެ ކަމަކުންވެސް ދޭހަވެގެން މިދަނީ ސަރުކާރުގެ އަމާޒެއް ނެތްކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ ކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ސަރުކާރުން ޓެކްސީ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، މިކަމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާ ނުވުމަކީވެސް މި ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް ކަމަށެވެ.



ސަރުކާރުން މިއަދު ވަނީ މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލު ކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދޭން ކަމަށެވެ.

އީވީ ޓެކްސީ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އީވީ ޓެކްސީ ލައިން އިން މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށެވެ.

"އަޅުގަނޑުމެން މިހާރު ހަދާފައި ހުރި ސްޓަޑީ ތަކުން ދައްކާގޮތުން ޓެކްސީ ޚިދުމަތަށް އެދޭތާ މަދުވެގެން 1 މިނެޓް 2 މިނެޓް ތެރޭގައި އެ ޓެކްސީ ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ. މީގެ ތެރޭގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެފައި މި އޮތް ޓެކްސީ ކިޔު އަށް ވަރަށް ބޮޑު ހައްލު ތަކެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން