ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އެފަދަ ފަރާތްތައް އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ވަށާޖެހޭ އެހީތެރިކަން ދިނުމުގެ ގޮތުން ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޚާއްޞަ މަރުކަޒުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަމާ ގުޅޭ ތަފްޞީލު ހާމަކުރައްވަމުން ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ހުޅުމާލެ، ރ. އުނގޫފާރު އަދި އައްޑޫ ސިޓީގައި މިފަދަ ރައްކާތެރި މަރުކަޒުތައް ބިނާކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ އަނިޔާ ލިބޭ ފަރާތްތައް އެ ޙާލަތުން ސަލާމަތްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދިނުމަށް އެކުލަވާލެވޭ ވަރުގަދަ ނިޒާމެކެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ޤާއިމުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަހަރުގެ ތެރޭގައި ވަނީ އިޢުލާނުކޮށްފައެވެ. މި މަރުކަޒުތައް ތަރައްޤީ ކުރަމުންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓް" ގެ ދަށުންނެވެ.

މި މަރުކަޒުތަކުން ލިބިގެންދާނެ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވީ، މިއީ ހަމައެކަނި ވަގުތީ ހިޔާވަހިކަމެއް ދިނުމަށް ޤާއިމުކުރާ ތަންތަން ނޫން ކަމަށެވެ. އެގޮތުން، އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި ރައްކާތެރިކަމުގެ އިތުރުން މާލީ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ. އަދި އެފަދަ ފަރާތްތަކުގެ ދަރިން ތިބިނަމަ، އެ ކުދިންގެ ތަޢުލީމީ ކަންކަން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ސްކޫލްތަކުން ފުރުޞަތު ހޯދައިދިނުމާއި، ދިރިއުޅުމުގެ އެހެނިހެން އިންތިޒާމުތައް ހަމަޖައްސައިދޭނެއެވެ. މީގެއިތުރުން، އަނިޔާގެ ސަބަބުން ލިބޭ ނަފްސާނީ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ކައުންސިލިންގ އަދި ޚާއްޞަ ރިހެބިލިޓޭޝަން ޕްރޮގްރާމްތައްވެސް މި މަރުކަޒުތަކުން މެދުވެރިކޮށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި މިފަދަ މަރުކަޒުތަކެއް ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްފައި މިވަނީ، ގެވެށި އަނިޔާގެ މައްސަލަތައް ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 2023 ވަނަ އަހަރު އެކަނިވެސް ގެވެށި އަނިޔާގެ 1,193 މައްސަލައެއް ކަމާބެހޭ އިދާރާތަކަށް ވަނީ ހުށަހަޅާފައެވެ. އަދި ހިނގަމުންދާ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައިވެސް މިފަދަ 236 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މީގެތެރެއިން އެންމެ ގިނަ މައްސަލަތައް ރެކޯޑްކުރެވިފައިވަނީ ވެރިރަށް މާލެ ސަރަޙައްދުންނެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ވަޞީލަތްތައް ޤާއިމުކޮށް، ގެވެށި އަނިޔާއަށް ހުށަހެޅޭ ކޮންމެ މީހަކަށްވެސް އަމާން، ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު