ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026" އިފްތިތާޙުކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެމަނިކުފާނު މި މައުރަޒު އިފްތިތާޙުކޮށްދެއްވީ، މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މައުރަޒު އިފްތިތާޙުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދަޢުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައުރަޒަކީ ޞިއްޙީ ދާއިރާގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުޅަހެޔޮދިރިއުޅުމުގެ ވައްޓަފާޅިއަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަށާޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ.

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވި މި މައުރަޒުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުވެސް ފޯރުކޮދެވޭނެއެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، މި މަސައްކަތުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ، ހުރިހާ ޢުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިޢާރުގެ ދަށުން ބާއްވާ މި މައުރަޒު ކުރިއަށްދާނީ މި ހިނގާ ނޮވެމްބަރު މަހުގެ 5 އިން 7 އަށެވެ.



ކިޔުންތެރިންގެ ހިޔާލު