މިނިސްޓަރ ޑރ. އައިޝަތު ޝިހާމް
މިނިސްޓަރ ޑރ. އައިޝަތު ޝިހާމް
ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަން ޖެހޭ ކުދިންގެ ކަންތައް ހަރުދަނާ ކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން މިހާރު ކުރައްވަމުންދާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓު މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ އަތޮޅުތަކުގައި ހުރި ވެލްފެއާ ސެންޓަރުތަކަށް އިތުރަށް މިނިސްޓްރީއާ ގާތުން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައި، އެ ސެންޓަރުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގެ ގޮތުން މިހާރު މިނިސްޓްރީގައި "ސްޓޭޓް ކެއާ ޑިޕާޓްމެންޓު" ގެ ނަމުގައި ވަކި ޑިޕާޓްމެންޓެއް ހަދާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ވެލްފެއާ ސެންޓަރުތަކުގައި ތިބޭ ކުދިންނަކީ އެންމެ ބޮޑަށް އެހީ ބޭނުންވާ ކުދިން ކަމުގައިވާތީ، މި ޑިޕާޓްމެންޓުން އަތޮޅުތަކުގައި ގާއިމްވެފައިވާ ވެލްފެއާ ސެންޓަރުތަކާ ވަރަށް ގާތުން މަސައްކަތް ކޮށް އެކުދިންނަށް ބޭނުންވާ އެހީ ފޯރުކޮށްދެމުންދާ ކަމަށެވެ.

"މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ ވެލްފެއާ ސެންޓަރުތަކުގައި އެކި އުމުރުފުރައަށް ބަހާލައިގެން ކުދިން ބެލެހެއްޓޭނެ ގޮތް ހަމަ ޖެހިފައިވޭ. ފިރިހެން ކުދިން ބައިތިއްބާ ވަކި މަރުކަޒުތަކެއް އެބަހުރި، އަންހެން ކުދިން ބައިތިއްބާ ވަކި މަރުކަޒުތަކެއް އެބަހުރި. އަދި އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ގަވާއިދުން ފޯރުކޮށްދެމުން މި ދަނީ" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުނުގެ ދަށުގަައިވާ ކުދިންނަކީ ވެލްފެއާ ސެންޓަރުތަކުން ނިކުންނަ އިރު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުދިބަޔަކަށް ހެދުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން އެކުދިން ކުރިއަށްދާން ބޭނުންވާ ދާއިރާތައް ބަލައި، ބޭނުންވާ ތައުލީމާއި ޓްރެއިނިންތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެކުދިން ވަޒީފާގެ މާހައުލަށް ތައްޔާރު ކުރުމުގެ ގޮތުންވެސް ވަރަށް ގާތުން މަސައްކަތް ކުރައްވާ ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން